އަންނަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަންގައި ތާށިވެފައިވާ ދެ އެސްޓްރޮނޯޓުން ކަމަށްވާ ސުނީތާ ވިލިއަމްސް އާއި ބުޗް ވިލްމޯ ވޯޓު ލާނީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައި.އެސް.އެސް)ގައި ތިބެގެންނެވެ.
އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނީ ކްލިކް ކުރެވޭނެ ޕީ.ޑީ.އެފް ފޯމެޓްގެ ވޯޓު ކަރުދާސް އެ ދެ މީހުންނަށް ފޮނުވައިދޭނެ ކަމަށެވެ. މި ފައިލު ވާނީ ޕާސްވޯޑް ރައްކާތެރިކޮށްފައިވާ ވޯޓު ކަރުދާހަކަށް ކަމަށް ނާސާއިން ބުންޏެވެ. އެއީ ދެ އެސްޓްރޮނޯޓުން ވޯޓު ދޭ ކެންޑިޑޭޓުންގެ ނަން ސިއްރުކުރުމަށެވެ.
އުމުރުން 58 އަހަރުގެ ސުނީތާ އާއި އުމުރުން 61 އަހަރުގެ ބުޗް އައި.އެސް.އެސް.ގައި ތިބެގެން ވޯޓުލަނީ މިދިޔަ ޖޫން މަހުގެ ފަސް ވަނަ ދުވަހު އެންމެ އަށް ދުވަހަށް އައި.އެސް.އެސް.އަށް ގޮސްފައިވަނިކޮށް، ބޮއިންގްގެ ސްޓާލައިނާ އުޅަނދުގައި ޓެކްނިކަލް މައްސަލަ ޖެހުމުން ދުނިޔެއަށް އެނބުރި ނާދެވުމުންނެވެ.
ޓެކްނިކަލް މައްސަލަ ދިމާވުމުން ސުނީތާ އާއި ބުޗްގެ ފުރާނައަށް ނުރައްކާވެދާނެތީ ސްޓާލައިނާ މި މަހުގެ ހަތް ވަނަ ދުވަހު އެނބުރި ދުނިޔެއަށް އައީ ސުނީތާ އާއި ބުޗް އައި.އެސް.އެސް.ގައި ބައިތިއްބައިފައެވެ. ނާސާއިން މިހާރު ނިންމައިފައިވަނީ މި މަހު އައި.އެސް.އެސް.އަށް ދާ ސްޕޭސް-އެކްސްގެ އުޅަނދެއްގައި އަންނަ އަހަރުގެ ފެބްރުއަރީ މަހު އެ ދެ އެސްޓްރޮނޯޓުން އަނބުރާ ދުނިޔެއަށް ގެނައުމަށެވެ.
"ގައުމެއްގެ ރައްޔިތެއްގެ ގޮތުން އެ ގައުމެއްގެ އިންތިހާބުތަކުގައި ވޯޓުލުމަކީ މުހިންމުކަމެއް. ޖައްވުން ވޯޓުލެވޭ ގޮތްވުމަކީ ވަރަށް ސަޅިކަމެއް،" އިންޑިއާ ނަސްލުގެ ސުނީތާ ބުންޏެވެ.
"އަހަރެމެންނަށް ވޯޓުލުމުގެ އިންތިޒާމު ނާސާއިން ވަނީ ވަރަށް ބޮޑަށް ފަސޭހަކޮށްދީފައި،" ބުޗް ބުންޏެވެ.
ނޫސްވެރިންނާ ވާހަކަދެއްކިއަސް ދެ އެސްޓްރޮނޯޓުން ވޯޓު ލާނީ ކާކަށް ކަމެއް ސުނީތާ އާއި ބުޗް ހާމައެއް ނުކުރެއެވެ. އިންތިހާބުގައި ވާދަކުރައްވަނީ އެއް ފަހަރު ރައީސްކަން ކުރައްވައިފައިވާ ޑޮނަލްޑް ޓްރަމްޕް އާއި މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސްއެވެ.
ޖައްވުގައި ތިބެގެން އެމެރިކާގެ އެސްޓްރޮނޯޓުންނަށް ވޯޓުލެވޭނެ ގޮތް ހަމަޖެއްސީ 1997 ގައި ޓެކްސަސް ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހުން ގާނޫނެއް ފާސްކޮށްގެންނެވެ. ޖައްވުގައި ހުރެގެން ވޯޓުލި ފުރަތަމަ އެސްޓްރޮނޯޓަށް އެ އަހަރު ޑޭވިޑް ވުލްފްވިއެވެ. އެއީ މީރު ސްޕޭސް ސްޓޭޝަންގައި ހުރެގެން ވޯޓުލުމުންނެވެ. އޭގެ ފަހުން 2020 ގައި އައި.އެސް.އެސް.ގައި ހުރެގެން ކޭޓް ރުބިންސް ވެސް ވޯޓުލިއެވެ.
ސިއްހަތަށް ގެއްލުންތަކެއް ލިބޭނެ ކަމަށް ވިޔަސް ސުނީތާ އާއި ބުޗް ބުނީ އައި.އެސް.އެސް.ގައި އިތުރު ހަތް އެސްޓްރޮނޯޓުންނާއެކު ވަގުތު ހޭދަކުރަނީ އުފަލާއެކުކަމަށެވެ. އެ ދެ މީހުން ނުލައި ސްޓާލައިނާ ދުނިޔެއަށް އެނބުރި އައުމުން ސްޕޭސް-އެކްސްއިން އެ ދެ މީހުން ބަލާދާއިރު ގެންދާ ފަޅުވެރިންނަށް އައި.އެސް.އެސް.ގައި ތިބުމުގެ ޖާގަ ވެސް ލިބޭނެއެވެ.
"ޖައްވުގައި ގިނަ ވަގުތު އުޅެން ޖެހި، އެ ކަމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވި ނަމަވެސް އަހަރެމެން އެ ކަމަށް ޝުކުރުވެރިވަން،" ސުނީތާ ބުންޏެވެ.
އޭނާ އާއި ބުޗް ނުލައި ސްޓާލައިނާ ދުނިޔެއަށް އެނބުރި އައުމުން އެ ކަމާ ހިތްދަތިވިތޯ ނޫސްވެރިން ސުވާލުކުރުމުން ސުނީތާ ބުނީ އެ ދެ މީހުންގެ ވާޖިބަކީ ސްޓާލައިނާ ރައްކާތެރިކަމާއެކު ދުނިޔެއަށް އަނބުރާ ފޮނުވައިލުން ކަމަށެވެ.
"އަހަރެންނާއި ބުޗް އެމެރިކާގެ ކަނޑުގެ ސިފައިންގެ ތެރޭގައި މަސައްކަތްކުރިން. ޒިންމާތައް ބަދަލުވުމަކީ އަހަރެމެން ހައިރާންވާ ކަމެއް ނޫން. އެއީ ނުރައްކާތެރި ރިސްކެއް ނަމަވެސް އެއީ މި ދާއިރާގައި ކަންތައްތައް ކުރިމަތިވެދާނެ ގޮތެއް،" ސުނީތާ ބުންޏެވެ.
ބުޗް ބުނީ "އެސްޓްރޮނޯޓަކަށްވުމަށް ދޭ ތަމްރީންތަކުގެ ތެރެއިން 90 ޕަސެންޓަކީ ކުރިއަށް ބުނަން ނޭނގޭ ހާލަތްތަކަށް ތައްޔާރުވެ ތިބުމަށް ސިކުނޑި ތަމްރީންކުރުން" ކަމަށެވެ.
"އަހަރެމެން ކުރަން އާދަޔާހިލާފު ކަންތައްތައް. އެއީ ފަސޭހަ ކަންތައްތަކެއް ކަމަށް ނުވިޔަސް،" ބުޗް ބުންޏެވެ.
ސުނީތާ މިހާރު ވަނީ އައި.އެސް.އެސް.ގެ ކޮމާންޑަރުގެ މަގާމަށް ހަމަޖައްސައިފައެވެ. އޭނާ ބުނީ މި ވަގުތަކީ އޭނާގެ "ރޫހު ވަރަށް ރަނގަޅު ވަގުތެއް" ކަމަށެވެ.
"އަހަރެމެން މި ތިބީ އަހަރެމެންގެ ރަހްމަތްތެރިންނާއެކު. އެނބުރި ދުނިޔެއަށް ދެވޭނެ މަގު ވަނީ ތަނަވަސްކޮށްދީފައި،" އައި.އެސް.އެސް.ގައި އިތުރު މަސްތަކެއް ހޭދަކުރުމަށް އެދޭ ކަމަށް ބުނަމުން ސުނީތާ އިތުރުކޮށްލިއެވެ.



advertisment