[މިއީ، އެގާރަފިލީގެ ދެ ތާލުގެ މައްޗަށް ބިނާކޮށްފައިވާ ނާނައެކެވެ.]
ނާނާ ނަޔޭ ނާނާ،، ނާނާ ނަޔޭ ނާނާ
ނާނާ ނަޔޭ ނާނާ،، ނާނާ ނަޔޭ ނާނާ
ކާފަގެ މި ކުޑަ ދަރިފުޅު،، ހޫރައިނި ނިންދެވުމަށް
ދީފައި ޝަހާދު ކިޔައި،، ލޯބިން ކިޔަމެ ނާނާ
ނުނިދާކުދިން ހޯދަން،، ލޯރަތްބެ އަންނަ އިރަށް
ނިދުމަށް ޓަކައި ދަރިފުޅު،، މިދެނީ ކިޔައި ނާނާ
ބައުބައު ގޮވައި ނަގަމުން،، ދުވިޔަސް ބުޅާ ގެވަށާ
ނުޖެހޭނެ އަތު ދަރިފުޅު،، ނިދުމަށް ކިޔަމެ ނާނާ
ހާމުންޑި ކުކުޅެއް ވެސް،، ޅަފިޔޮއް ތަކާ އެކުގައި
ނުނިދާ ކުދިން ހޯދަން،، އުޅެޔޭ ނިދަނި ނާނާ
ދަތްގޯނި ކިހިލި ޖަހައި،، ގެންސަންތި މަރިޔަބުވެސް
ގޭގޭދަށަށް ދޭ އެބަ،، ދަރިފުޅު ނިދަނި ނާނާ
ފޫޅުދިގު ހަންޑި މިރޭ،، ރަށުތެރެ ނުކުމެ އުޅެޔޭ
މިގެޔަށް ނުވަންނާނޭ،، ދަރިފުޅު ނިދަނި ނާނާ
