Support Us

ތާރީހުގެ ތެރެއިން… ނައިބު ތުއްތުގެ ހަޔާތުނާމާ

ނައިބު ތުއްތުއަކީ ދިވެހި އަދަބިއްޔާތު ފިރުކެން ފެށި ދައުރުގެ އެންމެ މަޝްހޫރު އެއް އަދީބެވެ. ކުޅަދާނަ، ހުނަރުވެރި، މޮޅު ޝާޢިރެކެވެ. ދީނީ ޢިލްމާއި ޢަރަބި ބަހުގެ ޢިލްމަށް އަރައި ހުންނެވި ޢާލިމެކެވެ. ދިވެހި ބޭސްވެރިކަމާއި، ނުޖޫމީ ޢިލްމާއި، ދިވެހި ބަހަށް އަރާހުރި އުސްތާޒެކެވެ. އެ މަނިކުފާނުގެ ފުރިހަމަ ނަންފުޅަކީ "އައްޝައިޚުލް ފަޤީޙު މުޙައްމަދު ޖަމާލުއްދީން ބުނު އައްނައިބު އީސަލް މުލަކީ" އެވެ. ބައްޕައަކީ ފުވައްމުލަކު އެޅަތޮށިގޭ މުޙައްމަދު ތަކުރުފާނުގެ ޢީސާ ނައިބު ތަކުރުފާނެވެ. މަންމައަކީ މާލޭ ފުއްލާގެ ދޮންތުގެ މަރިޔަންފުޅެވެ. ނައިބު ތުއްތުގެ ތުއްޕުޅުއިރުގެ ނަންފުޅަކީ "ކުޑަ ތުއްތު" އެވެ.

ނައިބު ތުއްތު އުފަންވީ 1844 ވަނަ އަހަރުގައި ކަމަށް ބެލެވެއެވެ. ނައިބު ތުއްތުގެ ވަރަށް ޅަ ޢުމުރުގައި ބައްޕަ ވަނީ ނިޔާވެފައެވެ. އޭގެފަހުން ނައިބު ތުއްތުގެ މަންމަ ކައިވެނި ކުރެއްވީ އަލްޤާޟީ އިބްރާހީމް ސިރާޖުއްދީނުގެ އަޙުމަދު ބަންޑާރަ ނައިބު މަނިކުފާނާއެވެ. ނައިބު ތުއްތު ބޮޑުފުޅުވީ އަދި އެންމެ ފުރަތަމަ ކިޔަވާ ވިދާޅުވީ ދޮންބައްޕަގެ އަރިހުންނެވެ.

ނާއިބު ތުއްތުގެ ފުރަތަމަ އެދުރުބޭކަލަކީ އަދި ޚާއްޞަކޮށް ރައިވަރުގެ އެދުރުބޭކަލަކީ އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީން ފަނޑިޔާރު މަނިކުފާނެވެ. އެމަނިކުފާނު އަރިހުން ރައިވަރުގެ އިތުރުން ޢަރަބި ބަސް ކިޔަވާވިދާޅުވިއެވެ. މުހިއްބުއްދީން ފަނޑިޔާރު މަނިކުފާނު އަވަހާރަވުމުން ދެން ކިޔަވާ ވިދާޅުވާން ފެށްޓެވީ އަލްޤާޟީ އިބްރާހީމް މަޖުދުއްދީން ފަނޑިޔާރު މަނިކުފާނު އަރިހުންނެވެ. އެދުވަސްވަރު ތުއްތުއަށް ބޮޑު ނާއިބުކަން ދެއްވި އެވެ. އޭގެފަހުން އެއީ "ނައިބު ތުއްތު" އެވެ. މަޖުދުއްދީން އަވަހާރަވި އިރު ތުއްތު ހުރީ ފިޤުހު ޢިލްމާއި، ނުޖޫމީ ޢިލްމަށް ކުރިއަރައި މޮޅުވެފައެވެ.

އަލްޤާޟީ މޫސާ ބަދުރުއްދީން ފަނޑިޔާރު ކަމުގައި ވެސް ބޮޑު ނާއިބަކީ ތުއްތު އެވެ. ފަނޑިޔާރުކަން ދޫކުރައްވައި މޫސާ ފަނޑިޔާރު ތަކުރުފާނު ރަށަށް ވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއް ފަހުން ނާއިބު ތުއްތު ސްރީލަންކާއަށް ވަޑައިގެންނެވި އެވެ. ސްރީލަންކާގެ ބޭރުވެލީގައި އޭރު ހުންނެވި، އަލްޢާލިމުލް ޢައްލާމާ އަލްޢާރިފް ބިﷲ އައްޝައިޚް މުޞްޠަފާ ބިން ބާވާ އާދަމް ރަހިމަހުﷲ ގެ އަރިހުން އަށެއްކަ އަހަރު ކިޔަވާވިދާޅުވިއެވެ. އޭގެފަހުން މާލެ ވަޑައިގެންނެވީ ހިޖުރައިން 1300 (1883މ.) އަހަރުހާ ތަނުގައެވެ.

ނައިބު ތުއްތު ހިޖުރައިން 1303 (1885މ) އަހަރުހާ ތަނުގައި ޙައްޖުވުމުގެ ގަސްތުގައި ސަޢޫދީ ޢަރަބިއްޔާ އަށް ވަޑައިގެންނެވިއެވެ. އަދި ސަޢުދީ ޢަރަބިއްޔާގައި މަޑުކުރައްވައި އިމާމުލް މުތައައްޚިރީން މުފްތިލް ޙަރަމައިނި އަލްޢާލިމް އަލްޢައްލާމާ އަލްޢާރިފްބިﷲ އައްސައްޔިދު އަހުމަދު ޒައިނީ ދިޙްލާން ރަހިމަހުﷲ މިކަލޭގެ ފާނަށް ދަރިވަރުވުމުގެ މާތްކަން ޙާޞިލް ކުރެއްވި އެވެ. މި ދަތުރު ފަހު މާލެ ވަޑައިގެންނެވީ 1887 ވަނަ އަހަރުހާތަނުގައި އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (ކުޑަ ބަންޑާރައިން)ގެ ރަސްކަމުގައެވެ. ނާއިބު ތުއްތު ފަނޑިޔާރުކަމަށް އިސްކުރެއްވީ މި ރަދުންނެވެ. އަހަރެއްހާ ދުވަހު ފަނޑިޔާރުކަން ކުރެއްވުމަށްފަހު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިއުމާ ދެކޮޅު ހައްދަވަމުން ގެންދަވަނިކޮށް އެއްބަސްވުން ނުވަތަ އެ ސިޓީފުޅުގައި ކީރިތި މަހާރަދުން ސޮއިކުރެއްވުމަށް ނިންމެވުމުންނެވެ.

ނައިބު ތުއްތުއަކީ އިސްކޮޅުން މެދުމިނުގެ ހިމަތޮޅި، ބައިމަތި ފުޅާ، ކުލަ ދޮން، ކަޅިރަވަ ތޫނު، ތުނބުޅި ތުނި ބޭފުޅެކެވެ. ހެދުންކޮޅަކީ އަންނަ ފޮށަޔާއި، ހުދު ލިބާހާއި، އިސްތަށިފުޅުގައި އާބުރުރުމާ (ފަސްރޮނގު ރުމާ) އެވެ. އުނަގަނޑުމަތީގައި ސާލު ރުމާލެއް ބަންނަވާފައި ހުރެއެވެ. ނައިބު ތުއްތުއަކީ ދީނާއި ޤައުމު ދެކެ ލޯބިފުޅުވި ޖެހިލުންކުޑަ، ބަސްގަދަ، ނިޔާ ބަދަލުކުރުމެއްނެތް ޙާކިމެކެވެ. ދީނީ ޢިލްމާއި ލިބިވަޑައިގެންފައިވާ އެހެނިހެން ޢިލްމުތައް ފެތުރުއްވުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ނިދުމާއި ކެއިންބުއިން މަދު އަޑުމަޚުރަޖުގައި ތޫނުފިލި ބޭފުޅެކެވެ. އެމަނިކުފާނުގެ ހުންނަ ގޮތްދޫނުކުރެއްވުމާއި ސިޔާސީންގެ ވިސްނުމާއި ފިކުރަށް ދީލާނުލެއްވުމުގެ ނަތީޖާއެއްގެ ގޮތުން ދެ ފަހަރެއްގެ މަތީން އަރުވާލިއެވެ. އަވަހާރަ ވީ ވެސް އަރުވާލައިފައި ހުންނަވަނިކޮށެވެ.

ފުރަތަމަ އަރުވާލީ އިނގިރޭސީން ދިވެހިރާއްޖެ އެބައިމީހުންގެ ހިމާޔަތުގެ ދަށަށް ގެންދިއުމަށް ކުރި މަސައްކަތަށް ދެކޮޅު ހެއްދެވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ކުޑަބަންޑާރައިންގެ ރަސްކަން ނިމި ނޫރައްދީން ބަންޑާރައިންނަށް ދެވަނަ ފަހަރަށް ރަސްކަން ލިބިވަޑައިގަތުމުން 1888 ވަނަ އަހަރު އަރުވާލެއްވި ބ. ފެހެންދުއަށެވެ. ދެވަނަ ފަހަރު އަރުވާލީ އައްސުލްޠާން ޙާޖީ ޢިމާދުއްދީނުގެ ރަސްކަން އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނަށް ބަދަލުކުރުމުން ރަސްކަލަކު ދީނާއި ދުނިޔޭގެ ހަމަތަކުން ޢަޒުލުނުކޮށް އަލުން މީހަކު އިސްކުރުމަކީ ހުއްދަނުވާނެ ކަމަށް ވިދާޅުވެގެންނެވެ. ޝަމްސުއްދީނުގެ ރަސްކަމުގައި ހިޖުރައިން 11 ޛުލްޙައްޖާ 1321 (28 ފެބުރުވަރީ 1904) ގައި ނައިބު ތުއްތު އަރުވާލީ ދ. މާއެނބޫދޫއަށެވެ.

ނައިބު ތުއްތު އަރިހުން ވަރަށް ގިނަ ބޭފުޅުންތަކެއް ކިޔަވާ ވިދާޅުވިއެވެ. އޭގެ ތެރެއިން އެންމެ އިސް ދަރިވަރަކީ ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނެވެ.

ނައިބު ތުއްތުގެ ޤައުމީ ޚިދުމަތްތަކުގެ ތެރޭގައި ނައިބު ތުއްތު އިސްވެ ހުންނަވައި އަލްޤާޟީ ޙަސަން ތާޖުއްދީނު ޢަރަބި ބަހުން ލިޔުއްވި ތާރީޚު ފޮތް ދިވެހިބަހަށް ގެންނެވުމާއި، ދީނުގެ އިބާދާތު އުގަންނަވައިދެއްވުމުގެ ގޮތުން ލިޔުއްވި "ކުޑަތަރުތީބު" (ތަރުތީބުއްޞަލާތު) އާއި "މެދު ތަރުތީބު" (ފަތުޙުލްމަލިކުލް އައްލާމު) ހިމެނެއެވެ. އަދި އަފްޟަލުލް މަރާބިޙު (ފާތިޙާ ފޮތް) އާއި ތަޤުވީމުއްލިސާނު (ޅެންބަހުން އޮތް ބަހުގެ ޤަވާޢިދުފޮތް) އާއި ތާނަ ލިޔުމުގެ ޤަވާޢިދު ހިމެނެއެވެ. މީގެއިތުރުން ލިޔުއްވި މަޝްހޫރު ރައިވަރުތަކުގެ ތެރޭގައި ދަގަނޑުދަހަނާ، މުޑަނުފޮތް، ސުއްކަތުރާ ޚަބަރު (ޚަބަރުފޮތް) ލަކުޑިފޮތް، ރާޒުވާފޮތް، ފަހުޒަމާން، އަފްލާތޫނުފޮތް، ސުވޭހުއަކުރު، ނަމެއްނެތި، ސިއްކަ މޮހޮރީ ހިނެއެވެ. އަދި ބަނޑޭރި ޙަސަންމަނިކުފާނު ހެއްދެވި ދިޔޯގެ ރައިވަރުބައިގެ ޝަރަޙަ ކުރެއްވުމަކީ ދިވެހި އަދަބަށް ނައިބު ތުއްތު ކޮށްދެއްވާފައިވާ ވަރަށް އަގުހުރި މަސައްކަތްޕުޅެކެވެ.

ނައިބު ތުއްތު އަވަހާރަވީ 63 އަހަރުފުޅުގައި ހިޖުރައިން 22 ރަމަޟާން 1325 (30 އޮކްޓޫބަރު 1907) ގައެވެ. ފަސްދާނު ލެވިފައިވަނީ ދ. މާއެނބޫދޫގައެވެ.

 

ރިފަރެންސް:
ބޮޑުފެންވަޅުގޭ ސީދީ.(1992). ކަންޒުލްއަދަބު-މަލަސް 40. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު
އަޙްމަދު ޝަފީޤު. (1997). ޢިލްމީ ޚިދުމަތްތެރިން-1. މާލެ، ދިވެހިރާއްޖެ. މުދައްރިސުންގެ ތަޢުލީމީ މަރުކަޒު

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *