މާތް ﷲގެ އިރާދަފުޅާއެކު، މި ސަރުކާރުން ކުރިއަށްދާނީ، ކުރިމަތިކުރާ އަދި ކުރިމަތިވާ ހުރަސްތައް ގިރާކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އަރި އަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ޒިޔާރަތްކުރެއްވުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިރޭ، ދަނގެތީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި، ބުރާސްފަތި ދުވަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާއަށް އިޝާރާތްކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ އާއި، އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާ، އަދި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާ އަދި މާލޭ ސިޓީ ކައުންސިލްގެ އިދާރާއެއް ހުރި ދެ ޢިމާރާތް ބޭނުންނުކުރެވޭ ގޮތަށް އަނދާ އަޅިއަށްވީ ހާދިސާއަކީ، ރައީސުލްޖުމްހޫރިއްޔާއަށްވެސް ފުން އަސަރުތަކެއް ކުރުވި ހާދިސާއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ ހާދިސާގައި ގެއްލުން ލިބުނު ތިން ވުޒާރާ އާއި މާލޭ ސިޓީ ކައުންސިލަކީ، އެމަނިކުފާނުވެސް އެކި ދުވަސްވަރު އެ ތަންތަނުގައި ޚިދުމަތްކުރެއްވި އިދާރާތަކެއް ކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ވިދާޅުވީ، އެތައް އަހަރެއްގައި އެތައް މުވައްޒަފުންނަކާއެކު މަސައްކަތްކުރި އެ ޢިމާރާތްތައް އަނދައި، ހުލިވެ، ބިންމައްޗަށް ތިރިވީ މަންޒަރު ފެނިވަޑައިގަތުމުން އަސަރުކުރުވި ކަމަށެވެ.
އެހެންނަމަވެސް، އެމަނިކުފާނު މި ގޮންޖެހުމާ ކުރިމަތިލެއްވީ ވަރަށް ހިތްވަރާ އެކުގައި ކަމަށާއި، އެންމެން އެކީ އަތުކުރި އޮޅާލައިގެން، ބުރާސްފަތި ދުވަހުގެ ރޭ ފެއްޓެވި މަސައްކަތް މެދުކަނޑާނުލައި ކުރިއަށްގެންދެވުމުގެ ނަތީޖާއެއްގެ ގޮތުން، އިރާދަކުރެއްވިއްޔާ މާދަމާ ހެނދުނު އަށެއް ޖަހާއިރު އެ ވުޒާރާތަކުން ޚިދުމަތް ދޭން ފަށާނެ ކަމަށް އެމަނިކުފާނު މިރޭ އިޢުލާންކުރެއްވިއެވެ. އަދި މި ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމުގައި މަސައްކަތްކުރެއްވި ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.



advertisment