Support Us

މަރާމާތަށްފަހު އާސަހަރާ މިސްކިތާއި ހިނަވާގެ ހުޅުވައިފި

މާލޭ އާސަހަރާ މިސްކިތާއި ހިނަވާގޭގެ މަރާމާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުއްވައިދެއްވައިފި އެވެ.

އާސަހަރާ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ ހުކުރު ނަމާދުގެ ކުރިން އާ ސަހަރާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒުގެ އިތުރުން މާލޭ މޭޔަރު އާދަމް އާޒިމާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

އާސަހަރާ މިސްކިތާއި ހިނަވާގެ އަކީ މާލޭގައި ހަތަރު އަވަށުގައި ގާއިމްކޮށްފައިވާ ސަހަރާތައް ފުރި އެ މައްސަލަ ހައްލުކުރުމުގެ ގޮތުން، މާލޭގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރަމަށް ހުޅިވި ތަނެކެވެ. އާ ސަހަރާ ގާއިމްކޮށްފައި ވަނީ މަަަސްޖިދުލްތަޢާވުންގެ ނަމުގައި މިސްކިތަކާ ވެސް އެކުގަ އެވެ.

އާ ސަހަރާގެ ޖާގަ ކުޑަވެ ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދިއުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވަނިކޮށް، ރައީސް ޑރ. މުއިއްޒުގެ މޭޔަރު ކަމުގައި އާ ސަހަރާ މަރާމާތު ކުރުމުގެ މަސައްކަތް ފެއްޓީ މިދިޔަ އަހަރު މޭމަހުގަ އެވެ.

ސަހަރާ ހުޅުވުމުގެ ރަސްމިއްޔާތުގައި މާލޭ ސިޓީ ކައުންސިލްގެ ނައިބް ރައީސް އަހުމަދު ނަރީޝް ވިދާޅުވީ އާ ސަހަރާ މިސްކިތް މަރާމާތަށްފަހު ހުޅުވިގެން ގޮސްފައި މިވަނީ މިސްކިތުގެ ޖާގަ އިތުރުކޮށް، މީހުން ހިނެވުމުގެ ކަންކަން ކުރުމަށް ބޭނުންވާ ޖާގަ އިތުރުކޮށްފައި ކަމަށެވެ. އެގޮތުން ހިނެވުމުގެ ކަންކަން ކުރުމަށް ތިން ބަައި ހިމެނިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާ ސަހަރާ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާއިރު އެތަނުގައި ދެ ފަންގިފިލާ ހިމެނެ އެެވެ. އަދި އަންހެނުންނަށާއި ކުޑަކުދިންނަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ފަސޭހަކަމާ އެކު ބޭނުން ކުރެވޭ ގޮތަށް އާސަހަރާގެ އިންތިޒާމްތައް ވަނީ ހަމަޖައްސައިފަ އެވެ.

"ކުރީގަ އެންމެ ބޮޑު ޝަކުވާއަކަށް ވަނީ ތިރީގައި މަޑުކޮށްގެން ތިބޭ އަންހެން ބޭފުޅުންނަށް ނަމާދު ކުރޭވޭނެ ޖާގަ ނެތް ވާހަަކަ. މިހާރު ތިރީގައި މަޑުކޮށްގެން ތިބޭ އަންހެން ބޭފުޅުންނަށް ނަމާދުކުރެވޭ އޭސީކޮށްފައިވާ ހާއްސަ ޖާގައެއް. އަދި މަތީގައި ވެސް އަންހެން ބޭފުޅުންނަށް ނަމާދު ކުރެވޭ ޖާގައެއް ހެދިފައި ހުންނާނެ" ނަރީޝް ވިދާާޅުވި އެވެ.

މީގެ އިތުރުން ޖަމާއަތްތެރިންނަށް މަޑުކޮށްލައިގެން ތިބެވޭނެ ދެ ކޮޓަރިއާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްފައިވާ ފާހާނާއެއް ހިމަނާފައިވެ އެވެ. އަދި ސަހަރާއަށް ޒިޔާރަތްކުރާ މީހުންނަށް މަޑުކޮށްލައިގެން ތިބެވޭނެ އޭސީ އޭރިއާއެއް ވަނީ ގާއިމްކޮށްފަ އެވެ.

މިއަދުން ފެށިގެން މާލޭގައި މަރުވާ މީހުން ހިނެވުމާއި ވަޅުލުމުގެ ކަންކަން އާ ސަހަރާގައި ކުރެވިގެންދާނެ ކަމަށް ނަރީޝް ވިދާޅުވި އެވެ. އެވެ.

ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ އާ ސަހަރާ މަރާމާތުކުރުމުގެ މުޅި މަަޝްރޫއަށް 11.6 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *