ކުރިއަށް އޮތް ފަސް އަހަރަށް ސްޓެލްކޯއިން ކަނޑައެޅި ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާޙުކޮށްފިއެވެ.
މި އަހަރުން ފެށިގެން 2028 އަށް ސްޓެލްކޯ އިން ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ މި ޕްލޭން އިފްތިތާޙުކޮށްފައި ވަނީ އެކަމަށްޓަކައި މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ޕްލޭން އިފްތިތާޙުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ، ޙުސައިން ފަހުމީއެވެ
މި ޕްލޭނަކީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމާ ފަހުމީ ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަށް އަންނަމުން މިދާ ތަރައްގީއާއި ތަހުޒީބާއި، ކުރިއެރުންތަކާ އެއް ހަމަޔަކަށް ކަރަންޓާއި، ފެނާއި ނަރުދަމާގެ ސިނާއަތް ގެންދިއުމަށް ކުރެވެން ހުރީ ކޮން މަސައްކަތްތަކެއްތޯ ބައްލަވައި، އެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރެވިގެންދާނެ މަގުކޮށްޓެވުމަށް ފެއްޓެވި މަސައްކަތްޕުޅުގެ ތެރެއިން، ކުންފުނީގެ ބޯޑުގެ ލަފަޔާއި އިރުޝާދާ އެކުގައި ތައްޔާރުކުރެވިފައިވާ ޕްލޭނެއް ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
"މި ޕްލޭން އެކުލަވާލުމުގައި އަސާސްތަކެއްގެ ގޮތުގައި ބަލާފައިވަނީ ޚިދުމަތުގެ ކުރިއެރުމާއި، ދެމެހެއްޓެނިވިކަން ކަށަވަރުކުރުމާއިއެކު، ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ކަށަވަރު ކުރުން. މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކޮށްފައިވަނީ ކުންފުނީގެ އެކި ދާއިރާތަކުގެ ޓެކްނިކަލް އަދި މެނޭޖިރިއަލް މުވައްޒަފުން ހިމަނައިގެން އެކުލަވާލެވުނު އިލްމީ އަދި ގާބިލް ޓީމަކުން. މި ޓީމްގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ކުންފުނީގެ ސްޓްރެޓިޖިކް ކޮމިޓީގެ ހާއްސަ ބެއްލެވުމާއި އިރުޝާދުގެ ދަށުން،" ސްޓެލްކޯ އިން ބުނެއެވެ.
"މި މަސައްކަތުގެ ތެރެއިން، ކުންފުނި ހިންގުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ އިސްވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްފަހު ކުންފުނީގެ މިޑްލް މެނޭޖްމަންޓްގައި ހިމެނޭ ޔުނިޓް ހެޑުންނާއި އެ މުވައްޒަފުންގެ ދަށުން މަސައްކަތްކުރާ ޓީމުތަކުގެ ޚީޔާލާއި އެއްގޮތަށް ޑިޕާޓްމަންޓްތައް ހިންގުމުގެ ޕްލޭންތައް އެކުލަވާލައި، SAP ގައި ވަނީ ހިމެނިފައި. މި SAP ގައި އެކުލަވާލެވިފައިވާ ފްރޭމްވަރކްގައި ފަސް ސްޓްރެޓިޖިކް އޮބްޖެކްޓިވް، 19 ސްޓްރެޓިޖިކް ގޯލް، 55 ޓާގެޓް އަދި 96 އެކްޝަން ކަނޑައެޅިފައިވޭ. މި ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައި ކޮންމެ ޑިޕާޓްމަންޓަކަށްވެސް އެކްޝަންތަކަކާއި ޓާގެޓްތަކެއް ކަނޑައެޅިފައިވާނެ. އަދި މި ޓާގެޓްތައް ޙާޞިލްވޭތޯ މޮނިޓަރކުރެވޭނެ ނިޒާމެއް ޤާއިމްކުރެވިފައިވޭ."
ސްޓެލްކޯ އިން ބުނީ މިހާރު ތައްޔާރުކުރެވިފާ މިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޤައުމަށާއި ޔުޓިލިޓީ ހިދުމަތްތަކުގެ ސިނާއަތްތަކަށް ކަނޑައަޅުއްވާފައިވާ ހަރުދަނާ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތީންނާއި، ސްޓެލްކޯގެ ސްޓްރެޓެޖިކް ކޮމިޓީގެ ލަފާގެ މަތިން ތައްޔާރުކުރެވި އަދި، ކުންފުނީގެ ބޯޑުގެ ފުރިހަމަ ތާޢީދާއެކު އެކުލަވާލެވިފައިވާ ޕްލޭނެއް ކަމަށެވެ.
މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ މިއަދު ވިދާޅުވީ، ޒަމާނީ ވިސްނުމާއެކު ތައުލީމީ ޒުވާނުން ތައްޔާރު ކުރި މި އެކްޝަން ޕްލޭނަކީ "މުސްތަގުބަލް ކަނޑައެޅުމުގެ ހަރުދަނާ ބިންގަލެއް" ކަމަށެވެ.
"މިފަދަ ޕްލޭނެއް އޮތުމުން ކުންފުނި ހިންގުމަށް އިތުރަށް ފަސޭހަވެ، ކުންފުނީގެ ހުރިހާ ދާއިރާއަކުންވެސް އެއް އަމާޒަކަށް މަސައްކަތްކުރެވި، ހިންގުން ހަރުދަނާކުރެވި، ކުންފުނީގެ މާލިއްޔާއިން ކުރެވޭ ޚަރަދުތަކަކީ ކުންފުނިން އެކަށައަޅާފައިވާ ލަނޑުދަނޑިތަކަށް ވާޞިލްވުމަށް މަގުފަހިވެގެންދާ ގޮތަށް ކުރެވޭ ޚަރަދުތަކެއް ކަމުގައި ވެގެންދާނެ. އަދި ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތި ކުރެވި، ރައްޔިތުންނާއި ކުންފުންޏާއި ދެމުދު އޮންނަ އިތުބާރާއި ގުޅުން އިތުރަށް ރަނގަޅު ކުރެވިގެންދާނެ،" ފަހުމީ ވިދާޅުވިއެވެ.