Support Us

ޓައިވާންގެ ގޯލްޑް އެޕޯލޯ ކުންފުނި

ލުބުނާންގައި އިސްރާއީލުން ގޮއްވައިލި ޕޭޖަރުތަކާ ގުޅުމެއް ނެތް: ޓައިވާން

އިސްރާއީލާ ދެކޮޅަށް ޖިހާދުކުރަމުންއަންނަ ލުބުނާންގެ ހިޒްބުﷲ ޖަމާއަތުގެ އެތައް ހަނގުރާމަވެރިން މަރައިލަން އިސްރާއީލުން ދިން ޕޭޖަރު ގޮއްވައިލުމުގެ ހާދިސާއާ ޓައިވާންގެ ޓެކްނޯލޮޖީ ކުންފުނިތަކާ ގުޅުމެއް ނުވާ ކަމަށް ޓައިވާނުން މިއަދު ބުނެފިއެވެ.

އިއްޔެ ހިނގި މި ހާދިސާގައި ހިޒްބުﷲގެ ނުވަ ހަނގުރާމަވެރިން މަރުވެ، 2،700 މީހުން ވަނީ ޒަހަމްވެފައެވެ.

ޓައިވާންގެ ކުންފުނި ގޯލްޑް އެޕޯލޯއިން މިއަދު ބުނީ އޭ.އާރް-924 މަރުކާގެ ޕޭޖަރުތައް ހެދީ ސީދާ އެ ކުންފުނިން ނޫން ކަމަށާއި ނަމަވެސް ބީ.އޭ.ސީ ނަމަކަށް ކިޔާ ޔޫރަޕްގެ ކުންފުންޏަކުން ގޯލްޑް އެޕޯލޯގެ ލައިސަންސެއްގެ ދަށުން ކަމަށެވެ.

"އަހަރެމެންނާ ބީ.އޭ.ސީ.އާ ހަދައިފައިވާ އެއްބަސްވުމުގެ ދަށުން އެކި ސަރަހައްދުގައި އަހަރެމެންގެ ބްރޭންޑްގެ ޓްރޭޑްމާކް ބޭނުންކުރުމުގެ ހުއްދަ ބީ.އޭ.ސީ.އަށް ދީފައިވާނެ. އެކަމަކު އެ ޕޭޖަރުތަކުގެ ޑިޒައިނާއި އުފެއްދުން އެއީ މުޅިން ބީ.އޭ.ސީ.ގެ ބާރުގެ ދަށުގައިވާ ކަމެއް. އަހަރެމެން ހަމައެކަނި ކުރާ ކަމަކީ ބްރޭންޑްގެ ޓްރޭޑްމާކް ބޭނުންކުރުމުގެ ހުއްދަ ދިނުން. ޕޭޖަރު ފަރުމާ ކުރުމަކީ ބީ.އޭ.ސީ.ގެ ކަމެއް،" ގޯލްޑް އެޕޯލޯއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ޓައިވާންގެ ޓީ.އެސް.އެމް.ސީ ކުންފުނި

ޓައިވާންގެ އިގުތިސާދާ ބެހޭ ވުޒާރާއިން ބުނީ ލުބުނާންގައި އިސްރާއީލުން ގޮއްވައިލި ޕޭޖަރުތައް ލުބްނާނަށް ޓައިވާނުން އެކްސްޕޯޓްކުރިކަމުގެ ލިޔުމެއް ފެންނަން ނެތް ކަމަށެވެ.

"ޕޭޖަރުތައް އުފެއްދި ފަހުން ވެސް އެއަށް ބަދަލުތަކެއް ގެނެސްފައިވުން އެކަށީގެންވޭ،" އިގުތިސާދާ ބެހޭ ވުޒާރާއިން ބުންޏެވެ.

ޓައިވާންގެ ހާރިޖިއްޔާއިން މި މައްސަލައިގައި އަދި ވަކި އެއްޗެއް ނުބުނާ ކަމަށް އަލްޖަޒީރާއިން ބުންޏެވެ.

ޕޭޖަރުތައް ގޮއްވައިލީ އޭގެ ތެރެއަށް ކުޑަ މިންވަރެއްގެ ގޮވާތަކެތި އިސްރާއީލުން އަޅައިގެންކަމަށް ދަ ނިއު ޔޯކް ޓައިމްސް އާއި ރޮއިޓާސްއިން ބުންޏެވެ. ނަމަވެސް އިސްރާއީލުން މި ކަމާ އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ދުނިޔޭގެ ސެމައިކޮންޑަކްޓަރު ސިނާއަތުގައި އެންމެ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ އެއް ގައުމަކީ ޓައިވާނެވެ.

ޓައިވާނަކީ ދުނިޔޭގެ ސިޔާސީ ކަންތައްތަކާ އާއްމު ގޮތެއްގައި ބެހޭ ގައުމެއް ނޫނެވެ. ނަމަވެސް އެއީ ޗައިނާގެ މައްސަލަތައް ފިޔަވައެވެ. ޗައިނާގެ ކަންތައްތަކަށް ޓައިވާނުން ސަމާލުކަން ދެނީ ޓައިވާނަކީ ޗައިނާގެ ތަނެއް ކަމަށް ޗައިނާއިން ދައުވާކުރާތީއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލަށް ހަމާސްއިން ދިން ހަމަލާ ޓައިވާނުން ކުށްވެރިކުރިއެވެ. ނަމަވެސް އޭގެ ފަހުން އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނުގެ 41،000 ރައްޔިތުންނާމެދު ޓައިވާނުން އެއްވެސް ކަހަލަ ހިޔާލެއް ފާޅެއްނުކުރެއެވެ.

އިސްރާއީލާއެކު ޓައިވާންގެ ޑިޕްލޮމެޓިކް ގުޅުމެއް ނެތެވެ. އަދި ގިނަ ގައުމުތައް ފަދައިން އިސްރާއީލުން ވެސް ޓައިވާނަކީ މިނިވަން ދައުލަތެއް ކަމަށް ބަލައެއްނުގަނެއެވެ. ނަމަވެސް ޓައިވާނާއި އިސްރާއީލަކީ އެމެރިކާގެ ގާތް ދެ ގައުމެވެ.

ޓައިވާނަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގަންނަނީ އެންމެ 12 ގައުމުންކަމަށްވާއިރު ދުނިޔޭގެ ސިޔާސީ ކަންތައްތަކުގައި ޓައިވާނުގެ ނުފޫޒު ގަދައެވެ. ސަބަބަކީ ޓައިވާނުގެ ޓެކްނޯލޮޖީ ސިނާއަތް ވަރުގަދަކަމުންނެވެ. އެ ގޮތުން ޓައިވާނަކީ ޓީ.އެސް.އެމް.ސީ ކުންފުނި ހުންނަ ގައުމެވެ. މިއީ ދުނިޔޭގެ ސެމައިކޮންޑަކްޓަރުގެ 90 ޕަސެންޓް އުފައްދާ ކުންފުންޏެވެ. މިހެންވެ، ސެމައިކޮންޑަކްޓަރު ޗިޕަކީ އެކްސްޕޯޓްގެ ނުފޫޒު ގަދަ ޓައިވާންގެ އިގުތިސާދުގެ މައި ތަނބެވެ.

ޓައިވާންގެ އުފެއްދުންތެރިކަން ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީ.ޑީ.ޕީ)ގެ 70 ޕަސެންޓް ނުވަތަ ތިންބައިކުޅަދެބަޔަކީ މެޝިނަރީ އާއި އިލެކްޓްރޯނިކް އާލާތްތަކެވެ. އޭގެ ތެރޭގައި އައިފޯންގެ ޗިޕްސް އާއި ކާރު އިންޖީނުގެ އިސްކުރު ހިމެނެއެވެ.

ޒަމާނީ ސްމާޓް ފޯންގެ އިތުރުން ޓައިވާންގެ ފެކްޓަރީތަކުން އަދިވެސް ބޯދާ އިލެކްޓްރޯނިކް ސާމާނު އުފައްދައެވެ. ޕޭޖަރު ފަދަ ތަކެތި އުފެއްދުން އަދިވެސް ކުރިއަށްގެންދެއެވެ. އެ ގޮތުން 1995 ގައި ގާއިމުކުރި ގޯލްޑް އެޕޯލޯއަކީ ޕޭޖަރު އުފައްދާ މެދުފަންތީގެ ކުންފުންޏެކެވެ. މި ފަދަ ކުދި ކުންފުނިތަކުން ހޮޓެލް އަދި ރެސްޓޯރަންޓްތަކުގައި ބޭނުންކުރާ ވަޔަލެސް މުވާސަލާތީ އާލާތްތައް އުފައްދައެވެ.

ލުބުނާންގައި ހިޒްބުﷲ މެންބަރުންގެ ޕޭޖަރުތައް ގޮއްވައިލައިގެން އިސްރާއީލުން ދިން ހަމަލާގެ ސަބަބުން ޓައިވާންގެ ޓެކްނޯލޮޖީ ކުންފުނިތަކުން އެއްބަސްވުން ހަދައިގެން އުޅޭ ސަޕްލައި ޗޭނުތަކާމެދު އިތުރަށް ސަމާލުވާންޖެހޭ ކަމަށް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވިއެވެ. އެ ގޮތުން ހުޅަނގުގެ ގައުމުތަކުގެ މުވާސަލާތީ އިންފްރާސްޓްރަކްޗަރުގެ ތެރެއަށް ޗައިނާ ވަނަނުދިނުމަށް އެމެރިކާއިން އިސްނަގައިގެން ގާއިމުކޮށްފައިވާ ކްލީން ނެޓްވޯކްގައި ޓައިވާނުން ބައިވެރިވެފައި އޮތް އޮތުން އެއީ ރަނގަޅު ކަމެއް ކަމަށް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވިއެވެ.

ލުބްނާންގައި ހިޒްބުﷲއަށް އިސްރާއީލުން ދިން ޕޭޖަރު ގޮއްވައިލުމުގެ ހަމަލާއާ ގުޅިގެން ޓައިވާންގެ ބައެއް ރައްޔިތުން މިހާރު ވަނީ ހިތްބިރުގަންފައެވެ.

"ހަމަ މި ކަހަލަ ހަމަލާއެއް ޗައިނާއިން ޓައިވާނަށް ވެސް ދިނުން އެކަށީގެންވޭ،" ޕީ.ޓީ.ޓީ ޕްލެޓްފޯމްގައި ޓައިވާން ރައްޔިތަކު ލިޔުނެވެ.

ނަމަވެސް ޓައިވާންގެ ހުރިހާ ރައްޔިތުންގެ ހިތްނުތަނަވަސްވި ކަމަކަށް ނުފެނެއެވެ.

"ޓައިވާނުން ބޭނުން ވަނީ ހަމައެކަނި ތަކެތި ވިއްކަން. އެހެން މީހުން އެ ތަކެތި ބޭނުންކުރާނެ ގޮތް އެއީ މެދުއިރުމަތީގެ މީހުންގެ ކަމެއް،" އެހެން މީހަކު ކޮމެންޓްކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *