ހުސެއިން އާއި އައިޝާ ކައިވެނި ކުރިތާ ދެއަހަރު ވީތަނާ، އެ ދެމީހުންނަށް އުފަލުން ފުރޭހާ ރީތި ފިރިހެން ދަރިޔަކު ލިބުނެވެ. އެކަމަކު ދުވަސްކޮޅަކުން އައިޝާއަށް ފާހަގަ ކުރެވުނީ އެ ކުއްޖާގެ ގައިގެ ހަމުގައި އާދަޔާ ހިލާފު ބިހިތަކެއް ނަގާފައި ހުރިތަނެވެ.
ހުސައިން ގަމުން އައުމުން އައިޝާ ކަން ބޮޑުވެގެން އަޑު ތުރުތުރު އަޅަމުން ގޮވާލިއެވެ. "ބަލަފެލެ މިކުއްދާ!. މައް ނިއެގެއި މީ ކޮން އެއްތައް ކަމައް، އެކަމަކި ހީވެނީ ފެތެރޭހެން."
ހުސެއިންގެ ހިތް ފިތިގެން ދިޔަހެން ހީވެއެވެ. އޭނާއަށް ދިމާވި އަމިއްލަ ތަޖްރިބާގެ ހަނދާންތައް ކޮށްލުމުން، ހިތަށް ހިމޭން ބިރުވެރިކަމެއް ވެރިވެގެން ދިޔައެވެ. އެ ކުއްޖާއަށް ކުރިމަތިވާނެ އަޅާނެ ވޭނާއި، އުނދަގޫތައް، އަދި އެ އެކަހެރިކަން އޭނާއަށް ކުރިމަތިވެދާނެތީ ވަރަށް ބިރުގެންފިއެވެ. އައިޝާ އެކި ގޮތްގޮތުން ކުރަމުންދިޔަ ފަރުވާއަކުން އުގުޅި އެއްވެސް ބޭހަކުން އެކުއްޖާއަކަށް އެއްވެސް ލުޔެއް ނުލިބުނެވެ.
ހުސެންއަށް ވަނީ ހުރިހާ އުއްމީދެއް ގެއްލިފައެވެ. އެހެން އެއްވެސް ގޮތެއް ނެތްހެން ހީވުމުން ހުސެއިން އެއްރެޔަކު ސިއްރުސިއްރުން ގެއިން ނުކުމެގެން ރަނިން ހަނާ ފެންގަނޑު ދޮށަށް ދިޔައެވެ. އެއީ ވެސް ގަދަޔަށް ހަނދުވަރުދީފައިވާ ރެޔެކެވެ. އޭނާއަށް އެދިމާއަށް ދިޔައިރު ދަމައިގަންނަ ބާރެއް ހުރިހެން ވެސް އިހުސާސް ކުރެވުނެވެ. ހަނދުވަރުގެ އަލީގައި ކޯއްޓޭގެ ބޯ ވަލުތެރޭން އޭނާ ހިނގަމުން ދިޔައެވެ. އޭނާ އެ ބޯ ވާ ހާވާލައިފައި ފެންގަނޑު ފެންނަ ފަށަށް ދިޔައެވެ. އޭރަކު އަދި މެންދަމަކުން ނާބުރައެވެ. އެކަމަކު އެ ފެންގަނޑަށް ވަނީ ހަނދުގެ ރިހިދޯދި އެޅި ގަދަޔަށް ދިއްލިފައެވެ. އޭނާ ނުހަނު ބާރަށް ގޮވާލިއެވެ.
"ޕަރީންގެ ރާނީ!" ހުސެން ހުރީ ރާނީއާ ބައްދަލުކުރަން ކެތްމަދުވެފައެވެ. "އަވަހަށް އާއްސެލެ. ވަރަށް ބޮނޑޮކަމާއް ޖެހިގެ."
"ޕްލީސް!"
ހުސެންގެ އަޑުގައިވަނީ ރިހުމެވެ. ޚުދު އޭނާއަށް މިމައްސަލަ ދިމާވި އިރުވެސް މިރޭހާ ބޮޑު ހިތްދަތިކަމެއް ލިބިފައެއް ނުވެއެވެ.
ފެންގަނޑު އޮތީ ހަމަހިމޭންކަމާއެކު ރިވެލިކޮޅެއް ވެސް ނެތިއެވެ. ހީވަނީ ވަކި މީހެއްގެ އައުމަށް އިންތިޒާރު ކުރަން ނޭވާ ހިފަހައްޓާލައިގެން އޮތީހެންނެވެ. ހަނދުވެސް އެސްފިޔަ ޖަހާވެސްނުލާ ބަލަން އިންހެންނެވެ. ހުސެއިން އަނެއްކާވެސް ގޮވާލިއެވެ. އޭނާގެ އަޑުގައި ވަނީ ހިމޭން މާޔޫސްކަމެވެ.
ފެނުގެ މަތީގައި ވިދާލި ވިދުވަރެއް ދިއްލިގެން ދިއުމާއެކު ޕަރީންގެ ރާނީ އެތަނަށް ފައިބާ ވަޑައިގެންނެވިތަން ފާޅުވެގެން ދިޔައެވެ. އެއާ އެކު މުޅިތަން ދުވާލެއް ފަދައިން އުޖާލާވެ ހުޅުދާން ވެއްޖެއެވެ. ހަނދު އުފަލާއެކު އެސްފިޔަޖަހާލާފައި ތަންމިނަށް ބޮޑުވެ މުޅިތަން ރޯޝަން ކޮށްލައިފިއެވެ. އެކަމަނާގެ ހެދުންކޮޅުން ތަރިތައް ފިޔަ ޖަހަމުން ދިޔައެވެ. އަދި އިސްތަށިގަނޑު ރިހިކުލައިގެ ރާޅުބާނިތަކެއް ފަދައިން ބަނޑިލަމުން ދިޔައެވެ.
"ހުސެން!" ރާނީ މަޑުމަޑުން ފިޔަވަޅު އަޅަމުން މަޑުމަޑުން ހުސެން ގާތަށް ދިޔައެވެ. "ކީއްވެ އަލުން މިތަނަށް ތިޔައައީ؟"
"އަޅުގަނޑުގެ ދަރިފުޅު ސައިފު!"
އަޑު ފަޅައިގެން ގޮސް އޭނާ ބުނެލިއެވެ. "އޭނާއަށް ވެސް އެއޮތީ ކުރީ ފަހަރު އަހަންނަށް ވެސް ދިމާވި މައްސަލަ ކުރިމަތިވެފަ. އެއްވެސް ގޮތަކުން ފަރުވާއެއް ނުލިބުނު. އަހަންނަށް އޭނާ ގޮވައިގެން މިތަނަކަށް އާދެވޭކަށް ނެތް. އަހަރެން ވަނީ ކަމަނާގެ ވާހަކަ ސިއްރުކުރާނަމޭ ބުނެފައެއްނު! އެހެންވެ އައިޝާ ގާތުވެސް އެވާހަކަ ނުބުނެ މިހިރީ."
ރާނީގެ މޫނުމަތީގެ ކުލަވަރު ފަނޑުވެ، އޭނާގެ ނަޒަރު އޯގާތެރިކަމުން ފުރިގެން ދިޔައެވެ.
"ކަލޭގެ ވައުދު ފުއްދައިފީމު، ހުސެން. އަހަރެން އޭނާއަށް އެހީވާނަން."
ޕަރީ ހުސެންއަށް ގެޔަށްދާން އަންގާފައި އޭނާގެ ފަހަތުން އެގެޔަށް ދިޔައެވެ. އޭރު ކޮޓަރީގައި އައިޝާއާއި އެމީހުންގެ ދަރިފުޅު ތިބީ ގަދަޔަށް ނިދާފައެވެ. ޕަރީ މަޑުމަޑުން އެ ކުއްޖާގެ ގާތަށް ފިޔަވަޅު އެޅިއެވެ. އޭރު އޭނާގެ ޙާޡީރުގައި ކޮޓަރިއަށް މަޑު ނޫކުލައިގެ އަލިކަމެއް ދިއްލިފައިވިއެވެ. އޭނާ އެދަރިފުޅުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާލަމުން މަޑުމަޑުން އެކުއްޖާގެ ގައިގެ ހަމުގައި އަތް އަތްޖައްސާލާފައި ހުސެންއަށް ނޭނގޭ ބަހުރުވައަކުން ކޮންމެވެސް އެއްޗެހިތަކެއް ކިޔަމުން ދިޔައެވެ.
އެވަގުތު އެކުއްޖާ ލޯ ހުޅުވާލައި ބަލައިލިއެވެ. އޭރު ޕަރީގެ އޯގާވެރި ނަޒަރާ ބައްދަލުވުމުން އޭނާ ހިމޭންވެފައި އޮތެވެ. ޕަރީ އޭނާއަށް އުފާ ލިއްބައިދޭ ފަދަ ހިނިތުންވުމެއް ދެއްކިއެވެ.
ޕަރީގެ އަތްލުމުން އޭނާގެ ހަމުގެ ތެރެއަށް ޝިފާ އެކުލެވޭ ހޫނުކަމެއް ވަދެގެން ދިޔައެވެ. ހީވީ ބާމު އުނގުޅައިލީ ހެންނެވެ. ދެން ކުއްލިއަކަށް ޕަރީ ރޭގަނޑުގެ އަނދިރިކަމުގެ ތެރެއަށް ގެއްލިގެން ހިނގައްޖެއެވެ.
ފަތިސްވުމުން އައިޝާއަށް ހޭލެވުނު އިރު އެމީހުންގެ ދަރިފުޅު އުފަލުން ކުޅެން އިންތަން ފެނުމުން އޭނާ ހައިރާންވިއެވެ. އޭނާގެ ހަމުގައި ހުރި ބަލިމަޑުކަން އޮމާންވެ ސާފުވެފައި ހުއްޓެވެ.
"ހުސައިން!" އައިޝާ ހައިރާންވެ އަނގަ ހުޅުވިފައި ހުއްޓެވެ. "ބަލަފެލެ ހުސެން. މިޅިން ހެޔޮވެގެ!" ދަރިފުޅު ގާތުން ބަލާލިއިރު ލޮލުގައި ހައިރާންކަން ވެރިވެގެން ދިޔައެވެ. "މެހެން މިވީ ކެހެނަކައް؟"
ހުސެންއަށް އޭގެ ޖަވާބު އެނގެއެވެ. އެހެން ނަމަވެސް އޭނާއަށް ވަނީ މަޖްބޫރުވެފައެވެ.
"އައިޝާ، އަހަރެން… މިހިރީ އެވާހަކަ ކިޔާދޭނެ ގޮތެއް ވެސް ނޭނގިފަ."
އައިޝާގެ ނަޒަރު ތޫނުވެގެން ދިޔައެވެ. "ކީކޭ ބުނަން ތިއުޅެނީ، ނޭނގެނީއޭ؟ އެއްފަހަރަކު ހުސެންއަށް ވެސް ހަމަ މިބަލި ޖެހިގެން އުޅުނެއްނު؟ އެފަހަރުވެސް ވީނުވީއެއް ނޭނގި ރަނގަޅުވީ. އަހަންނަކަށް މިކަންތަކުގެ ސިއްރެއް ނުވިސްނޭ."
ހުސެން ވަނީ އެވާހަކަ އެކަކު ގާތުގައިވެސް ކިޔާޢީނުދޭނެ ކަމަށް ޕަރީ ގާތު ވައުދުވެފައެވެ. އޭނާގެ ވައުދުގެ ބަރުދަން އިހުސާސް ކުރެވެމުން އޭނާ ފަސްޖެހުނެވެ.
"އައިޝާ ސޮރީ. އަހަރެންނަށް… މިވަގުތު ކިޔައިދެވޭކަށް ނެތް. އެކަމަކު އަހަންނަށް އިތުބާރުކުރޭ."
ހުސެން އައިޝާއަށް ބަލާޢީލިއިރު އައިޝާގެ ރުޅިވަނީ މަޑުވެފައެވެ. "ހުސައިން، އަހަރެން އަބަދުވެސް ކަލެއަށް އިތުބާރު ކުރަން، އެކަމަކު މިއީ- މިއީ ތަފާތު ކަމެއް. މިހާރު އަހަރެން މިކަމުގައި އެކުލެވެނީ ކޮން ސިއްރެއްކަން ދެނެގަންނަން ބޭނުން."
ހުސެއިން އިސްދަށަށް ޖަހާލިއެވެ. އޭނާ ވަނީ އެ ޖަޒުބާތުތަކާ ކުރިމަތިލާން ނުކުޅެދިފައެވެ.
"ޕްލީޒް… އަދި މަޑުކޮށްލާ. އަހަރެން މިވާހަކަ ކިޔައިދޭނަން."
އައިޝާ އޭނާގެ ދެލޮލުގައިވާ ނުތަނަވަސްކަން ފެނިފައި މަޑުމަޑުން ބޯޖަހާލިއެވެ.
"އެންމެ ރަނގަޅު. އަހަރެން މަޑުކޮށްލާނަން. އެކަމަކު ކޮންމެވެސް ދުވަހަކުން ކިޔައިދޭތި!"
"އަހަރެން ވަޢުދުވަން،" ހިތް ފިތިފައި ހުރެގެން އޭނާ ބުނެލިއެވެ.
އެރޭ ހުސައިން އެނބުރި ފެންގަނޑުދޮށަށް ދިޔައީ ޕަރީ ރާނީގެ ޚަބަރެއް ވާނެ ކަމުގެ އުންމީދުގައެވެ. އޭނާ މަޑުމަޑުން ގޮވާލުމުން އަނެއްކާވެސް ޕަރީ ފާޅުވެގެން އަތުވެއްޖެއެވެ.
"ކަލޭ ވީ ވައުދު ރަނގަޅަށް ވެސް ފުއްދައިފީމު، ހުސެއިން" ޕަރީ ބުންޏެވެ. "ކީއްވެ އަލުން އަހަރެން ގާތަށްއައީ؟" ޕަރީ އަހާލިއެވެ.
"މިހާރު ސައިފު ރަނގަޅެއްނު؟"
"ސައިފު މުޅީން ރަނގަޅު. އެކަމަކު އައިޝާ މިކަމުގެ ސިއްރު އޮޅުންފިލުވަން ބޭނުންވެގެން އެބަ އަހާ. އަހަރެން އޭނައަށް ހަގީގަތް ކިޔައިދޭން ބޭނުން ނަމަވެސް ކަމަނާގެ ހުއްދަ ނެތި އެކަން ވާކަށް ނެތް."
ޕަރީ އޭނާ އެ ބުނާ ވާހަކަ ދިރާސާ ކުރުމަށް ވަޣޫތުކޮޅެއް ނެގިއެވެ. އެންމެ ފަހުން ބޯޖަހާލީ އޭނާއަށް މިކަން އޮޅުންފިލައިފިކަން ދޭހަވާނެ ފަދައަކުންނެވެ.
"އޭނާ ގާތު ބުނެލާ، ހުސެއިން. އޭނާއަށް ވެސް ހަގީގަތް އޮޅުންފިލަން ބޭނުންވާނެ. އެކަމަކު އަހަރެން ދުވަހަކުވެސް އެހެން އިންސިއަކާއެކު މިފަދަ ގުޅުމެއް ބާއްވާފައެއް ނުވާނެ. އެވާހަކަ ކަލޭ މީހަކަށް ކިޔައިދީފި ނަމަ އަހަރެން މި ފެންގަނޑަކަށް ޒިޔާރަތް ކުރުން ހުއްޓާލަން ޖެހިދާނެ. އެކަމަކު ކަލޭގެ އަންހެނުން އޮޅުމެއްގެ ތެރޭގައި ބެހެއްޓުމަކީވެސް ކޮށްގެންވާނެ ކަމެއް ނޫން. އޭނާއަށް ހުރިހާ ވާހަކައެއް ކިޔައިދީ!"
ހުސެއިންއަށް އިޙްސާސް ކުރެވުނީ ހިތްދަތި ރިހުމެކެވެ.
"ޝުކުރިއްޔާ ޕަރީ ރާނީ. އަހަރެންނާއި އަހަރެންގެ އާއިލާއަށްޓަކައި ކަމަނާ ކޮށްދިން ހެޔޮ ކަންތައް އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ."
އެއާ އެކު ހުސައިން ދޫކޮށްލާފައި ޕަރީ ޣާއިބުވެއްޖެއެވެ.
އެއީ ހުކުރު ދުވަހެކެވެ. އެހެންވެ އެދުވަހު ހުސެން ގަމުގައި އޭނާ އަދާކުރާ ވަޒީފާއަކަށް ނުދެއެވެ. އޭނާ ހުރީ ގޭ ދޮރުމަތީގައި ގަސްތަކެއް އިންދާށެވެ. އައިޝާ އޭނާގެ ދަރިފުޅު ފެންވަރުވާ ރީތިކޮށްގެން ގޮވައިގެން އައިސް ހުސެން ގާތު ސައިބޯން އައުމަށް ބުންޏެވެ. ހުސެން އަތް ދޮވެލައިގެން އައިސް ދަރިފުޅު އުރާލައިގެން ސައިމޭޒު ދޮށޫޣާޢީ އިށީޏދެއްޖެއެވެ. ސައިބުއިމުގެ ތެރޭގައި އައިޝާ ހުސެންއަށް ހަނދާންކޮށްދިނެވެ.
"ހުސައިން، ކޮބާ އަހަރެންނަށް ކިޔާދޭނަމޭ ބުނި ވާހަކަ؟"
ހުސެން ފުންނޭވާއެއް ދޫކޮށްލިއެވެ.
"އައިޝާ، އެއީ ވަރަށް ބޮޑު ވާހަކައެއް. އެކަމަކު މިހާރު އެވާހަކަ ކިޔައިދިނުމަކަށް އެއްވެސް ހުރަހެއް ނެތް."
ހުސެން އަނެއްކާވެސް ފަސް ޖެހުނެވެ. "އެކަމަކު މިހާރު ކަންބޮޑުވަނީ އައިޝާ ބިރުގެންފާނެތީ."
"އަހަރެން ބިރެއް ނުގަންނާނެ. ބުނޭ!"
އައިޝާ ހީނލާފައި ބުންޏެވެ.
ހުސެން އޭނާ ވަލުތެރެއަށް ދާން ޖެހުނު ގޮތާއި ޕަރީ ރާނީއާ އެންމެ ފުރަތަމަ ބައްދަލުވި ރޭގެ ވާހަކަ ކިޔައިދޭން ފެށިއެވެ. އޭނާ ޕަރީގެ ރީތިކަމާއި، ހަނދުވަރުގެ އަލިން ޕަރީން ހަނާފެންގަނޑު ދިއްލިފައި ހުރިގޮތް އޭނާއަށް ސިފަކޮށްދިނެވެ. އަދި އެފެންގަނޑަށް އެރުމުން އޭނާގެ ގައިގައި ނަގާފައި ހުރި ބަލިމަޑުކަން ވަގުތުން ފިލައިގެން ދިޔަ ގޮތުގެ ވާހަކަ ވެސް ކިޔައިދިނެވެ.
"ޕަރީ އަހަރެން ގާތު ބުނި ދުވަހަކުވެސް އޭނާގެ ވުޖޫދު ހާމަނުކުރާށޭ. ނޫނީ އަހަރެންގެ ހާލަތު އަނބުރާ އިއާދަ ވެދާނެޔޭ. އެހެންވެ އަހަންނަށް އެއްވެސް މީހަކަށް އެވާހަކަ ކިޔާ ނުދެވުނީ. އަމުދުން ކަލެއަށްވެސް. ދެން މި ދަރިފުޅަށް ވެސް ޝިފާ މި ލިބުނީ ޕަރީގެ ސަބަބުން."
އައިޝާ ހައިރާންވެ ދެލޯ ބޮޑުކޮށްގެން ހިމޭނުން އިނދެ މިވާހަކަތައް އަޑުއެހިއެވެ. އޭރު އޭނާގެ ލޮލުން ކަރުނަތިކިތަކެއް ނިރާލަމުން ދިޔައެވެ.
"ހުސައިން" މަޑުމަޑުން އައިޝާ ބުންޏެވެ. "ތިއީ ގަބޫލުކުރަން ދަތި ވާހަކައެއް. ޔަގީންތަ ތީ ހުވަފެނެއް ނޫންކަން؟ ނުވަތަ އޭރު ހާލަތު ދިމާވި ގޮތުން ފެނުނު ވަގުތީ އަވާމެންދުރެއް ނޫންކަން؟"
އައިޝާއަށް ގަބޫލު ކުރަން ދަތިވިއެވެ. "މިއީ މިދިޔަ ހަފުތާގައި ގަމު ހޮސްޕިޓަލުން ލިބުނު ބޭސް އުނގުޅިފަހުން ވީކަމެއް ކަމަށް އަހަރެން ގަބޫލު ކުރަނީ."
އައިޝާގެ ތުންފަތުގައި ހިމޭން ހިނިތުންވުމެއް ދުވެލުމުން ހުސެއިން ބޯ ހޫރާލިއެވެ.
"ތީނަ ބޭނުން ގޮތަކަށް ގަބޫލުކުރޭ. މައްސަލައެއް ނެތް. އައިޝާ. އެކަމަކު މީ އަހަންނަށް ހަމަހޭގައި ހުރެ ފެނުނު ކަންތައް… އަދި ތަޖުރިބާކުރެވުނު ކަންތައްތައް."
އައިޝާ އޭނާގެ އަތް ހުސެންގެ ކޮނޑުމަތީ ބޭއްވިއެވެ.
"ހުސައިން، ތީ ތެދެއް ކަމުގައި ވިޔަސް ނުވިޔަސް އަހަންނަށް އެނގޭ ކަލޭ އަހަރެމެން ދެކެ ވަރަށް ބޮޑަށް ލޯބިވާކަން. އަދި އަހަރެންގެ ގާތު ދޮގެއް ހަދައި ކަމެއް އޮޅުވާނުނާނެކަން. ޕަރީ ރާނީ ކުރި ކަމެއް ވިޔަސް އަދި ނުވިޔަސް އަހަރެމެންގެ ދަރިފުޅަށް ރަނގަޅު ސިއްހަތެއް ލިބުމަށް ވުރެން އަހަންނަށް ބޮޑު އުފަލެއް ނެތް.."
ދެން ދެމީހުން އެކުގައި ސައިބޮމުން ދަރިފުޅާ ކުޅެމުން ދިޔައެވެ. އެވަގުތު އެ ކުޑަ ދަރިފުޅު ހުސެންއަށް ބަލާލާފައި ތުއްތު ބަހުރުވަޔަކުން އަހާލިއެވެ.
"ބައްޕާ ކޮބާ ޕަލީ ދައްތަ؟"
އެއާއެކު ހުސެންއާއިއައިޝާ އެކަކު އަނެކަކަށް ބަލާލައިފައި ހިނިތުންވެވުނެވެ.
"ދަރިފުޅާ. ޕަރީދައްތަ ހިނގައްޖެ." ހުސެން މިހެން ބުނީ ހިތް ނުތަނަވަސް ކަމާއެކުގައެވެ "ދެން ޕަރީ ދައްތަ ނާންނާނެ."
ދެން ދުވަހަކުވެސް ފަރީ ރާނީ ނުފެންނާނެކަން ހުސެއިންއަށް އެނގުނު ނަމަވެސް، އޭނާގެ ހިތްހެޔޮކަމާއި ރީތިކަމުގެ ހަނދާން އޭނާގެ ހިތާ ގާތުގައި އަބަދުވެސް ވާނެއެވެ. ދިރިއުޅުމުގެ ބައެއް ސިއްރުތައް ހާމަ ކުރިޔަސް އަދި ނުކުރިޔަސް އޭގައި ފޮރުވިފައިވާ ހަގީގަތެއް ވެއެވެ.
ހުރިހާ އެއްޗަކީވެސް ލޯތްބެވެ. ވަފާތެރިކަމެވެ. ފުރިހަމަ އިތުބާރެވެ.
ހުސެން ހުރީ އެ ވާހަކަތައް އައިޝާއަށް ކިޔައިދެވުމުން ހިތުގައި އޮތް ބަރުދަން ލުއިވެ އުފާވެރިކަމުގެ އިހްސާސްތައް އިތުރުވެގެން ދިޔައެވެ. އޭނާގެ އާއިލާގެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔަކަމުގެ ފުރިހަމަ އިހުސާސެއް އޭނާއަށް ކުރެވުނެވެ.
(ނިމުނީ)



advertisment