Support Us

ހަތަރު ރަށެއްގައި އެސްޓީއޯ ރޭޓްގައި ތެޔޮ ވިއްކަން ފަށައިފި، އަންނަ އަހަރު ހުރިހާ އަތޮޅަކަށް ފުޅާކުރާނެ

ހަތަރު ރަށެއްގައި އެސްޓީއޯ ރޭޓްގައި މިހާރު ތެޔޮ ވިއްކަމުން އަންނަ ކަމަށާއި އަންނަ އަހަރުގެ ނިޔަލަށް ހުރިހާ އަތޮޅަކަށް އެ ހިދުމަތް ފުޅާކުރާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް ތެޔޮ އެތެރެކުރާ ކުންފުނިން މިއަދު ބުނީ މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގެ މަދުވެގެން އެއް ރަށުން "އެސްޓީއޯ ރޭޓް"ގައި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ "ފަހި ހަކަތަ" ޕޯޓަލް މެދުވެރިކޮށް މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސަމުން ގެންދާ ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރެއްވި ގޮތަށް، މަސްވެރިންގެ ދުވަސް ކަމަށްވާ، 10 ޑިސެމްބަރު ވަނަ ދުވަހުން ފެށިގެން ހުޅުމާލެ ކަންނެލި ޖެޓީއާއި ކ. ހިންމަފުއްޓާއި ޅ. ފެލިވަރާއި ގއ. ކޫއްޑޫ އަދި ސ. ހުޅުމީދޫން، އެސްޓީއޯ ރޭޓްގައި ތެޔޮ ވިއްކަން މިހާރު ވަނީ ފަށައިފައި ކަމަށެވެ.

"އަދި 2025 ގެ ނިޔަލަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޯރޭޖް ގާއިމްކޮށް، "އެސްޓީއޯ ރޭޓް"ގައި ތެޔޮ ލިބޭނޭ އިންތިޒާމް ހަމަޖެއްސުމަށް މި ކުންފުނިން މަސައްކަތް ކުރަމުންދާ ވާހަކަ ދަންނަވަމެވެ." އެސް.ޓީ.އޯ އިން ބުނެއެވެ.

ސަރުކާރުގެ މައި ވިޔަފާރި ކުންފުނިން ތެލުގެ ހިދުމަތް ދެނީ ސަބްސިޑަރީ ކުންފުނި "ފިއުލް ސަޕްލައި މޯލްޑިވްސް" މެދުވެރިކޮށެވެ.