ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފް.އެސް.އެމް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފާތިމަތު އާޝާން ހަމަޖައްސައިފިއެވެ. މިއީ ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯ ގްރޫޕްގެ ދަށުން ހިންގާ ކުންފުންޏެއްގެ އެންމެ އިސްވެރިއަކަށް ކަނބަލަކު އައްޔަން ކުރި ފުރަތަމަ ފަހަރެވެ.
އެސްޓީއޯ އިން ބުނީ، ގިނަ ދުވަސްތަކެއް ވަންދެން އެ ކުންފުނީގައި ހިދުމަތް ކުރެއްވި އާޝާން އެފް.އެސް.އެމްގެ އެމްޑީކަމުގެ މަގާމާ މިއަދު ހަވާލުވެވަޑައިގެންފައިވާ ކަމަށެވެ. އާޝާން މަގާމާ ހަވާލުވެވަޑައިގެންނެވި ކަމުގެ ލިޔުމުގައި ސޮއި ކުރެއްވުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
އެސްޓީއޯގައި މިއަދު ހެނދުނު ބޭއްވިއިރު އެ ރަސްމިއްޔާތުގައި އެސްޓީއޯ އާއި އެފް.އެސް.އެމްގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އާޝާން ވަނީ 1994 އިން ފެށިގެން 2019 އާ ހަމައަށް އެސްޓީއޯގެ ހެޑް އޮފް ބިޒްނަސް ޑިވެލޮޕްމަންޓް، ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޓިވްގެ މަޤާމު އަދާކުރައްވައިފައެވެ. އަދި 2019 އިން ފެށިގެން 2020 އާ ހަމައަށް މިފްކޯގެ ޑެޕިއުޓީ ސީއީއޯގެ މަޤާމުވެސް އޭނާ ފުރުއްވިއެވެ.
އެފް.އެސް.އެމްގެ އެމްޑީގެ މަގާމާ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހަވާލުވެވަޑައިގެންނެވި އިސްމާއީލް ސުހައިލް މިދިޔަ މަހު ތެރޭގައި ވަނީ އިސްތިއުފާ ދެއްވައިފައެވެ.




advertisment

