Support Us

ވާހަކަ: ލޯބި ފުވައްމުލަކުން

އަހަރެމެން ދަތުރުކުރި ކުޑަ ދޯނި ރާޅުތަކުގެ ތެރޭން ދަމާ ގެނެސް އެ ރީތި ޖަޒީރާގެ ހުދު ދޮންވެލިގަނޑަށް އެހެލީ ހޫނު މެންދުރެއްގައެވެ. އެކަމަކު ފިނި ވައިރޯޅިތަކުން އަހަރެންގެ ގައިގައި ފިރުމާލަމުން ދާތީ އެ ހޫނުކަމެއް އިހްސާސެއް ނުވެއެވެ. މާ ގިނަ ވިލާތަކެއް ނެތް ނޫ އުޑުމަތީގައި އިރު ހުރީ ސީދާ ބޯމަތީގައެވެ. ރާޅު ބިންދާ ފަރު އޮތީ ގޮނޑުދޮށާ ދާދި ކައިރީގައެވެ. އެހެންކަމުން ފަޅުތެރޭން އަންނަ އެކިވަރުވަރުގެ ރާޅުތައް ސީދާ އެ ހުދު ދޮންވެލިގަނޑަށް ބިންދަމުން ދެއެވެ. ބިޔަ މާ ކަނޑު އޮތީ އަތްޖެހޭ ފަށުގައެވެ.

ކަނޑު ކޮންމެވެސް ވަރަކަށް ގަދަވުމުގެ ސަބަބުން ރާޅުތައް ފުރޮޅެމުންދާއިރު އެ ރާޅުތަކުގެ މަތީ ކައިރިފަށުގައި ހުދު ފޮނުތަކެއް އުފެދި ބުރައިގެންދާތަން ފެނެއެވެ. އެކި ދިމަދިމާއިން ބިއްލޫރި ކޮޅުތަކެއް ފަދައިން ކުދި ބާނިތައް ދިއްލެމުން ގެއްލެމުން ދެއެވެ.

ރަށުތެރެއަށް އެރުމުން ކަނޑުމަތީގައި އެ ކުރެވުނު ދަތުރުގެ ބިރު ފިލައިގެން ދެއެވެ. ވަކިން ޚާއްސަކޮށް ފަރުމަތީގައި ހުރި ވަރުނުލާ ރާޅުތަކުގެ ތެރޭން ދޯނި އެއްގަމަށް އެރުވި ވަގުތުގެ ބިރުވެރިކަމެވެ.

ފެހި ނާރިނގު ގަސްތަކާއި ލުނބޯ ގަސްތައް ކަނޑުން އަންނަ ވައިރޯޅީގައި މަޑުމަޑުން ހެލެމުން ދިޔައިރު، ރަށުތެރޭން އިވެމުން ދިޔައީ އެ ގަސްގަހުގެ ފަތްތަކުން އަހަރެމެންނަށް މަރުހަބާގެ ރާގުތައް ކުޅެދެމުން ދާ އަޑެވެ.

މިއީ އަހަރެން ފުވައްމުލަކަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރު ކަމުން އަހަރެންގެ ވަށައިގެންވާ ގުދުރަތީ ރީތިކަން އަހަރެންގެ ހިތަށް ވަދެގެން ދިޔައިރު އަހަރެންނަށް ލިބުނީ ހައިރާންކަމާއި އާޝޯޚު ކަމުގެ އިހުސާސެކެވެ. މި ރީތި ރަށުގެ ވާހަކަތައް އަހަރެންނަށް އަޑުއިވިފައިވީ ނަމަވެސް، މިތަނުން ފެންނަ މި ހިތްގައިމުކަން އެއިން އެއްވެސް ވާހަކައަކުން ތަސައްވަރުކޮށްދީފައެއް ނުވެއެވެ. އެއީ ހުވަފެނެއްގެ ތެރެއަށް ވަދެވިގެންދިޔަ ފަދަ އިހުސާސެކެވެ. މުލަކަކީ ހަމަ ހަގީގަތުގައިވެސް އިންޑިއާ ކަނޑުގެ ދެވަނައެއްނުވާ ޖަވާހިރެކެވެ.

ގެއްމިސްކިތް މަގުން މަޝްހޫރު ތޫނޑެ ވެލިގަނޑަށް އަހަރެން ފައިބައިގެން ދިޔައިރު، ރަށު މީހުން ހިތްހެޔޮކަމާއެކު މަރުހަބާ ކިޔައި ހިނިތުންވަމުންދާތަން އަހަންނަށް ފާހަގަކުރެވުނެވެ. ހީވީ ހަގީގަތުގައި ވެސް އެ ހޫނުކަމާއި އޯގާތެރިކަމުގެ ސިހުރު އަހަރެންގެ މައްޗަށް ގަދަކޮށްފިހެންނެވެ. އެމީހުން އަހަންނާ މެދު ބެހެއްޓި ގާތްކަމުން ސުވަރުގެއެއް ފަދަ ހިތް ފަސޭހަ މިރަށުގައި އަހަންނަކީ ބީރައްޓެއްސެއް ކަމުގެ ކުޑަވެސް އިހުސާސެއް އަހަންނަކަށް ނުކުރިއެވެ.

މި ރަށް ކިތަންމެ ހިތްގައިމަކަސް މިރަށުގައި ޖެޓީއެއް ހެދޭނެ ގޮތެއް ވެސް ނޯންނާތީ ކޮންމެ ކޮންމެ ދުވަސްވަރެއްގައި މިރަށަށް އައިސް ގޮސް ހެދުމަކީ ވަރަށްވެސް ގޮންޖެހުން ބޮޑު، ނުރައްކާތެރިކަމެކެވެ. އެހެންނަމަވެސް ފަރުބޭރުގައި ކިތަންމެ ރާޅު ގަދަޔަސް ކޮންމެވެސް ގޮތަކުން ރަށު ރައްޔިތުން އަވަސް އަވަހަށް ގޮސް މިރަށަށް ޒިޔާރަތް ކުރާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، ރާޅުތައް ހުރަސްކޮށް ދޯންޏާ އެކު އެއްގަމަށް އަރުވައިދެއެވެ. އެ ހުރިހާ ކަމެއްގެ ފަހަތުގައި އޮތީ ސާދާކަމާއި އެހީތެރިކަމެވެ. އެ ނުރައްކާތެރި ކަމުގެ ތެރޭން ރަށުމީހުން އަހަރެމެން ރައްކާތެރިކަމާއެކު އެމީހުންގެ ޖަޒީރާއަށް ގެނެސްދީ މަރުހަބާ ކިޔައެވެ.

ރަށުތެރޭގައި އުޅެމުން ދިޔައިރު، މުލަކުގެ ރީތި އަންހެން ކުދީން، މި ރަށަށް ޒިޔާރަތް ކުރާ ފިރިހެން ކުދީންގެ ހިތް އަތުލައިގަންނަމުން ދިޔައެވެ. އެ ކުދީންގެ ގުދުރަތީ ރީތިކަން ފެނުމުން ނޭވާލާން ވެސް ހަނދާނެއް ނުހުރެއެވެ. ރަންކުލައިގެ ލޯލިތައް ވިދަމުންދާ ދޮން މުލައްދަނޑިތަކާއި ކަންހުޅިތަކުގައި ބީހިލާން ކެތް މަދުވެއެވެ. ހިނގާފައި ދާއިރު އެ ރީތި ބައްޓަންތަކަށް ގެންނަ ހަރަކާތަކުގައި ދަގައްފާނު ފަދަ ދަމައިގަންން ބާރެއް ހުރެއެވެ. ލޮލުގެ ހިމަކޮޅުން ބަލައިލާ ކަތި ގޮތަކުން ފަރިޝްތާއިން ވެސް ކަކުލުހުޅުން ދޫވާނެކަން ޔަގީނެވެ. އަހަރެން ފަކީރުގެ ހިތް ވެސް އެއްގަމަށް އަރުވާފައިވާ މަހެއްހެން ތެޅިފޮޅެމުން ދިޔައެވެ.

އެއީ އެފަދަ ފަރި ހިނގުމެއްގައި ދަމުން އެންމެ ފުރަތަމަ ކަތި ނަޒަރަކުން އަހަންނަށް ބަލައިލި ކުއްޖާއެވެ. އަހަރެންނަށް މިހާތަނަށް ފެނުނު އެންމެ ރީތި އަންހެން ކުއްޖާއެވެ. ގޮނޑުދޮށުން، ބިއްސާވެލިމަތިން އޭނާ ހިނގަމުން ދިޔައިރު، ފުރަގަހުގައި އޮތް ދިގު، ކަޅު އިސްތަށިގަނޑު ކަޅުވިލާގަނޑެއް ފަދަ ހަރުފައެއްހެން ގުދުލަމުން ދިޔައެވެ. އޭނާގެ ނާޒުކު، ޝަރަފުވެރި ހަރަކާތްތައް ފެނި އަހަރެން ސިހިގެން ދިޔައެވެ. އަހަރެން ހުރީ މުޅިން ގަނޑުވެފައެވެ. އޭނާއާ ދުރަށް އަހަރެންގެ ނަޒަރު އަނބުރާލަން ނޭނގިފައެވެ.

އަހަރެންގެ ހަމައިން ނެއްޓިފައިވާ ހިތުގެ މައްޗަށް ބާރު ފޯރުވަމުން އޭނައާ ކައިރިވެލީމެވެ. އަހަރެންގެ އަތްތިލަ ފިނިވެ، ކަރުތެރެ ކުއްލިއަކަށް ހިކިގެންނެވެ.

"އެކްސްކިއުޒް މީ،" އަހަރެންގެ ދުލުން މިހެން ބޭރުވި ގޮތެއް ވެސް ނޭނގުނެވެ.

"ތިޔައީ ކިހާ ރީތި ކުއްޖެއްކަން އަހަންނަށް ފާހަގަކުރެވޭ. އެކަމަކު އަހަންނަކީ މި ރަށަށް އަލަށް އައި މީހެއް. އަހަންނަށް ތި ކުއްޖާގެ މި ރީތި ރަށް ދައްކާލަ ދީފާނަންތަ؟"

އަހަންނާ ކުރިމަތިލާން އެނބުރިލިއިރު އޭނާގެ ލޮލުގައިވާ ހޫނުކަމާއި އޯގާތެރިކަން އަހަރެންގެ ހިތް ގައިދުކޮށްލިއެވެ.

"ހާނ، އަވަހަށަ ހިނގާ ބަލަންނަ އެންނަ،" އޭނަގެ އަޑު ނުހަނު މަޑުމައިތިރިއެވެ. އަދި އެހެން ބުނީވެސް އެހާ ހިތްގައިމު ރާގެއްގައެވެ.  "ތިކަން އަވަ އުފަލުން ކެރަންނަން."

އޭނާ ހުއްޓި އިސްވެ ސަލާމް ކުރަން އަތްދިއްކޮށްލިއެވެ. "މަށަހަ ކޭނީ ލީލާ."

"އަހަރެންގެ ނަމަކީ ޝައިމަން،" އަހަރެން އޭނާ ދިއްކުރި އަތުގައި ހިފާލަމުން ބުނީމެވެ.

އެ ވަގުތުން ފެށިގެން އަހަންނާއި ލީލާއާ ރައްޓެހިކަން އުފެދި އޭނައާ އެކު އަހަރެން މި ރަށުގެ ރީތި މަންޒަރުތައް ބަލަން ހިނގައިގެންފީމެވެ. އޭނާ މި ރަށުގެ ރީތި ކުޅިތަކާއި ފެންފެންގަނޑު ދެއްކިއެވެ. އަދިވެސް އިތުރު އާސާރީ ތަންތަން ބަލަން އެކުގައި ހިނގާ އުޅުނީމެވެ. މިއީ ބޮޑު ރަށެއް ކަމުން އެއް ދުވަހަކުން ހުރިހާ ތަނެއް ބަލައެއް ނުލެވުނެވެ. އޭނާ އަހަރެން ގޮވައިގެން އޭނާގެ ގެޔަށް ގޮސް މައިންބަފައިންނާ ބައްދަލު ކުރުވިއެވެ. އެމީހުން އެއީ އަހަރެންގެ ވެސް މައިންބަފައިންނަށް ވުރެންވެސް ގާތް، ހިތްހެޔޮ ބައެއް ކަމަށް ފެނިގެން ދިޔައެވެ. ހުރިހާ އިރަކު އެ ގެޔަށް ކެއުމަށް އައުމަށް އެމީހުން އަހަންނަށް ދައުވަތު ދިނެވެ.

"ރަށި އެތެރެ ބަލާ ނިމީގެން މިގެށަ އަރާމު ކެރަންނަ އެންނޭތި،" ލީލާގެ މަންމަ މިހެން ބުނީ ވަރަށްވެސް ގާތް ގޮތެއްގައެވެ.

މި ރަށުގައި އަހަރެން ކުރީގައި ހީވެސް ނުކުރާ ކަހަލަ ގަސްގަހާގެއްސާއި އަޖައިބު ކުރުވަނިވި އޮޅުތަކާއި ފެންގަނޑުތައް ހުއްޓެވެ. ބަނބުކެޔޮ ގަސްތަކާއި ނާރިނގު ގަސްތަކާއި ލުނބޯ ގަސްތައް ބައިވަރެވެ. އަދި އެކި ބާވަތުގެ މާމެލާމެލި ގަސްތައް ވަރަށް ގިނައެވެ.

ލީލާ އަހަންނަށް މަލުގެ ބަހުރުވަ ދަސްކޮށް ދިނެވެ. ފަސްފިޔަ މަލެއް މީހަކު ދީފިނަމަ އޭގެ މާނައަކީ ފަހެއް ޖަހާއިރު ބައްދަލުކުރަން އަންނާށޭ އެވެ. ލުނބޮއެއް ދީފިނަމަ އެބުނަނީ ލޯބިވެއެވެ. ފޭރެއް ދީފި ނަމަ އެ ބުނަނީ ފިރިއަކަށް ވާށޭއެވެ.  އިރަމަލަކާއި އަންނާރެއް ދީފިނަމަ އޭގެ މާނައަކީ އިރާދަކުރެއްވިއްޔާ އަންނާނަމެވެ. މިއީ އަހަންނަށް މުޅީންވެސް އާ ކަންތަކެވެ. ލީލާއާ ދިމާނުވި ނަމަ މިކަހަލަ ސިއްރުތައް އަހަންނަށް ނުވެސް އެނގޭނެޔޭ އަހަރެންގެ ހިތަށް އެރިއެވެ.

މުލަކަކީ ކުރީގައި ހީކުރި ވަރަށް ވުރެން ބޮޑު، ބިޔަ ރަށެކެވެ. އެހެންވެ އެންމެ ދުވަހަކުން ހުރިހާ ތަނެއް ބެލޭ ވަރެއް ނުވިއެވެ. އެހެން ކަމުން މާދަމާ ބަންޑާރަ ކިޅިއާއި އެނޫން ތަންތަންވެސް ބަލަން ދާން ނިންމާފައި އަހަރެން އެނބުރި ދިޔައީއެވެ.

އަހަރެން ހެނދުނުގެ ސައި ބުއީ ލީލާގެ ގެއިންނެވެ. ކަރައްޔަ ގަނޑުވަރުންނެވެ. އެއީ މަސްވެރިކަން ދަށް ދުވަސްވަރެއް ނަމަވެސް އެ ގޭގައި ތަފާތު ބާވަތްބާވަތުގެ ގުޅަ، ކުޅި ބޯކިބާ، ފޮނިބޯކިބާ ފަދަ ހެދިކާތައް ހުއްޓެވެ. އަހަންނަށް މީރީ ފޮނި ކާ އެއްޗެއްސެވެ. އުޅާއްޔާއި ނާރޯއްފަލުދަ އަކީ އަހަންނަށް އެންމެ މީރު ކާނާއެވެ. މިގޭން ލިބުނު ފޮނި ކާޖާ ހާ މީރު ކާޖާއެއް އަހަރެން ކޭ ހަނދާނެއް ވެސް ނެތެވެ.

ސައި ތައްޔާރު ކުރީ ލީލާއެވެ.

އެ ދުވަހު ރަށުތެރެ ބަލަން ނުކުތް އިރަކު ވިއްސާރައެއް ނެތެވެ. އެކަމަކު މާލެގަމި ކިޅިއާ ހަމަޔަށް ދެވުނު ތަނާ ހުޅަނގު ފަރާތުން ނެގި ވިލާގަނޑު ބޯމައްޗަށް އުފުލިއްޖެއެވެ. އެއާ އެކު ވާރޭގެ ބޮޑެތި ތިކިތަކެއް އޮހިގަތެވެ. އަހަރެމެން އަވަސްއަވަހަށް ދުވެ ގޮސް ކައިރީގައި ހުރި ފަން ޖިފުޓިއެއް ކަހަލަ ތަނަކަށް ވަދެއްޖައީމެވެ. އެއާ އެކު ހީވީ އެ ވިލާގަނޑު ބިންމައްޗަށް އޮހިގަތީ ހެންނެވެ. އަހަންނާއި ލީލާ އެކަކު އަނެކެއްގެ ހިމާޔަތް ހޯދަމުން އެތާ ހުރި ލަކުޑިގަޑެއްގައި ލެނގިގެން ތިބެއްޖައީމެވެ. ލަކުޑިގަނޑަށް ވުރެން ބޮޑަށް އަހަރެމެންނަށް ލެނގިގެން ތިބެވުނީ އެކަކު އަނެކެއްގެ ގައިގައެވެ.

ވާރޭ އޮހިގަތްލެއް ބާރުކަމުން އެ ފަން ފުރާޅެކޭ ފުރޭންޏެކޭ އެއްފަދައެވެ. ނުވެހޭ ހުރީ މަދު ތަންކޮޅެކެވެ. އަހަރެމެންނަށް ތިބެވުނު ދިމާ ތަންކޮޅެއް ތައްކަތެވެ. ވަށައިގެން އޮތީ އަނދިރިކަމެވެ. ވާރޭގެ އަޑު ނޫން އަޑެއް ނީވެއެވެ.

މިއާއެކު ކުރީގައި ހީކުރެވިފައި ނެތް އެހެން ކަމެއް ވާންފެށިއެވެ. ފެންބަރުވެފައިވާ އެ ވިލާގަނޑުން ފެން އޮހިގަތް މިސާލުގައި އަހަންނާއި ލީލާއާ ދެމެދު ލޯބީގެ ޝުއޫރުތަކެއް އުފެދި ބަންޑުންވާން ފަށައިފިއެވެ. ރޯވެ ދޮންވެފައިވާ އަވަނެއްގެ ތެރޭގައި އުއްގަނޑެއް ވިރިގެން ދާ ފަދައިން އެ ލޯބި އަހަރެމެންގެ ހިތުގައި ވިރިގެން އޮހޮރިގެންފިއެވެ. ވެހެމުން ދިޔަ ބޯ ވާރޭތެރޭގައި އަހަރެމެން ހަގީގަތުގައި ހީވެސް ނުކުރާ ފަދަ ލޯބީގެ ތޫފާނެއް އުފެދުނެވެ. އޭގައި އަހަރެމެން ދެމީހުންވެސް އަނދައި ހުލިވިއެވެ. އަހަރެންނަށް ދުވަހަކުވެސް ނޭނގޭ ފަދަ ލޯތްބަކާއި އެދުންވެރިކަމުގެ އުދަރެހެއް އިހުސާސް ކުރެވުނެވެ.

ލީލާގެ ލޮލުން ވިދަމުން ދަނީ އަސްލު ލޯތްބެއްގެ ތޫނު ވިދުވަރުތަކެވެ.

އެ ވެހުނު ވާރޭގައި މުޅި ރަށުގައި ފެންބޮޑުވެގެން ދިޔައެވެ.

އަހަރެމެންނަށް ގެޔަށް ދެވުނީ މެންދުރުންވެސް އެނބުރި ފަހުންނެވެ. ބައެއް ފަހަރު ކަކޫތާ ފެނުގައި، ބައެއް ފަހަރު އުނަގަނޑުތާ ފެނުގައި ވެސް ހިނގަން ޖެހުނެވެ. ރުއްތަކުގެ ތެރޭން އަހަރެމެން އައި މަގު މިހާރު ފެންނަން ވެސް ނެތެވެ. އެހެން ކަމުން އަހަންނަކަށް ލީލާ ވީތަނެއް، އުޅޭ ހާލެއް ވެސް ބަލައެއް ނުލެވެއެވެ. އެކަމަކު ހަމަ ލޮލަށް ނުފެނުނެއް ކަމަކު ދެހިތް ދެހިތުން އަބަދާއި އަބަދު ލޯބީގެ ސިގްނަލްތައް ލިބެމުން ދެއެވެ. އެ ދުވަހު ހިނގި ހުރިހާ ކަމެއް ރިވައިންޑުވެ ޕްލޭވަމުން ދިޔައެވެ.

ދެ ދުވަހެއްގެ ތެރޭގައި އަހަރެމެން އައި ބޯޓު ފުރަން ތައްޔާރުވެއްޖެއެވެ. އެހެންކަމުން ފުރުމުގެ ކުރީގައި ކިތަންމެ ހަނިގޮތަކަށް ނަމަވެސް ލީލާއާ ބައްދަލުކުރާނެ ފުރުސަތު އަހަރެން ހޯދީމެވެ. އަސްލުގައި އެ ފުރުސަތު ހޯދީ ލީލާއެވެ. އޭނާ އައީ ވަރަށް ގިނަ ހަދިޔާ ހިފައިގެންނެވެ. އަންނާރާއި ކުންނާރާއި ލުނބުޔާ އެކި ބާވަތްބާވަތުގެ މާތަކެއެވެ. އަދިވެސް އިތުރު ކިތަންމެ އެއްޗެއް ހުއްޓެވެ. އެއިން ކޮންމެ އެއްޗެއްގައިވެސް މާނައެއް ވާނެ ކަން އެނގެއެވެ. އަންނާރެއް އޮތުމުން އެއީ އަންނާށޭ ބުނީކަން އެނގުނެވެ. ދޮން ލުބޮޔާއި ފޭރުގެ މާނަ ވެސް އެނގުނެވެ. އެކަމަކު ނާރިނގުގެ މާނައެއް ނޭގުނެވެ.

ވަދާއުގެ ވަގުތަކީ ހިތުން ނުފިލާ ފަދަ ފޮނި އަދި އެހާމެ ހިތްދަތި ވަގުކޮޅެކެވެ.

އަހަރެމެންގެ އެންމެ ފަހުގެ ބައްދަލުވުން ހިނގީ މުލަކުގެ މަޝްހޫރު ސިހުރުވެރި ދޮންވެލިގަނޑުގެ މަތީގައެވެ. ބަނަވެފައިވާ އުދަރެހުން ކޮންމެވެސް ދޭތެރެއަކުން އިރުގެ ދޯއްޖެއް ފޭދިގެން އައިސް ލީލާގެ މޫނަށް ފިޔާތޮށި ކުލައެއް އަރައިގެން ދިޔައެވެ. އެ ޖާދުވީ ފަރިކަމާ ދުރަށް ހިނދުކޮޅަކަށް ވެސް ދިއުމުގެ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ. އެހެންކަމުން އެ ހުރިހާ ޝުއޫރަކާއި ޖަޒްބާތެއް އަހަރެމެން ދެމީހުންގެ ހިތުގައި ފޮރުވާލަން ބޭނުންވިއެވެ. ދެމީހުންގެ ލޮލުން ފޭދުނު ކަރުނަތައް އެކަކު އަނެކެއްގެ މޫނުން ފޮހެދިނީމެވެ. އަހަރެންގެ އަތުގައި އޭނާ ހިފަހައްޓައިގެން ހުރި އިރު، އެވަގުތުކޮޅު އަހަންނަށް އެނގުނީ އަހަރެންނަށް ހަގީގަތުގައިވެސް އަގުބޮޑު ޖަވާހިރެއް ހާސިލްވެއްޖެކަމެވެ.

ފުރުން އޮތީ ވަރަށް ހެނދުނާއެވެ. ރަށު އެންމެންހެން އަހަރެމެން ރަށަށް ފޭބި ކުޑަ ދޯނި ފަރުން ބޭރަށް ނެރެދޭން އައިސް އެހީވަމުން ދިޔައެވެ. އެއްވެފައި ތިބި މީހުންގެ ތެރޭގައި ވަކިން ގޮނޑުދޮށުގައި ހުރި ލީލާ އަހަންނަށް ވޭވްކޮށްލިއެވެ. އަހަރެންވެސް އަތް ހޫރާލީމެވެ. އެވަގުތު ހިތަށް ވެފައި ހުރި ތަދުން އަހަރެން ވަނީ ހޭވެރިކަން ކުޑަވެ އައްސިވެފައެވެ.

ލީލާއާއި މި ޖާދޫވެރި ޖަޒީރާ ދޫކޮށްލުމުގެ ޚިޔާލުތަކަށް ކެތްކުރުމަކީ ބޮޑު ކަމެކެވެ. މި ތަޖުރިބާ އަހަރެންނާއެކު އަބަދަށްޓަކައި ގެންދާނެކަން އަހަންނަށް އެނގުނު ނަމަވެސް، އެ ޚިޔާލުތައް ދުރަކަށް ނުދިޔައެވެ. އަމުދުން ވަދާއުގެ ވަގުތުކޮޅު ދުވަހަކުވެސް ހިތަކުން ނުފިލާނެއެވެ.

"އަހަރެން ދާކަށް ބޭނުމެއް ނޫން،" އެއީ އަހަރެންގެ ހިތުގައި ވެސް އޮތް ގޮތެވެ. ލީލާގެ ގާތުގައި އަހަރެން އަލްވަދާއު ކިޔަމުން ބުނި އެންމެ ފަހު ބަސްމެއެވެ. "އެކަމަކު ދާން މަޖްބޫރެވެ."

"ގޮހޮފަ ބައެއްނޭތި!" ލީލާ ނުހަނު އަސަރާއެކު ބުނެލިއެވެ.

ދޯނި ބޭރަށް ގެންދެވުނީ ވަރަށް އުނދަގުލުންނެވެ. ހީވަނީ ރާޅުތައް ވެސް އަހަރެން ފުރައިގެން ދިޔަ ނުދޭން އުޅެނީހެންނެވެ. އެހެންނަމަވެސް އެންމެ ދުވަހަކަށް ވެސް މަޑުކުރެވޭކަށް ނެތެވެ. ކުރިޔަށް އޮތް މޫސުން ނިމި ވިއްސާރަ އަލިވާނެ ދުވަހެއް ވެސް ނޭނގެވެ. އެންމެ ފަހުން އަހަރެން ގޮސް ބޯޓަށް އަރައިފީމެވެ.

އަހަރެން ފުރައިގެން ދިޔަނަމަ ވެސް ދިޔައީ އަހަރެންގެ ނަފުސެވެ. ހިތްވަނީ އެ ރަށަށް ދޫކޮށްލާފައެވެ. ދުވަހަކުވެސް އެންމެ ލޯބިވި ކުއްޖާގެ އަމާނާތެއްގެ ގޮތުގައެވެ.

ހިތުގައި އޮތީ އަވަހަށް އެނބުރި އައުމުގެ އެދުންތަކެވެ. އެކަމަކު ކުރިމަތީގައި އޮތީ މަޖްބޫރު ކަމެވެ.

ރަށަށް އައިތަނާ މާލެއަށް ކިޔަވަން ދާންޖެހުނެވެ. ތިން ދުވަސް ތެރޭގައި ފުރަން އޮތް ލާލު ބޯޓުން މާލެ ދިއުމަށް ފުރައިފީމެވެ. ބޯޓު ދިޔައީ މުލަކާ ނުހަނު ކައިރިންނެވެ. ތުނޑީ ވެލިގަނޑުގެ މަލަމަތި ފެންނަން އޮތެވެ. ގުޅޭނެ ގޮތެއް އެންގޭނެ ގޮތެއް ނެތެވެ. ލީލާ އެ ގޮނޑޮދޮަށުގައި ހުރެވެސް ދާނެއެވެ. އަހަރެން އަލްވަދާއު ކުރަން އަތް ހޫރަމުން ދިޔައިމެވެ. އެކަމެއް ލީލާއަކަށް ނޭނގޭނެއެވެ.

މޫސުން އަދިވެސް ގޯހެވެ. ރާޅުތައް އުފުލި ހުދު ފޮނުތައް ބުރުވަމުން ދިޔައެވެ. އަހަރެންގެ ހިތުގައި އުފެދި އުފުލެމުންދާ ރާޅުތައް ފަދައިންނެވެ. ހިތް ހީވަނީ އެ ރާޅުތަކުގެ ފޮނުތައް ފަދައިން ބުރަބުރައިގެން ހިނގައިދާނެހެންނެވެ. އަހަރެންގެ އަލްވަދާއު ލީލާއަށް ގެންދިއުމަށް އެ ފޮނުތަކާ ހަވާލު ކޮށްފީމެވެ.

އެއީ ދިގު ހަތަރު އަހަރެވެ. ލީލާއާ ގުޅޭނެ ގޮތެއް، އަހަރެންގެ ހިތުގެ ހާލަތު އޭނާއަށް އެންގޭނެ ގޮތެއް ނެތެވެ. މާލޭގެ ހަލަބޮލިކަމާއި ކިޔެވުމާއި ކުޅިވަރުގެ އަވަދިނެތުމުގެތެރޭގައި މަޑުމަޑުން މުލަކުގެ ފޮނި ހަނދާންތައް ފޭދި ފޮހެވިގެން ވެސް ދާން ފަށައިފިއެވެ.

އޭރު މާލޭގެ ބަގީޗާތަކުން ވެސް ފެންނަމުން ދިޔައީ އެކި ކުލަކުލައިގެ އެކި ވައްތަރުގެ ހިތްގައިމު މާމެލާމެލިތަކެކެވެ. މަލަކަށް ދޫކުރާނެ މަލެއް ނުވެސް ނެތް މެއެވެ. މާ ގިނަ ދުވަހެއް ނުވެ އަނެއްކާވެސް އާ ލީލާ އަކާ ބައްދަލުވެ އާ ފޮނި ތަކެއް ބޯނެ ފުރުސަތު ލިބިދާނެއޭ ވެސް ހީވާން ފަށައިފިއެވެ. މާލޭގެ މެރީން ޑްރައިވްގައި ދިއްލާފައި ހުންނަ މާކަރީ ލައިޓްގެ ތެރޭން އަތާ އަތް ގުޅާލައިގެން ކޮންމެވެސް ލީލާއަކާ އެކު ގޮސް ލޮނު ޒިޔާރަށް ކޮޅުގައި ރޭތައް ހޭދަ ކުރުމުގެ ހިތް އެދެން ވެސް ފަށައިފިއެވެ. އުޑުމަތި ސާފު ރޭރޭ ސާދަވިލޭރޭގެ ހަނދު އަރާތަން ބަލަން އިންނަ އިރުވެސް އެހަނދުން އަހަންނަށް ފެންނަމުން ދިޔައީ ލީލާގެ މޫނުހެން ވެސް ހީވެއެވެ.

މިހުރިހާ ކަމެއްގެ ތެރޭގައިވެސް ހިތުގައި ފޮރުވިފައި ވަނީ ލީލާގެ ހަނދާންތަކެވެ.

ގިނަ ދުވަހެއް ނުވެ ލިބުނު ސްކޯލަރޝިޕެއްގައި އަހަރެން ލަންޑަނަށް ފުރަން ޖެހިއްޖެއެވެ. އެކަން ހަމަޖެހުނީވެސް ކުއްލިއަކަށެވެ. އެއީވެސް ކުރު މުއްދަތަކަށް ނޫނެވެ.

އެތައް ގަރުނެއް ފާއިތުވީހެން ހީވި ފަދައިން އެންމެ ފަހުން ހަތަރު އަހަރު ފަހުން ކޯސް ނިންމާލައިފައި ރާއްޖެ އާދެވިއްޖެއެވެ. އައި އިރު ވަޒީފާ އޮތީ ހަމަޖެހިފައެވެ. ފުރަތަމަ ލިބުނީ އެއާޓްރެފިކް ކޮންޓްރޯލުގެ ކަންކަން ބެލެހެއްޓުމުގެ ވަޒީފާއެވެ.

އެއީ ޗުއްޓީއެއް އަމުދުން ނެތް ވަޒީފާއެކެވެ. އެހެންނަމަވެސް އަލުން ޓްރޭނިން ނިންމާފައި އައި ކުއްޖަކު އެ މަސައްކަތައް ނުކުތުމުން، އަހަންނަށް ރަށަށް ދިއުމުގެ ފުރުސަތު ލިބިއްޖެއެވެ. އެއީ ވެސް ކުރު ޗުއްޓީއަކަށެވެ.

ނަސީބު ދިމާކުރިގޮތުން މުލަކަށް ދަތުރުކުރަން ހަމަޖެހިފައި އޮތް ލޯންޗެއް އޮތެވެ. އެއިން އަހަރެން މުލަކަށް ދިޔައިމެވެ. ރަށުތެރެއަށް ވަނީ ހީވެސް ނުކުރާ ކަހަލަ ބަދަލުތައް އައިސްފައެވެ. އޭރު ފެން ބޮޑުވެފައިވާ ރަށުތެރޭގައި މިހާރު ވަނީ ރީތި މަގުތަކެވެ.

ލީލާ ވީތަނެއް، ވީހާލެއް ބަލަން އަހަރެން ހުރީ ކެތް މަދުވެފައެވެ. އެކަމަކު މީހެއް ގާތުން އަހާކަށް ހިތްވަރެއް ނުލިބުނެވެ. ޚުދު އަހަރެންނަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި ކަމުން ކުރީގައި މި ރަށުން ދިމާވެފައިވާ މީހަކަށް އަހަރެން މީ ކާކުކަން ވެސް ފާހަގައެއް ނުކުރެވެއެވެ. ލީލާއަށް ފެނުނަސް މިހާރު އޭނައަކަށް އަހަރެން މީ ކާކު ކަމެއް ނޭނގޭނެއެވެ. އަނެއްކާ ލީލާ ފާހަގަކުރަން އަހަންނަށް އެނގޭނެ ބާވައެވެ؟

ލީލާގެ ގެ ހޯދާނެ ގޮތެއްވެސް މިހާރު އަހަންނަކަށް ނޭނގެއެވެ. އެކަމަކު ތޫނޑެ ވެލިގަނޑު އަދިވެސް އޮންނާނެތާއެވެ.

އެއީ ހަވީރުގެ ވަގުތެއް ކަމުން ތޫނޑެ ވެލިގަނޑަށް ރަށުގެ އެންމެންހެން އެއްވެފައި އޮތެވެ. ރީތި މޫސުމުގެ ފިނި ވައިރޯޅިތައް މުލަކުގެ އައްސޭރިން އައިސް އަހަރެންގެ ގައިގައި ފިރުމަމުން ދިޔައެވެ. ދިގު ހަތް އަހަރުގެ ފަހުން އެންމެ ފަހުން މި ވެލިގަނޑުގައި ފައި ޖެހިއްޖެއެވެ. ހަނދާންތައް ތޫފާނެއްހެން ހިތަށް އޮހިގެންފިއެވެ.

އަހަރެންގެ ލޯ ހޯދަމުން ދިޔައީ ވަކި ސޫރައެކެވެ. އެހެން ނަމަވެސް މިއީ ތައާރަފަކަށް ބޭނުމެއް ނުވާނެ މުލަކެވެ. ހުރިހާ ދިމާއަކުން ވެސް ފެންނަނީ "ލީލާ" ތަކެވެ.

އެ ހުރިހާ މާމެލާމެލިތަކުގެ ތެރޭން ވެސް އަހަރެން ހޯދަމުން ދިޔައީ ވަކި ސޫރައެކެވެ. ލިލީ މަލެކެވެ.

އެ ވަގުތު އަހަރެންގެ ހިތް ވަކި މަލަކާ ދިމާއަށް މިސްރާބު ހިފައިފިއެވެ. އަހަރެން ކައިރިވަމުން ދިޔައިރު އަހަރެންނަށް ފާހަގަކުރެވުނީ ބުރުގާއެއް އަޅައިގެން ހުރި އަންހެނަކު، އޭނާގެ ހަ އަހަރު ހަތް އަހަރުގެ ކުއްޖަކު ގޮވައިގެންދާ ތަނެވެ. އެއީ ކުޑަ އަންހެން ކުއްޖެކެވެ.

އަހަރެންގެ ހިތް ތެޅެން ފެށިއެވެ. އެއީ ލީލާއަށް ވެދާނެތީ އެވެ.

އެ ކުޑަ އަންހެން ކުއްޖާ ބޮލި ހޮވަމުން ފަހަތަށް ފަހަތަށް ދުވެފައި އައިސް އަހަރެންގެ ގައިގައި ލައިގެންފައި ވެއްޓިއްޖެއެވެ. އަހަރެން އަވަހަށް އެކުއްޖާ ކޮޅަށް ތެދުކުރީމެވެ. ހީވީ އަހަރެންގެ ފައިދަށުން ވެލިގަނޑު ދެމިގަތްހެންނެވެ. އެއީ ކުޑަކުރެވިފައިވާ ލީލާ ނޫން އެހެން ސޫރައެއް ނޫނެވެ.

އެވަގުތު އަންހެން މީހާ އެނބުރިލިއިރު އޭނާ އެކުއްޖާއަށް އެޅި ރުޅިވެރި ލޯ އަހަރެން ލޮލާ ވެސް ބައްދަލުވިއެވެ. އެވަގުތު ޖެހެމުން އައި ވައިރޯޅި ކުއްލިއަކަށް ހުއްޓުނުހެން ހީވެއެވެ. ވަށައިގެން ފެންނަން އޮތް ކަނޑާއި އުދަރެހަށް އަރާފައިވާ ވިލާކޮޅުތަކުގެ ވެސް ހަރަކާތް ހުއްޓުނެވެ. އަހަރެންގެ ނޭވާލުންވެސް އެ ހިނދުކޮޅު ހުއްޓިގެން ދިޔައެވެ.

އަހަރެންގެ ލީލާ އެހާ ތަފާތުވެދާނެ ހެއްޔެވެ؟ އެލޮލުގައި ކުރީގައި އަސަރުގަދަ ބެލުން މިހާރު ކޮބައިހެއްޔެވެ؟ އޭނާގެ ދަރިފުޅުދެކެ އައިސްފައި ހުރި ރުޅި އަހަންނަށް ވެސް ބޭލީހެއްޔެވެ؟

"ސާރާ! ކުމާ ބަލާގެން ނިވޭނޑެނީ؟"

މިހެން ބުނެފައި އޭނާ އެ ދަރިފުޅު އަތުގައި ހިފައި ދަމައިގެންފިއެވެ. އަދި ސާރާގެ އުޅަނބޮށިންނާއި ކަކުލުން ވެލި ފޮޅަން ފަށައިފިއެވެ.

އަހަރެން ހިތުގައި އުފެދިގަތް ސުވާލުތައް ގިނަކަމުން ބަސް ހުއްޓި ގަނޑުވެއްޖެއެވެ. އެއްޗެއް ބުނާނަމޭ ހިތާ އަނގަވެސް ހުޅުވީމެވެ. ބުނާނެ އެއްޗެއް ހިތަށް ވެސް ނައެވެ.

އެވަގުތު މީހަކު އެމީހުން ކައިރިއަށް އައިސް ލީލާގެ ކޮނޑުގައި އެހީތެރިކަމުގެ އަތެއް ބާއްވާލިއެވެ. އަދި އެކުޑަ ދަރިފުޅު ނަގާ އުރާލިއެވެ. ލީލާގެ މޫނު އަހަންނާ ދުރަށް އަނބުރާލިއެވެ.

އަހަރެން ފުނޑުފުނޑުވެފައިވާ ހުވަފެނަކުން ހޭލެވުނު ފަދައިން ހަރަކާތް ހުއްޓިފައި އެތައް އިރަކު ހުރީމެވެ.

ލީލާ އެ ދަނީ އަހަންނާ ދުރަށެވެ. އޭނާގެ ލޯބިވާ އާއިލާއާއެކުގައެވެ. އަހަރެންގެ ވަށައިގެން އޮތީ ބަނަކަން އިތުރަށް ބަނަވެ މާޔޫސްވެގެން ދިޔައެވެ.

އަހަރެން އެ ވެލިގަނޑުން ވެލިތައް އަތަށް ނެގީމެވެ. އެއީ ލީލާގެ ފައިތިލަ ޖެހުނުތާ ވެލިތަކެވެ. އެ ވެލިތައް އަހަރެންގެ އިނގިލިތަކުގެ ދެމެދުން ފުރޭނިގެން އޮހެމުން ދިޔައެވެ. އަހަރެން އެއިން ވެލިކޮޅެއް އަތަށް ނެނގީމެވެ. އެވަގުތު އަހަރެންގެ ލޮލުގައި އޮހޮރޭނެ ކަރުނައެއް ވެސް ނެތް ކަހަލައެވެ.

ކުރިމަތީގައި އޮތީ މުލަކުގެ ސިހުރުވެރި ބިއްސާވެލީގެ ހިތްގައިމު މަންޒަރެވެ. އަހަންނަށް މިވަގުތު އެ މަންޒަރު ފެންނަނީ ކަޅު ހިޔަނިތަކެއް ފަދައިންނެވެ.

އަހަރެންގެ ހިތުގެ ރާނީ އެ އޮތްގެން ގޮސް އޮބާލަނީއެވެ. އަހަރެންނަށް އެތަން ބަލަހައްޓައިގެން ހުރެވުނީ ކިހާ އިރެއް ވަންދެން ކަމެއް ވެސް ނޭނގެވެ. އެެންމެ ފަހުން، ބޯ ވިލާގަނޑަކުން ވާރޭ ވެހެން ފެށި ފަދައިން އަހަރެންގެ ލޮލުން ކަރުނަ އޮހިގަތެވެ. މާލެގަމު ކުޅި ބަލަން ދިޔަ ދުވަހުގެ ހަނދާންތައް އަހަރެންގެ ހަ ފަރާތަށް ފެތުރިގެން ހިނގައްޖެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *