ދިވެހި ދައުލަތް އިހަށް އޮތްގޮތް ބަޔާންކޮށް ކާކުތޯ ދޭނީ
އިވެޔެ އިހުގައި ކިޔާތީ އަޑު ދިވެހި ހަތްދީބެ އެކުލެވެނީ
"އަމިނިދީބާ" "ލަކުޑިދީބާ" "މަހަލްދީބާ" "ސުވާދީބާ"
އަމިއްލަ ދިވެހި "ފެހެންދީބާ" އެފަދައިން "ތޭންގަދީބު" ވަނީ
"ސުވަރުނަ" މި ނަމުގެ ފަހަތަށް ދީބު ގުޅިފައި އޮންނަ އެއްދިބާ
ދުވަސްވަރު ރަންޒަމާނުގެ ގައުމު އޮތްގޮތް ފޮރުވިފައި އެވަނީ
މިހާރަށް ގެއްލިފައި ވިޔަކަސް އެތަންތަން ވާނެ އަންގައިދޭން
ކިހައި ބިޔަ ދައުލަތެއްކަން ވެސް، ނުދޭތީ ބުނެ އޮޅުން އަރަނީ
ދިވެހި ތާރީޚު ނުކިޔައިދީ ސުކޫލު ތަކުން ފިސާރި މޮޅަށް
ދިވެހި ދަރިފަސްކޮޅުގެ ހިތުގައި ޖަހާނެތަ ވިންދުތައް ވަޠަނީ
ޒަމާންތަކަކަށް ފަހުން ތާރީޚު ބުނެދޭނޭ އޮޅުވި ކަންކަން
ނަމާ އަބުރާ ޖަރީކޮށްގެން މެޑެލްގައި ހޯދި އޮފު ކެނޑެނީ
ފެހެންދީބުގެ ޚުޞޫމަތުގައި ފޮރުވިފައިވާ ޙަޤީޤަތްތައް
އެހެން ޤަރުނަކު ބަޔާންވާއިރު އަޑީތިބި ޚާއިނުން އެނގެނީ
