ލޯބިވާ އަޚުންނޭވެ. މާދަމާ ފުރުސަތު ނުލިބިއްޖެއްޔާ ކުރާނީ ކީއްހެއްޔެވެ؟ މުސްކުޅި ޢުމުރުގައި ނަމާދުކުރުމުގެ ތައުފީޤު ނުލިބިއްޖެއްޔާ ކުރާނީ ކީއްހެއްޔެވެ؟ ބުނަން ހެއްޔެވެ؟ އެއަށްވުރެ ބޮޑު ބަދުނަސީބެއް ދުނިޔޭގައި މީހަކަށް ކުރިމައްޗެއް ނުވާނެއެވެ.
ލޯބިވާ އަޚުންނޭވެ. މިއީ ހައްޤު ތެދު ނޫން ހެއްޔެވެ؟ މިސްކިތްތަކުން ފަސްވަގުތު ބަންގީގެ އަޑު އިވުނަސް، އަހަރުމެންނަކަށް އިވޭ ކަމަކަށް ނުވެއެވެ. އަހަރުމެން އިންތިޒާރު ކުރަނީ އެ ބަންގީގެ އަޑު ކެނޑޭނެ އިރަކަށް ނޫން ހެއްޔެވެ؟ ޒުވާންކަމުގެ ޢުމުރު ބީވެގެން ނުދަނީސް، ﷲ ގެ ރުއްސެވުމާއި ފުއްސެވުން ހޯދާށެވެ. ރޭގަނޑު ނިދުމަށްފަހު، ފަތިހު ހޭލުމުގެ ނަސީބު ނުލިބި އަބަދުގެ އަބަދަށް ދެލޯ މެރިއްޖެނަމަ ކުރާނީ ކީއްހެއްޔެވެ؟ އަހަރުމެންގެ ޙަޔާތަކީ ފޮތެއްގައި ލިޔެވި ގައިދުކުރެވިފައިވާ އަހަރުތަކެކެވެ. މަސްތަކެކެވެ. ހަފްތާތަކެކެވެ. ދުވަސްތަކެކެވެ. ގަޑިތަކެކެވެ. މިނެޓްތަކެކެވެ. ސިކުންތުތަކެކެވެ. އެ ވަގުތަށް ބަދަލެއް ނުގެނެވޭނެއެވެ.
ލޯބިވާ އަޚުންނޭވެ. ކުޑަކޮށް މަޑުކޮށްލާފައި ނިކަން ވިސްނާ ފިކުރުކޮށް ބަލާށެވެ! މި ޒަމާނުގައި މުވާޞަލާތީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން، އެ ފަރާތްތަކުގެ ކަސްޓަމަރުންނަށް މެސެޖު ކުރެއެވެ. ހަތްދިހަ އިން ސައްތަ ޑޭޓާ ބޭނުންކޮށް ހުސްވެއްޖެއެވެ. ޓޮޕް އަޕް ކުރާށެވެ. ފައިސާ ދައްކާށެވެ. ނުވަދިހަ އިންސައްތަ ޑޭޓާ ބޭނުންކޮށް ހުސްވެއްޖެއެވެ. މާދަމައަކީ ފޯނުގެ ޚިދުމަތް ލިބޭނޭ އެންމެފަހު ދުވަހެވެ. ފޯނުގެ ޚިދުމަތް މެދުކެނޑިދާނެތީ، ހޯދުނު ގޮތަކުން ފައިސާ ހޯދައިގެން، ފައިސާ ދައްކަން އަހަރެމެން އަވަސްވެ ގަންނަމުއެވެ. އެކަމަކު އަހަރެމެންގެ ޙަޔާތުގެ ޑޭޓާ ހުސްވެދާނެތީ އަހަރެމެން ކަންބޮޑެއް ނުވަމުއެވެ.
ލޯބިވާ އަޚުންނޭވެ. ބުނަން ހެއްޔެވެ؟ އަހަރެމެންގެ ޙަޔާތުގެ ޑޭޓާ ހުސްވެ މަރުގެ ވަގުތު ކުޑަތަންވިޔަސް، އެއްވެސް ފަރާތަކުން މެސެޖެއް ނާންނާނެއެވެ. 'ބާކީ އޮތީ އެއްދުވަހެވެ. ތިބާގެ ޢުމުރުގެ ހަތްދިހަ އިންސައްތަ ހުސްވެއްޖެއެވެ. އަށްޑިހަ އިންސައްތަ ހުސްވެއްޖެއެވެ. ބާކީ އޮތީ އެންމެ ތިން ދުވަހެވެ. ތައުބާވާށެވެ! ހެޔޮ ޢަމަލުތައް ކުރުމަށް އަވަސްވެ ގަންނާށެވެ!' ނޫނެކެވެ. މިފަދަ އެއްވެސް މެސެޖެއް ނާންނާނެއެވެ. ނުވެސް އެނގޭނެއެވެ. ހެނދުނު ހެދުނާ އުފަލުން ގެއިން ނުކުމެގެން ދިޔަ ކިތައް ކިތައް މީހުންގެ ޖަނާޒާ، ހަމަ އެދުވަހު ހަވީރު ބޭއްވުނު ހެއްޔެވެ؟
ލޯބިވާ އަޚުންނޭވެ. ޣާފިލުކަމުގެ ނިދިން ހޭލާށެވެ. ތިޔަބައިމީހުންގެ ނުބައި އާދަތަކުން ދުރުވެ ތައުބާވާށެވެ. ދުލުގެ އާފާތުން ސަލާމަތްވާށެވެ. އެންމެ ގިނަ ބަޔަކު ނަރަކައަށް ވައްޓައިލެވޭނީ، އެމީހުންގެ ދުލުގެ ސަބަބުންނޭ ބުނާތީ އަޑުއެހީމެވެ.
ލޯބިވާ އަޚުންނޭވެ. ކޮންމެ ދުވަހެއްގެ ދުވަހީ ދިރިއުޅުމުގައި ކިތައް ކިތައް ފަހަރު ގަބުރުސްތާނު ހުރަސްކޮށްފައި ދެވޭ ހެއްޔެވެ؟ ނިކަން އެއްފަހަރުވެސް ވިސްނާލީމު ހެއްޔެވެ؟ އަހަރެމެންގެ މި ދުނިޔޭގެ އެންމެފަހުގެ މަންޒިލަކީ އެއީއެވެ. އަހަރެމެންގެ ހަޔާތް މި ވޭތުކުރަނީ އެތަނަށް ދިއުމަށެވެ. އޭ މިތިބަ މޮޔައިންނޭވެ. އަހަރުމެން އެތަނަކުން އުފަލާ ހިތްހަމަޖެހުން ހޯދަން މިއުޅޭ ދުނިޔެކީ، އަދަބެއްގެ ގޮތުގައި ސުވަރުގެއިން ބޭރުކޮށްލެއްވުމަށްފަހު، އެތަނަކަށް އަހަރުމެންގެ ބަފައިކަލުން އާދަމު ޢަލައިހިއްސަލާމު ފޮނުވާލެއްވުނު ދުނިޔެއެވެ. މި ދުނިޔެއިން އަހަރުމެންނަށް ލިބުނީ ކޮން އެއްޗެއް ހެއްޔެވެ؟ އަހަރުމެން ދުނިޔެއަށް އައީ ހުސްއަތާ ރޮމުންރޮމުންނެވެ. އަހަރުމެން ދުނިޔެއަށް އުފަންވީތީ، އަހަރުމެންގެ ގާތްތިމާގެ މީހުން ދިޔައީ އޭރު ހެމުންހެމުންނެވެ. އެކަމަކު، މާދަމާ އަހަރުމެން ދުނިޔެއިން ނުކުމެގެންދާނީ، އެ އެންމެންގެ ތެރެއިން ދުނިޔޭގައި ތިބި ބަޔަކާއި އެތައް ރަޙުމަތްތެރިންނެއް ރޮއްވާފައި ހުސްއަތާއެވެ. އެންމެފަހުން، އެމީހުން އަހަރުމެން ވަޅުލާފައި ދާނީއެވެ. ދެން އެމީހުން އަވަސްވެ ގަންނާނީ، އަހަރެމެންނަށް ދުނިޔޭގައި މުދާތަކެއް އެއްކުރެވިފައި ހުރިނަމަ، އެ އެއްކުރި މުދާތައް ބެހުމުގެ ކަންތައްތަކުގައެވެ. ދުވަސްކޮޅަކުން އަހަރެމެންގެ މަތިން، އެމީހުން އެއްކޮށް ހަނދާން ނެތިގެންދާނެއެވެ. މިއީ ދުނިޔޭގެ ސުންނަތެވެ. އެކަމަކު، ދުނިޔޭގައި ތިބިއިރު، އަހަރެމެންގެ އެންމެބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތީ، މީހުން ބުނާނީ ކީކޭ ހެއްޔެވެ؟
ލޯބިވާ އަޚުންނޭވެ. އާޚިރުގައި އެންމެފަހުން އެންމެންވެސް ބުނާނީ ހަމަ އެކައްޗެކެވެ. އެއީ "إنّالله وإنّاإليه راجعون" އެވެ. ބާކީ ހުރީ ކިހާ ތެލެއްތޯ، ބައްތިއާއި ސުވާލުނުކުރާށެވެ. ބާކީ ހުރީ ކިތައް ނޭވާތޯ، ނޭވާއާ ސުވާލުނުކުރާށެވެ. ބާކީ ހުރީ ކިތައް ވިންދުތޯ ހިތާއި ސުވާލު ނުކުރާށެވެ. ދުނިޔޭގައި އެމީހުން ކުރި ރަނގަޅު ހެޔޮ ޢަމަލުތަކުގެ ސަބަބުން އެމީހުންނަށް ދެއްވި ނިޢުމަތްތަކާ ބެހޭގޮތުން، ކަށްވަޅުތަކުގައި ކަފުނުގައި ނިދާފައި ތިބި މީހުންނާ ނިކަން ސުވާލުކޮށް ބަލާށެވެ.
ޔާ ﷲ! މަރުގެ ވަގުތު އަންނަހިނދު، ޝަހާދަތުގެ ދެކަލިމަ ކިޔުމުގެ ތައުފީގު އަޅަމެންނަށް ދެއްވާދޭނވެ! ބޭއީމާން ކަމުގެ މަރުން އަޅަމެން ރައްކާތެރި ކުރައްވާދޭނވެ! އީމާންކަމުގެ އަހުލުވެރިންގެ ގޮތުގައި މެނުވީ، އަޅަމެންގެ މަރު ނުހިއްޕަވާދޭނވެ! އަޅަމެންގެ އާޚިރަތުގެ ދަތުރު، އަޅަމެންގެ މައްޗަށް ފަސޭހަކޮށް ދެއްވާދޭނވެ! އަޅަމެންގެ ހިސާބު ބެއްލެވުން އަޅަމެންގެ މައްޗަށް ލުއިކުރައްވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާދޭނވެ!
One Response
ވަރަށް ރަގަޅު ލިޔުމެއް. ކިޔާލާމީހުނަށް ރަގަޅައް ވިސްނޭނެ އިބާރާތަކުން ލިޔެފަހުރީމަ ވަރަަށް ކަމުދޭ..