އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާނެ ކަމަށް ބޮޑު ވަޒީރު އެންތަނީ އެލްބެނީޒް ވިދާޅުވެއްޖެއެވެ.
"ގާނޫނު ހަދާ މަޖިލީހަށް މި ކަމާ ބެހޭ ބިލެއް މި މަހު ފަހުކޮޅު ފޮނުވާނަން،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި އުމުރުގެ ކުދިންނަށް ރައްކާތެރިކަން ނުދޭ ޓެކްނޮލޮޖީ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެކަމަށެވެ.
"ފޭސްބުކް، ޓިކްޓޮކް، އަދި އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތަކުން މި ގާނޫނު ތަންފީޒުކުރަން ޖެހޭނީ. ނުކޮށްފި ނަމަ ބޮޑެތި އަދަދުން ޖޫރިމަނާކުރާނަން،" އެލްބެނީޒް ވިދާޅުވިއެވެ.
މި ކަހަލަ ހިޔާލެއް އޮސްޓްރޭލިއާ ސަރުކާރުން ފުރަތަމަ ފާޅުކުރީ މި އަހަރު ކުރީކޮޅެވެ. އަދި މި ކަމަށް ހުރިހާ ޕާޓީތައް ވެސް ތާއީދުކުރެއެވެ.
"މިއީ މައިންބަފައިންގެ ހިތްހަމަޖެހުމަށްކޮށްދޭ ކަމެއް. އަހަރެމެންގެ ކުޑަކުދިންނަށް ހަގީގަތުގައި ވެސް ވަނީ ނުރައްކަލާ ކުރިމަތިލާން ޖެހިފައި. މިހެންވެ އަހަރެން މިކަން މި ގޮތަށް މި ނިންމަނީ،" އެލްބެނީޒް ވިދާޅުވިއެވެ.
ޕާލަމަންޓަށް މި ބިލް ހުށަހެޅުމުގެ ކުރިން ސްޓޭޓްތަކުގެ ވެރިންނަށް ވެސް ބަލައިލަން ފޮނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
މި ގާނޫނު ތަންފީޒުކުރަން އަޅަންޖެހޭ ފިޔަވަޅުތަކާމެދު ގޮތެއް ނިންމަން ދޫކޮށްލައިފައިވަނީ ޓެކްނޮލޮޖީ ކުންފުނިތަކަށެވެ. އެ ގޮތުން މި ގާނޫނު ތަންފީޒުކުރުމުގެ ކުރިން އެއް އަހަރުގެ މުހުލަތެއް ދޭނެއެވެ.
ސޯޝަލް މީޑިއާގެ އަލްގޯރިދަމްތައް ކުންފުނިތަކުން ޗެކުނުކުރާކަމަށާއި ޅަ ސިކުނޑިތައް ކޮރަޕްޓްކުރާ ޒާތުގެ ނޭދެވޭ އެއްޗެހި ކުޑަކުދިންނާއި ފުރާވަރު އުމުރުގެ ކުދިންނާ ހަމައަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ގެނެސްދޭކަމަށް އެލްބެނީޒް ވިދާޅުވިއެވެ.
"އަހަރެންނަށް ވެސް ލިބޭ އަހަރެން ބަލަން ނޭދޭ އެއްޗެހި. އަދި ރައްކާތެރިކަމެއް ނެތް 14 އަހަރުގެ ކުއްޖަކަށް ވާނީ ކިހިނެތް،" އެލްބެނީޒް ވިދާޅުވިއެވެ.
އޭނާ މިސާލެއްގެ ގޮތުން ނެންގެވީ ހަށިގަނޑު ވަކި ބައްޓަމަކަށް ބަހައްޓަން ޒުވާން އަންހެންކުދިންނަށް ހިތްވަރުދޭ ފަދަ މައުލޫމާތެވެ.
އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ނުލިބޭ ގޮތަށް ހައްދަވަން ވިސްނެވީ ސަރުކާރުންކުރި ތަހުލީލުތަކަކަށް ފަހުކަމަށް އެލްބެނީޒް ވިދާޅުވިއެވެ. އެއީ ޕްލެޓްފޯމްތަކުގައި އެކައުންޓް ހަދަން ހުއްދަ ދޭ އުމުރުތަކުގެ ކުދިންތޯ އެކައުންޓް ހަދަނީ ބެލުމަށް ހިންގި ތަހުގީގެކެވެ. ޓެކްނޮލޮޖީ ތަޖުރިބާކާރުން ބުނީ މި ކަހަލަ ހަރުކަށި ގާނޫނެއް ތަންފީޒު ކުރެވޭނެކަމާމެދު ޝައްކުކަމަށެވެ.
"މި ކަހަލަ އުމުރު ޔަގީންކުރާ ޓެކްނިކްތައް ގިރާކޮށްފައި ވެސް ކުޑަކުދިން އެބަ ހަދާ އެކައުންޓްތައް،" މެލްބޯން ޔުނިވާސިޓީގެ ދިރާސާކުރުންތެރިޔާ ޓޯބީ މަރީ މި އަހަރު ކުރީކޮޅު ބުނެފައިވެއެވެ.
ޔޫޓިއުބް ފަދަ ވީޑިއޯ ބެލޭ ޕްލެޓްފޯމްތަކަށް ހާއްސަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ހަމަޖެހިފައިވެއެވެ. އެއީ ފުރާވަރު އުމުރުގެ ކުދިން ތައުލީމާއި އެހެނިހެން ބޭނުންތަކަށް ބޭނުންކުރަން ޖެހިދާނެތީއެވެ.
ސޯޝަލް މީޑިއާގައި ހުރި ނޭދެވޭ ކަންތައްތައް ނައްތައިލަން ދުނިޔެއިން ކުރަމުން އަންނަ މަސައްކަތުގެ އެންމެ ކުރީ ސަފުގައި ހުރީ އޮސްޓްރޭލިއާއެވެ.
"ފޭކް" ނުވަތަ ނުރަނގަޅު މައުލޫމާތު ފެތުރުމާ ދެކޮޅަށް ބިލެއް އޮސްޓްރޭލިއާ ސަރުކާރުން މި އަހަރު ކުރީކޮޅު ވަނީ ތައާރަފުކޮށްފައެވެ. އެ ބިލްގައި އިންޓަނެޓްގައި ރައްކާތެރިކަން ނުދޭ ޓެކްނޮލޮޖީ ކުންފުނިތައް ބޮޑެތި އަދަދުން ޖޫރިމަނާކުރާނެކަމަށް ބުނެފައިވެއެވެ.
އޮސްޓްރޭލިއާގައި އިންޓަނެޓް ރެގިއުލޭޓްކުރާ އިދާރާއިން ވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އެލޮން މަސްކްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ އެކްސްއާ ދެކޮޅަށް ތުހުމަތުތަކެއްކޮށްފައެވެ. އެއީ "ނުރައްކާތެރި މައުލޫމާތު" އެކްސްއިން ނުނަގާކަމުގެ ތުހުމަތެވެ.
އޮސްޓްރޭލިއާގެ މުވާސަލާތާ ބެހޭ ވަޒީރު މިޝެލް ރޯލަންޑް ބުނީ އޮސްޓްރޭލިއާއިން އަޅަން މިއުޅޭ ފިޔަވަޅުތަކަކީ ދުނިޔެއިން އަދި ނުފެންނަ ވަރުގެ ވަރުގަދަ އަދި ރަނގަޅު ފިޔަވަޅުތަކެއްކަމަށެވެ.
"ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ވަނީ ތަކުރާރުކޮށް ފޭލިވެފައި. މި ދިނީ އެ މީހުންނަށް ނޯޓިސްއެއް. އެ ފަރާތްތަކުގެ އަމަލުތައް ރައްކާތެރި ގޮތަކަށް ބައްޓަންކުރާނެކަން ކަށަވަރުކުރަން ޖެހޭ. މި ފަދަ ގޮތަކަށް އަމަލުނުކޮށްފި ނަމަ މާލީ ގޮތުން ފިޔަވަޅު އަޅާނަން،" އެލްބެނީޒްއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ބުންޏެވެ.