Support Us

ހުޅުމާލޭގައި ތަރައްގީކުރާ ރެޒިޑެންޝަލް އެޕާޓްމަންޓްތައް ވިއްކޭ އުސޫލް ހަރުދަނާކޮށްފި

ހުޅުމާލޭގައި ތަރައްގީކުރާ ރެޒިޑެންޝަލް އިމާރާތްތަކުން އެޕާޓްމަންޓް ވިއްކޭ އުސޫލް އެޗް.ޑީ.ސީން ހަރުދަނާކޮށް، އިއުލާންކޮށްފިއެވެ.

އެޗް.ޑީ.ސީން ކޮށްފައިވާ އިއުލާނެއްގައި ބުނީ ދިރިއުޅުމުގެ ބޭނުމަށް، އަމިއްލަ ފަރާތްތަކުން ވިޔަފާރީގެ އުސޫލުން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ މިޑް ރޭންޖް އަދި ލަގްޒަރީ ހައުސިން މަޝްރޫއުތަކުން އެޕާޓްމަންޓްތައް ވިއްކުމުގެ މުއާމަލާތް ކުރިއަށް ގެންދާނީ އެ ޕްރޮޖެކްޓް ކުރިއަށްގެންދާ ފަރާތާއި އެޕާޓްމަންޓް ގަންނަ ފަރާތާ އެއްބަސްވާ ގޮތެއްގެ މަތިން ކަމަށްވީ ނަމަވެސް އެޕާޓްމަންޓް ގަތުމުގެ ފައިސާގެ މުއާމަލާތް ކުރިއަށް ގެންދަންވާނީ އިމާރާތް ކުރާ ފަރާތާއި އެޗްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަމަށެވެ.

"ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ރެޒިޑެންޝަލް އިމާރާތްތަކުން އެޕާޓްމަންޓް ވިއްކަން ފެށުމުގެ ކުރިން، ބުކިން ފީގެ ގޮތުގައި ގިނަވެގެން 50,000 ރުފިޔާގެ ރިފަންޑަބަލް ފީއެއް (އެޕާޓްމަންޓުގެ ޖުމްލަ އަގުން އުނިކުރެވޭ ގޮތަށް) ކަސްޓަމަރުންގެ އަތުން ނެގުމުގެ ހުއްދަ ޑިވޮލަޕަރަށް ލިބިގެންވެއެވެ. އަދި އެޕާޓްމަންޓް ވިއްކުމަށް ހުޅުވާލެވޭނީ އިމާރާތުގެ ސިވިލް މަސައްކަތުގެ 20 އިންސައްތަ ނިންމައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެކަމުގެ ހުއްދަ ހޯދުމަށް ފަހު އެވެ. އެހެންކަމުން އެޕާޓްމަންޓް ވިއްކުމުގެ ހުއްދަ ލިބުމުގެ ކުރިން، ބުކިން ފީގެ އިތުރުން އެއްވެސް ފައިސާއެއް ކަސްޓަމަރުން އަތުން ނުނެގޭނެއެވެ." އެޗް.ޑީ.ސީގެ އިއުލާނެއްގައި ވެއެވެ.

"އަސޭރިއާ ޕްރޮޖެކްޓް ފިޔަވައި، ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ހުރިހާ ރެސިޑެންޝަލް އިމާރާތެއް ވިއްކުމުގައިވެސް އަމަލުކުރާނީ މަތީގައި ބަޔާންކޮށްފައިވާ އުސޫލުންނެވެ. އަސޭރިއާ ޕްރޮޖެކްޓުގެ އެޕާޓްމަންޓުތަކަށް ބުކިން ފީގެ ގޮތުގައި ކަސްޓަމަރުންގެ އަތުން އެއް މިލިއަން ރުފިޔާގެ (950،000 ރުފިޔާ ރިފަންޑަބަލް) ފީއެއް ނެގުމުގެ ހުއްދަ ޑިވޮލަޕަރަށް ލިބިގެންވެއެވެ. އަދި އިމާރާތުގެ ސިވިލް މަސައްކަތުގެ 20 އިންސައްތަ ނުނިމުނު ނަމަވެސް، އެޗްޑީސީއާއި ޑިވޮލަޕަރާ ދެމެދު އުފައްދާފައިވާ އެސްކްރޯ އެކައުންޓަކަށް ފައިސާ ޖަމާކޮށްގެން އެ ޕްރޮޖެކްޓުގެ އެޕާޓްމަންޓް އާންމުންނަށް ގަނެވިދާނެއެވެ."

"ވީމާ، ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ރެޒިޑެންޝަލް އިމާރާތްތަކުން އެޕާޓްމަންޓް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ފައިސާގެ މުއާމަލާތް ކުރުމުގެ ކުރިން އިސްވެ ބަޔާންކުރެވުނު ކަންކަމަށް ސަމާލުކަން ދެއްވުމަށް އާއްމުކޮށް އަންގައި އިއުލާނު ކުރަމެވެ."