އާޓިފިޝަލް އިންޓެލިޖެންސް (އޭ.އި) ލައިފައިވާ ރޮބޮޓެއް ކުރެހި ކުރެހުމެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިކިއްޖެއެވެ. "އެއި-ޑާ" ނަމަކަށް ކިޔާ ރޮބޮޓް ކުރެހި ކުރެހުން ވިކުނީ 1.32 މިލިއަން ޑޮލަރު (20 މިލިއަން ރުފިޔާ)އަށެވެ.
ސޮތުބީގެ ނީލަމުގައި މި ކުރެހުން ވިކުނީ ބުރާސްފަތު ދުވަހުއެވެ. އަދި ވިކުނީ ވިކޭނެކަމަށް ކުރިން ލަފާކުރި 180،000 ޑޮލަރު (ދެ މިލިއަން ރުފިޔާ)އަށްވުރެ ބޮޑު އަދަދަކުންނެވެ.
މި ކަން ވެގެން އައީ ތާރީހީ ކަމަކަށެވެ. ސަބަބަކީ މިއީ އޭ.އައި ރޮބޮޓެއް ކުރެހި ކުރެހުމެއް ނީލަމެއްގައި ވިކުނު ފުރަތަމަ ފަހަރެވެ. އަދި މިއީ އޭ.އައި އާއި ކުރެހުންތެރިކަން ގުޅުނު ރަމްޒެކެވެ.
ދިގުމިނުގައި ހަތް ފޫޓު ހުރި ކުރެހުމަކީ ހިސާބު އިލްމްވެރިޔާ އަދި ކޮމްޕިއުޓަރު އީޖާދުކުރުމުގައި މުހިންމު ރޯލެއް އަދާކުރި އެލަން ޓިއުރިންގެ މޫނުގެ ކުރެހުމެކެވެ.
އެއި-ޑާއަކީ އޮކްސްފޯޑާއި ބާމިންގްހަމް ޔުނިވާސިޓީތަކުގެ އިލްމްވެރިންނާ ގުޅިގެން ކުރެހުންތެރިޔާ އެއިޑަން މެލާ ފަރުމާކުރި އޭ.އައި ރޮބޮޓެކެވެ. މި ރޮބޮޓް ޑިޒައިންކޮށްފައިވަނީ އަންހެނެއްގެ ސިފައަށެވެ. ނަން ދީފައިވަނީ ހިސާބު އިލްމްވެރިޔާ އަދި ކޮމްޕިއުޓަރު ޕްރޮގްރާމް ހެދި އެޑާ ލަވްލޭސްގެ ނަމެވެ.
ޓިއުރިންގް ވަނީ އޭ.އައި.އަކީ އިންސާނުންނަށް ނުރައްކާކޮށްފާނެ ޓެކްނޮލޮޖީއެއްކަމަށް އިންޒާރުދީފައެވެ.
"އަދުގެ އިޖުތިމާއީ އަދި ޓެކްނޮލޮޖީގެ ކުރިއެރުންތަކާ އެއި-ޑާގެ މި ކުރެހުންތެރިކަމާ ގުޅުން އެބަހުރި. މުޖުތަމައުގައި ޓެކްނޮލޮޖީ އާއި ކުރެހުންތެރިކަމުގެ ގުޅުން ބަދަލުވަމުން އަންނަ ގޮތް ދައްކައިދޭ،" އެއިޑަން ބުންޏެވެ.
ލޮލުގައި ހުރި ކެމެރާއިން ޓިއުރިންގެ ފޮޓޯއެއް މަސްނޫއީ ގޮތުން ބަލައި، އޭގެން މަސްނޫއީ ގޮތުން ހިޔާލު ހޯދައި، ޓިއުރިންގްގެ މޫނުގެ ކުރެހުމެއް ކުރަހަން އެއި-ޑާގެ މަސްނޫއީ ހިޔާލަށް އައީ އެއިޑަންގެ ސްޓޫޑިއޯގެ މެންބަރުންނާ މަޝްވަރާކުރުމަށް ފަހުއެވެ. ސަބަބަކީ އޭ.އި ޓެކްނޮލޮޖީ ހުރުމުން އިންސާނުންނާ މަސްނޫއީ ގޮތެއްގައި ވާހަކަދެއްކުމުގެ ގާބިލުކަން ވެސް އެއި-ޑާގައި ހުރުމުންނެވެ.