ހއ. އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް ތަރައްޤީކުރުމަށް އެމް.ޕީ.އެލް އާއި އިހަވަންދޫ ކައުންސިލާ އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އިހަވަންދޫގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެމް.ޕީ.އެލްގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ. އިހަވަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަޙްމަދު ޟަބާޚްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޖީހް ވިދާޅުވީ އިހަވަންދޫގައި ތަރައްޤީކުރާ ޑޮކްޔާޑާއި ސްލިޕްވޭއަކީ އުތުރުގައި ދޭ މެރިޓައިމްގެ ޚިދުމަތްތަކުގެ މުހިންމު ބައެއް ކަމަށެވެ. އަދި އެމް.ޕީ.އެލްގެ އަމާޒަކީ ވީހާވެސް އަވަހަކަށް ޑޮކްޔާޑާއި ސްލިޕްވޭގެ އަމަލީ މަސައްކަތް ފެށުން ކަމަށެވެ.
"ލަސްތަކެއްނުކޮށް މިކަމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން،" ވަޖީހް ވިދާޅުވިއެވެ.
ވަޖީހް ވިދާޅުވީ އުތުރުގައި މެރިޓައިމްގެ ޚިދުމަތްތައް ފަށާއިރު ހުރިހާ ކަމެއް ފުރިހަމަނުވިޔަސް އެކަން ކާމިޔާބުވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"މިފަދަ ކަމެއް ފަށާއިރު ހުރިހާ ކަމެއް ފުރިހަމައެއްނުވާނެ. ފަށާއިރު ހުންނާނެ މައްސަލަތައް. އެކަމަކު ރާއްޖެ މިއޮތް ޖިއޮގްރަފިކަލް ލޮކޭޝަންއިން އަޅުގަނޑުމެންނަށް މިކަމުގެ ފައިދާ ނެގޭނެ. މިއަދަކު، މާދަމާ ނުވިޔަސް، މިކަމުން (ރާއްޖެ)އަށް ފައިދާ ލިބޭނެ،" ވަޖީހް ވިދާޅުވިއެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް ޟަބާޙް ވިދާޅުވީ އެ ރަށުގައި ޑޮކްޔާޑާއި ސްލިޕްވޭއެއް ތަރައްޤީކުރުމަކީ އެ ރަށަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ޕްރޮޖެކްޓެއް ކަމަށެވެ.
"ވަޒީފާގެ ފުރުސަތުތަކެއް (ރަށުގައި) އެބަ އުފެދޭ މިކަމުން. އަޅުގަނޑުމެންގެ އުންމީދަކީ ވީހާވެސް އަވަހަކަށް އަމަލީ މަސައްކަތް ފެށުން،" ޟަބާޙް ވިދާޅުވިއެވެ.
އިހަވަންދޫގައި ޑޮކްޔާޑާއި ސްލިޕްވޭއެއް ތަރައްޤީކުރަނީ އުތުރު މެރިޓައިމް ސަރވިސް (ޔޫ.އެމް.އެސް)ގެ ދަށުން ޚިދުމަތް ފޯރުކޮށްދިނުމަށެވެ. އެމް.ޕީ.އެލް އިން ވަނީ ހއ. އުލިގަމުގައި އައި.އެސް.ޕީ.އެސް ގޭޓް ޤާއިމްކޮށްފައެވެ. އަދި އެ އަތޮޅު ތުރާކުނުގައި ވޯޓަރ ބަންކަރިން ޚިދުމަތަށް ބޭނުންވާ ފެން ބާޖް ބޭއްވުމަށް ވަނީ އެ ރަށު ކައުންސިލާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.



advertisment

