ހެޔޮކަމަށް ތަރުޙީބުދީ ސާބަސް ދިނުން މިތަނަކު ނެތޭ
ކެޔޮގަނޑެއް ކެނޑުމަށްފަހަކު ގަސްގަނޑު ތެދޭ ބޭނުން ނެތޭ
ހެޔޮ ނަމޫނާއެެއް ކަމަށް ޅަޒުވާން ކުދިން ދުށުމަށްޓަކައި
ހެޔޮ ޚުލުޤު ދައްކައި އުޅޭ މީހުން މިތާނގައި އަދު ނެތޭ
ޙަސަދަޔާ ކިބުރާ ތަޢައްޞުބު ބިންމަތީ ވިނަހެން ފަޅައި
އަސަރު އެކަމުގެ ނޭދެވޭ ނުކުރާ ރަށެއް ކުޑަޔަސް ނެތޭ
ހެޔޮ ހިތުން ހީނލާ އެކަކުވެސް ނުފެނެޔޭ އަމުދުން މިތާ
ހެޔޮ ކަމެއް ކުރުމުން އެއަށަ ހިތްވަރުގެ ބަސް ބުނުމެއް ނެތޭ
ގައުމު އޮތް ޙާލަތު ބަލާފައި ވެއްޓެމުން ދާ ވަޅުގަނޑުން
ގައުމު މިންޖު ކުރަން ފިކުރު ހިންގާ ބޮޑަކު ގައުމަކު ނެތޭ
ފިތުނަޔާ މަކަރާ ދޮގުގެ އޮށް ބިންމަތީ އިންދަން އުޅޭ
މިތުރަކާ ނޫނީ ހިނގާ މަގަކުން ދިމާ ވެފައެއް ނެތޭ
ބިންމަތީގައި މާތް ރަސޫލުން ފަތުރުވައި ދެއްވެވި ގޮތާ
އިންތަކުގެ އިމުގަައި ޙަޤީޤީ ދިރިއުޅޭ މީހަކު ނެތޭ
ފިކުރުކޮށް ގައުމާ ވަޠަނުގައި ހެޔޮ ގޮތަށް އުޅެވޭނެ ގޮތް
ޙިކުމަތާ ޢަމަލުން ކުރައްވާ ލީޑަރަކު ފެނިއެެއް ނެތޭ
