މިދިޔަ ބުރާސްފަތި ދުވަހުގެ އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކުރި ތިން މިނިސްޓްރީން ޚިދުމަތް ދެމުންދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްލައްވާލައްވައި، އެ މިނިސްޓްރީތަކުގެ މުވައްޒަފުންނާ ބައްދަލުކޮށްލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ދަރުބާރުގެއަށް ވަޑައިގެން އެމަނިކުފާނު ވަނީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ހިންގާ ސަރަހައްދުތަކަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ މުވައްޒަފުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. މުވައްޒަފުންނާ މުޚާތަބުކުރައްވަމުން އެމަނިކުފާނު ވަނީ، އަލިފާނުގެ ހާދިސާއާ ގުޅިގެން ލިބިގެން ދިޔައީ އަގު ނުކުރެވޭނެވަރުގެ ބޮޑު ގެއްލުމެއްކަން ފާހަގަކުރައްވާފައެވެ. އަދި މި ގެއްލުމުގެ ސަބަބުން މުވައްޒަފުންގެ އަމިއްލަ ތަކެތި ގެއްލިގޮސްފައިވާކަން ފާހަގަކުރައްވައި އެ ގެއްލުންތަކުން ކުރިމަތިވާނެ ދަތި އުނދަގޫތައް ތަސައްވަރުކުރަންވެސް އުނދަގޫވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް މި ހާލަތުގައިވެސް މުވައްޒަފުންގެ ފަރާތުން ފެނިގެންދިޔަ "ޕޮޒިޓިވް އެޓިޓިއުޑް" ކެތްތެރިކަން އަދި މަސައްކަތްތައް އަލުން ފެށުމަށްޓަކައި ދެއްވި އެއްބާރުލުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވީހާވެސް އާންމު ހާލަތަކަށް އޮފީސް މާހައުލު ހެދުމަށްޓަކައި ސަރުކާރުގެ މުވައްސަސާތަކާ ގުޅިގެން މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ. އެގޮތުން ފާހާނަ އިތުރުކުރުމަށާއި، ކެފެޓީރިއާގެ ޚިދުމަތް ދިނުމަށާއި، ދެންވެސް މަދުވާ އިލެކްޓްރޯނިކްސް، ކޮމްޕިއުޓަރ ސިސްޓަމްފަދަ ތަކެތި ހޯއްދެވުމަށް މަސައްކަތްތަކެއް ކުރައްވަމުންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި، އަލިފާނުގެ ހާދިސާގައި އިމާރަތް ނެތިދިޔަ ތިން މިނިސްޓްރީ ހިންގުމަށް ދާއިމީ ހައްލެއް ލިބެންދެން ތަނެއް ކުއްޔަށް ނުހިފުމަށް ނިންމާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދާއިމީ ހައްލެއް ލިބެންދެން ސަރުކާރުގެ ތަނެއްގައި މިނިސްޓްރީތަކުން ޚިދުމަތް ދިނުމަށް ވިސްނަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތްކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ތިން މިނިސްޓްރީ ހިންގުން ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކޮށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެކުލަވާލައްވާފައިވާ ޓާސްކް ފޯސްއާއި ބައެއް ކުންފުނިތަކުގެ ވެރިންނާ ބައްދަލުކޮށްލައްވައި މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހުރިއްޔާ ވަނީ ސަރުކާރުގެ ކުންފުނިތަކުންނާއި އެކި މުވައްސަސާތަކުން އަލިފާނުގެ ހާދިސާއާ ގުޅިގެން އިމާރަތް އަނދާދިޔަ ތިން މިނިސްޓްރީއަށް އާންމު ހާލަތަށް ދިއުމަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.
ދަރުބާރުގެއަށް ވަޑައިގެންނެވުމަށްފަހު މާލޭ ސިޓީ ކައުންސިލްގެ ހުއްޓިފައިވާ ޚިދުމަތްތައް ދިނުމަށް ވަމުންދާ ތައްޔާރީތައް ބައްލަވާލެއްވުމަށް ގަލޮޅު ސްކޫލަށްވެސް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވިއެވެ. އަދި އެމަނިކުފާނު އެތަނުގެ މުވައްޒަފުންނާ ބައްދަލުކޮށްލައްވައި އެބޭފުޅުން ބޭނުންފުޅުވާކަންކަމާއި މަސައްކަތްތައް ހިނގަމުންދާގޮތް ބައްލަވާލެއްވިއެވެ.



advertisment