އުމުރުން 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރާ ގާނޫނެއް އޮސްޓްރޭލިއާގައި މިއަދު ތަންފީޒުކޮށްފިއެވެ. މިއީ ދުނިޔޭގައި މި ކަހަލަ ގާނޫނެއް ފާސްކުރި ފުރަތަމަ ފަހަރެވެ.
މި ގާނޫނުގެ ދަށުން ޓިކްޓޮކް، ފޭސްބުކް، ސްނެޕްޗެޓް، ރެޑިޓް، އެކްސް އަދި އިންސްޓަގްރާމުން އެ ޕްލެޓްފޯމްތަކުގައި 16 އަހަރުން ދަށުގެ ކުޑަކުދިން އެކައުންޓް ހެދުން މަނާނުކޮށްފި ނަމަ 50 މިލިއަން އޮސްޓްރޭލިއާ ޑޮލަރު (33 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 509 މިލިއަން ރުފިޔާ)އާ ހަމައަށް ޖޫރިމަނާކުރާނެއެވެ.
އޮސްޓްރޭލިއާގެ ޕާލަމަންޓްގެ މަތީ ގެއިން މި ގާނޫނު އިއްޔެ ފާސްކުރީ 34 ވޯޓު އެއްކޮޅަށް، އަދި 19 ވޯޓު އިދިކޮޅަށެވެ. އޭގެ ކުރިން ބުދަ ދުވަހު ދަށުގެ ގެއިން ވަނީ 102 ވޯޓު އެއްކޮޅަށް، އަދި 13 ވޯޓު ދެކޮޅުގެ އަޣުލަބިއްޔަތުން ފާސްކޮށްފައެވެ. އިދިކޮޅުން ހުށަހެޅި އިސްލާހުތަކާއެކު ޕާލަމަންޓުން މި ގާނޫނު ތަންފީޒުކުރީ މިއަދުއެވެ.
ބޮޑުވަޒީރު އެންތަނީ އަލްބެނީޒް ވިދާޅުވީ މި ގާނޫނުގެ ސަބަބުން ކުޑަކުދިންނަށް އޮންލައިން ޒަރީއާއިން ލިބޭ ނުރައްކާތަކާދެކޮޅަށް މައިންބަފައިން ބޭނުންވާ ރައްކާތެރިކަން ބެލެނިވެރިންނަށް ލިބޭނެކަމަށެވެ.
"ސޯޝަލް މީޑިއާ ހިންގާ ފަރާތްތަކަށް މިހާރު އިޖުތިމާއީ ޒިންމާއެއް އޮންނާނެ އަހަރެމެންގެ ޅަދަރިންގެ ރައްކާތެރިކަމަކީ އެ ފަރާތްތަކުން އިސްކަންދޭ ކަމެއްކަމަށް ހަދަން،" އޭނާ ނޫސްވެރިންގެ ގާތުގައި ވިދާޅުވިއެވެ.
ސޯޝަލް މީޑިއާ ހިންގާ ފަރާތްތަކުން މި ގާނޫނު ހިންގާނެ ގޮތް ކަނޑައަޅަން އެއް އަހަރުގެ މުއްދަތެއް ދިނެވެ.
ގާނޫނުގައި އިސްތިސްނާ ވަނީ ސިއްހަތާއި މައުލޫމާތު ފޯރުކޮށްދޭ ޕްލެޓްފޯމްތަކެވެ. އެ ގޮތުން ޔޫޓިއުބް، މެސެންޖާ ކިޑްސް، ވަޓްސްއެޕް، ކިޑްސް ހެލްޕްލައިން، އަދި ގޫގުލް ކްލާސްރޫމް ހިމެނެއެވެ.
މި ގާނޫނާ ދެކޮޅު ފަރާތްތަކުން ބުނީ މި ގާނޫނުގެ ސަބަބުން 16 އަހަރުން މަތީގެ ބޮޑެތި މީހުންގެ ޒާތީ މައުލޫމާތު ވެސް އެންމެންނަށް ހާމަކުރަން މި މަޖުބޫރުވީކަމަށެވެ. އެހެން ފަރާތްތަކުން ބުނީ މިއީ އަންނަ މެއި މަހު ބާއްވާ އާއްމު އިންތިހާބުގައި ކާމިޔާބު ހޯއްދެވުމަށް އަލްބެނީޒް ކުރެއްވިކަމެއްކަމަށެވެ.
ނަމަވެސް މި ގާނޫނަށް ތާއީދުކުރާ ފަރާތްތަކުން ބުނީ މިއީ ކޮންމެހެން މުހިންމު ގާނޫނެއްކަމަށެވެ.
"ކުޑަކުދިންނަކީ ކޮބައިތޯ ބަލައި އެ ކުދިންގެ އެކައުންޓްތައް ނައްތައިލުމަކީ ސޯޝަލް މީޑިއާ ހިންގާ ފަރާތްތަކުން އަޅަން ޖެހޭ ފިޔަވަޅެއް. މިއީ އެ ކުންފުނިތަކުން މާކުރީއްސުރެ ވެސް އަޅަންޖެހޭ ފިޔަވަޅެއް. ނަމަވެސް މިހާ ދުވަސްވީއިރު ވެސް ފައިސާގެ ދަހިވެތިކަމުގައި މި ފަދަ ޒިންމާތައް ވަނީ ނުނަގާ،" އިދިކޮޅު ޕާލަމަންޓް މެންބަރެއްކަމަށްވާ މަރާޔާ ކޯވާޗިޗް ބުންޏެވެ.
"ސޯޝަލް މީޑިއާގެ ސަބަބުން އޮސްޓްރޭލިއާގައި ފުރާނަ ގެއްލުނު ކުދިންގެ ހައްގުގައި މި ގާނޫނު ބަލައިގަންނަންޖެހޭ،" ސައިބަސްޕޭސްގެ ރައްކާތެރިކަމަށް ވަކާލާތުކުރާ ސޮންޔާ ރަޔަން ބުންޏެވެ. އޭނާގެ 15 އަހަރުގެ އަންހެން ދަރިފުޅު ކާލީ ވަނީ އުމުރުން 50 އަހަރުގެ ފިރިހެން ޖިންސީ ޝިކާރަވެރިއެއްގެ އަތްދަށުވެ މަރުވެފައެވެ. މި ޝިކާރަވެރިޔާ ކާލީއާ އޮންލައިން ރަހްމަތެރިކަމެއް ފެށީ ފުރާވަރު އުމުރުގެ ކުއްޖެއްކަމަށް ހެދިގެންނެވެ. އަދި ކާލީ އާ ބައްދަލުކޮށް ކާލީ މަރައިލިއެވެ.
މި ގާނޫނަށް ތާއީދުކުރާ އެހެން ބެލެނިވެރިއެއްކަމަށްވާ ވެއިން ހޯލްޑްސްވޯތު ބުނީ މި ގާނޫނުގެ ސަބަބުން އޮސްޓްރޭލިއާ ރައްޔިތަކަށްވީތީ ފަހުރުވެރިވާކަމަށެވެ. އޭނާގެ ފުރާވަރު އުމުރުގެ ފިރިހެން ދަރިފުޅު މެކް ވަނީ އަމިއްލައަށް މަރުވެފައެވެ. ސަބަބަކީ މެކްގެ ބަރަހަނާ މަންޒަރުތަކާއި ވީޑިއޯތަކެއް ލީކުކޮށްލާނެކަމަށް މީހަކު ބިރުދެއްކުމުންނެވެ.