Support Us

ކޮލަމް ގާދޫކޮލުން ބޭރުން
ސުނާމީ ބޭބެ – 3:

ދިވެހިންނަކީ ކަންކަން ވަރަށް ފުރިހަމައަށް، މޮޅަށް ހުށަހަޅަން ދަންނަ ބައެއް: އެމެރިކާގެ ރައީސް

ބައެއް ގޮންޖެހުންތަކަކީ، އޭގެ ސަބަބުން ގިނަ ފިލާވަޅުތަކެއް ލިބޭ ކަންކަމެވެ. ދުރާލާ ވިސްނާ، ތައްޔާރުވާން ދަތިވެދާނެ ފަދަ މުސީބާތްތައް ކުރިމަތިވާނެއެވެ. އެއީ ދިރިއުޅުމުގެ އާދަ ދެއްތޯއެވެ. ސުނާމީ ކާރިސާއަކީ ޔަޤީނުންވެސް އެފަދަ މުސީބާތެކެވެ. އެ ކާރިސާއާ ގުޅިގެން މި ދިވެހިރާއްޖެއަށް ގިނަގުނަ ފިލާވަޅުތަކެއް ލިބުނެވެ. އަދި، އެކާރިސާގެ ސަބަބުން، ދާއިމީ ގޮތެއްގައި، ގިނަ ކަންތައްތަކެއް ބަދަލުވެގެން ދިޔަމެއެވެ.

އަޅުގަނޑު ވަރަށް ގިނައިން ބުނެއުޅެމެވެ. ދިރިއުޅުމުގައި ފިލާވަޅު ލިބޭ މިންވަރު މަދެއް ނުވާނެއެވެ. ކަމެއް ގޯސްވާއިރަށް އަޅުގަނޑުމެން ބުނެއުޅެން ދެއްތޯއެވެ. "އެ ލިބުނީ ފިލާވަޅެއް" ކަމަށެވެ. މިފަދަ ފިލާވަޅު މެދުނުކެނޑި ލިބޭ ދެއްތޯއެވެ. ހަޤީޤީ ސުވާލަކީ، ލިބޭ މިފަދަ ފިލާވަޅުތަކުން އެއްޗެއް ދަސްވޭތޯއެވެ. އަދި، އެއްވެސް އެއްޗެއް ދަސްވިނަމަ، ދިރިއުޅުމުގެ އިމްތިހާނު ކުރިމަތިވާ ދަނޑިވަޅުގައި، އެ ދަސްވި އެއްޗެއް ހަނދާންހުރޭތޯއެވެ.

ސުނާމީ ކާރިސާ ވެގެންދިޔައީ، އާ ގޮތްގޮތަށް، ރާއްޖެ ދުނިޔެއަށް ހުޅުވިގެންދިޔަ ދަނޑިވަޅަކަށެވެ. ރައީސް މައުމޫންގެ ޒަޢާމަތް 1978 ގައި ފެށިގެން އައިފަހުން، ވަކި ތަރުތީބަކުން، ވަކި މިންގަނޑެއްގައި، ބޭރު ދުނިޔެއާ ކުރަމުންދިޔަ މުޢާމަލާތްތައް، އެރި ބިޔަ ރާޅުތަކާއެކު، ތާއަބަދަށް، ބަދަލުވެގެންދިޔައެވެ. ދެތިން މިސާލެއްގެ ތެރެއިން މިކަމަށް އަލި އަޅުވާލާނަމެވެ. އަޅުގަނޑުގެ މަސައްކަތް ބިނާވި އިމުގެ ތެރެއިންނެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަނީ، ސިނާމީ ކާރިސާއަށްފަހު، މީޑިޔާއަށް އައި ބޮޑެތި، އިންޤިލާބީ ބަދަލުތަކެވެ. މި ސިލްސިލާ މަޒުމޫނުގެ ކުރީ ބައެއްގައި ދަންނަވާލި ފަދައިން، އެދުވަހާ ހަމައަށް ރާއްޖޭގައި ވިޝުއަލް މީޑިޔާއެއްގެ ގޮތުގައި އޮންނަނީ ޓެލެވިޜަން މޯލްޑިވްސް އެކަންޏެވެ. މިއަދު ގިނަ ޗެނަލްތަކެއް އެބަހުރި ދެއްތޯއެވެ. ނިއުސް މީޑިޔާތަކަށްވެސް ހަމަ މިފަދަ ބަދަލެއް އައެވެ. އެއިރު، ހަވީރާއި، އާފަތިސް އަދި މިއަދެވެ. މިހާރު ހުންނަނީ އޮންލައިން ޕްރެސްތަކެވެ. އޮތް އަދަދެއް ދެނެގަނެ، ދަންނަވަން ދަތިވާ މިންވަރަށެވެ. މިބަދަލުތަކަކީ، ނުސީދާ ގޮތެއްގައި، ސުނާމީ ކާރިސާއާ ގުޅިގެން އައި ބަދަލުތަކެއް ކަމުގައި އަޅުގަނޑު ދެކެމެވެ.

މަޒުމޫނުގެ ކުރީ ބައެއްގައި ދަންނަވާލިން ދެއްތޯއެވެ. އެދުވަހު އަޅުގަނޑަށް ބަސްދީގަތުން ދޭންޖެހުނު ބޭރުގެ މީޑިޔާތައް ވަރަށް ގިނަ ކަމަށެވެ. އޭގެ ކުރިން، ބައިނަލްއަޤްވާމީ މީޑިޔާ ކުންފުނިތަކަށް ރާއްޖެ އެނގިފައި އޮންނަނީ ފަތުރުވެރިކަމުގެ ނަލަ މަންޒިލެއްގެ ގޮތުގައި އެކަންޏެވެ. އެދުވަސްވަރުގެ ކަންކަން ހުރިގޮތް ހާމަވެގެންދާ ހާދިސާއެއް ޙިއްޞާކޮށްލާނަމެވެ. ރައީސް އޮފީހުގައި ޕީ.އޭ.ބީ.އެކްސް. ސިސްޓަމެއް ހުންނާނެއެވެ. ކޮންމެ ފަރާތަކުން އޮފީހާ ގުޅިއަސް، އޮޕަރޭޓަރަކު ފޯނު ނަގާނެއެވެ. އެއީ 3323701 އެވެ. މިނަންބަރާ ގުޅުމުން، ތިން ފަހަރު ރިންގުވުމުގެ ކުރިން ނަގާނެއެވެ. އަދި، ގުޅާ ފަރާތުން އެދޭކަމެއް ނުވަތަ ވާހަކަ ދައްކަން ބޭނުންވާ މީހެއް އެނގުމުން، އެކޯލު އަޅުގަނޑުމެން މުވައްޒަފުންގެ މޭޒުގައި ހުންނަ ފޯނަށް ރީރޫޓް ކޮށްލާނެއެވެ.

އެއް ދުވަހަކު އަޅުގަނޑަށް އޮޕަރޭޓަރު ގުޅި މިފަދަ އެއް ކޯލެއްގެ ހަނދާނެވެ.

އޮޕަރޭޓަރ: މުންދު. އިސް ތަރުޖަމާނާ ބައްދަލުކުރަން ކޮންމެވެސް ރޮއިޓަރސް ކިޔާ ބޭރު މީހަކު ގުޅާފައި އެބައޮތް. ކޮން ފަރާތަކުންތޯ އެހީމަވެސް ނުބުނި. ބުނީ ނަން އެކަނި. ރޮއިޓަރސް ކިޔާ ފިރިހެނެއް.

އަޅުގަނޑު (ހިނިއައިސް ހުރެ): ރޮއިޓަރސް އެއީ މީހެއް ނޫން، އިނގޭތޯ. އެއީ މީޑިޔާ ޖަމާއަތެއް. ދުނިޔޭގެ އެންމެ ބޮޑު ޕްރެސް ކުންފުނި.

އޮޕަރޭޓަރ: ނޭނގޭނެދޯ. އޭނަ ބުނީ "ހަލޯ، ދިސް އިސް ރޮއިޓަރސް ސްޕީކިންގ' މިހެން ވިއްޔާ.

މި ވާހަކަ މި ޙިއްޞާކޮށްލީ، އޮޕަރޭޓަރަށް ހަޖޫޖަހާކަށް ނޫނެވެ. ނުވަތަ އެއިރު ހޭލުތެރިކަން ކުޑަކަމަށް ޤަބޫލުކުރާތީއެއްވެސް ނޫނެވެ. މިހާރު ކުޑަކުދިންނަށްވެސް އިނގޭނެ ރޮއިޓަރސްއޭ ބުނީމަ އެއީ ވަރުގަދަ މީޑިޔާއެއްކަން، ދެއްތޯއެވެ. އެއިރު ރޮއިޓަރސްގެ ވާހަކައެއް ނީވޭނެއެވެ. ރާއްޖެއާ ގުޅޭ ޚަބަރެއް އެފަރާތަކުން ނުގެންނާތީ ނޭނގޭނެ، ދެއްތޯއެވެ.

ކޮންމެ އަކަސް، މިއަދު، ދުނިޔޭގެ އެންމެ ބޮޑެތި މީޑިޔާތަކުން ރާއްޖެއަށް މުރާސިލުންވެސް ކަނޑައަޅާފައި ތިބެއެވެ. ރޮއިޓަރސްއިންވެސް ރާއްޖެއަށް ދެ މުރާސިލުން ކަނޑައަޅާފައި ތިބެއެވެ. ރާއްޖެ މުހިންމުވީމައެވެ. ރާއްޖޭގައި ހިނގާ ކަންކަން މުހިންމުވީމައެވެ. ރާއްޖޭގެ ގިނަ ޚަބަރުތަކެއް ހަދަން ޖެހޭތީއެވެ.

މިއަދު، ރާއްޖޭގައި ހިނގާ ސިޔާސީ އަދި އިޖްތިމާއީ ކަންކަމަށްވެސް ބޭރުން ސަމާލުކަން ލިބޭ ދެއްތޯއެވެ. ބައެއް ފަހަރު، ފައިދާއަށްވުރެ ބޮޑަށް ގެއްލުންވާ ހިސާބަށްވެސް ސަމާލުކަން ލިބޭ ދެއްތޯއެވެ. ކޮންމެއަކަސް، އެދޮރު އެންމެ ފުޅާކޮށް ހުޅުވިގެންދިޔައީ އަދި އެކަން ދެމެހެއްޓެނިވި ގޮތެއްގައި ފެށިގެން އައީ ސުނާމީ ކާރިސާއަށްފަހުއެވެ.

ދެވަނަ މިސާލަކަށް އެނބުރިލާނަމެވެ. ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ޖަމްޢިއްޔާ ޖަމާއަތްތަކެވެ. ސުނާމީ ކާރިސާގެ ކުރިން، ދިވެހިންނަށް ފަރިތަ ވާނީ ޔުނެސްކޯ، ޔުނިސެފް، ޔޫ.އެން.ޑީ.ޕީ. އަދި ޑަބްލިޔު.އެޗް.އޯ. ފަދަ އދ.ގެ ބައެއް ގުނަވަންތަކުގެ އިތުރުން ސަރަޙައްދީ އިއްތިހާދު ސާކް އަދި ވާލްޑް ބޭންކާއި އައި.އެމް.އެފް ފަދަ ބައެއް ބޮޑެތި މާލީ އިދާރާތަކެވެ. ސުނާމީއަށްފަހު ރާއްޖެއަށް އެހީދިން އަދި ޤައުމު އާރާސްތުކުރުމުގެ މަސައްކަތުގައި ޢަމަލީގޮތުން އެންމެ ފުޅާ ދާއިރާއެއްގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި ބައިނަލްއަޤްވާމީ ރެޑްކްރޮސް އަދި ރެޑްކްރެސެންޓް ޖަމްއިއްޔާގެ ގޮފިތަކާއި، ޔޫރަޕްގެ އިއްތިހާދު އަދި އެހެންވެސް އަމިއްލަ ގިނަ ޖަމާއަތްތައް ހިމެނެއެވެ. މިއީ، އޭގެ ކުރިން، އަޅުގަނޑުމެންނަށް އެހާ ފަރިތަ ފަރާތްތަކެއް ނޫންދެއްތޯއެވެ.

އީ.ޔޫ އާ ރާއްޖެއާ މިއަދު މިއޮތް ގުޅުން ފެށިގެން އައީ އެހިސާބުންނެވެ. ސުނާމީއަށްފަހު އެންމެ ބޮޑު މާލީ އެހީތެރިކަމެއް ދިން އެއްފަރާތަކީ އީ.ޔޫ އެވެ. އެ ގުޅުމުގެ ތެރެއިން މިއަދުވެސް އެބަ އެހީތެރިކަން ލިބެއެވެ. ކޮވިޑް-19 އާ ގުޅިގެން ދާދި ފަހުން ވަނީ އީ.ޔޫ އިން ތިން މިލިއަން ޑޮލަރުގެ އެހީއެއް ރާއްޖެއަށް ހުށަހަޅާފައެވެ.

ދެން އޮތީ ރެޑް ކްރެސެންޓެވެ. ދަރުމައަށް މަސައްކަތްކުރާ ދުނިޔޭގެ އެންމެ ބޮޑު ޖަމްއިއްޔާއިން ރާއްޖޭގައި އަލަށް މަސައްކަތް ފެށީ ސުނާމީއާ ގުޅިގެންނެވެ. އެދުވަސްވަރު، އެއް ބަޔަކު އެންމެ ގިނަ ރަށްރަށުގައި، އެންމެ ގިނަ މަސައްކަތް ކުރި ބޭރުގެ ޖަމްއިއްޔާއަކަށް ވާނީ ރެޑް ކްރެސެންޓެވެ. މިއަދު، އެޖަމްއިއްޔާގެ ރަސްމީ ގޮތްޕެއް، ޤާނޫނީ ބާރު ލިބިގެން، ރާއްޖޭގައި ހަރަކާތްތެރިވަމުންދޭ ދެއްތޯއެވެ. ދިމާވާ ކޮންމެ ކަމެއްގައި ރެޑް ކްރެސެންޓްގެ ހިލޭސާބަހަށް މަސައްކަތްކުރާ ދަރުމަވެރިން، އެންމެ ކުރީ ސަފުގައި، ހަރަކާތްތެރިވަމުންދޭ ނޫންތޯއެވެ.

އެކިއެކި ޤައުމުތަކުން ދިން އެހީގެ ކަންތައް ރާވާ ހިންގީވެސް މިއަދު މިފެންނަ ގޮތާ ވަރަށް ތަފާތުކޮށެވެ. ސުނާމީއަށް ފަހު އެހީ ހިފައިގެންއައި މަތިންދާ ބޯޓުތަކާއި މަނަވަރުތައް ވަރަށް ގިނައެވެ. ފުލުފުލުން އައެވެ. އެއިރު އެހީ ދެނީ ކަންކަން މަތިކޮށް، ޝަރުތުކޮށްފައެއް ނޫނެވެ. ދޭދޭ ޤައުމުން ވާދައަކަށްވެސް ނޫނެވެ. ކުރިން އެއްޗެއް ދެވެނީ ކޮންބަޔަކަށްތޯ، ގިނައިން ދެވެނީ ކޮންބަޔަކަށްތޯ ބަލާ، ވާދަވެރިކަމުގެ ތެރެއިންނެއް ނޫނެވެ. ސުނާމީ ކާރިސާގައި ރާއްޖެއަށް ބަނދަރުކުރި ފުރަތަމަ މަނަވަރު އައީ އަވަށްޓެރި ޕާކިސްތާނުންނެވެ. ދެން އައީ ބަންގްލަދޭޝުންނެވެ. ނަން ހިނގާ ޤައުމުތަކުން އެހީ ހިފައިގެން އައީ އޭގެ ދެތިން ދުވަސް ފަހުންނެވެ. މިއަދު، މިދެންނެވި ތަރުތީބުން މިކަން ހިނގާފާނެކަމަށް ގިނަ ބަޔަކު ޤަބޫލުވެސް ނުކުރާނެއެވެ. ޒަމާނާއި އޮއިވަރާއެކު އަންނަ ބަދަލު ދެއްތޯއެވެ.

*****

އަޅުގަނޑުގެ ހިތަށް އަބަދުމެ އަރަމުންދިޔަ އެއްޗެއް ޙިއްޞާކޮށްލާނަމެވެ. ދިވެހިރާއްޖޭގެ މިނިވަންކަން (ވަރަށް ކުޑަ ދުވަސްކޮޅަކަށް މެނުވީ) އަބަދުވެސް ޤައިމުވެފައި އޮތް ވާހަކައާއި، ބޭރުން ރާއްޖެއާ ތޮޅެއް އަންނަ އެންމެނާ ކުރިމަތިލާ، ބަލިކޮށް، ފައްސާލާފައިވާ ވާހަކަ މަދަރުސާގައި ކިޔަވާދިނެވެ. ދިވެހިން އެއް ދީނެއްގެ މަތީގައި، އެއްބައެއްވަންތަ ކަމުގައި އެތަކެއް ސަތޭކަ އަހަރު ޤާއިމުވެފައި އޮތް ވާހަކަވެސްމެއެވެ.

މިވާހަކަތައް އިވުމުން އަބަދުވެސް އުފާވެއެވެ. އެކަން ހަނދާނަށް ގެނެދުމުން ފަޚުރުވެރިވެއެވެ. އެކަމަކު އަބަދުމެ ހިތަށް އަރައެވެ. ސުވާލު އުފެދެއެވެ. މިއީ ތެދުކަމަށް ވާނަމަ، މީގެ އަސްލަކީ ކޮބައިބާވައެވެ. ސިއްރަކީ ކޮބައިބާވައެވެ؟ ދިވެހިންނަށް މިފަދަ ނަސްރަކާއި، ކާމިޔާބީއެއް އަދި ރަޙްމަތެއް ލިބިފައި މިވަނީ، ދިވެހިންގެ ކިބައިގައި ކޮންކަމެއް އޮވެގެންބާވައެވެ؟ އަޅުގަނޑުމެންގެ ކޮންފަދަ ހުނަރެއް، ޤާބިލިއްޔަތެއް ހުރެގެންބާވައެވެ؟

ހިތަށް އަރައެވެ. މުސްލިމް އުންމަތަކަށް ވީތީ، ކަލާނގެ ހަޒުރަތުގައި ދަންނަވާ ކޮންމެ ދުޢާއެއް އިޖާބަ ކުރައްވަނީބާވައެވެ؟ މިނޫނަސް އިސްލާމީ ދައުލަތްތައް އެބަހުރި ނޫންތޯއެވެ. ގިނަ ބަޔަކު އުޅެނީ އަނިޔާވެރިކަމާއި އަޅުވެތިކަމާއި ގިލަންވެރިކަމުގައި ނޫންތޯއެވެ.

ކޮންމެއަކަސް، ސުނާމީ ކާރިސާ ވެގެންދިޔައީ، އަޅުގަނޑުގެ މިސުވާލުތަކަށް ވަރަށް ސާފު ޖަވާބެއް ލިބިގެންދިޔަ ދަނޑިވަޅެވެ. ޖަވާބު ވަރަށް ސާފެވެ. ދިވެހިން ހަމަ ކުޅަދާނައީއެވެ. ހުނަރުވެރީއެވެ. ހިންގުންތެރީއެވެ. ޙިކްމަތްތެރީއެވެ. މުރާލީވެސްމެއެވެ. އަދި، ހަމަ ﷲގެ ރަޙްމަތްފުޅުން، ނަސީބުގަދަ ބަޔަކީއެވެ.

އޭގެ އިތުރުން، ފެނިގެންދިޔަ ޚާއްޞަ ކަމެއް ފާހަގަކޮށްލަން ޖެހެއެވެ. އެއީ ދިވެހިންގެ އެއްބައިވަންތަކަމެވެ. އެންމެ ޒުވާން ޖީލުތަކަށް މިކަން ޤަބޫލުކުރަން ދަތިވުން ވަރަށް ގާތެވެ. އެކަމަކު ތެދެކެވެ. އަޅުގަނޑު އެތަޖުރިބާ ކުރީމެވެ. ވާން ޖެހުނީމައި، ދިވެހިން އެއްބައިވަންތަ ވާންވެސް ދަނެއެވެ.

ޢާންމު ޙާލަތުގައި، އަޅުގަނޑުމެން ދިވެހިންނަކީ ފުޓުބޯޅަ މެޗެއްގައި ހިނގާ ހާދިސާއެއްގައި ވިއަސް، ސިޔާސީ މައިދާނުގައި ދެކެވޭ ވާހަކައަކާ ގުޅިގެން ވިއަސް، ނުވަތަ ޢާއިލާ ތެރޭގައި ނިންމަންޖެހޭ ކަމެއްގައި ވިއަސް، ދެބަސްވެ، ޚިޔާލު ތަފާތުވެ، އަރައިރުންވެ، ޒުވާބުކޮށް، މޫނު ކެނޑޭ ބައެއް ދެއްތޯއެވެ. އެއީ ހަމަ ދިވެހިންގެ ގޮތެވެ. އެއްގޮތަކުން ދަންނަވާނަމަ، ދެބަސްވުމަކީ ވަރަށްވެސް ދިވެހިވަންތަ ސިފައެކެވެ.

މިފަދަ ބަޔަކު، ބޮޑު ކަމެއް ލައިގަތީމައި، އެއްބައިވަންތަކަމާއެކު، އެއް ރޫޙެއްގައި، އެއް އަމާޒަކަށް ދަތުރުކޮށްފާނެ ކަމަށް އަޅުގަނޑު ކުރިން އުންމީދެއް ނުކުރަމެވެ. ނަމަވެސް، އެމަންޒަރު ވަރަށް ގާތުން ފެނި، އެކަން ތަޖުރިބާ ކުރެވުނީމައި، ދިވެހިންނަކީ އެއްބައިވަންތަ ބައެއްކަން މިއަދު ޤަބޫލުކުރަމެވެ. ހިތުގެ އަޑިންނެވެ.

އެއީ 2004 ދެއްތޯއެވެ. މިއަދު މިއޮތް މިންވަރަށް ނޫނަސް، އެއިރުވެސް ސިޔާސީ ކަންކަން އޮވެއެވެ. އެއީ، ރާއްޖެ 'ސިޔާސީވި' ދުވަސްވަރެވެ. އެހެން ގޮތަކުން ނަމަ، އެއީ ރާއްޖެ 'ސިޔާސަވީ' ދުވަސްވަރެވެ. އޭގެ ކުރީ އަހަރު، ޖަލުގައި ހިނގި ހަޅުތާލާއި ބަޑިޖެހުމުގެ ހާދިސާ (އީވާން ނަސީމުގެ މަރުގެ ހާދިސާ)ގެ ސަބަބުން، ރާއްޖޭގައި ސިޔާސީ ގަޑުބަޑު އުފެދުނެވެ. ނުތަވަ، ބަޔަކު އެގަޑުބަޑު އުފެއްދިއެވެ. އަދި، ސުނާމީ ކާރިސާގެ މަދު މަސްކޮޅެއް ކުރިން، ޖުމްހޫރީ މައިދާނުގައި ދެފައިވަށްކޮށްގެން ރައިސް ނަޝީދު އިށީނދެވަޑައިގަތުން، އަދި އެއަށްފަހު އެމަނިކުފާނު ހައްޔަރުކުރުން ވެގެންދިޔައީ، މިއަދު މިއޮތް ސިޔާސީ އިންތަކާއި މިންތައް އެޅިގެންދިޔަ ހާދިސާ ކަމަށެވެ.

އެހެންކަމުން، ސުނާމީ އެރިއިރު މިޤައުމުގައި މައިގަނޑު ސިޔާސީ ދެ ފިކުރު އޮތެވެ. ރައީސް މައުމޫންގެ ސަރުކާރަށް ތާއީދުކުރާ ބަޔަކާއި، އެމަނިކުފާނުގެ ސަރުކާރު ބަދަލުކުރަން ފޫގަޅައިގެން ނުކުމެ ތިބި ބައެކެވެ. އެފަދަ މާޙައުލެއްގައި، އެންމެން އެކީ މަސައްކަތް ކުރެވިދާނެ ކަމަށް އަދި ކުރާނެ ކަމަށް ޤަބޫލުކުރުން އޮތީ މުސްތަޙިއްލު ކަމަކަށް ވެފައެވެ.

އެހެން ނަމަވެސް، ސުނާމީ ކާރިސާގެ ތެރޭގައި ދެފިކުރުގެ ސަޕޯޓަރުންވެސް އެހީގެ ތަކެތި އުފުލީ އެކުއެކީގައެވެ. އެކެއްގެ ކޮނޑުން އަނެކާގެ ކޮނޑަށެވެ. އަދި، އެ އެހީ ހަވާލުކުރީ ސިޔާސީ ފިކުރަކަށް ބެލުމެއްނެތިއެވެ. އެކެއްގެ ސުފުރާމަތީހުރި ލައިގެންކާ އެއްޗަކާއި ލާންގެންގުޅުނު އައްނައުނު އަނެކާއަށް ހަދިޔާކުރީ ހިނިތުންވުމާ އެކުގައެވެ. އެބަޔަކު ސަޕޯޓުކުރާ ސިޔާސީ ލީޑަރުން އަންގައިގެން، އިރުޝާދު ދީގެނެއްނޫނެވެ. ވަގުތުކޮޅަކަށް، ސިޔާސީ ފިކުރު އެއްކައިރިކޮށް، އަމިއްލަ އިޚްތިޔާރުގައި އެގޮތަށް ކަންކުރީއެވެ. ސިޔާސީ ވާނީ ފަހުންކަމާއި، ފުރަތަމަ ވާޖިބަކީ ޤައުމީވުން ކަމަށް ޤަބޫލުކޮށްގެނެވެ. އެހެންކަމުން، މިކާރިސާގެ ހަނދާން އާކުރަމުން އަންނައިރު، އެދުވަހަށް "އެއްބައިވަންތަކަމުގެ ދުވަސް" މިނަން ދެވިފައިވާކަން ވަރަށްވެސް މުނާސަބެވެ.

*****

ފަހު ހަނދާނެއްގެ ގޮތުގައި ޙިއްޞާކޮށްލަން އެދެނީ، ސުނާމީ ކާރިސާއަށްފަހު ބޭރުގެ ޢިއްޒަތްތެރިން ރާއްޖެއަށް ޒިޔާރަތްކުރެވި ދަތުރުފުޅުތަކާ ގުޅުންހުރި ބައެއް ވާހަކައެވެ. ވަރަށް މަޝްހޫރު، ނުހަނު ފުންނާބު އުސް، އެހާމެ ނުފޫޒު ގަދަ ބޭބޭފުޅުން 2005 ވަނަ އަހަރު ރާއްޖެއަށް ވަޑައިގަތެވެ. ބައެއް ބޭފުޅުން ބޭނުންފުޅުވީ ރާއްޖެއަށް ލިބުނު ގެއްލުން ބައްލަވާ، އޮޅުންފިލުއްވާށެވެ. އެބޭބޭފުޅުން ވަޑައިގަތީ، ރާއްޖެއަށް އެހީގެ ބޮޑެތި ހުށަހެޅުންތަކެއް ޙަވާލުކުރައްވާށެވެ.

އެފަދަ ހަތަރު ދަތުރުފުޅެއްގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އަޅުގަނޑު ބައިވެރިވި ހަނދާން އެބަހުއްޓެވެ. ކޮންމެ ހާދިސާއެއް ވަކިވަކިން ތަފްޞީލުކުރުން މުނާސަބެއް ނޫނެވެ. މިދަތުރުފުޅުތަކުގެ ތެރެއިން ދެތިން ހާދިސާއެއް އަޅުގަނޑަށް ޚާއްޞަވީތީ، އެވާހަކަ ދަންނަވާލާފައި ނިންމާލާނީއެވެ.

އެދުވަސްވަރު ވަޑައިގެން އެއް ބޭފުޅަކީ ޤަޠަރުގެ އޭރުގެ ޢަމީރު ޚަލީފާއެވެ. އަޅުގަނޑުގެ ޒިންމާއަކަށްވީ ޕްރެޒެންޓޭޝަނެއް ދިނުމެވެ. ރާއްޖެއަށް އެންމެ ބޮޑަށް އެހީ ބޭނުންވެފައިވާ ދާއިރާތަކާ މެދުއެވެ. ދަތުރުފުޅުން އެނބުރި ވަޑައިގަތީ ޤައުމު އާރާސްތުކުރުމަށް މާލީ ބޮޑު އެހީއެއް ދެއްވާފައެވެ. އަދި، މިއަދު ލ. ގަމުން ފެންނަން އެހުރި ޤަޠަރު ޢަމީރު ސްކޫލް ހަދިޔާކުރައްވާފައެވެ.

ސުނާމީގައި ހަލާކުވެފައިވާ ތ. ވިލުފުއްޓަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން ޒިޔާރަތް ކުރައްވަނީ. -ފޮޓޯ: އަހުމަދު ސަރީރު/ ޓްވިޓަރ

ދެވަނަ ބޭފުޅަކީ އދ.ގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާނެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލެއް ރާއްޖެއަށް ޒިޔާރަތްކުރެއްވި ފުރަތަމަ އަދި ހަމައެކަނި ފަހަރެވެ. އެމަނިކުފާނު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން އިންތިޒާމުކުރުން ހަވާލުވި އެކަކީ އަޅުގަނޑެވެ.

ތިންވަނަ ބޭފުޅަކީ އެއިރު އެމަނިކުފާނުގެ ޤައުމުގެ ވެރިކަމާ ޙަވާލުވިތާ މާގިނަ ދުވަސްތަކެއްނުވާ ލީޑަރެކެވެ. މިއަދު، އެމަނިކުފާނަކީ ދުނިޔޭގައިވެސް އެންމެ މަޤްބޫލު ލީޑަރުން އެއް އަތުން ގުނާލާއިރު ގިނަ ބަޔަކު ނަންފުޅު ހިމަނާނެ ބޭފުޅެކެވެ. އެއިރު ޤައުމުގެ ބޮޑުވަޒީރެވެ. މިއަދު ރައީސްއެވެ. ތުރުކީގެ އެރްދޮޣާން އެވެ.

އެމަނިކުފާނުގެ ދަތުރުފުޅުގައި އަޅުގަނޑާ ހަވާލުވީ އާދަޔާޚިލާފު މަސްއޫލިއްޔަތެކެވެ. ދެ ޤައުމުގެ ވެރިން މުޢާމަލާތު ކުރެއްވީ ބޮޑުވަޒީރު އެރްދޮޣާންގެ ޝަރަފުގައި އޮތް ރަސްމީ ފަރީއްކޮޅުގައެވެ. އެމަނިކުފާނު އެއިރު އުޞޫލެއްގެ ގޮތުން ވާހަކަފުޅު ދައްކަވަނީ މާދިރީބަހުންނެވެ. އެހެންކަމުން، އެމަނިކުފާނު ވިދާޅުވާ އެއްޗެއް އިނގިރޭސިބަހަށް ތަރުޖަމާކޮށް، ވަގުތުން އަޑުދަށުން ވިދާޅުވާ ބޭފުޅަކު އަރިހުގައި ހުންނަވައެވެ. އެހެންކަމުން، ރައީސް މައުމޫންވެސް ނިންމެވީ ދިވެހިބަހުން ވާހަކުފުޅު ދައްކަވާށެވެ. އަދި، ކައިރީގައި ހުރެގެން، އެވާހަކަފުޅު އަޑުދަށުން އަޅުގަނޑު ތަރުޖަމާކޮށް، އިއްވާގޮތަށެވެ. އަޅުގަނޑަށް އަލަށް ކުރެވުނު ތަޖުރިބާއެކެވެ. ނަމަވެސް، އެތަޖުރިބާގެ ސަބަބުން ލިބުނު ޚިޔާލަކަށް، އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން، ޢަމަލު ކުރީމެވެ. އެއީ، އދ.ގެ މަޖިލީހުގައި ރައީސް މައުމޫން ދިވެހި ބަހުން ތަޤްރީރުކުރެއްވުމެވެ. އެދުވަހުވެސް އެމަނިކުފާނުގެ ތަޤްރީރު އިނގިރޭސިބަހަށް ތަރުޖަމާކޮށް، އިއްވީ އަޅުގަނޑެވެ. މިތަޖުރިބާ އެހެން މަޒުމޫނެއްގައި ތަފްޞީލުކޮށް، ޙިއްޞާކުރަން ޤަސްދުކުރަމެވެ.

ބޭރުގެ ޢިއްޒަތްތެރިންގެ ދަތުރުފުޅުތަކުގެ ތެރެއިން އެންމެ ބޮޑު އަދި އެންމެ މުހިންމު ދަތުރުފުޅުގައި ރާއްޖެ ވަޑައިގަތީ އެއް ބޭފުޅެއް ނޫނެވެ. ވަޑައިގަތީ ވަރުގަދަ ދެބޭފުޅުންނެވެ. އެމެރިކާގެ ކުރީގެ ދެ ރައީސުންނެވެ. އެއީ އެމެރިކާގެ ރައީސަކު ރާއްޖެއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ރައީސް ބިލް ކްލިންޓަން އާއި ޖޯޖް އެޗް. ޑަބްލިޔު. ބުޝް (ބައްޕަ ބުޝް) އެވެ. ދެބޭފުޅުންވެސް ވަޑައިގަތީ، ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ޤައުމުތަކަށް އެހީ ހޯދުމަށް އދ.ގެ އެއިރުގެ ސެކްރެޓަރީ ޖެނެރަލް ކަނޑައެޅުއްވި ޚާއްޞަ މަންދޫބުންގެ ހައިސިއްޔަތުންނެވެ.

ވަޑައިގަންނަވަނީ އެމެރިކާގެ ދެ ރައީސުން ކަމަށްވާތީ ވަރަށް ފުޅާ ދާއިރާއެއްގައި ތައްޔާރީތައް ގެންދެވުނެވެ. ބޭރުގެ ޢިއްޒަތްތެރިންނަށް މެޙްމާންދާރީ އަދާކުރުމަކީ ރައީސް އޮފީހާއި ފޮރިން މިނިސްޓްރީއަށް ނިސްބަތްވާ އަޅުގަނޑުމެންގެ ޓީމަށް އާކަމެއް ނޫނެވެ. ނަމަވެސް، އެމެރިކާ ކަމަށްވީތީ، ސަލާމަތީ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހުނެވެ.

އެމެރިކާގެ ރައީސުންގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާ ޔޫ.އެސް. ސީކްރެޓް ސާރވިސްގެ ބޭފުޅުން ދަތުރުގެ ދެތިން ހަފްތާ ކުރިން ރާއްޖެ ވަޑައިގެން ގިނަ ކަންތައްތަކެއް، އަޅުގަނޑުމެންނާ ގުޅިގެން، އިންތިޒާމު ކުރެއްވިއެވެ. އެބޭފުޅުންނާއެކު ކުރެވުނު މަސައްކަތުން ފާހަގަވި އެއްކަމެއް ދަންނަވާލާނަމެވެ. އެއީ، އެބޭފުޅުން އެއްވެސް ހައިސިއްޔަތަކުން ރާއްޖެ ވަޑައިގެން ފުރަތަމަ ފަހަރެވެ. އެހެންކަމުން، ރާއްޖެއާ ބެހޭ މާގިނަ މަޢްލޫމާތު ލިބިފައި ނެތްކަން ފާހަގަވިއެވެ.

ވީމާ، ފުރަތަމަ ދުވަހު އެބޭފުޅުންގެ ޢަމަލާއި ބަސްމަގު ހުރީ ވަރަށް ހަރުކަށިކޮށެވެ. އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި، މިތާނގައި ތަންދޮރު ފިލާ ބަޔަކު ނުތިބޭނެ ކަމަށް ނިންމައިގެން ކުރެއްވި ކަމެކެވެ. ނަމަވެސް، އަޅުގަނޑުމެންގެ ޓީމުގެ ރޭވުންތެރިކަމާއި ތަޖުރިބާ ފެނުމުން، މަޑުމަޑުން ކަންކަމުން ގެންދެވީ އަތް ދޫކުރައްވަމުންނެވެ. އަޅުގަނޑުމެންނަށް އިތުބާރު ކުރައްވަމުންނެވެ. އާޚިރުގައި، އެބޭފުޅުން ތިއްބެވީ ހަމައެކަނި މަންޒަރު ބައްލަވާށެވެ. ހުރިހާ ކަމެއްހެން އަޅުގަނޑުމެންނަށް ދޫކޮށްލައިގެންނެވެ. ދިވެހިން ކުޅަދާނައީއެވެ.

އަޅުގަނޑާ އެދުވަހު ހަވާލުވީ އުނދަގޫ ދެ މަސައްކަތެކެވެ. ކާރިސާގެ ގެއްލުން ކުރުކޮށް ފޮނިކޮށް އެނގި އޮޅުންފިލާނެ މަޢްލޫމާތަށް ބިނާކޮށްގެން ލުއި ފޮތެއް ތައްޔާރުކުރުމެވެ. އަދި، އެ ދެ ރައީސުންނަށް އެދުވަހު ދަރުބާރުގޭގައި އޯޑިއޯ ވިޝުއަލް ޕްރެޒެންޓޭޝަނެއް ދިނުމެވެ. ފޮތުގައި ހުރި މަޢްލޫމާތަށް ބިނާކޮށެވެ.

އަޅުގަނޑު ހުއްޓި ހުރީ ޕޯޑިއަމެއްގެ ފަހަތުގައެވެ. ކުރިމަތީގައި މައިކަކާއި އަޅުގަނޑުގެ ލެޕްޓޮޕެވެ. ފަހަތުގައި ސްކްރީނެވެ. އައްސަވަން ތިއްބެވީ ތިން ބޭފުޅުންނެވެ. ވާއަތް ފަރާތުގައި ހުރި ގޮނޑިސެޓުގައި އިންނެވީ ރައީސް ކްލިންޓަނެވެ. ފެށުނީއްސުރެ ނިމެންދެން ކަޅިވެސް ޖައްސަވާ ނުލައްވާ، ސަމާލުކަން ދެއްވިކަން އަޅުގަނޑު ފާހަގަކުރީމެވެ. ކަނާއަތް ފަރާތުގައި ހުރި ގޮނޑިސެޓުގައި އިންނެވި ރައީސް ބުޝް، އަޅުގަނޑުގެ ހުށަހެޅުން ފެށިއިރު އިންނެވީ މާބޮޑު ސަމާލުކަމެއް ނުދެއްވައެވެ. ކުރައްވަން ޖެހިވަޑައިގަންނަވާތީ، ކަންކުރައްވާ ބީދައިންނެވެ. ނިމޭނެ ވަގުތެއްގެ އިންތިޒާރުގައި ކަމަށް ވެދާނެއެވެ. އަޅުގަނޑުގެ ހުށަހެޅުން ކުރިއަށްދިޔައިރު، ރައީސް ބުޝްގެ ސަމާލުކަން އިތުރުވަމުންދިޔަކަން ފާހަގަވިއެވެ. މެދުން އިންނެވީ ރައީސް މައުމޫނެވެ.

ޕްރެޒެންޓޭޝަން ނިންމާލުމުން ތިން ބޭފުޅުން އަޅުގަނޑާ ހަމައަށް ވަޑައިގަތެވެ. ފުރަތަމަ ސަލާމްކޮށްލައްވާފައި އެއްޗެއް ވިދާޅުވީ ރައީސް ބުޝް އެވެ. ކުރެވުނު ކުރު މުޢާމަލާތާއި އޭގެ ދޭހަވީ ތަރުޖަމާ ތިރީގައި މިވަނީއެވެ.

ރައީސް ބުޝް: ގުޑް ޕްރެޒެންޓޭޝަން، ޔަންގް މޭން! (ރަނގަޅު ޕްރެޒެންޓޭޝަނެއް އިނގޭތޯ، ޒުވާނާ!)

އަޅުގަނޑު: ތެންކް ޔޫ، މިސްޓަރ ޕްރެޒިޑެންޓް! (ޝުކުރިއްޔާ، ރައީސް!)

ރައީސް ބުޝް: އައި މަސްޓް ޓެލް ޔޫ ދިސް. އައި ހެވް ނެވަރ އެނޖޯއިޑް ދީސް ޕްރެޒެންޓޭޝަންސް. އީވިން އިން މައި ވައިޓް ހައުސް ޑޭސް. ވެން އެވަރ ޕޮސިބަލް، އައި އެވޮއިޑް ދެމް. ބަޓް، ޔޯރ ޕްރެޒެންޓޭޝަން ވޮސް ވެރީ އިންފޯމެޓިވް އެންޑް ކެޕްޓިވޭޓިން. ޔޫ މެނެޖްޑް ޓު ޓެލް މީ ޔޯރ ކަންޓްރީސް ޕްރެޑިކަމަންޓް އިން އަ ނަޓްޝެލް. (އަޅުގަނޑު ދަންނަވާލަން ބޭނުން. އަޅުގަނޑަކީ މިފަދަ ޕްރެޒެންޓޭޝަންތައް ދުވަހަކުވެސް ކަމުދިޔަ މީހެއް ނޫން. އަޅުގަނޑު ވައިޓް ހައުސްގައި އުޅުއްވިއިރު (ވެރިކަމުގައި ހުންނެވިއިރު)ވެސް. ވެގެން ވަންޏާ، ޕްރެޒެންޓޭޝަންތައް އަޑުނާހާވޭތޯ ބަލަނީ. އެކަމަކު، ތިޔަ ބޭފުޅާގެ ޕްރެޒެންޓޭޝަން ސަމާލުކަން ދަމައިގަތް. އަދި، އޭގައި މަޢްލޫމާތު މުއްސަނދި. ތިޔަ ބޭފުޅާގެ ޤައުމުގެ ޙާލަތު ވަރަށް ކުރުކޮށް، ފޮނިކޮށް ތިޔަ ގެނެސްދެއްވީ.

ދެން އެއްޗެއް ވިދާޅުވީ ރައީސް ކްލިންޓަން އެވެ. އެމަނިކުފާނުގެ އަތްޕުޅުގައި އަޅުގަނޑުގެ ލުއިފޮތް އޮތެވެ.

ރައީސް ކްލިންޓަން: ނައު، އައި ކެން ޓެލް ޔޫ ދިސް ވިތް ސަމް ސާރޓަންޓީ. ޔޫ މޯލްޑިވިއަންސް ނޯ ހައު ޓު ޕްރެޒެންޓް ސަމްތިންގ އިން ސްޓައިލް. ބިފޯރ ކަމިންގ ހިއަރ، އައި ވިޒިޓަޑް ސްރީލަންކާ. ސޯ ދެއަރ އަފެކްޓަޑް އޭރިއާސް. ދޭ ގޭވް މީ ދެއަރ އިންފޮމޭޝަން ޓޯ. އިޓް ވޯސް އަ ޓަން އޮފް ޕޭޕަރސް. ޕްރެޒިޑެންޓް ބުޝް އެންޑް އައި އާރ ބިޒީ ޕީޕަލް. ދެއަރ އިސް ނޯ ވޭ ވީ ވިލް ރީޑް އޯލް އޮފް ދެޓް. ވީ ވިލް ލީވް ދަ މޯލްޑިވްސް ވިތް އޯލް ދަ އިންފޮމޭޝަން ދެޓް މެޓަރސް. އިޓްސް ނައު އިން މައި ހެޑް. ތޭންކްސް ޓު ޔޫ. (އަޅުގަނޑު ވަރަށް ޔަޤީންކަމާ އެކު އެއްޗެއް ދަންނަވަންތޯ؟ ތިޔަ ބޭފުޅުން (ދިވެހިން)ނަކީ ކަންކަން ވަރަށްވެސް ފުރިހަމައަށް، މޮޅަށް ހުށަހަޅަން ދަންނަ ބައެއް. މިތަނަށް އައުމުގެ ކުރިން، އަޅުގަނޑު ދިޔައީ ސްރީލަންކާއަށް. އެޤައުމުގައި ސުނާމީގެ ސަބަބުން ގެއްލުންވި ހިސާބުތަކަށް ޒިޔާރަތްކުރީ. ސްރީލަންކާ ސަރުކާރުން އަޅުގަނޑަށް އެޤައުމުގެ މަޢްލޫމާތުވެސް ހުށަހެޅި. އެބޭފުޅުން ދެއްވީ އެތައް ބައިވަރު ކަރުދާސްތަކެއް. ރައީސް ބުޝް އާއި އަޅުގަނޑަކީ ބިޒީ ދެމީހުން. ސްރީލަންކާއިން އެދިންހާ ބައިވަރު ކަރުދާސްތައް އަޅުގަނޑުމެންނަކަށް ނުކިޔޭނެ. ނަމަވެސް، ރާއްޖެއިން އެނބުރި ދާނީ މިޤައުމުގެ ޙާލަތާ ގުޅޭ އެންމެ މުހިންމު މަޢްލޫމާތުތަކާ އެކު. އެމަޢްލޫމާތު މިހާރު މިހިރީ އަޅުގަނޑުގެ ސިކުނޑީގައި ބިންވަޅުނެގިފައި. ތިޔަ ބޭފުޅާގެ ސަބަބުން.

އަޅުގަނޑު (އަނެއްކާވެސް): ތެންކް ޔޫ، މިސްޓަރ ޕްރެޒިޑެންޓް! (ޝުކުރިއްޔާ، ރައީސް!)

ރައީސް މައުމޫންގެ މޫނުފުޅުން އުފާވެރިކަން ފެނުނެވެ. ނަމަވެސް، އިތުރު އެއްޗެއް ވިދާޅެއް ނުވެއެވެ.

އެއަށްފަހު، އެދެބޭފުޅުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވެވިއެވެ. ކުރުނބާ ރިސޯޓުގައެވެ. ދުނިޔޭގެ ބޮޑެތި ހުރިހާ މީޑިޔާތަކެއް ހާޒިރުވެ މިބައްދަލުވުން ބެލެހެއްޓީ އަޅުގަނޑެވެ.

ކޮންމެއަކަސް، އުފާވެރި ތަޖުރިބާތަކެކެވެ. އެފަދަ ބޭފުޅުންކޮޅެއްގެ ހެޔޮ ބަސްފުޅުތަކެއް އަދި ތަޢުރީފުގެ ޝުއޫރުތަކެއް އަޑުއިވުމުންނެވެ. ހަވާލުވި ޒިންމާ ރަނގަޅަށް އަދާކުރެވިއްޖެނކަމަށް ޤަބޫލު ކުރެވުނީމައެވެ.

އެދުވަސް އަޅުގަނޑަށް ޚާއްޞަވާ އިތުރު ސަބަބެއްވެސް އެބައޮތެވެ. އެދެބޭފުޅުން ފުރާވަޑައިގަތުމުން، އެރޭ އެނބުރި ގެއަށް ދިއުމުގެ ކުރިން، އަތުގައި ހުރި ލިޔެކިއުންތައް މޭޒުމަތީގައި ބަހައްޓާލަން، ކުޑައިރުކޮޅަކަށް އޮފީހަށް ވަދެލީމެވެ. އޮފީސް މޭޒު ބަލާލުމުން، ލިޔުމެއް އޮތްކަން ފާހަގަވިއެވެ. ހުޅުވާ ބަލާލިއިރު، އަޅުގަނޑަށް ޓްރިޕަލް (ތިން ދަރަޖައިގެ) ޕްރޮމޯޝަނެއް ލިބުނުކަމުގެ ޗިޓެވެ.

* ތިން ބަޔަށް ބަހާލެވުނު މި ސިލްސިލާ ހުށަހެޅުން މިހިސާބުން ނިންމާލީއެވެ. ބޭނުންތެރި މަޢްލޫމާތުތަކެއް ހިމަނާލެވުނުކަމަށް އުންމީދުކުރަމެވެ. އަޅުގަނޑުގެ އިޚްލާސްތެރި ދުޢާއަކީ، މާތް ﷲ، ޤުދުރަތީ ބޮޑެތި ކާރިސާތަކުން މިދިވެހި ޤައުމު މުސްތަޤްބަލުގައި ރައްކާތެރިކުރެއްވުމެވެ.

މިސިލްސިލާ މަޒުމޫނަށް އަޅުގަނޑު 'ސުނާމީ ބޭބެ' މިނަން ދިނީ ކީއްވެތޯ ބައެއް ކިޔުންތެރިންގެ ހިތްޕުޅުގައި ސުވާލު އުފެދިދާނެތީ، އެކަން ސާފުކޮށް ދަންނަވާލާނަމެވެ. ސުނާމީއަށް ފަހު ރައްޔިތުންނަށް މަޢްލޫމާތު ދިނުމުގެ ޒިންމާ އަދާކުރީ އަޅުގަނޑެވެ. އެންމެ ޒުވާން ބޭފުޅުން ނޫންނަމަ ހަނދުމަފުޅު ހުންނާނެއެވެ. އެޒަމާނުގައި، މިއަދު މިއޮތްހާ ގިނަ ޓީވީ ޗެނަލެއް ނޯންނާނެއެވެ. އޮންނަނީ ބަންޑާރަ ޓީވީ އެވެ. އެހެންކަމުން، މެދުނުކެނޑި ގިނަ ވަގުތު ޓީވީ ގައި އިނީ އަޅުގަނޑެވެ. ކޮވިޑް ބަލިމަޑުކަމާގުޅިގެން ތަރުޖަމާނު މަބްރޫކް މިދޭތެރެއިން ޓީވީއަށް އެރުއްވި ފަދައިންނެވެ.

އެހެންކަމުން، ސުނާމީ ކާރިސާއަށްފަހު، ވަރަށް ދުވަސް ވަންދެން، ގިނަ ބަޔަކު އަޅުގަނޑާ ގުޅުވަނީ އެކަމެވެ. އެއިރު، އަޅުގަނޑާ މަގުމަގުން ދިމާވާ ކުޑަކުދިން، އެމީހުންގެ މައިންބަފައިން ގާތު ބުނެއެވެ. "މަންމާ، މަންމާ….އެއޮއް ދަނީ ސުނާމީ ބޭބެ"، މިހެންނެވެ. ދުވަސްތަކަކަށް ހަރުލިއެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1962

One Response

  1. މުންދުގެ ކުޅަދާނަކަން ދައްކާލި ލިޔުމެއްތާ! ޔާމީނާއި ދެކޮޅުވެރިވެގެން ހުންނެވިއަސް އެބޭޅާގެ " ދެއްތޯ ؟ " ފިސާރި ރަނގަޅަށްވަނީ ދަސްފުޅު ކުރައްވާފަ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *