ދިވެހީންގެ މިލްކެއް ފޯޅަވަހި ދޫކޮށް ނުލާނަން އަހުރެމެން
އިވެމުން އެދާ ހުޅަނގުގެ އަޑަށް މާޔޫސް ނުވާނަން އަހުރެމެން
ދުނިޔޭގެ ހުރިހައި ގައުމަކަށް ވުރެ މާ ދޮށީ ރާއްޖޭއް މިއީ
ބުނިބުންޏަކަށް އިވިގެން ކިޔާ ބަހަކަށް ނުވޭ މީ އަހުރެމެން
އެޓްލާންޓިކާ އަދި މެދުތެރޭ ކަނޑުގައި އުޅޭ މީހުންނަކަށް
ގެޓްނުވެ މި ރީޖަން އޮތް ދުވަހު މިކަނޑުގެ ވެރިންނީ އަހުރެމެން
ހިކިފަސް ތަނެއް މިކަނޑުގެ ތެރޭ އޮތްނަމަ ވެރިންނީ އަހުރެމެން
ވިކިގެން ތިބޭ ބަޔަކަށް ވެގެން ތަންތަން ނުވިއްކަންް އަހުރެމެން
ދައުލަތުގެ އަމުރެއް ހުއްދައެއް ނެތި ފޯޅަވައްސަށް އެރިއެރުން
ގައުމީ ގޮތުން ކުށްވެރި ކުރަން ޖެހެޔޭ އަބަދުވެސް އަހުރެމެން
ބޮޑުބާރުތައް މިކަނޑުގެ ތެރޭން "ކޮލަނައިޒް" ކުރުމުން ފޯޅަވަހި
ބޮޑުގެއްލުމެއްކަން އެލިބުނީ ދަންނަން އެދުހުވެސް އަހުރެމެން
ޑީކޮލަނައިޒްކުރި ފޯޅަވަހި ދޫކޮށްލުމަށް ލާޒިމު ވުމުން
ހީކޮށްފިޔޭ އަނބުރާ ނުދޭން، ހޯހޯ މިގޮވަނީ އަހުރެމެން
ތާރީޚަކީ ރަސްރަސްކަލުން ނަސަބޭ ހިތައިގެން ތިބިކަމުން
ކައިރީގެ މާޒީވެސް އެނގުން ނެތިފައި މިތިބެނީ އަހުރެމެން
ގައުމަށް ޚިޔާނާތްތެރި ވުމަށް ޣައްދާރުނަށް މަގުފަހިވަނީ
ގައުމީ ތަރިކަ ތާރީޚުވެސް ނުފިލައި ތިބޭތީ އަހުރެމެން
