Support Us

ރައީސްގެ ނިއުޔޯކު ދަތުރުފުޅަށް ހަރަދުވީ 2.5 މިލިއަން ރުފިޔާ

އދ.ގެ އާއްމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅަށް ދައުލަތުގެ ބަޖެޓުން ހަރަދުވީ 2.5 މިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އދ. އާއްމު މަޖިލީހުގައި 79 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 20 އިން 29 އަށް ރައީސް ޑރ. މުއިއްޒު ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ތަފްސީލް ހަރަދު ހާމަކުރުމަށް ރައީސް އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނީ "މިފަހަރު ދަތުރުފުޅަށް ދިވެހި ސަރުކާރުން ހޭދަކޮށްފައި ވަނީ 2،455.583.02ރ." ކަމަށެވެ.

މިދިޔަ ރިޔާސީ ދައުރުގައި އދ.ގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެންފައިވަނީ 2019 އާއި 2021 ގައި އެވެ. އަދި 2019 ގެ ސެޕްޓެމްބަރު 21 އިން 30 އަށް ރައީސް ސޯލިހް ކުރެއްވި ދަތުރުފުޅަށް ދިވެހި ސަރުކާރުން 4،171،832.42ރ ހަރަދުކޮށްފައިވާކަން ރައީސް އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.

"ވީމާ މިފަހަރުގެ ދަތުރުފުޅުގައި ސަރުކާރުން ކުރި ހަރަދު ވަނީ މީގެ ކުރީގެ ދެ ފަހަރާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން ކުޑަކުރެވިފައި،" ރައީސް އޮފީހުން ބުންޏެވެ.

ރައީސް ޑރ. މުއިއްޒުގެ މި ދަތުރުފުޅަށް އދ.ގެ އާއްމު މަޖިލީހުގައި ކުރެއްވި ތަގުރީރަށް ރާއްޖޭގެ މީޑިއާ އާއި ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިފައިވާކަން ރައީސް އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.

އދ. ގެ ސެކިއުރިޓީ ކައުންސިލްގައި ރާއްޖޭގެ ރައީސަކު ތަގުރީރުކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.

ރައީސް ޑރ. މުއިއްޒުގެ މި ދަތުރުފުޅުގައި ސަމިޓް އޮފް ދަ ފިއުޗާގައި ބައިވެރިވެވަޑައިގެން، މުހިންމު މަޝްވަރާތަކުގެ ރިޔާސަތު ބަލަހައްޓަވާފައިވެ އެވެ.

މީގެ އިތުރުން އދ.ގެ އާއްމު ބައްދަލުވުމުގެ ހަވާސާގައި އެކިއެކި ދައުލަތްތަކާއި ގައުމުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާ ބައިލެޓްރަލް އަދި މަލްޓިލެޓްރަލް މަޝަވަރާތައް ކުރައްވާފައިވާކަން ރައީސް އޮފީހުން ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން ޕްރިންސްޓަން ޔުނިވާސިޓީގައި ތަގުރީރު ކުރައްވައި، ދަރިވަރުންނާއި މުދަރިއްސުންނާ ރައީސް ވަނީ ބައްދަލުކުރައްވާފަ އެވެ. އަދި ނިއުޔޯކްގައި ހުންނަ ގޫގުލްގެ އޮފީހަށް ވަޑައިގެން ރާއްޖެއަށް ބޭނުންވާ މުހިންމު ކަންކަމާ މެދު މަޝްވަރާކުރައްވާފައިވެ އެވެ.

މީގެ ކުރިން ރާއްޖޭގެ ރައީސުން ދަތުރުކުރައްވަމުން ގެންދަވަނީ ފަސްޓް ކްލާސްގައި ނަމަވެސް މި ދަތުރުފުޅުގައި ރައީސް ޑރ. މުއިއްޒު މިފަހަރު ނިއުޔޯކަށް ދަތުރުކުރައްވާފައިވަނީ ބިޒްނަސް ކްލާހުގަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *