Support Us

ތާރީހީ ދުވަހެއް: އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ފަށައިފި

ރާއްޖެ ހުރަސްކޮށް އުތުރުން ދަތުރުކުރާ ބައިނަލްއަގުވާމީ އާގު ބޯޓުފަހަރަށް ބޭނުންވާ އެކި ހިދުމަތްތައް ފޯރުކޮށްދޭ ބަންކަރިންގެ ހިދުމަތް އިހަވަންދިއްޕޮޅުގައި މިއަދު ފަށައިފިއެވެ. މި ހިދުމަތް ފައްޓަވައި ދެއްވީ ތިލަދުންމަތީ އުތުރުބުރިޔަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ.

އެ ހަފްލާގައި ސަރުކާރުގެ އިސް ވެރިންނާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމާއި އެމް.ޕީ.އެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

"ރާއްޖެއިން ބަންކަރިންގެ ހިދުމަތް ދިނުމަށް ޒަމާނުއްސުރެ ދެކެމުން އައި ހުވަފެން މިއަދު ހަގީގަތަކަށް ވެގެންމިދަނީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުނި ވިޓޯލްއާއި އެސް.ޓީ.އޯ ގުޅިގެން މިއަދު މިފެށޭ ބަންކަރިންގެ ހިދުމަތުންނެވެ. އިހަވަންދިއްޕޮޅު ޒޯންގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ދޭނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ގުޅިގެންނެވެ. އަދި ބަންކަރިން ހިދުމަތުގެ ދަށުން ބޯޓްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ ސީދާ މި ކުންފުނިންނެވެ." އެސް.ޓީ.އޯގެ ބަޔާނެއްގައިވެއެވެ.

ފުރަތަމަ ބޭނުންކުރާނީ ދެ ބޯޓު

އޮފްޝޯ ހިދުމަތެއްގެ ގޮތުގައި އިންޓަނޭޝަނަލް ބަންކަރިން މިއަދު ފެށިއިރު އެ ހިދުމަތް ފޯރުކޮށްދިނުމަށް ފުރަތަމަ ބޭނުންކުރާނީ ދެ ބޯޓެކެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ. މި ދެބޯޓަކީ މިފަދަ ޚިދުމަތް ފޯރުކޮށްދިނުމަށް ފަރުމާކޮށް ބަނދެފައިވާ، ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލް އަޤްވާމީ މިންގަޑުތަކަށް ފުރިހަމައަށް ފެތޭކަމުގެ ސެޓްފިކެޓްތައް އެލް އާރ ކްލާހުންނާއި ފްލެގް ސްޓޭޓުން ދޫކޮށްފައިވާ ބޯޓުފަހަރެވެ.

މި ދެ ބޯޓަކީ އެސްޓީއޯ އާއި ވިޓޯލްއާ ގުޅިގެން ބަންކަރިން ހިދުމަތަށް އެސްޓީއޯގެ ފުރިހަމަ ރައިޓްސްއާއެކު ބެއާ ބޯޓް ޗާޓާ ކޮންސެޕްޓަށް ދެ އަހަރުތެރޭ އެއްކޮށް މިލްކުވާގޮތަށް ހޯދައިފައިވާ ދެ ބޯޓެވެ.

"އެސްޓީއޯ އިސްވެ، ރާއްޖެއަށް އާ ސިނާއަތެއް ތައާރަފްކުރުމުގެ ތާރީހީ މަސައްކަތް މިއަދު ހަގީގަތަކަށްވީއިރު މިއީ އެސްޓީއޯގެ ތަޖުރިބާވެސް ހުރި ދާއިރާއެއްކަން ފާހަގަކުރަމެވެ. މި ކުންފުންޏަކީ ރާއްޖެއަށް ބޭނުންވާ ތެލާއި ގޭސް ރާއްޖެ އެތެރެކޮށް ވިއްކުމުގެ މަސައްކަތް ކުރާ ކުންފުންޏަކަށްވާއިރު އެ ވިޔަފާރީގެ ތެރެއިން 2009 އިން ފެށިގެން ޓޭންކަރ ހޭންޑްލިން މަސައްކަތް މި ކުންފުނިން އަންނަނީ ކުރަމުންނެވެ. އެކަމަށް ގާބިލް ތަޖުރިބާ ލިބިފައިވާ ދިވެހި މުވައްޒަފުންގެ ޓީމެއް މި ކުންފުނީގައި މަސައްކަތްކުރެއެވެ. މި ކުންފުނިން ބަންކަރިން ހިދުމަތުގެ ވިޔަފާރީގެ ތެރެއަށް މި ވަންނަނީ އެ ތަޖުރިބާއާއެކު، މިއީ ކާމިޔާބު ސިނާއަތަކަށް ވާނެކަމުގެ އުންމީދާ އެކުއެވެ." އެސް.ޓީ.އޯ އިން ބުނެއެވެ.

އެސްޓީއޯއާ އެކު މި ހިދުމަތް ދިނުމުގައި ބައިވެރިވާ ވިޓޯލްއަކީ މިހާރުވެސް ސިންގަޕޫރު، ޔޫއޭއީ، އަދި މޮރިޝަސްގައިވެސް ބަންކަރިންގެ ހިދުމަތް ދިނުމުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ.

"އެސްޓީއޯއިން ބަންކަރިންގެ ހިދުމަތް ފަށާ ޗެނަލުން މިހާރު ވެސް މަހަކު 300 އުޅަނދު ރާއްޖެ ހުރަސްކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރެއެވެ. ވާދަވެރި ބާޒާރެއްގައި ހުންނަ ގޮންޖެހުތަކާއެކު އޭގެ %1 އަށް ހިދުމަތް ދެނުވު ނަމަވެސް ބަންކަރިންގެ ހިދުމަތުން ރާއްޖެއަށް ރަނގަޅު އާމްދަނީއެއް ހޯދި މިއީ ދެމެހެެއްޓެނިވި، ފައިދާ ބޮޑު، ސިނާއަތަކަށް ވެގެންދާނެއެވެ. އޮފްޝޯ ބަންކަރިންނަކީ އޭގެ ޒާތުގައި ހިދުމަތް ލިބުމުގައި ފަސޭހަކަން ހުންނަ ކަމަކަށްވުމުން މި ބިޒީ ލޭނުގައި މިފަދަ ހިދުމަތެއް ފަށައިގަތުމުން ރަނގަޅު މާކެޓްއެއް ހޯދޭނޭކަމުގެ ޔަގީންކަން އެސްޓީއޯއަށް އެބަ އޮތެވެ."

އެ ސަރަހައްދުން ދަތުރުކުރާ އާގުބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ އިތުރަށް ބަންކަރިން ހިދުމަތުގެ ތެރެއިން ރާއްޖެއިން ދޭނެ އިތުރު ބައެއް ހިދުމަތްތަކަކީ:

  • ކްރޫ ޗޭންޖް ނުވަތަ ފަޅުވެރިން ބަދަލުކުރުން
  • ޕްރޮވިޝަން އައި ޝިޕް ސްޓޯޜސް އަދި ސްޕެއަރ ޕާރޓްސް އާއި ރިޕެއަރ
  • ސާފު ބޯފެން ފޯރުކޮށްދިނުން

"މި ފުރުސަތުގައި އަދުގެ ސަރުކާރުން ރާއްޖޭގެ އިޤްތިސާދު ޑައިވާސިފައިކުރަން ކުރާ މަސައްކަތަށް ޝުކުރުވެރި ކާމާއެކު ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް ވަރަށް ހާއްސަ ޝުކުރެއް މިކުންފުނިން އަދާކުރަމެވެ. އަދި މިއާއެކު މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ދެމުން އަންނަ ހާއްސަ އިރުޝާދާއި އެހީތެރިކަންވެސް ޝުކުރުވެރިކަމާއެކު ފާހަގަކޮއްލަމެވެ. އަދި މިފަދަ އިޤްތިސާދީ މުހިންމު ކަންކަމުގައި މި ކުންފުންޏަށް ފޯރުކޮށްދެވޭ އެންމެހާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމިތިބޭނޭ ކަމުގެ ޔަގީންކަން އަރުވަމެވެ." އެމްޑީ ޝިމާދު ވިދާޅުވިއެވެ.

ބަންކަރިންގެ ހިދުމަތް ރާއްޖެއިން މި ފަށަނީ ބައިނަލްއަގުވާމީ މެރިޓައިމް އިދާރާތަކުން ގަބޫލުކުރާ އައިއެސްޕީއެސް ކޮމްޕްލައިންޓް ޕޯޓް ފެސިލިޓީއަކާ ވެސް އެކުއެވެ. މީގެ އިތުރަށް ރާއްޖެއަކީ މެރިޓައިމް ދާއިރާގެ މުއާހަދާ އައިއެމްއޯ ސޮލަސް މުއާހަދާގެ ފަހުގެ އިސްލާހުތަކާ އެކު ތަސްދީގުކޮށް، އެ މުއާހަދާއަށް އަމަލުކުރަމުން އަންނަ ގައުމެކެވެ. އަދި މާޕޯލްގެ ގިނަ ޗެޕްޓާތައް ވެސް ވަނީ ފުރިހަމަކޮށްފައެވެ.

މުޅި ދުނިޔޭގައި ބަންކަރިން ހިދުމަތަކީ ވަކި ހާއްސަ، ހިފެހެއްޓިފައިވާ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ދެމުން އަންނަ ވަަރަށް ރައްކާތެރި ހިދުމަތެކެވެ. ރާއްޖޭގައި ވެސް އެ ހިދުމަތް މި ފެށީ ދުނިޔޭގައި އެކަންކުރާ އެންމެ މަތީ ފެންވަރުގެ ސަލާމަތީ ކަންކަން ބަލައިގެންނެވެ. އެގޮތުން ބަންކަރިން ހިދުމަތް ދޭނެ އޮފް ޕޯޓް ލިމިޓް ޒޯން ވަނީ ކަނޑައެޅިފަ އެވެ. އަދި ބަންކަރިން ހިދުމަތް ދޭ އުޅަނދުތަކުން ބޭނުންވާ ލިޔެކިޔުންތަކުގެ ކަންކަން ހަމަޖެއްސުމާއި އެހެނިހެން ހުއްދަތަކާއި ސަލާމަތީގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ކަސްޓަމްސް އާއި އިމިގްރޭޝަން އަދި ސިފައިންގެ ފެސިލިޓީތައް ހިމެނޭ ގޮތުން ބަންކަރިން ހިދުމަތަށް ހާއްސަ އޮފީސްތައް ވަނީ މިސަރަހައްދުގައި ގާއިމްކޮށްފައެވެ. އަދި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތަށް ރާއްޖެ ސަރަހައްދަށް ވަންނަ އުޅަނދުތަކުން ފައިބާ ބޯޓުތަކުގެ ފަޅުވެރިން ތިބެން ޖެހޭނީ މިދެންނެވި ހާއްސަ ސަރަހައްދުގައި އެކަންޏެވެ. އަދި މިކަންކަން ކަށަވަރުކުރުމުގައި ދުނިޔޭގެ ފެންވަރުގެ އެންމެ މަތީ އުސޫލުތަކަށް އަމަލުކުރާނެއެވެ.