Support Us

ކޮލަމް ދޭހަ

މާލޭގެ ޓްރެފިކްގެ މައްސަލަ ހައްލުކުރެވޭނީ ކިހިނެއް؟

މާލޭގެ ޓްރެފިކްގެ މައްސަލަ ހައްލު ކުރުމުގެ ޤާބިލްކަން ދިވެހި ފުލުހުންނަށް ލިބިގެނެއް ނުވެއެވެ. މަޢާފް ކުރައްވާށެވެ. މިގޮތަށް ދެންނެވީ އެއްގޮތަކަށް ވެސް ފުލުހުންނަށް ކުޑައިމީސް ބަހެއް ބުނުމުގެ ނިޔަތުގައެއް ނޫނެވެ. ޙަޤީޤަތް ހާމަކުރުމުގެ ނިޔަތުގައެެވެ. މާލޭގައި ޓުރެފިކްގެ ކަންތައް ހިނގާ ގޮތަށް ބަލައިފައެވެ. ޓުރެފިކްގެ ޤަވައިދާއި ޚިލާފްވާ މީހުންނާއި މެދު އެޅޭ ފިޔަވަޅުތަކަށް ނަޒަރު ހިންގައިފައެވެ. މާލޭގެ މަގުތަކުގެ ޓުރެފިކް ބެލެހެއްޓުމަށް އަޅާ ފިޔަވަޅުތަކުން މާލޭގެ މަގުމައްޗަށް ބަދަލެއް އަންނަތަން ނުފެންނާތީވެއެވެ.

މާލޭގެ މަގުމަތީގެ ޓުރެފިކް ކަންޓްރޯލު ކުރުމަށް ޤާނޫނު ވެސް ހެދިފައި އެބަހުއްޓެވެ. ހަރުދަނާ ޤާނޫނޭ ދަންނަވަން އުނދަގުލެވެ. ޤާނޫނުން ބާރުލިބިގެން ހެދިފައި ހުރި ޤަވައިދުތައް ވެސް އެބަހުއްޓެވެ. ފިޔަވަޅުވެސް އެޅެއެވެ. އެކަމަކު އެ އެޅޭ ފިޔަވަޅުން ރަނގަޅު ނަތީޖާއެއް ނުކުންނަ ކަމުގައި ދަންނަވަން ޖެހިލުންވެއެވެ. މަގުމަތީގެ ޓުރެފިކްގައި ކުށްކުރާ މީހުންނާއި ބެހޭގޮތުން، ފުލުހުން ޢާއްމުކުރާ ތަފާސްހިސާބުގައި ޤަވައިދާއި ޚިލާފަށް ޕާކްކޮށްގެން އިސްޓިކާ ޖެހޭ ދުއްވާ އެއްޗެތީގެ ޢަދަދު ވަރަށް ގިނައެވެ. ޓުރެފިކްއާއި ގުޅުން ހުރި ތަފާތު ކުށްކޮށްގެން ޖޫރިމޭނާ ކުރެވޭ މީހުންގެ އަދަދު ވެސް އެހާ ގިނައެވެ. މި އަދަދުތަކާ މެދު ޢާއްމު ރައްޔިތުންގެ ތެރެއިން ބައެއް މީހުންގެ ވިސްނުން ހުރީ ވަރަށް ނުކިއްސަރު ގޮތަކަށެެވެ. މިހާ ގިނަ އަދަދަކަށް ޖޫރިމަނާ ކުރެވެނީ ސަރުކާރުގެ އާމްދަނީ އިތުރުކުރަން ކަމަށެވެ. އާމްދަނީ އިތުރުވާ ކަމަށް ބެލެވޭނީ ވެސް ޖޫރިމަނާ ކުރެވޭ ހުރިހާ ފައިސާއެއް ލިބިގެންނޫންތޯއެވެ. ކޮންމެވެސް ފިއްތުމަކާ ހުރެ، ހާލަަތު މަޖުބޫރު ކޮށްގެން ދެއްކޭ ފައިސާ ފިޔަވައި ޖޫރިމަނާ ކޮށްގެން ނުލިބޭ އެހެން ފައިސާގެ މައްސަލަ ޝަރީޢަތް މެދުވެރިވެގެން ހޯދޭ ކަމަށް ވާ ނަމަ އެއީ ދިގު މަރުޙަލާއެކެވެ. ފައިސާ ނުލިބި އެތައް މަހަކަށް ވެސް ދިގުލާފާނެ އެވެ. ނުވަތަ އަހަރުތަކެއް ވެސް ނަގާފާނެ އެވެ. ޝަރީޢަތުން ނިންމާފައި އޮތް ގޮތަށް ފައިސާ ނުދެއްކުމުން އަނެއްކާ ވެސް އެ ޝަކުވާ ކުރުމަށް ވެސް ދާންޖެހެނީ ޝަރީޢަތަށެވެ.

މީރާ އަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުން އެ ތަނުން ފައިސާ ހޯދުމަށް ގެންގުޅުނު އުޞޫލަކީ ބައެއް މީހުން ދެކޭ ގޮތުގައި ސަރުކާރުގެ މުއައްސަސާ އަކުން ގެންގުޅުން ރަނގަޅު އުޞޫލެއް ނޫނެވެ. އެތަނުން ބުނާ މުއްދަތެއްގެ ތެރޭގައި ތަކުރާރުކޮށް އަންގާ އެންގުމަށް ފައިސާ ނުދައްކައިފި ނަމަ ފައިސާ ދައްކަންޖެހޭ މީހާގެ ބޭންކް އެކައުންޓުން މުއާމަލާތު ނުކުރެވޭ ގޮތަށް ހެދި ދުވަސްވަރެއް ދިޔައެވެ. އަދި އެ މީހެއްގެ ނަން އެތަނުން ޢާއްމުކުރާ ގޮތަކަށް ޢާއްމު ވެސް ކުރެވުނެވެ. ޤާނޫނު ތަންފީޒު ކުރާ ފަރާތުން މިގޮތަށް ހޯދާ ފައިސާ އަކީ ބިރުދައްކައިގެން، މާރުވާޑީ ސްޓައިލަށް ހޯދާ ފައިސާއޭ ބުނަން ހެޔޮނުވާނެއެވެ.

އަޅުގަނޑުގެ ރައްޓެއްސަކު ކުޑަ ފަޅުރަށެއްގެ ވަރުވާ އަށް ދައްކަންޖެހޭ ފައިސާ، އޭނާގެ ހިސާބުން ރަށް ދޫކޮށްލިތާ ދެ އަހަރެއްހާ ދުވަސް ފަހުން އެ ފައިސާ މީރާ އަށް ދެއްކުމަށް އެންގިއެވެ. ފައިސާ ދެއްކުމަށް މީރާ އިން އެންމެ ފަހުން ކުރި އިންޒާރުގައި ބުނި ކަމުގައި ވަނީ ފައިސާ ނުދައްކައިފި ނަމަ ބޭންކް އެކައުންޓް ފުރީޒްކުރާނެ ކަމުގައެވެ. އެ ފައިސާ އަކީ ދައްކަންވާ އެއްޗެއްތޯ ނުވަތަ ނޫންތޯ ބެލުމަކީ އެތަނުގެ ކަމެއް ނޫން ކަމުގައެވެ. އަޅުގަނޑުގެ އެކުވެރިއާ އެ ފައިސާ ދެއްކީ ބިރުން ކަމުގައި އޭނާ ބުންޏެވެ. އެންމެ ހަތް ސަތޭކަ ރުފިޔާ އަށް ފަޟީޙަތްވާން ބޭނުންނުވާ ކަމުގައި އޭނާ ބުންޏެވެ. ހަމްދަރުދީ ލިބޭނެ ކަމުގެ އުއްމީދުގައި މި ވާހަކަ އަޅުގަނޑުގެ އެހެން އެކުވެރިއެއްގެ ކައިރީގައި ބުނުމުން އޭނާ ބުނީ "އެ މީހުންގެ އަތުން އެ ނޫން ގޮތަކަށް ފައިސާ ނުހޯދޭނެ" ކަމަށެވެ.

ޖޫރިމަނާ ކުރެވޭ ފައިސާ ހޯދުމުގައި އެހެން މައްސަލައެއް ވެސް ކުރިމަތިވެދާނެއެވެ. އިންތިޚާބެއް ކުރިމަތިވެފައި އޮވެއްޖެއްޔާ އެ އިރެއްގައި އޮންނަ ސަރުކާރަކުން އެ ޖޫރިމަނާއެއް މަޢާފް ވެސް ކޮށްފާނެއެވެ. މާޒީގައި އެހެންވެފައި އެބަހުއްޓެވެ. މިހެންވުމާއި އެކު ޖޫރިމަނާ ކުރެވޭ ހުރިހާ ފައިސާއެއް ސަރުކާރަށް ލިބޭނެ ކަމަށް ބެލުމަކީ މުޅިން ރަނގަޅު ވިސްނުމެއް ނޫނެވެ.

މާލޭގެ ޓުރެފިކްގެ ކަންތައް ހައްލު ކުރުމުގައި ފުލުހުންނާއި ކުރިމަތިވާ އުނދަގޫ މައްސަލަތަކެއް ވެސް އެބަހުއްޓެވެ. ދުއްވާ އެއްޗެތި އެތެރެކުރުމުގައި އެކަށީގެންވާ ކޮންޓްރޯލެއް ނެތުމެވެ. މާލެ ކަހަލަ ކުޑަ ތަނަކަށް ދުއްވާ އެއްޗެތި އެތެރެކުރުމުގައި ހަރުދަނާ ސިޔާސަތެއް ނެތުމެވެ. އަލަށް ކުރެވޭ އިމާރާތްތަކުގައި ޕާކުކުރާނެ ޖާގަ ދީފައި އޮންނަ ކަމުގައި ވިޔަސް އެތަނުން މަގުމައްޗަށް ނެރޭ ދުއްވާ އެއްޗެތި އެ ދާ މަންޒިލަކަށް ދިއުމަށް ފަހު ޕާކްކުރާނީ ކޮންތާކު ތޯއެވެ؟

މާލޭގައި ދުއްވާ އެއްޗެތީގެ އަދަދަށް ބަލާއިރު އެ އެއްޗެތި ޤަވައިދާއި އެއްގޮތަށް ޕާކް ކުރެވޭނެ ޖާގަ މާލޭގައި ނެތެވެ. މާލެ އަކީ އެންމެ ހަތަރު ވަރަކަށް މޭލުގެ ރަށެކެވެ. ރަނގަޅަށް ފަރުމާ ކުރެވިގެން ހެދި ހުޅުމާލޭގެ ފަރުމާ ވެސް މަޑުމަޑުން ރޫޅިގެން ދަނީއެވެ. ރޫޅުމުގެ މަސައްކަތް ފުރަތަމަ ފެއްޓީ ކުރީގެ ސަރުކާރުންނެވެ. ހުޅުމާލޭގެ ޓުރެފިކްގެ ކަންތައް ވެސް މަޑުމަޑުން ބޮއްސުންލަމުން ދަނީއެވެ. މުޒާހަރާކުރާ ރައްޔިތުން ނުކިޔަމަންތެރިވެއްޖެ ނަމަ އެމީހުންގެ ގަޔަށް ބަޑިޖަހާނެ ގޮތް ދެއްކުމުގެ ތަމްސީލެއް ބެލުމަށް ވުރެ ބޮަޑަށް މާލޭގެ މަގުމަތި އަމާން ތަނަކަށް ހަދާ ކުށް ކުރުމުން ދުރު ކުރެވޭނޭ ތަނަކަށް ހެދުމުގެ ފަރުމާއެއް ބަލައިލާން، މާލޭގައި ދިރިއުޅޭ މީހުން މާ ބޭނުނަވާނެއެވެ.

އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނަށް އެންމެ ފަހުން ގެނެވުނު އިޞްލާޙްތަކަކީ ވެސް ރަނގަޅަށް ދެކޮޅަށް ވިސްނާފައި ގެނެވުނު އިޞްލާޙްތަކެއް ކަމުގައި ނުފެނެއެވެ. ރާއްޖޭގައި ހަރުލާފައި އޮންނަ ސަޤާފަތެއްގެ ސަބަބުން ޤާނޫނެއް ތަންފީޒު ކުރާ ބަޔަކަށް ފަސޭހަ އަކަށް ވެސް ދުލެއް ދެވިފައި އޮވެއްޖެ ނަމަ ވަރަށް ގިނަފަހަރަށް އެ ދުލެއްގެ ދަށުން ނާޖާއިޒް ކަންތައްތައް ކުރެވެއެވެ. މިހެންވުމާއި އެކު ޤާނޫނުގެ ތެރޭގައި މައިގަނޑު އުޞޫލުތައް ކަނޑައެޅިފައި އޮންނަން ޖެހެއެވެ. މިސާލަކަށް ދަންނަވާ ނަމަ ކުރެވޭ ޖޫރިމަނާ އާއި ބެހޭގޮތުން ޝަކުވާއެއް ހުށައެޅޭނެ ނިޒާމެއް 90 ދުވަހުގެ ތެރޭގައި ޓްރާންސްޕޯޓު މިނިސްޓްރީން ގާއިމު ކުރެވުނަސް، އެ ނިޒާމުގެ ތެރެއިން ޖޫރިމަނާއެއް ބާތިލް ކުރެވޭނެ މައިގަނޑު ގޮތްތައް ޤާނޫނުގައި ކަނޑައެޅިފައި އޮތުން މުހިއްމެވެ.

ް

ޖޫރިމަނާގެ އަދަދު ދިހަ ހާސް ރުފިޔާ އަށް ވުރެ ބޮޑުވާ ކަމުގައި ވަނީ ނަމަ އެމީހެއްގެ އަތުން ފައިސާ ހޯދުމަށް ކޯޓަށް ދިއުމުގެ ބަދަލުގައި، އެ މީހަކު ލައްވައި މުޖުތަމަޢައަށް ޚިދުމަތެއް ނުވަތަ މަސައްކަތެއް ކުރުވުމަށް ކޯޓު އަމުރަކަށް އެދުމުގެ ބާރު މީރާ އަށް ދީފައި އޮތުމުގެ މަޤްޞަދެއް އޮޅުންނުފިލައެވެ. މީރާ އަކީ ފައިސާ ބަލައިގަންނަ ތަނެވެ. ޖޫރިމަނާގެ އަދަދު ދިހަ ހާސް ރުފިޔާ އަށް ވުރެ ބޮޑުވާނަމަ ފައިސާ ހޯދާކަށް ނުޖެހެއެވެ. ޤާނޫނު ބުނަނީ އެމީހަކު ލައްވައި މުޖުތަމަޢައަށް ކޮންމެވެސް ޚިދުމަތެއް ކުރުވުމަށެވެ. މިކަން ކުރުމަށް ކޯޓު އަމުރަކަށް އެދެން ޖެހެނީ ކިހިނެއްވެގެން ކަމެއް އޮޅުންނުފިލައެވެ. ކޯޓަކީ ވަރަށް މަސައްކަތް ބުރަ ތަނެކެވެ. އެއްވެސް ބޭނުމެއް ނެތި އިތުރު މަސައްކަތެއް ކުރުމަށް އެތަނާއި ހަވާލު ކުރެވުނީއެވެ. ވަކި އަދަދަކަށް ވުރެ ބޮޑުކޮށް ކުރެވޭ ޖޫރިމަނާ ފައިސާގެ ބަދަލުގައި މުޖުތަމަޢަށް ޚިދުމަތް ކޮށްދޭ ގޮތަށް ޤާނޫނުގައި ވާނަމަ މީރާ އާއި ކޯޓު މިކަމުގައި ޝާމިލު ވާންޖެހޭ ބޭނުމެއް ސާފެއްނުވެއެވެ. ކޯޓާ ހަމައަށް ދާންޖެހޭނީ އެ މީހަކު ޚިދުމަތް ކޮށްދޭން ދެކޮޅު ހަދައިފިނަމައެވެ. އެކަން ވެސް ޤާނޫނުން ކަނޑައެޅިދާނެއެވެ. ދެކޮޅު ހަދާ މީހުންނަށް ވަކި މުއްދަތަކަށް "ސަރުކާރުގެ މެހެމާންްނަވާޒީ" ދިނުމަށެވެ.

އަވައްޓެރި ޤައުމެއްގެ ވައިގެ ބަނދަރަކުން އަޅުގަނޑަށް ފެނުނު މަންޒަރެއް ދަންނަވާލާނަމެވެ. ޓުރޮލީތައް ބަހައްޓާފައި ހުރި ތަނުގެ ކައިރީ ހުރި ޒުވާނެކެވެ. އަޅުގަނޑަށް އޭނާއާ ދިމާއަށް ބަލާލެވުނީ އޭނާ ރަކިވެފައި، ބަލަހައްޓައިގެން ހުރި ގޮތުންނެވެ. އަދި ވަރަށް ގިނަ މީހުން އޭނާއާއި ދިމާއަށް ބަލާފައި ހިނިތުންވެފައި ދިޔައެވެ. އޭނާ ލާފައި ހުރި ހެދުމުގެ ބޭރުން ބައެއް މަސައްކަތް ތަކަށް އިރުޝާދު ދޭމީހުން ގަމީހުން ބޭރުން ލާފައި ހުންނަ ކަހަލަ އަތްކެނޑި ޖެކެޓެއް ލާފައި ހުއްޓެވެ. އެ ޖެކެޓުގައި ދެފަރާތުގައި ލިޔެފައި އޮތެވެ. "ކޮމިއުނިޓީ ވަރކް". އެތާނގައި ހުރި މީހަކީ އެ ޤައުމުގައި ވަރަށް މަޝްހޫރު މީހެއް ކަމުގައި ވާހަކަ ދައްކަމުން ދިޔަ ދެމީހަކު ބުނި އަޑު އަޅުގަނޑު އެހީމެވެ.

ރާއްޖެ ކަހަލަ ޤާނޫނު ތަންފީޒު ކުރުމަށް ދޯހަޅި، ސިޔާސީ ބާރުވެރިންނާއި މާލީ ބާރުވެރިންނާ މެދު ޤާނޫނު ތަންފީޒު ކުރުމުގައި ފޮރުވިފައި އޮންނަ ގޮތެއް ގެންގުޅޭ ޤައުމެއްގައި މިކަހަލަ ޤާނޫނެއް ތަންފީޒު ކުރެވިދާނެ ބާވައެވެ؟