ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި މިއަދު ނިމިގެންދިޔަ އަރަބި ޑިޒައިނަރުންގެ އެކްސްޕޯގައި، ފަލަސްތީނު މީހުން މިހާރު ދިރިއުޅޭ ޓެންޓްތަކުގެ ބަދަލުގައި ހިޔާވަހިކަން ހޯދޭނެ އާ ވައްތަރެއްގެ ހައުސިން ޔުނިޓުތަކެއް ވަނީ ދައްކައިލައިފައެވެ؛ ހަންޑިކުޑަ ބޭނުންކޮށްގެން ހަދައިފައިވާ ހިޔާތަކެކެވެ.
ޣައްޒާގައި ޓެންޓްތަކުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން މިހާރު ތައްޔާރުވަމުންދަނީ ހަރީފު މޫސުމުގެ ގަދަ ފިންޏަށް ކުރިމަތިލުމަށެވެ.
ކާއެއްޗެއްގެ ގޮތުގައި ބޭނުންކުރާ ހަންޑިކުޑަ ނުވަތަ މަޝްރޫމުގައި ހުންނަ މާއްދާތަކުން، ޣައްޒާގެ ރަށްވެހިން މިހާރު ދިރިއުޅެމުންދާ ނިކަމެތި ޓެންޓްތަކަށްވުރެ ވަރުގަދަ ހައުސިން ޔުނިޓުތަކެއް ހެދޭނެ ކަމަށް، ދުބާއީގައި މީގެ މޮޑެލް ދައްކައިލި ރިރޫޓު އިނިޝިއެޓިވްގެ ދީމާ އަލް ސުރޫރީ ބުންޏެވެ.
"މަޝްރޫމުން ހެދި މި ހައުސިން ޔުނިޓުތަކުން ފިނި ނުވަންނަ ގޮތް ހަދާ. ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ޣައްޒާއަށް މިހާރު ފޯރުކޮށްދީފައިވާ ޓެންޓްތަކުގައި މައްސަލަތައް އުޅޭ. ހަރީފު މޫސުން އައިސް، ވާރޭ ވެހި، ފިނި ގަދަވުމުން އެ ޓެންޓްތައް ރަނގަޅަށް މަސައްކަތެއް ނުކުރޭ،" ދުބާއީގައި ނިމިގެންދިޔަ ޑިޒައިން ހަފުތާ ނުވަތަ "ދުބާއީ ޑިޒައިން ވީކް"ގައި ދީމާ ބުންޏެވެ.
އޭނާ ބުނީ މަޝްރޫމުގެ މުލުގައި ހުންނަ މާއްދާއަކުން އިމާރާތްތައް ވަރުގަދަކޮށްދޭކަމަށެވެ.
"އަދި ރަނގަޅުކަމަކީ މަޝްރޫމަކީ ކޮންމެ ތަނެއްގައި ވެސް ހެއްދިދާނެ އެއްޗެއް،" ދީމާ ބުންޏެވެ.
އޭނާއަކީ ފަލަސްތީނު އަންހެނެކެވެ. އަދި މަޝްރޫމުން ހަދާ ހައުސިން ޔުނިޓުތަކާމެދު އުއްމީދު ބޮޑީ އެއީ ގުދަރަތީ އެއްޗަކަށްވާތީ ސިއްހީ ގޮތުން ވެސް ރައްކާތެރި އެއްޗަކަށްވާތީކަމަށް ބުންޏެވެ.
"އެކްޓިވިސްޓެއްގެ ގޮތުގައި މަސައްކަތްކުރަން ބަލާއިރު ވެސް އަހަރެން ގަބޫލުކުރަނީ އެ މީހެއްގައި ހުރި ހުނަރު ބޭނުންކޮށްގެން މަސައްކަތްތެރިކަމުން ނަތީޖާ ދެއްކުން،" ދީމާ ބުންޏެވެ.
އޭނާ ބުނީ މެދުއިރުމަތީގެ މަޝްރަހު ހޫނުވެފައިވާއިރު ތިމާވެށްޓަށް މާ ބޮޑު ސަމާލުކަމެއް މީހުން މިހާރު ނުދީފާނެކަމަށެވެ.
"މަގުމައްޗަށް ނުކުމެ އަޑުގަދަކުރާކަށް ނުޖެހޭ. ބައެއް ފަހަރަށް ހައްލުތައް ލިބޭނީ އެ މީހެއްގައި ހުރި މައުލޫމާތާއި ފަންނުވެރިކަން ބޭނުންކޮށްގެން އެހެން މީހުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދީގެން،" ދީމާ ބުންޏެވެ.