ޓޫރިޒަމް ދާއިރާއިން ރާއްޖެ އަށް ވަންނަ ބޭރު ފައިސާގެ ރާއްޖޭގެ ބޭންކްތަކަށް ޖަމާކުރަން ޖެހޭ ގޮތަށް އާ ގަވާއިދެއް އެކުލަވައިލައިފި އެވެ.
އާ ގަވާއިދަށް އިއްޔެ އިން ފެށިގެން އަމަލް ކުރަން ފެށުމުން 1987 އިން ފެށިގެން އަމަލް ކުރަމުން އައި މަނިޓަރީ ގަވާއިދު އުވިގެންދާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
އެމްއެމްއޭއިން ގެޒެޓްކޮށްފައިވާ ގަވާއިދުގައިވާ ގޮތުގައި ޓޫރިޒަމް ދާއިރާގައި އޭ ކެޓަަގަރީގައި ހިމެނޭ ޓޫރިސް ރިސޯޓްތަކާއި އިންޓަގްރޭޓަޑް ގެސްޓްހައުސްތަކާއި ރިސޯޓް ހޮޓާތަކާއި، ހޮޓާތަކާއި ޓޫރިސް އުޅަނދުތަކާ އެނޫންސް ވެސް އެފަދަ ތަންތަނުނަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން އެ މަހަކު އައިސްފައިވާ ޖުމްލަ ފަތުރުވެރިނަށް ޖެހޭ އަދަދުން މާރުކުރަން ޖެހެ އެވެ.
ބީ ކެޓަގަރީގައި ހިމެނޭ ޓޫރިސްޓް ގެސްޓް ހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޓޫރިސް ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން އެ މަހެއްގެ އަންނަ ފަތުރުވެރިންނަށް ޖެހޭ އަދަދު ބޭންކުން މާރުކުރަން ވާނެ އެވެ.
މި ދެ ކެޓަގަރީގައި ހިިމެނޭ ފަރާތްތަކުން ވެސް ކޮންމެ މީލާދީ މަހެއް ނިމި އޭގެ ފަހުން ހިނގާ ތިން ވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭރު ފައިސާ ބޭންކަށް މާރުކުރަންވާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
އެ އޮތޯރިޓީއަށް ހުށަހަޅައިގެން ބައެއް ހާލަތްތަކުގައި މަދުން ޑޮލަރު މާރުކުރުމުގެ ހުއްދަ ދެވިދާނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.
އެ ހާލަތްތަކުގެ ތެރޭގައި ބޭރުފައިސާ އިން ޓެކްސް ދައްކަން ޖެހުމާއި މާލީ އިދާރާއަކަށް ބޭރުފައިސާއިން ދައްކަންޖެހޭ ދަރަންޏެއް އޮތްނަމަ އެ ދަރަނި ދެއްކަން އަދި ކޯޓު ހުކުމަކުން ކަނޑައަޅާފައިވާ ބޭރު ފައިސާގެ އިލްތިޒާމްތަކާއި އޮތޯރިޓީން ހުއްދަދޭ އެހެން ވެސް ބޭރު ފައިސާގެ އިލްތިޒާމްތައް ހިމެނެ އެވެ.
މިގަވާއިދާ ހިލާފްވާ ފަރާތްތައް 5,000ރ. އާއި އެއްމިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ.