ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ފަސް އަހަރުން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ސްޓެލްކޯއިން މިދިޔަ މަހުގެ ނިޔަލަށް 36،000 އަށްވުރެ ގިނަ ގަސް އިންދައިފި އެެެވެ.
ސްޓެލްކޯއިންް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި ފަސް މިލިއަން ގަސް އިންދުުމުގެ ޕްރޮގްރާމްގެ ދަށުން އެ ކުންފުނީގެ ހިދުމަތް ދޭ ހުރިހާ ރަށެއްގައި މިއަހަރު ޖޫން މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް 36،825 ގަސް ވަނީ އިންދައިފައެވެ.
ސްޓެލްކޯއިން ބުނީ އެ ޕްރޮގްރާމްގެ ދަށުން ފަސް ލައްކަ ގަސް އިންދުުމަށް އެ ކުންފުނިން އަމާޒު ހިފައިފައިވާއިރު އެ އަމާޒަށް ވާސިލް ވުމަށްޓަކައި އެ ކުންފުނިން ހިދުމަތް ދޭ ރަށްރަށުގައި ކޮންމެ މަހަކު ވެސް ގަސް އިންދުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
ފަސް ލައްކަ ގަސް ހަަމަކުރަން ސްޓެލްކޯއިން 463،175 ގަސް އިތުރަށް އިންދަން ޖެހޭނެ އެވެ.
ރައީސް ޑރ. މުއިއްޒުގެ ފަސް އަހަރުން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ސްޓެލްކޯއިން ބައިވެރިވެ، ފަސް ލައްކަ ގަސް އިންދުމަށް އެ ކުންފުނިން އަމާޒު ހިފި މަސައްކަތް ކ. ތުލުސްދޫގައި އިފްތިތާހު ކުރީ މިއަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހު އެވެ. އެދުވަހު ތުލުސްދޫ އާއި ރާއްޖޭގައި ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި 21،007 ގަސް އިންދައިފައިވެ އެވެ.
މީގެ އިތުރުން ކ. ދިއްފުށީގައި މި އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު އެރަށުގެ އިންޖީނުގޭގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ހަވާސާގައި، އެ ރަށުގައި 1،000 ގަސް އިންދައިފައިވެ އެވެ. އަދި އެއަށްފަހު އޮގަސްޓް މަހު 8،364 ގަސް ސްޓެލްކޯއިން ހިދުމަތް ދެމުން އަންނަ އެކި ރަށްރަށުގައި އިންދާފައިވާ ކަަަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.