ހަމައެކަނި ދިވެހިންނަށް ގަނެވޭ ގޮތަށް، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އަތިރި ހިސާބުން އިތުރު 10 ބިން ވިއްކުމަށް ހުޅުވާލައިފި އެވެ.
ބީލަމުގެ އުސޫލުން ދޫކުރާ މި 10 ބިމުގެ ތެރޭގައި ހިމެނެނީ ބީޗް ފްރަންޓުން ދޫކުރާ ތިން ބިމަކާއި ބީޗް ސައިޑުން ދޫކުރާ ހަތް ބިމެއް ކަމަށް އެޗް.ޑީ.ސީން ބުނެއެވެ. އެގޮތުން، ބީޗް ފްރަންޓުން ވިއްކުމަށް ހުޅުވާލާފައި ވަނީ 1،559 އަކަފޫޓާއި 3،250 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ. އަދި ބީޗް ސައިޑުން ވިއްކަނީ 1،230 އަކަފޫޓާއި 1،534 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ.
"ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ވިއްކަން ހުޅުވާލި މި ބިންތަކަށް، އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެރި ރައްޔިތަކަށް ވެސް ބީލަން ހުށަހެޅޭނެއެވެ. އަދި ބީލަން ހުށަހަޅަނީ ކުންފުންޏަކުންނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ %100 ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައިވާންވާނެ އެވެ." އެޗް.ޑީ.ސީން ބުނެއެވެ.
އެޗް.ޑީ.ސީން ބުނި ގޮތުގައި ބީޗް ފްރަންޓް ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،500ރ. އެވެ. އަދި ބީޗް ސައިޑުން ވިއްކާ ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،000ރ. އެވެ. ކޮންމެ ފަރާތަކަށްވެސް އެއް ބިމަށްވުރެ ގިނަ ބިން ގަތުމަށް އެދި އީއޯއައި ހުށަހެޅިދާނެއެވެ.
"މިހާރު ވިއްކުމަށް ހުޅުވާލެވިފައިވާ ބިންތަކުގެ މައުލޫމާތު މި ކޯޕަރޭޝަންގެ އޮންލައިން ބިޑް ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު، މި ކޯޕަރޭޝަންގެ ހޮޓްލައިން ނަންބަރު 1516 އަށް ގުޅުއްވައިގެން ވެސް ސާފުކުރެއްވޭނެ އެވެ." އެޗް.ޑީ.ސީން ބުނެއެވެ.