ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި ފާއިތުވި އަހަރަކީ އަތޮޅުތަކުގެ ކަރަންޓުގެ ޚިދުމަތް ފުޅާކުރުމަށާއި ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށް ފެނަކައިން ބުނެފިއެވެ. އެގޮތުން، ކަރަންޓު ކެޕޭސިޓީ އިތުރު ކުރުމަށް ކުރެވުނު މަސައްކަތްތަކާއި، ކަރަންޓު ނެޓްވޯކް އަޕްގްރޭޑް ކުރުމަށް ކުރެވުނު މަސައްކަތްތައް ހިމެނެއެވެ.
އެ ކުންފުނިން ކަރަންޓުގެ ޚިދުމަތްދޭ ރަށްތަކުގެ ތެރެއިން 56 ރަށަކަށް ޖުމްލަ 61 ޖެންސެޓް، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ ފޯރުކޮށްދީފައެވެ. މިއީ މެގަވޯޓުން ބަލާނަމަ ޖުމްލަ 36.7 މެގަވޯޓުގެ ކުރިއެރުމެކެވެ. އައު ޖެންސެޓްތައް ހޯދުމުގެ އިތުރަށް، މިހާރު ބޭނުން ކުރަމުންދާ ގިނަ ޖެންސެޓްތަކެއް އޯވަހޯލް ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން ކަރަންޓް ނެޓްވޯކް އަޕްގްރޭޑް ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް އެ ކުންފުނިން ވަނީ ކޮށްފައެވެ. އޭގެތެރޭގައި، އައު ޓްރާންސްފޯމަރުތައް އިންސްޓޯލްކުރުމާއި، މިހާރު ހުރި ޓްރާންސްފޯމަރުތައް އަޕްގްރޭޑް ކުރުން ހިމެނެއެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ޤާއިމްކުރެވެމުންދާ ހައުސިން ޔުނިޓްތަކަށް ކަރަންޓު ގުޅައިދިނުމުގެ މަސައްކަތްވެސް ފާއިތުވެމިދާ އަހަރު ފެނަކައިން ވަނީ ކޮށްފައެވެ. އެގޮތުން ބ.ތުޅާދޫ، ހދ. ނޮޅިވަރަންފަރާއި ތ. ތިމަރަފުށީގައި އަލަށް ޤާއިމްކޮށްފައިވާ 360 ހައުސިން ޔުނިޓްތަކަށް ކަރަންޓު ގުޅައިދިނުމުގެ މަސައްކަތް ކޮށްފައިވެއެވެ.
ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން، އާބާދީ ބޮޑު ތިން ސިޓީ ކަމުގައިވާ އައްޑޫ، ފުވައްމުލަކު އަދި ކުޅުދުއްފުށި ސިޓީގައި ސެންޓްރަލް ޕަވަރ ސްޓޭޝަންތަކެއް ޤާއިމްކުރުމަށް އެމްއޯޔޫތަކުގައި ސޮއިކޮށް އެ މަސައްކަތް ވަނީ ފަށައިފައެވެ. މީގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީގައި 32 މެގަވޯޓު އަދި ފުވައްމުލަކާއި ކުޅުދުއްފުށި ސިޓީގައި 20 މެގަވޯޓު ކެޕޭސިޓީގެ ޕަަވަރ ޕްލާންޓެއް ޤާއިމްކުރުމެވެ.

މި ތިން ސިޓީގެ އިތުރުން ލ. ގަމުގައިވެސް 20 މެގަވޯޓު ކެޕޭސިޓީގެ ޕަވަރ ޕްލާންޓެއް ޤާއިމްކުރުމަށް އެމްއޯޔުއެއްގައި ވަނީ ސޮއިކޮށްފައެވެ. އޭގެ ތެރެއިން އައްޑޫ ސިޓީގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ސީޕީއެސް ޤާއިމްކުރުމަށް ކޮންޓްރެކްޓަރަކާ ޙަވާލުކޮށް، އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތްތައް ވަނީ ފެށިފައެވެ.

ފެނަކައިން ދެމުންގެންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ރަށްރަށުގައި ކުރިއަށްދާ ޕްރޮޖެޓްތަކުގެ ތެރެއިން އައު ތިން އޮފީސް އިމާރާތަކާއި ތިން ރަށެއްގައި ކުރިއަށް ދިޔަ ޑެގްރޫމް އެކްޓެންޝަން ޕްރޮޖެކްޓެއް ވަނީ މިއަހަރު ނިންމާލައިފައެވެ.



advertisment

