ގަވާއިދާ ހިލާފަށް އުޅެން ބިދޭސީންނަށް އެހީތެރިނުވުމަށް އިމިގްރޭޝަންގެ ކޮންޓްރޯލަރ މުހައްމަދު ޝައްމާނު ވަހީދު އިލްތިމާސްކުރައްވައިފި އެވެ.
ކޮންޓްރޯލަރ އެކަމަށް އެދިވަޑައިގަތީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ސަރުކާރުން ފަށައިފައިވާ އޮޕަރޭޝަންގެ ދަށުން އިއްޔެ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުންނެވެ.
ޝައްމާނު ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދާ މަސައްކަތުގައި އާއްމުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި އިމިގްރޭޝަނާ މެދު އާއްމުން ދެެކޭ ގޮތް ބަދަލުވެ، އިތުބާރު ބޮޑުވެގެންދާތަން ފެންނަ ކަމަށާއި އާއްމުން މާޔޫސްވިޔަ ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އިލްތިމާސްކުރަން ބޭނުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އެހީތެރިނުވާށޭ. އެ ފަރާތްތައް ތިބޭފުޅުންގެ ބެލުމުގެ ދަށުގައި ނުގެންގުޅުއްވާށޭ. އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އާއްމުންގެ އެެއްބާރުލުން ވަަރަށް މުހިންމު،" ޝައްމާނު ވިދާޅުވި އެވެ.
މި އޮޕަރޭޝަން މިވަގުތު މާލޭ ސަރަހައްދުގައި ކުރިއަށް ގެންދާއިރު އިމިގްރޭޝަންގެ އަމާޒަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެއްކޮށް މި ތިން އަހަރު ދުވަހުގެ ތެރޭގައި ހައްލުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކަމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށާއި އޭގެތެރޭގައި ރެކޯޑް ނެތް ބިދޭސީން ކުރަނގި އޮޕަރޭޝަންގެ ތެރެއިން ރަޖިސްޓްރީ ކުރުމާއި ބިދޭސީން ރެގިއުލަރައިޒް ކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިން ވަނަ ކަމަކަށް ރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް މިގެންދަނީ. އެހެންވީމަ އަޅުގަނޑުމެން ތިން އަަހަރަށް ބަލާހައިގެން މި މަސައްކަތް ކުރާއިރު ކޮންމެވެސް ވަރެއްގެ ވަގުތުކޮޅެއް އަތޮޅު ތެރެއަށް ރީޗްވާން ނަގާފާނެ،" ޝައްމާނު ވިދާޅުވި އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް މިސަރުކާރުން ފަށައިފައިވާ އޮޕަރޭޝަންގެ ދަށުން މިހާތަނަށް 4،000 އެއްހާ ބިދޭސީން ވަނީ ޑީޕޯޓްކޮށްފަ އެވެ.



advertisment