ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބު އަންނަ ނޮވެމްބަރު މަހު ނުވަ ވަނަ ދުވަހަށް ފަސްކޮށްފި އެވެ.
މި އިންތިހާބު ކުރިން ބާއްވާ ގޮތަށް ހަމަޖައްސައިފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު އެވެ.
އެ އިންތިހާބު ފަސްކޮށްފަައިވާކަން ބަޔާންކޮށް، އެ ޕާޓީން ނެެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އިންތިހާބު ބާއްވާ ތާރީހު ފަސްކޮށް، ވާދަކުރުމުގެ މުއްދަތު އިތުރުކުރީ އިންތިހާބުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ގިނަ ބަޔަކު ފާޅުކުރަމުން ގެންދާތީ ކަމަށެވެ.
ތާރިހަށް ގެނައި ބަދަލާ ގުޅިގެން އަންނަ މަހުގެ 24 ވަނަ ދުވަހާ ހަމައަށް މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ.
ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 2،095 މެމްބަރުން އެކި މަގާމުތަކަށް އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި އިންތިހާބުގެ ތެރޭގައި ދާއިރާތަކުގެ ރައީސުންނާއި ނައިބް ރައީސުންނާއި ޒުވާނުންގެ ހަރަކާތުގެ ރައީސުންނާއި އަންހެނުން ހަރަކާތުގެ ރައީސުންގެ އިތުރުން ޕީއެންސީގެ ސްޓިއަރިން ކޮމިޓީގެ މެމްބަރުން އިންތިހާބު ކުރެވިގެންދާނެ އެވެ.



advertisment