ރާއްޖޭގެ ކުޑަ، ރީތި ރަށެއްގައި، ވިލު ނޫކުލައިގެ މޫދެއް ނިމޭ ހިސާބުގައި އޮންނަ ހުދު ދޮންވެލިގަނޑުގެ އައްސޭރިފަށުގައި ކުދި ރާޅުބާނިތައް ބޮސްދެމުން ދިޔައެވެ. ވައިރޯޅިއާއެކު ރުއްތަކުގެ ފަން ހެލެމުން ދިޔަ އިރު މަޑުމަޑުން ހިތްގައިމު ރާގުތައް އިވެމުން ދިޔައެވެ. އެއީ ހިތްގައިމު ރަށެކެވެ. އެ ރަށުގައި ހާރޫން ކިޔާ ޒުވާނަކު އުޅެމުން ދިޔައެވެ. އުމުރުން 20 އަހަރުގައި ހާރޫނަކީ ރަށްފުށުގެ ދިރިއުޅުމުގެ މުއްސަނދި ތަރިކައެކެވެ- ވަރުގަދަ، މަސްވެރިކަމުގެ ފަންނަށް ހުނަރުވެރި، އަދި ޖީލުތަކެއް ވަންދެން ދެމިގެން އައިސްފައިވާ ކަނޑުގެ ޠަބީޢީ ވިސްނުން ލިބިފައިވާ މީހެކެވެ. އެކަމަކު އޭނާގެ ހުނަރުވެރިކަމާއި ކަނޑާ ފުން ގުޅުމެއް އޮތް ނަމަވެސް، ހާރޫންގެ ހިތުގައި ޖަހަމުން ދަނީ އެއްވެސް މިންވަރަކަށް މަސްވެރިކަމުން ވެސް ފުއްދައިނުދެވޭނެ ފަދަ ވިންދުތަކެކެވެ.
ހާރޫންގެ ހިތް ނިސްބަތްވަނީ އޭނާގެ ގެއާ ޖެހިގެން ހުރި ގޭގައި އުޅޭ ނާޒުކު ރީތި އަންހެން ކުއްޖެއް ކަމަށްވާ ފަރީޝާ އަށެވެ. ފަރީޝާއަކީ ތަންކޮޅެއް ހިކި، އެކަމަކު ނުހަނު ދޮން ކުއްޖެކެވެ. އަދި އޭނާގެ ހީނލުމަކީ ކަނު އަނދިރީގައިވެސް ދުވާލެއް ފަދައިން އަލިކޮށްދޭ ފަދަ ހިނިތުންވުމެކެވެ.
ހާރޫންގެ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ކަނޑާ އެއްވަރަކަށް ފަރީޝާ މުހިންމު ވެއެވެ. ދެމީހުން އެކުގައި ބޮޑުވެފައި ތިބިއިރު، އެމީހުންގެ ދިރިއުޅުން ގުޅިފައިވަނީ ރަށުގެ ހަނި މަގުތަކާއި ކައިރި ހިސާބުގައިވާ ރުއްވަލާއި ސްކޫލާއި މުޖުތަމައު ހިއްސާކުރެވޭ ތަޖުރިބާތަކުންނެވެ. ދެކުދީން އެކުގައި މޫދުގަ އާއި ކުޅިވަރު ކުޅުމުގައި ގުނާނުލެވޭ ވަގުތުތައް ހޭދަ ކުރެވިފައިވެއެވެ. އެތަކެއް ހަވީރުތައް އިރުމަތީ ތުނޑިމަތީގައި އުޑުމަތިން އިރުއޮއްސިގެންދާތަން ބަލަން ހޭދަކުރެވިފައިވެއެވެ. އެ ދެ ކުދީންގެ ހިތްތަކުގައި ދައުރުވަމުން ދިޔައީ ދެ މީހުންކުރެ އެކަކުވެސް ފާޅުގައި އިއުތިރާފުވެފައިނުވާ ލޯތްބެކެވެ.
އެއް ދުވަހެއްގެ ހަވީރު އުޑުމައްޗަށް އޮރެންޖާއި ފިޔާތޮށި ކުލައިގެ އަލިފާންގަނޑެއް ރޯވެފައިވާހެން ފެންނަ އިރު އޮއްސޭ ވަގުތު ހާރޫނާއި ފަރީޝާއަށް ތިބެވުނީ މަޑު ހޫނު ވެލިގަނޑު މަތީގައި އިށީނދެގެންނެވެ. ފަޅުތެރެއިން މަޑުމަޑުން ދެމެމުން އަންނަ ރާޅުތައް ބީއްސާލާ އަޑާއި ދުރުގައި ތިބި ކާޅުތައް ގޮވަމުންދާ އަޑު ނޫން އަޑެއް ނީވެއެވެ. އެވަގުތު ފަރީޝާގެ ހިތް ވަނީ ހިތާމައިން ބަރުވެފައެވެ. އޭނާގެ މައިންބަފައިން އޭނާ ފޮނުވާލަނީ ރާއްޖޭގެ ހަލަބޮލި ވެރިރަށް މާލެއަށެވެ. އިތުރަށް ތައުލީމު ހާސިލް ކުރުވުމުގެ އުންމީދުގައެވެ. އެހެންކަމުން މި ހަވީރަކީ މި ދެ ކުދީން އެކުގައި ހޭދަކުރެވޭނެ އެންމެ ފަހު ވަގުތުކޮޅު ކަމުގައި ހިމެނިގެން ދިޔައެވެ. ރަށު ސްކޫލުން ލިބުނު ތައުލީމުން އަދި ފުދޭވަރު ނުވާ ކަމަށް އޭނާވެސް ދެކެއެވެ. މާލޭގައި އޭނާއަށް ފުރުސަތުތައް އިންތިޒާރު ކުރަމުންދާ ކަމަށް އޭނާގެ މައިންބަފައިން ގަބޫލުކުރި އެވެ.
"އަހަރެން ބޭނުމެއް ނޫން ފުރައިގެން ދާކަށް،" މޫދުން އިވޭ ރާޅުބާނިތަކުގެ އަޑަށް ވުރެން މައްޗަށް ކިރިޔާ އިވޭ ވަރަށް ފަރީޝާ ރޮވިފައި ވާ އަޑަކުން ބުންޏެވެ. އޭނަގެ ކައިރީގައި ހިމޭންކަމާއެކު އިށީނދެގެން އިން ހާރޫނަށް ނަޒަރު ހިންގާލިއިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ އުޑުމައްޗަށް އަރަމުން ދިޔަ ގަދަ އަލިފާން ކުލައިގެ އުދަރެހަށެވެ.
ފަރީޝާގެ ވާހަކަތަކުން ހާރޫންގެ ހިތަށް ތަދުވި ނަމަވެސް އޭނައަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޒަމާނީ ތައުލީމުގެ ވަށައިގެން ދިރިއުޅެމުންދާ މާލޭ މީހުން ފަދައިން އޭނާއަކީ ކިޔަވައިގެން ހުރި މީހެއް ނޫނެވެ. އެކަމަކު އޭނާއަށް މަސްވެރިކަން ކުރަން އެނގުމާއި، ރަށްފުށުގެ މޫސުން ލަފާކުރާން އެނގޭކަމުން، ފަރީޝާ އަށް އެވަރުން ފުދެއެވެ. އަދިވެސް އޭނައަށް ވިސްނާލިއިރު އެނގުނީ އޭނައަށްޓަކައި ފަރީޝާގެ މައިންބަފައިން ބޭނުންވާ ފަދަ ދިރިއުޅުމެއް އޭނައަށް ނުދެވޭނެކަމެވެ.
"އެންމެ ރަނގަޅު، އަހަރެން އިންތިޒާރު ކޮށްފާނަން،" އެންމެ ފަހުން ހާރޫން އަޑަށް ބާރުލަމުން ބުނެލިއެވެ. "ކިތަންމެ ދުވަހެއް ވިޔަސް އަހަރެން މިތާ ކަލޭ އެނބުރި އަންނަންދެން އިންތިޒާރުގައި ހުންނާނަން."
ފަރީޝާގެ ދެލޮލުން ކަރުނަތައް ފައިބަމުން ދިޔައިރު އޭނާގެ ކޮނޑުގައި ބޯ އަޅައިލިއެވެ. ދުވާލުގެ އެންމެ ފަހު އަލިކަން ފަނޑުވާންދެން އެ ދެ މީހުން އެގޮތަށް އިށީނދެގެން ތިބިއިރު، އެ ދެ މީހުންގެ ދެމެދުގައި ވައިރޯޅިތައް ގެންގޮސްދެނީ އެމީހުން ނުދައްކާ ހުރި ލޯބީގެ ވާހަކަތަކާއި ވީ ވަޢުދުތަކެވެ.
ޖެހިގެން އައި ދުވަހު ހެނދުނު ފަރީޝާ ރަށުން ފުރައިގެން މާލެއަށް ދިޔައީ އެ ދެމެދު ދަތުރުކޮށް އުޅޭ ކުޑަ ބައްތެއްޔެއްގައެވެ. އޭނާގެ ބައްޕައާ އެކުގައެވެ. ބައްތެލި ފަރުބޭރަށް ނުކުމެ ރިޔާ ކޮށާލި ވަގުތު ފަރީޝާ ފަހަތަށް ބަލައިލިއެވެ. އޭރު ވެސް ގޮނޑުދޮށުގައި ހާރޫނު ހުއްޓިގެން ހުއްޓެވެ. ފާއިތުވަމުން ދިޔަ ކޮންމެ ހިނދުކޮޅަކާއެކު އޭނާގެ ސޫރަ ކުޑަވަމުން ދުރުވަމުން ދާތަން ފެނުނެވެ. އެވަގުތު ފަރީޝާ ބޭނުންވީ އޭނައަށް ލެވުނުހާ ބާރަކަށް ހަޅޭއްލަވައި ހާރޫން ދެކެ ލޯބިވާ ވާހަކަ ބުނާށެވެ. ނަމަވެސް އެ ބަސްތައް އަރުތެރެއަކުން ނުނިކުތެވެ. އޭގެ ބަދަލުގައި އެ ދެ މީހުންގެ އެންމެ ފަހުގެ ހަވީރުގެ ހަނދާންތައް ހިތުގައި ފޮރުވާލިއެވެ. އަދި އެ ހަނދާންތައް އޭނާގެ ދިރިހުރުމުގެ ސިއްރަކަށް ވުމަށް ވެސް ދޫކޮށްލިއެވެ.
މާލޭގައި ފަރީޝާއަށް ފެނިގެން ދިޔައީ އޭނާ ދަންނަ ހަމަހިމޭން ޖަޒީރާ ދިރިއުޅުމާ މުޅިން ތަފާތު ދުނިޔެއެކެވެ. އަޑުގަދަވެ، އަވަދިނެތިވެ، މީހުން ގިނަވެފައި އޮތްއިރު، ކަނޑު ފެންނަ ހިސާބުގައި އިށީނދެގެން އިންނަ އިރު ލިބޭ ސާދާ އުފާތައް އެކަކުވެސް ދަންނަ ކަމަކަށް ނުވެއެވެ. ބައްޕަމެން ވަރަށް އަވަހަށް އޭނާ ހުނަރު ދަސްކުރާ އިންސްޓިޓިއުޓެއްގައި ނަންނޯޓް ކުރިއެވެ. އެއީ މެހެމާންދާރީއާއި ފަތުރުވެރިކަމާ ބެހޭ ތަމްރީނު ކުރާ ތަނެކެވެ. ފަތުރުވެރިކަމަކީ ރާއްޖޭގައި އެންމެ ކުރިއަރަމުން އަންނަ ސިނާއަތް ވެސް މެއެވެ. ޓުވަރިޒަމަށް އަންހެން ކުއްޖަކު ދިއުމުގެ ޚިޔާލު ފަރީޝާއަށް އޭރަކު ދެކޮޅެއް ނުޖެހެއެވެ. އަދި އެކަމަށް ހިތެއް ވެސް ނެތެވެ. އެހެންނަމަވެސް ބައްޕައަށް އެވަގުތު ފެންނަން އޮތް އެންމެ ރަނގަޅު ކޯހަކީ އެއީއެވެ. ނުހަނު ފައިދާ ހުރި ކުރިއެރުމެއް ލިބެން އޮތް ރޮނގެކެވެ.
"ބައްޕަ ދަރިފުޅަށް ވަރަށް އިތުބާރު ކުރަން،" އޭނާގެ ބައްޕަ ފަރީޝާގެ ނުތަނަވަސްކަން ފެނުމުން ބުންޏެވެ. "ދަރިފުޅު ކިޔަވާ ކޮންމެ ރޮނގަކުންވެސް ކުރިއަށް ދާނެ. ރަށުގައި ބޭކާރު ގޮތުގައި ހުރުމަށް ވުރެން ދަރިފުޅުގެ މުސްތަގުބަލަށް މާ ބޭނުންތެރިވާނެ."
ފަރީޝާއަކަށް ބައްޕައަކާ ދެކޮޅެއްް ނުހެދުނެވެ. އޭނާގެ ހިތުގައި ހާރޫނަށްޓަކައިވާ ލޯބި ދެގުނައަށް ވަރުގަދަ ކޮށްގެން ދިރިއުޅުމުގެ މިހަރުފަތުން އަރަން އަޒުމު ކަނޑައެޅިއެވެ.
ކުލާސްތަކާއި ޓްރެއިނިން ސެޝަންތަކަށް ހާޒިރުވި ނަމަވެސް ކޮންމެ ރެއަކު ވެސް އޭނާގެ ޚިޔާލުތައް އެނބުރި ގޮސް ނިމޭ ހިސާބަކީ ހާރޫނާއި އޭނާގެ ލޯތްބެވެ. ރަށުގައި އުޅެމުން ދިޔަ ހަމަހިމޭން ދިރިއުޅުމުގެ ހަނދާންތަކެވެ.
އެ ތަމްރީނުތައް ހީވެސް ނުކުރާހާ ޝައުގުވެރި ކުރުވިއެވެ. އަދި އެހާ މަޖާ ވެސް މެއެވެ. ފަރީޝާގެ ވަށައިގެން އޭނާއާ އެއް އުމުރެއްގެ އަންހެން ކުދިންނާއި ފިރިހެން ކުދިން ކިޔަވަމުން، ތަމްރީނު ލިބިގަންނަމުން ދިޔައެވެ. ކޮންމެ ކުއްޖަކުވެސް ބެލީ އެ ކުއްޖަކު ދަސްކުރާ އެއްޗަކުން ރަނގަޅު ނަތީޖާއެއް ހޯދާށެވެ. އަމިއްލަ ކޮންމެވެސް އާ ޚިޔާލެއްގައި ޕްރޮޖެކްޓެއް ހެދުމަށެވެ. އެ އިންސްޓިޓިއުޓުން ހަމަޖައްސާފައި ވަނީ ކައިރީގައި ހުރި ރިސޯޓުތަކަށްވެސް ދަތުރުކޮށް ދަރިވަރުން ތަޖްރިބާ ހޯދަމުން ދިޔުމަށެވެ.
މި ދަތުރުތަކުގައި އެ ސިނާއަތަކީ ކޮން ކަހަލަ ސިނާއަތެއްކަން އޭނާގެ އަމިއްލައަށް ފެނިގެންދިޔައެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް ނުދެކޭ ފަދަ ހިތްގައިމު މާހައުލެކެވެ. ލަގްޒަރީ ތަނަވަސްކަމެކެވެ. އެކަމާ މެދު ފަރީޝާ އަޖައިބުވިއެވެ. ރިސޯޓް ތަކަށް އެ އަންނަ މެހެމާނުން އުޅެމުން ދަނީ ކޮން ފަދަ މުއްސަނދިކަމަކާއި، ކިހާ ބޮޑު ފަސޭހަކަމަކާއި ކިހާ ފެންވަރު މަތީ އަރާމު ދިރިއުޅުމެއް ހެއްޔެވެ؟ މިއީ އޭނާގެ ރަށް ކަހަލަ ރަށްރަށުގައި ދިރިއުޅޭ ބަޔަކަށް ޚިޔާލެއްގައި ވެސް ފެނިފައިވާނެ ކަމެއް ނޫނެވެ. އޭނާއަށް އެނގިފައިވާ ސާދާ، ސުލްހަވެރި ވުޖޫދުގައިވާ ފަދަ އެއްވެސް ކަމެއް ނެތެވެ.
އާ ހަޔާތުގެ އޮޅުންބޮޅުންތަކުގެ ތެރޭގައި އުޅެން ޖެހުނު ކަމުގައި ވިޔަސް ފަރީޝާއަށް ހާރޫނާ ދޭތެރޭ ވިސްނުން ހުއްޓައެއް ނުލެވުނެވެ. އެކަމަކު އޭނާއާ ބައްދަލުވާނެ ގޮތެއް ވެސް ނެތެވެ. ގުޅެނީ ބައްޕަމެނާއެވެ. އެމީހުން ކުރެން ހާރޫނުގެ ވާހަކަ އަހާނީވެސް ކިހިނެއްހެއްޔެވެ؟ ރަށުގައި ފޯނަކުން ގުޅޭނެ ފަދަ ޒަމާނީ ފަސޭހަތަކެއް އަދިވެސް ނެތެވެ. އެހެންކަމުން ހާރޫނާ ބައްދަލު ކުރަން ރަށަށް ދިއުން ނޫން ގޮތެއް ނެތެވެ. މިހާރު ކިޔެވުން ކުރިޔަށް ދާ ގޮތުން ޗުއްޓީއެއް ވެސް ނޯވެއެވެ. ކިތަންމެ ބޭނުން ވިޔަސް ދެވޭނީ މި ޓްރޭނިންތައް ނިންމާލެވުމުންނެވެ.
ދެތިން އަހަރު ފާއިތުވެގެން ދިޔައިރު، ފަރީޝާ ވަނީ ޝަރަފާ އެކު އެ އިންސްޓިޓިއުޓުން ޑިގްރީ ހާސިލްކޮށްފައެވެ. ތަމްރީނު ދެވުނު ރިސޯޓުން ވަޒީފާއެއް ހުށަހެޅުމުން، ފަޚުރާއެކު އެކަމަކު ފަސްޖެހުމާވެސް އެކު އޭނާ އެކަން ގަބޫލުކުރި އެވެ. އެ މަސައްކަތުގެ ވާދަވެރިކަން ބޮޑު ނަމަވެސް އޭނާ ދަސްކުރި ކަންތަކަށް މޮޅުކަމުން މާގިނަ ދުވަސްތަކެއް ނުވެ މެނޭޖަރުގެ މަގާމަށް ޕްރޮމޯޓްވި އެވެ.
ފަރީޝާގެ ކުރީގެ ވެރިޔާ، ރީތި، މުއްސަނދި ފިރިހެނެއް ކަމަށްވާ ޝިޔާމަކީ އަބަދުވެސް އޭނާއަށް ޚާއްޞަ ޝައުޤުވެރިކަމެއް ގެންގުޅޭ މީހެކެވެ. ފަރީޝާގެ ޕްރޮމޯޝަނާއެކު އެމީހުންގެ ދެމެދުގައި ޕްރޮފެޝަނަލް ގުޅުމަކުން ގާތަށް ދެވި، މަސައްކަތުން ބޭރުގައިވެސް އެކުގައި ގިނަ ވަގުތު ހޭދަކުރަން ފެށި އެވެ.
ޝިޔާމަކީ ހާރޫން ނޫން ހުރިހާ އެއްޗެކެވެ. ތަޖުރިބާކާރު، މުއްސަނދި، އަދި ދުނިޔެވީ މީހެކެވެ. އޭނާ ފަރީޝާއަށް ތަޢާރަފްކޮށްދިނީ އޭނާ ދުވަހަކުވެސް ހީވެސް ނުކުރާ ފަދަ ލަގްޒަރީ ދިރިއުޅުމެކެވެ. އެންމެ ރަނގަޅު ރެސްޓޯރެންޓްތަކުގައި ކެއުމާއި، އެކްސްކްލޫސިވް ޕާޓީތަކުގައި ބައިވެރިވުމާއި، އަދި މީގެ އިތުރުން ދުބާއީއަށް ވެސް އެކުގައި ދަތުރެއް ކުރި އެވެ. އެ ސަމާލުކަމާއި ތަޖުރިބާތައް ފަރީޝާއަށް ކަމުދިޔަ ނަމަވެސް އޭނާގެ ހިތް އަދިވެސް އޮތީ ހާރޫނަށް ވަފާތެރިކަން މަތީގައެވެ. ޝިޔާމާ ދިމާލަށް ހިނިތުންވެލަމުން އޭނާގެ ސަމާސާތަކަށް ހީލަމުން ދާއިރުވެސް، އޭނާ އެހެން މީހެއްގެ ހަޔާތުގައި އުޅެމުންދާ ކަމުގެ ނިޝާނެއް ވެސް ޝިޔާމަކަށް ނުފެނެއެވެ.
އެއް ދުވަހެއްގެ ހަވީރު ދުބާއީގެ ލަގްޒަރީ ހޮޓަލެއްގެ ބެލްކަނީގައި، ތިރީގައި ވިދާލަވިދާލާ އޮތް ހިތްގައިމު މަންޒަރުތައް ފެންނަ ހިސާބުގައި ތިބެފައި ޝިޔާމް ފަރީޝާއާ ދިމާއަށް އެނބުރި އޭނާގެ އިހުސާސްތަކަށް އިއުތިރާފުވިއެވެ. އޭނާ ދެކެ ލޯބިވެވިފައިވާ ވާހަކައާއި، އެކުގައި ދިރިއުޅުމެއް ބިނާކުރަން ބޭނުންވާ ވާހަކަ ބުންޏެވެ. ފަރީޝާ އަށް ލިބުނީ ހައިރާންކަމެކެވެ. ޝިޔާމަށް އިޙްތިރާމްކޮށް އޭނާގެ އެކުވެރިކަމުގައި އުފާކުރި ނަމަވެސް އޭނާގެ ހިތަކީ އެއް އިރެއްގައިވެސް އޭނާގެ އަމިއްލަ އެއްޗެއް ނޫނެވެ.
"އައި އެމް ސޮރީ ޝިޔާމް،" ދެލޮލުން ކަރުނަ ހިލިގެން ދިއުމާއެކު ފަރީޝާ މަޑުމަޑުން ބުނެލިއެވެ. "އަޅުގަނޑުގެ އެހެން މީހަކު އެބަހުރި. ވަރަށް ގިނަ ދުވަހުއްސުރެން ލޯބިވާ މީހެއް އެބަހުރި."
ޝިޔާމްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ، މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. އޭނާގެ ބަސްތަކުން އޭނާގެ ހިތް ހަމަ ރީއްޗަށްވެސް ޒަޚަމްވެގެން ދިޔައެވެ. ފަރީޝާއަށް ކުއްލި ރިހުމެއް އިހުސާސް ކުރެވުނު ނަމަވެސް ހާރޫނަށް އޭނާ ވަފާތެރިވާން ކުރި ވައުދު ތަކަކަށް ބޭވަފާއެއް ނުވެވޭނެއެވެ. ޖެހިގެން އައި ދުވަހު ބަރު އިހްސާސްތަކަކާއެކު އެ ދެ މީހުން އެނބުރި ރާއްޖެ އަތުވެއްޖެއެވެ. އެ ދަތުރުގެ ފަހުން، އެއް ދުވަސްވަރެއްގައި އޮތް ފޯރިގަދަ ހޫނު އެކުވެރިކަން މިހާރު ވަނީ އަނގައިންވެސް ބުނެނުލެވޭ ފަދަ ޖަޒުބާތުތަކުގެ ކަނޑަކަށް ޣަރަގުވެފައެވެ.
އެނބުރި ރާއްޖެ އާދެވުމާއެކު ފަރީޝާ އޭނާ ކުރީގައި ދިރިއުޅެމުން ދިޔަ ރަށަށް ދިޔުމަށް ކެތްމަދުވެއްޖެއެވެ. ރިސޯޓާ އޭނާގެ ރަށާ ހުރި ތަފާތު ބޮޑުކަން އެނގޭ އިރުވެސް މެއެވެ. އޭނާ ވަރަށް މަސައްކަތުން ކޮންމެވެސް ގޮތަކުން ޗުއްޓީ ނަގައިގެން އޭނާގެ ރަށަށް ދާން ނިންމިއެވެ.
ރަށަށް ގޮސް ބަލައިލިއިރު ކޮންވެސް ވަރަކަށް ރަށަށް ބަދަލު ތަކެއް އައިސްފައިވެއެވެ. އެކަމަކު އަދިވެސް ތިބީ ހަމަ އެ ދަންނަ މޫނުތަކެވެ. އޭނާ އައުމުން މުޅި ރަށް އެކުގައިހެން ބައްދަލު ކުރަން އައިސް ވަރަށް މަރުހަބާ ކިޔެވެ. އެކަމަކުވެސް އޭނާ އެންމެ ދެކެން ބޭނުންވީ މޫނެއް އޭނާއަށް މަރުހަބާ ކިޔާކަށް ނައެވެ. އެހެންވެ އޭނާ އެނބުރި އައުމުން ލިބެންވާ އެންމެ ފުރިހަމަ ހިތްއުފާވެރިކަމެއް ނުލިބުނެވެ.
އެއީ ކުޑަކުޑަ ރަށެކެވެ. އެންމެ ފަހުން އޭނާއަށް ހާރޫނު ފެންނާކަށް ލަހެއް ނުވިއެވެ. އެކަމަކު ހާރޫން ފެނުމުން އޭނާގެ ހިތް ފުނޑުފުނޑުވެގެން ދިޔައެވެ. އޭނާއަކީ އޭނަ އަލްވަދާއު ކިޔާފައި ދިޔަ ފިރިހެން ކުއްޖާއެއް ނޫނެވެ. އޭނާއަށް ވަނީ ބޮޑު ބަދަލުތަކެއް އައިސްފައެވެ. އޭރު އޭނާގެ ގައިގައިވާ އޮމާން ހަންގަނޑު މިހާރު އެވަނީ އަވިން އަނދައި ބޮލިކައިފައެވެ. އެހެނަސް ގައިގެ ބާރުގަދަވެ، ވަރުގަދަ ހަށިގަނޑެއް ލިބިފައިވެއެވެ. އެއީ މިހާރު ގަދަ އަތްވާއި ވިއްސާރައާއި ގަދަ ކަނޑުގައި ހަރަކާތްތެރިވެ ތަޖްރިބާ ލިބިފައިވާ ޒުވާނެކެވެ. އޭނާގެ ކިބަޔަކުން ފަރީޝާ އެނބުރި އައުމުން މާބޮޑު އުފަލެއް ވީކަމުގެ އެއްވެސް އިޝާރާތެއް ފެނިގެންނެއް ނުދިޔައެވެ. އެއް އިރެއްގައި އެ ދެ މީހުން ހިއްސާކުރި ހޫނު، އަދި ހިތްފަސޭހަކަން އެކުލެވޭ އެކުވެރިކަން ހީވަނީ މާދުރު ހަނދާނެއްހެންނެވެ.
އެދުވަހު ހަވީރު ފަރީޝާ އެމީހުން ކުރީގައި އަބަދުވެސް ބައްދަލުވެ އުޅޭ ތުނޑިއަށް ދިޔައީ އެތަނުން ހާރޫނާ އަލުން ބައްދަލުވެދާނެ ކަމުގެ އުންމީދު އޮތްވަރުންނެވެ. އެއީ ވެސް އިރުއޮއްސެމުން ދިޔަ ވަގުތެކެވެ. އޭނާ އުންމީދުކުރި ފަދައިން އެތަނަށް ހާރޫނު އަޔެވެ. އެކަމަކު އޭނާގެ ހުރި ދުރުކަން ފެނުމުން ފަރީޝާގެ ހިތް ކުދިކުދިވެގެން ދިޔައެވެ. ހާރޫނު އޭނާ މިހާ ދުރަށްލީ ކީއްވެ ބާއެވެ؟ އެންމެ ފަހުން ހިތްވަރުކޮށްފައި ފަރީޝާ ހާރޫނުގެ ކުރިމައްޗަށް އައެވެ.
"ހާރޫން ކީއްވެ އަހަރެންނާ ތިހާ ދުރު ތިވަނީ؟" ޖަޒުބާތުން އަޑު ތުރުތުރު އަޅަމުން އޭނާ އަހާލިއެވެ.
ހާރޫން އިސްޖަހާލާފައި ބިންމައްޗަށް ބަލާލީ އޭނާގެ މޫނުމަތީގައި ވޭނާއި ހިތްދަތިކަމުގެ އަސަރުތައް ފޮރުވުމަށްޓަކައެވެ.
"މިހާރު ކަންކަން ވަރަށްތަފާތު ވެއްޖެ، ފަރީޝާ." އޭނާ އެންމެ ފަހުން ބުންޏެވެ. "ކަލޭ ތިޔަވަނީ މުޅިން އެހެން ދުނިޔެއެއްގައި. އެއީ އަހަރެންނަށް ތަޞައްވުރުވެސް ނުކުރެވޭ ދިރިއުޅުމެއް. އަހަންނަކީ އާދައިގެ ނިކަމެތި މަސްވެރިއެއް. ކަލެއަށް މިއަދު މާ އެކަށީގެންވާ މީހަކު ހައްގު."
އޭނާގެ ވާހަކަތަކުން ފަރީޝާގެ ހިތަށް ތަދުވިއެވެ. މިއީ އޭނާ އަބަދުވެސް ސިހިސިހި ހުރި ކަމެކެވެ. އޭނާ ބިރުން ހުރީ އެ ދުރުމިނާއި އެ ދިގު މުއްދަތުގެ ސަބަބުން އެދެމެދުގައި ކަންތައްތައް ބަދަލުވެދާނެތީ އެވެ. އެކަމަކު ހާރޫން އަމިއްލަ ނަފްސާ މެދު އެހާ ދަށްކޮށް ވިސްނާނެ ކަމަކަށް އޭނަ ހީކޮށްފައެއް ނުވެއެވެ.
"ނުފެނޭތަ؟" އަޑު ފަޅައިގެން ގޮސް ފަރީޝާ ބުންޏެވެ. "އަހަރެންނަށް ދުނިޔޭގެ ހުރިހާ ކަމެއް ފެނިއްޖެ. ލަގްޒަރީ ދިރިއުޅުމެއްވެސް އުޅެވިއްޖެ. ނަމަވެސް އެއިން އެއްވެސް ކަމެއް އަހަންނަކަށް މުހިންމެއްނުވި. ޔޫ އާ ދަ ވަން އައި ލަވް ހާރޫން! އެކަމަކަށް އެއްވެސް ބަދަލެއް ނާދޭ."
ހާރޫން އޭނައާ ދިމާލަށް ބަލާލިއިރު ފަރީޝާގެ ލޮލުން ފެނިގެން ދަނީ އަދިވެސް ޔަގީންކަމެއް ނެތްކަމެވެ. "އެކަމަކު މިހާރު ތިއީ ރިސޯޓެއްގެ މެނޭޖަރެއް ނޫންތަ، ފަރީޝާ؟ ކުރިމަތީގައި ތިއޮތީ ވަރަށް އަލި މުސްތަޤްބަލެއް. އަހަރެންނަން ކަލެއަށް ހުށަހަޅައިދޭނީ ކޮން އެއްޗެއް؟"
ފަރީޝާ އޭނާއާ ގާތަށް ފިޔަވަޅެއް އެޅިއިރު އޭނާގެ ދެއަތްވަނީ ހާރޫނުގެ އަތުގައި ހިފުމަށްޓަކައި ދިއްކޮށްލެވިފައެވެ. "އަހަރެން މުސްތަގުބަލާ މެދު ފަރުވާލެއް ނުބަހައްޓަން ހާރޫން. އަހަރެން ކަލެއަށް އަޅާލަން. ކޮންމެ ގޮތެއް ވިޔަސް އަހަރެން ބޭނުން ކަލޭގެ ގާތުގައި ހުންނަން."
ހާރޫން ފަސްޖެހުނު ނަމަވެސް ފަރީޝާގެ ލޮލުގައިވާ އިޚްލާޞްތެރި ލޯބި ފެނުމުން އޭނާގެ ހިތުގެ ވަށައިގެންލާފައި ހުރި ފާރުތައް ތެޅިގެން ހިނގައްޖެއެވެ. އޭނާ ފަރީޝާގެ އަތުގައި ހިފައި އޭނައާ ދިމާއަށް ދަމާލިއެވެ. ރީތި ފިނިފެންމަލެއް އަތަށްލައި ބޮނޑިކޮށްލާ ފަދައިން އޭނާގެ އަތުތެރޭގައި ފަަރީޝާ ބޮނޑިކޮށްލިއެވެ. އޭނާ ހުރީ އަނެއްކާވެސް ފަރީޝާ އެނބުރި ދުރަށް ހިނގައިދާނެތީ ބިރުގެންފައެވެ. އެހެންވެ އޭނާ އެތައް އިރަކު ފަރީޝާގެ ގައިން އަތްދޫނުކޮށް ހިފަހައްޓައިގެން ހުއްޓެވެ.
އޭރު ފަރީޝާ ބަލާ ރިސޯޓްގެ ލޯންޗު އައިސް ފާލަމުގައި ބަނދެލާފައި އޮތެވެ. ނަމަވެސް ފަރީޝާ ނިންމީ އޭނާގެ ދިރިއުޅުން އަބަދަށްޓަކައި ބަދަލުކޮށްލާނެ ފަދަ ނިންމުމެކެވެ. އޭނާ ރިސޯޓުގެ ވަޒީފާއިން އިސްތިއުފާ ދިން ވާހަކަ ޝިޔާމަށް އެންގިއެވެ. ރިސޯޓުގައި އުޅެގެން އޭނާ ހިތުގެ ހަގީގީ އެދުންތަކާ ގުޅޭ ދިރިއުޅުމެއް ނޫޅެވޭނެކަން އެނގުނެވެ. ހުރިހާ މުއްސަނދިކަމަކާއި ކުރިއެރުމަކަށް ވުރެން އޭނާއަށް މުހިންމުވީ އޭނާގެ ލޯތްބެވެ. އެހެންވެ އޭނާ ގަސްތުކުރީ ރަށުގައި ހާރޫނާއެކު ދިރިއުޅުމެއް ބިނާކުރުމަށެވެ.
އަނެއް ދުވަހު ރިސޯޓުގެ ހައިސްޕީޑް ލޯންޗު ފުރައިގެން ދިޔައީ ފަރީޝާ ނުލައެވެ. ހާރޫނާއި ފަރީޝާގެ ކާވެނި ކުރެވުނީ ރަށުފެންވަރުގައި ވަރަށް ފުރިހަމަ ހަފުލާއެއް ބޭއްވުމަށް ފަހުގައެވެ. މުޅި ރަށް އެ އުފަލުގައި ނަށަމުން ދިޔައެވެ.
އޭގެ ފަހުން ގިނަ ދުވަހެއް ނުވެ އެ ދެ މީހުން އެކުގައި ކައިރީގައި އޮތް ކުޑަ ފަޅުރަށެއްގައި ކުޑަވަރެއްގެ ޕިކްނިކް އައިލެންޑެއް ހުޅުވައި، ހާރޫނަށް ލިބިފައިވާ މޫދުގެ ތަރުބިއްޔަތާއި ފަރީޝާގެ މެހެމާންދާރީގެ ތަޖުރިބާ ގުޅުވައިލިއެވެ. އެ ރަށް ފުރަތަމަ ހުޅުވި އިރު ކިތަންމެ ކުޑަ ގޮތަކަށް ފަށައިގަނެވުނު ނަމަވެސް ވަރަށް އަވަހަށް އެއީ ކާމިޔާބު ރިސޯޓަކަށް ވެގެން ދިޔައެވެ. މި ރިސޯޓް މަޝްހޫރުވީ ރާއްޖެތެރޭގެ ތަޖުރިބާ އެކުލެވޭ ރިސޯޓެއްގެ ގޮތުގައެވެ. މެހެމާނުންނަށް ހަލަބޮލި ދުނިޔެއާ މުޅިން ގުޅުން ކަނޑާލައި، ގުދުރަތީ ރީތި ދިވެހި ޖަޒީރާއެއް ތަޖްރިބާ ކުރެވިގެން ދާ ރިސޯޓަކަށެވެ.
ފަރީޝާ އާއި ހާރޫންގެ ލޯބީގެ ވާހަކައިން ރިސޯޓުގެ ޝައުގުވެރިކަން އިތުރުވެގެން ދިޔައިރު، އެ ދެ މީހުންގެ މެދުގައި އޮތް ފުން ލޯބީގެ ގުޅުމަށް މެހެމާނުންގެ ތައުރީފު އޮހެމުން ދިޔައެވެ؛ ފަރީޝާއަށް ދުނިޔޭގައި މިލިއަނަރެއްގެ ހުވަފެން ހަގީގަތަކަށް ހެދެން އޮއްވައި އޭނާ އެނބުރި އޭނާގެ ރަށަށް ދިޔަ ކަމެވެ. އާދައިގެ ރަށްފުށުގެ ފަގީރު މީހަކު ދެކެވީ ލޯބި ދެމެހެއްޓި ކަމެވެ.
އަބަދުވެސް ލޯބިވާ ފިރިހެނަކާ އެކު އޭނާ ހިއްސާކުރީ ސާދާ، ތެދުވެރި ދިރިއުޅުމެކެވެ. އަދި އެހެންކަމުން، ނޫ ވިލާއި ހުދު ވެލިގަނޑުގެ އައްސޭރިފަށުގައި ބޮސްދީ، ރުއްތަކުގެ ފަންތައް ވައިރޯޅިއާ އެކު ވިހުރުވެމުންދާ ދިވެހި ރާއްޖޭގެ އެ ކުޑަކުޑަ ޖަޒީރާގައި، އަސްލު ލޯތްބަކަށް ކޮންމެ ތޫފާނަކަށް ވެސް ކެތްކުރެވޭނެކަން ސާބިތުވެގެން ދިޔައެވެ.



advertisment