
ކުފޫހަމަނޫން ވެރީން ވެރިކަން ކުރީމާހޭ މި ދެރަ ލިބުނީ
ކުފޫހަމަ ނޫންކަމަށް ވީނަމަ އެ ޒިންމާ ކާކު އުފުލާނީ
ދެހާސް އަހަރަށް ވުރެން ދޮށި ދައުލަތެއްގެ އަތުން ދަމައި އެގަތީ
ވެހާފަށަކުން ވިޔަސް އެ އަތޮޅު ނުބަނދެ އޮތުމުން ކަމޭ އެނގެނީ
ބަހުރުހިންދަށް އިހަށް ދުވަހަކު އުފަންވީ ގައުމަކުން ކުޑަކުޑަ
އަހުރެމެން ކައިއުޅުނު އަތޮޅެއް ދަމައިގަނެފައި މިއަދު އެވަނީ
މިކަނޑުގައި ހާސްއެތައް އަހަރަކު ދިވެހިދައުލަތް އޮތަސް ދިރިދެމި
މިކަމުގައި ކޮން މަގެއް ބާއޭ ކޮށައިގެން އެމަގަކުން ހިނގުނީ
އުފަން ނުވަނީ އެ މޮރިސަސް އަދި އުފުއްލާފައި ވިޔޭ ދަޢުވާ
ނުޙައްޤަސް ޙައްޤަކަސް ދަޢުވާ އުފުއްލިޔަތީ އެތަން ލިބުނީ
ލޮލުން ފޭދުން ކަރުނަ ދުވަހަކު ނުހެއްޓޭފަދަ ހިތާމަޔަކަސް
ލޮލުން ކަރުނުގެއަސަރު ހިލިފައި އެކަކުވެސްނެތި ދުވަސް ނިމުނީ
