ރަޝިއާ ސަރުކާރާ އެއްކޮޅު ހަބަރުތައް ފަތުރާ 17 ޔޫޓިއުބް ޗެނަލް އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނި ގޫގުލްއިން ބްލޮކްކުރުމުން ރަޝިއާގެ ކޯޓަކުން ގޫގުލް 20 ޑެސިލިއަން ޑޮލަރު (20 މިލިއަން ބިލިއަން ބިލިއަން ބިލިއަން ރުފިޔާ)އިން ޖޫރިމަނާކޮށްފިއެވެ.
ގާތްގަނޑަކަށް 90 ޕަސެންޓް މާކެޓް ކޮންޓްރޯލްކުރާތީ، ދުނިޔޭގެ އެންމެ މަގުބޫލު ސާޗް އިންޖީނަކީ ގޫގުލްއެވެ. ނަމަވެސް ގޫގުލްއަށް ނުވަތަ އެހެން ފަރާތަކަށް ވެސް މިއީ ދެއްކޭނެ އަދަދެއް ނޫނެވެ. ސަބަބަކީ ދޭއްގެ ފަހަތަށް 34 ސުމެއް އަންނަ މި އަދަދަކީ ދުނިޔޭގައި ހުރި ހުރިހާ ފައިސާއެއް އެއްކޮށްލުމުން ވެސް ނުބައްދަލު އަދަދަކަށް ވާތީއެވެ.
ދުނިޔޭގައި މި ވަގުތު ހުރި ފައިސާގެ އަދަދަކީ 477 ޓްރިލިއަން ޑޮލަރު (ހަތް މިލިއަން ބިލިއަން ރުފިޔާ)އެވެ. އަދި ދުނިޔޭގެ ހުރިހާ ގައުމެއްގެ އުފެއްދުންތެރިކަން މިދިޔަ އަހަރު ހުރީ 105 ޓްރިލިއަން ޑޮލަރު (އެއް މިލިއަން ބިލިއަން ރުފިޔާ)ގައެވެ.
"މިއީ ހަމައެކަނި ރަމްޒީ ޖޫރިމަނާއެއް. މޮސްކޯ އާބިޓްރޭޝަން ކޯޓުން ހުކުމްކުރި ގޮތަށް، ގޫގުލްއިން ހުރަސްއެޅި ރަޝިއާގެ ޗެނަލްތައް އަލުން ހުޅުވުމަށް ދޭ މެސެޖެއްކަން ގޫގުލްއިން ބަލައިގަންނާނެކަމަށް އުއްމީދު ކުރަން،" ރަޝިއާގެ ރައީސް ވްލަޑިމިއަ ޕުޓިންގެ މީޑިއާ ސެކްރެޓެރީ ޑްމިޓްރީ ޕެސްކޯފް ބުންޏެވެ.
އޭނާ ބުނީ މި ޖޫރިމަނާގެ އަދަދު ކިޔަން ވެސް ނޭނގޭ ކަމަށާއި މި ކަމުން ދޭހަކޮށްދެނީ ގޫގުލްއިން ޔޫޓިއުބްގައި ބްލޮކްކޮށްލި ރަޝިއާގެ ޗެނަލްތައް ނުތަނަވަސްވާ ކަންތައްތަކެއް ހުރި ކަމަށެވެ.
ރަޝިއާގެ ކޯޓުން މި ގޮތަށް ނިންމީ ގޫގުލްއިން ހުރަސްއެޅި ޗެނަލްތައް ގޫގުލްއާ ދެކޮޅަށް ކޯޓުގައި ދައުވާކުރުމުންނެވެ.
ގޫގުލްގެ ވެރިފަރާތަކީ އަލްފަބެޓް ނަމަކަށް ކިޔާ ކުންފުންޏެކެވެ. އެ ކުންފުނިން ވަނީ ރަޝިއާ ދޫކޮށް ގޮސްފައެވެ. ޔޫޓިއުބްގެ ވެރިފަރާތަކީ ގޫގުލްއެވެ.
އަލްފަބެޓަކީ ދުނިޔޭގައި މި ވަގުތު ހުރި އެންމެ މުއްސަނދި ފަސް ކުންފުނީގެ ތެރެއިން ކުންފުންޏެކެވެ. މިލްކިއްޔާތުގައި ދެ ޓްރިލިއަން ޑޮލަރު (30 މިލިއަން މިލިއަން ރުފިޔާ) އެބަހުއްޓެވެ. އެހެންކަމުން ގޫގުލް ޖޫރިމަނާކޮށްފައި މި ވަނީ ކުންފުނީގެ މިލްކިއްޔާތުގެ އަގުގެ 10 ބިލިއަން ޓްރިލިއަން ބޮޑު އަދަދަކުންނެވެ.
ޖޫރިމަނާކޮށްފައިވާ އުސޫލުކީ މި އަދަދު ނުދައްކާ ހޭދަވާ ވަގުތަށް ޖޫރިމަނާ އިތުރުވާ ގޮތަށެވެ. އަދި ޖޫރިމަނާ އިތުރުވާނެ ވަކި ހައްދެއް ވެސް ކަނޑައަޅައިފައެއްނުވެއެވެ.
ގޫގުލްއިން ބްލޮކްކުރި ރަޝިއާގެ 17 ޗެނަލުން ދައުވާކުރީ ގޫގުލްގެ އެމެރިކާ، އަޔަލެންޑް އަދި ރަޝިއާގައި ހިންގަމުންދިޔަ ކުންފުނިތަކާ ދެކޮޅަށެވެ. މި ދައުވާ ފުރަތަމަ ހުށަހެޅީ 2020 ގައި ރަޝިއާއިން ޔޫކްރެއިން ހިފަން ހަނގުރާމަ ފެށުމުން އެމެރިކާއިން ރަޝިއާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ދަށުން ހުޅަނގުގެ ބައެއް ކުންފުނިތަކުން ރަޝިއާއިން ބޭރުވުމާއި ގޫގުލްއިން ރަޝިއާގެ މި ޗެނަލްތައް ބްލޮކްކުރުމުންނެވެ. ރަޝިއާގެ ބައެއް މީޑިއާތައް ޔޫރަޕްގައި ވެސް ވަނީ ބޭންކޮށްފައެވެ.
ޔޫކްރެއިން ހަނގުރާމަ ފެށުމާ ގުޅިގެން ރަޝިއާގެ ރަސްމީ އިދާރާތަކާއި ހުޅަނގުގެ ސޯޝަލް މީޑިއާތަކާ ދެމެދު ވަނީ މައްސަލަޖެހެން ފަށައިފައެވެ. ގޫގުލްއިން ރަޝިއާގައި ހިންގަމުން އައި ސަބްސިޑިއަރީ ކުންފުނި ޖޫރިމަނާކޮށް، ހަރުމުދާ އަތުލުމުން، 2022 ގައި ގޫގުލްއިން ވަނީ އެ ކުންފުނި ބަނގުރޫޓުވެފައިވާކަމަށް ބުނެފައެވެ.
ޔޫޓިއުބާއި ބައެއް އެހެން ސޯޝަލް މީޑިއާތަކުން ވަނީ ރަޝިއާއިން ބޭރުގައި ދިރިއުޅޭ މީހުންނަށް ރަޝިއާގެ ބައެއް މީޑިއާ ނުފެންނާނެ ގޮތް ހަދައިފައެވެ. އެއީ ޔޫކްރެއިން ހަނގުރާމައާ ގުޅިގެންނެވެ. ރަޝިއާއިން ޔޫކްރެއިން ހިފުމަށް ތާއީދުކުރާ 3،000 އަށްވުރެ ގިނަ ޗެނަލް މި އަހަރުގެ ތެރޭގައި ގޫގުލްއިން ވަނީ ބޭންކޮށްފައެވެ. އޭގެ ތެރޭގައި ޔޫކްރެއިން ހިފުމަށް ހިތްވަރު ދޭ ރަޝިއާގެ ސެލެބްރިޓީންގެ ޗެނަލްތައް ވެސް ހިމެނެއެވެ.
ރަޝިއާއިން ދެކޭ ގޮތް ހާމަކުރާ ޔޫޓިއުބް ޗެނަލްތައް ބްލޮކްނުކުރުމަށް ރަޝިއާގެ މީޑިއާ ރެގިއުލޭޓަރު އަދި ސެންސަރު ބޯޑު ރޮސްކޮމްނަޑްޒަރުން ގޫގުލްއަށް ވަނީ އެތައް ފަހަރަކު ގޮވައިލައިފައެވެ. އަދި ރަޝިއާއާ ދެކޮޅު މައުލޫމާތު ފަތުރާ ޔޫކްރެއިންގެ ޗެނަލްތައް ބްލޮކްކުރުމަށް ވެސް ރޮސްކޮމްނަޑްޒަރުން ވަނީ ގޫގުލްއަށް ގޮވައިލައިފައެވެ.
ރަޝިއާއަކީ ނޫސްވެރިކަމުގެ މިނިވަންކަން ނެތް ތަނެކޭ ބުނެވޭ ފެންވަރަށް ހިޔާލު ފާޅުކުރުމާއި މިނިވަން މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފައިވާ ގައުމެކެވެ.