ލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި މިއަދުގެ މިހާތަނަށް ގުނި ވޯޓުގައި ނެޝަނަލް ޕީޕްލްސް ޕާޓީ (އެން.ޕީ.ޕީ)ގެ ކެންޑިޑޭޓް އަނޫރާ ކުމަރަ ޑިސަނަޔަކައަށް 21.13 ޕަސެންޓް ވޯޓު ލިބިވަޑައިގެންފައިވާ ކަމަށް ދައްކައިފިއެވެ. އެއީ 2,707,105 ވޯޓެވެ.
އޭނާއާ އެންމެ ގާތުން ވާދަކުރައްވާ ސަމަގި ޖަނަ ބަލަވެގަޔަ ޕާޓީގެ ކެންޑިޑޭޓް ސަޖިތު ޕްރެމަދާސައަށް މިހާތަނަށް ލިބިވަޑައިގެންފައިވަނީ 18.33 ޕަސެންޓް ވޯޓެވެ. އެއީ 2,348,052 ވޯޓެވެ.
ތިން ވަނައިގައިވަނީ މިހާރުގެ ރައީސް އަދި ޔުނައިޓެޑް ނެޝަނަލް ޕާޓީގެ ކެންޑިޑޭޓް ރަނިލް ވިކްރަމަހަސިންހައެވެ. އޭނާއަށް ލިބިވަޑައިގެންފައިވަނީ 1,192,649 ވޯޓެވެ. އެހެންކަމުން އޭނާ އަދި އުޅުއްވަނީ ތިންވަނައިގައެވެ.
ލަަންކާގެ ސިޔާސީ ކަންތައްތަކުގައި ނަގާކިޔާ ރާޖަޕަކްސަ އާއިލާގެ ކެންޑިޑޭޓް ނަމަލްއަށް މިހާތަނަށް ލިބިވަޑައިގަތީ 182,190 ވޯޓެވެ. ނަމަލް އަކީ ކުރީގެ ރައީސް މަހިންދަގެ ދޮށީ ފިރިހެން ދަރިފުޅެވެ. އަދި ލަންކާގެ އިގުތިސާދީ މައްސަލަތަކާ ހުރެ ރައްޔިތުން މުޒާހަރާކުރުމުން ރައީސްކަމުން އިސްތިއުފާދެއްވި ގޮތަބަޔައަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.
އިންތިހާބު ކާމިޔާބުކުރައްވާނީ 50 ޕަސެންޓަށްވުރެ ގިނަ ވޯޓު ލިބިވަޑައިގަންނަވާ ކެންޑިޑޭޓެވެ. އެހެންކަމުން ސިޔާސީ ތަޖުރިބާކާރުން ލަފާކުރައްވަނީ އިންތިހާބު ކާމިޔާބުކުރައްވާނީ އަނޫރާ ކަމަށެވެ. އަދި އިންތިހާބުގެ އާހިރު ނަތީޖާ މިއަދު އިއުލާންކޮށްފި ނަމަ، މާދަމާގެ ވަގުތެއްގައި އަނޫރާ ރައީސްކަމުގެ ހުވާކުރައްވާނެ ކަމަށްވެއެވެ.
އެންމެ ފަހުން ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި އަނޫރާގެ ޕާޓީއަށް ލިބިފައިވަނީ ހަތަރު ޕަސެންޓަށް ވުރެ މަދު ވޯޓެވެ. ނަމަވެސް އިގުތިސާދީ މައްސަލަތަކާ ހުރެ އަނޫރާގެ މަގުބޫލުކަން ވަނީ ބޮޑުވެފައެވެ. އެހެންކަމުން ލަންކާ ވެއްޓުނު އިގުތިސާދީ އަނދަވަޅު ވީ އުމުރުން 55 އަހަރުގެ އަނޫރާއަށް ލިބިވަޑައިގަތް ފުރުސަތަކަށެވެ. އެއީ ލަންކާގެ ކޮރަޕްޓްވެފައިވާ ސިޔާސީ ސަގާފަތް ނައްތައިލާނެ ކަމަށް އޭނާ ވެވަޑައިގަތް ރިޔާސީ ވައުދާ ގުޅިގެންނެވެ.
ލަންކާގެ އަނެއް އިދިކޮޅު ލީޑަރު ކަމަށްވާ އުމުރުން 57 އަހަރުގެ ސަޖިތު ޕްރެމަދާސައަށް ވެސް އެކަށީގެންވާ އަދަދަކަށް ވޯޓު ލިބިވަޑައިގަންނަވާނެކަމަށް ސިޔާސީ ތަޖުރިބާކާރުން ލަފާކުރިއެވެ.
ދެ މަސް ދުވަހަށް ދެމިގެންދިޔަ ރިޔާސީ ކެމްޕޭންގައި، ރެކޯޑް އަދަދަކަށް ކުރިމަތިލި 38 ކެންޑިޑޭޓުން ވެސް އިސްކަމެއްދިނީ، އިގުތިސާދު އެންމެ ގޯސްވި މީގެ ދެ އަހަރު ކުރީގެ ހިތި ތަޖުރިބާއިން އަރައިގަތުމުގެ ވައުދު ފުއްދައި ދޭނެ ކަމަށް ބުނުމުގައެވެ. ރަސްމީ ތަފާސްހިސާބުތަކުން ދެއްކި ގޮތުގައި 2021 އާއި 2022 އާ ދެމެދު ލަންކާގެ ފަގީރުކަމުގެ ނިސްބަތްވަނީ ދެ ގުނަ މައްޗަށް ގޮސް، 25 ޕަސެންޓަށް އަރައިފައެވެ. މިހެންވެ، ދުވާލަކު 3.65 ޑޮލަރު (56.28ރ.)އަށްވުރެ ކުޑަ އާމްދަނީއެއްގައި އުޅޭ ރައްޔިތުންގެ އަދަދަށް އިތުރު 2.5 މިލިއަން މީހުންވަނީ އިތުރުވެފައެވެ.
ތަޖުރިބާކާރުން ބުނަނީ ލަންކާގެ އިގުތިސާދު އަދިވެސް ނާޒުކު ކަމަށެވެ. ސަބަބަކީ 2022 ގައި ޑިފޯލްޓްވި 46 ބިލިއަން ޑޮލަރު (706 ބިލިއަން ރުފިޔާ)ގެ ބޭރުގެ ދަރަނި އަދިވެސް ދައްކަން ނުފަށާތީއެވެ.



advertisment