އދ. އޮމަދޫ ރައްޔިތުންގެ ތަރައްޤީއަށްޓަކައި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.
އެ މަނިކުފާނު މި ޔަޤީންކަން ދެއްވީ އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު އޮމަދޫއަށް މިއަދު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެންމެ މުހިންމު ކަމަކަށް އޮތީ އޮމަދޫގެ ބަނދަރުގެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވުން ކަމަށެވެ. ނިމިގެން ދިޔަ އަހަރަކީ، އެކި ސަބަބުތަކާ ހެދި މިފަދަ އެތައް ކަމަކަށް ޙައްލު ހޯއްދަވައި ނުދެއްވި ދިޔަ އަހަރެއް ކަމަށާ، މައިގަނޑު ސަބަބަކީ ބަޖެޓްގެ ދަތިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ނަމަވެސް ކުރިއަށް އޮތް 2025 ވަނަ އަހަރަކީ ތަފާތު އަހަރަކަށް ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ލިބިދެނިވި ފަދަ ގޮތަކަށް، ފުރިހަމަ ބަނދަރެއް ހައްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން، އޮމަދޫގެ ރައްޔިތުންނަށް އެމަނިކުފާނު ދެއްވިއެވެ.
ހަމަ މިއާއެކު އޮމަދޫއަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލައަށް ޢަމަލީ ސިފައެއްގައި ޙައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ބަނދަރާއި، ގިރާ ސަރަޙައްދުގެ މަޝްރޫޢުގައި ސޮއި ކުރެވިފައި އޮތް ނަމަވެސް، ޢަމަލީ މަސައްކަތެއް ކުރެވިފައި ނެތްކަން ފާހަގަކުރައްވައި ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 2025 ވަނަ އަހަރު، މި ދެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް، އަހަރުގެ ވީހާވެސް ކުރީކޮޅުގައި ފައްޓަވައިގެން، ކުރިއަށް ގެންދަވާނެ ކަމަށެވެ.
އަންނަ އަހަރު ހިންގަން ކަނޑައަޅުއްވާފައިވާ އައު މަޝްރޫޢުތަކުގެ އުސޫލުގައި އިސްކަން ދެނިވި ތަރުތީބުން، އޮމަދޫގެ ތަޢުލީމާއި ޞިއްޙީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާއިންވެސް ތަރައްޤީގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދަވާނެކަމުގެ އުފާވެރި ޚަބަރު އެ މަނިކުފާނު ވަނީ ދެއްވާފައެވެ. ސްކޫލަށް ބޭނުންވާ މަލްޓިޕަރޕަސް ހޯލާއި، ކުލާސްރޫމްތަކުގެ އިތުރުން، ޞިއްޙީ މަރުކަޒަށް ބޭނުންވާ އިތުރު ޖާގައާ ވަޞީލަތްތައް، އަންނަ އަހަރު ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ކުޅިވަރުގެ ރޮނގުން، އަންނަ އަހަރު، އަންހެން ބޭފުޅުންނަށް ޚާއްޞަ ހޭންޑްބޯލް ކޯޓެއްވެސް ތަރައްޤީކޮށްދެއްވާނެ ކަމަށާއި ފުޓުބޯޅަދަނޑުގެ މަސައްކަތްތައްވެސް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މުޅި ރާއްޖެއަށް ދިމާވެފައި އޮތް ކުނީގެ މައްސަލައަށް ވަށާޖެހެނިވި ޙައްލެއް ހޯއްދަވައިދެއްވުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތް ކަމަށް ވިދާޅުވެފައެވެ. ކުނި މެނޭޖު ކުރުމަށް އޮމަދޫގައި މަރުކަޒެއް ޤާއިމުކޮށްފައި ހުރިއިރު، އެތަނަށް ބޭނުންވާ ތަކެތި ހޯދަން ޖެހިފައިވާ ކަމަށާއި އެކަންތައްވެސް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
އަހަރު އަހަރު ވެގެން ދާނީ ނަތީޖާ ނެރެދެއްވުމުގެ ޢަމަލީ މަސައްކަތްތައް ފެށިގެންދާ އަހަރަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އޮމަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ރަށުގެ ހެލްތު ސެންޓަރަށް ޒިޔާރަތް ކުރައްވައި، އެތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ. އަދި މި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ ހެލްތު ސެންޓަރުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، ޙާލަތު އޮޅުންފިލުއްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އޮމަދޫ ބަނދަރު ސަރަޙައްދަށް ވަޑައިގެން، އެ ރަށުގެ ބަނދަރު އޮތް ޙާލަތު ވަރަށް ގާތުން ބައްލަވާލައްވައިފައެވެ.



advertisment