Support Us

ހުޅުމާލޭގެ މޮނިއުމަންޓްތައް ޑިޒައިންކޮށްގެން އެއްލައްކަ ރުފިޔާ

އިނާމަކަށް އެއްލައްކަ ރުފިޔާ ދޭ ގޮތަށް ހުޅުމާލޭގެ މޮނިއުމަންޓްތައް ޑިޒައިން ކުރުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

އެޗް.ޑީ.ސީން މިއަދު ބުނީ މަގުތައް ޒީނަތްތެރި ކުރުމަށް، ހުޅުމާލޭގެ 17 ސަރަހައްދެއްގައި ބަހައްޓާ މޮނިއުމަންޓްތައް ޑިޒައިންކުރުމުގެ ފުރުސަތު ދިވެހި އާޓިސްޓުންނާއި ޑިޒައިނަރުންނާއި އާކިޓެކްޓުންނަށް ހުޅުވާލައިފައިވާ ކަމަށެވެ.

"މި މުބާރާތުގެ މަގްސަދަކީ ދިވެހި ފަންނުވެރިންގެ ބައިވެރިވުމާއެކު "ދިވެހިންގެރާއްޖެ" ތީމްއާ ގުޅޭ ގޮތަށް، ރާއްޖޭގެ ސަގާފަތާއި އިސްލާމީ ތާރީހު އަދި ދިވެހިންގެ އާދަކާދަ ރަމްޒުކޮށްދޭ ބިނާތަކެއް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓުމެވެ." އެޗް.ޑީ.ސީން ބުނެއެވެ.

"އެގޮތުން ޕްރޮފެޝަނަލް އާޓިސްޓުންނާއި ޑިޒައިނަރުން އަދި އާކިޓެކްޓުންގެ އިތުރުން އެ ދާއިރާތަކުން ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ބާއްވާ މި މުބާރާތުގައި ވަކިވަކި ފަރުދުންނަށް ނުވަތަ ފަސް މީހުންގެ ގްރޫޕަކުންވެސް ޑިޒައިންތައް ހުށަހެޅިދާނެއެވެ. އަދި ޑިޒައިން ހުށަހަޅާ ފަރާތަކީ 18 އަހަރު ފުރިފައިވާ ފަރާތަކަށް ވާންވާނެއެވެ. މި ކޯޕަރޭޝަނަށް ލިބޭ ހުށަހެޅުންތަކުގެ ތެރެއިން، އެންމެ ފުރިހަމަ ޑިޒައިން ހުށަހަޅާ ފަރާތަކަށް 100،000ރ. ފައިސާގެ އިނާމެއް ވަނީ ހަމަޖެހިފައެވެ."

މި މުބާރާތުގައި ބައިވެރިވުމަށް ޑިޒައިން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޮކްޓޯބަރު 30 ގެ 3:00 އެވެ. ޑިޒައިންތައް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް، marketing@hdc.mv އަށެވެ.

"މި ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ، ހުޅުމާލެއަކީ ރައްކާތެރި އަދި ހިތްފަސޭހަ ތަނަކަށް ހެދުމާއެކު ހުޅުމާލޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށެވެ." އެޗް.ޑީ.ސީގެ ބަޔާނުގައިވެއެވެ.