Support Us

ސިނާއީ ބޭނުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން 12 ބިމެއް ވިއްކަން ހުޅުވައިލައިފި

ސިނާއީ ބޭނުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހުޅުވައިލައިފި އެވެ. އޭގެ ތެރޭގައި ހިމެނެނީ 3,689 އަކަފޫޓާއި 3,746 އަކަފޫޓާ ދެމެދުގެ 12 ބިމެކެވެ.

ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ވިއްކަން ހުޅުވާލައިފައިވާ މި ބިންތަކަށް، އުމުރުން 18 އަހަރުވެފައިވާ ކޮށްމެ ދިވެހި ރައްޔިތަކަށް ވެސް ބީލަން ހުށަހެޅިދާނެ ކަމަށް އެޗް.ޑީ.ސީން ބުނެއެވެ. އަދި ބީލަން ހުށަހަޅަނީ ކުންފުންޏަކުންނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ %100 ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައި ވާންވާނެ ކަމަށް ވެސް އެޗް.ޑީ.ސީން ބުނެއެވެ.

"ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާ އަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީ.އޯ.އައި) ހުށަހެޅުމެވެ. ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީ އޯ އައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުމެވެ. ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 7،500ރ. އެވެ. ކޮންމެ ފަރާތަކަށްވެސް ޖުމްލަ ތިން ބިން ގަނެވިދާނެއެވެ." އެޗް.ޑީ.ސީގެ ބަޔާނުގައިވެއެވެ.

"ބީލަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި ކޯޕަރޭޝަންގެ އޮންލައިން ބިޑް ޕޯޓަލް: https://bids.hdc.mv މެދުވެރިކޮށެވެ. އެގޮތުން، މިހާރު ވިއްކުމަށް ހުޅުވާލެވިފައިވާ ބިންތަކުގެ މައުލޫމާތު ބިޑް ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު، މި ކޯޕަރޭޝަންގެ ހޮޓްލައިން ނަންބަރު 1516 އަށް ގުޅުއްވައިގެން ވެސް ސާފުކުރެއްވޭނެ އެވެ."