ގދ. ތިނަދޫ އަށް ބޭނުންވާ ފެން ފޯރުކޮށްދިނުމަށް އެ ކުންފުނިން ހޯދައިފައިވާ ފެންޕްލާންޓާ ގުޅިގެން ހަގީގަތާ ހިލާފު ދޮގު ހަބަރުތައް ނުފެތުރުމަށް ފެނަކައިން އިލްތިމާސްކޮށްފި އެވެ.
ފެނަކައިން މިއަދު ނެރެފައިވާ ބަޔާނެއްްގައި ބުނެފައިވަނީ ފެނަކައިން އަވަސް އަރުވާލައިގެން ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ގޮތަކަށް ތިނަދޫ އަށް ޕެން ޕްލާންޓެއް ހޯދައިފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރާފައިވާ ހަބަރަކީ "ހަގީގަތާ ހިލާފު ދޮގު ހަބަރެއް" ކަަަމަށެވެ.
"ތިނަދޫ އަށް ބޭނުންވާ ފެން ފޯރުކޮށްދިނުމަށް އެ ފެންޕްލާންޓް ހޯދުމުގައި އަމަލްކޮށްފައިވަނީ ކުންފުނީގެ ޕްރޮކިއުމަންޓް އުސޫލުތަކުގެ ތެރެއިން ކަނޑައަޅާފައިވާ އިޖުރާއަތުތައް ފުރިހަަމަކުރުމަށްފަހު" ކަމަށް ފެނައިން ބުނެފައިވެ އެވެ.
އެފަދަ ދޮގު ހަބަރުތައް ފަތުރާފައިވަނީ އެ ކުންފުނީގެ މެނޭޖްމަންޓާ ދޭތެރޭގައި ވަކި ތަސައްވުރެއް އުފެއްދުމަށްޓަކައި ކަަމަށް ވެސް ފެނަކައިން ބުނެ އެވެ.
"މިފަދަ ދޮގު ހަބަރުތައް ފަތުރަނީ ވަކި ބަޔަކު އަޑީގައި ތިބެ، ކުންފުނީގެ މެނޭޖްމަންޓުގެ އަގު ވައްޓާލުމަށް. އަދި ކުންފުންޏާ މެދު ރައްޔިތުންގެ އިތުބާރު ގެއްލި ނުތަނަަވަސްކަން އުފެދޭ ގޮތަށް ހަބަރުތައް ނުގެނެސްދިނުމަށް އިލްތިމާސްކުރަން،" ފެނަކައިން ބުންޏެވެ.
ފެނަކައިން ބުނީ އެ ކުންފުނިން ތިނަދޫގައި ފެން ފޯރުކޮށްދިނުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް ބުރޫއަރާ ގޮތަށް ސިޔާސީ ބައެއް ފަރާތްތަކުން ރަށުތެރޭގައި އަަމަލް ކުރަމުން ގެންދާ ކަމަށާއި ނަަމަވެސް ހިދުމަތް ހުއްޓުވުމަކަށް ގެނައުމަށް ކުރަމުން ގެންދާ މަސައްކަތް ކާމިޔާބުވިޔަ ނުދީ އެ ކުންުފުނިން ހިދުމަތް ދިނުމުގައި ސާބިތުވެ އޮންނާނެ ކަަމަށެވެ.
ތިނަދޫ އަށް ބޭނުންވާ ފެން ފޯރުކޮށްދިނުމަށް އެ ކުންފުނިން ހޯދި ފެންޕްލާންޓާ ގުޅޭ ގޮތުން ދައްކަމުން ގެންދާ ވާހަކަތައް ދޮގުކޮށް އެ ކުންފުނިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މި ސަރުކާރުން ފެނަކައާ ހަވާލުވި އިރު އެ ކުންފުނިން ހިދުމަތް ދެމުން ގެންދާ ފެނާއި ނަރުދަމާ އަދި ކަރަންޓްގެ ހާލަތު އޮތީ ވަރަށް ދަށްކޮޮށް ކަަމަށާއި ފެނުގެ ހާލަތު ނާޒުކު ފައްތަރެއްގައި އޮތް ހަތް ރަށް އޮތް ކަަމަށެވެ.
ފެނުގެ ހިދުމަތް އެ ކުންފުނިން ފޯރުކޮށްދޭއިރު އެ ރަށްރަށަށް އިސްކަން ދެއްވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މިދިޔަ މަހު ވިދާޅުވެފައިވާކަން އެ ކުންފުނިން ފާހަގަކޮށްފައިވެ އެވެ.
އެ ރަށްތަކުގެ ތެރެއިން އާބާދީގެ ގޮތުން އެންމެ ބޮޑު އަދި އާބާދީގެ ޑިމާންޑާ އެއްވަރަށް ފެން ފޯރުކޮށްދިނުމުގައި އެންމެ ބޮޑަށް ދަތިވެފައިވާ ރަށަކީ ތިނަދޫ ކަމަށް ވެސް ފެނަކައިން ބުނެ އެވެ.
"މިހާރު އެ ސިޓީގައި ހިދުމަތް ދެމުން ގެންދާ ފެން ޕްލާންޓުން އެކަނި ހިދުމަތް ދޭން ޖެހުމުގެ ސަބަބުން، ހިދުމަތް މެދުކެނޑި، ފާއިތުވި ދެ މަސް ތެރޭގަ ތިން ފަހަރެއްގެ މަތިން އަމިއްލަ ފަރާތްތަކުން ފެން ހޯދަން ޖެހިފައިވޭ،" ފަނަކައިން ބުނެ އެވެ.
ފެނަކައިން ބުނީ މިގޮތަށް އަމިއްލަ ފަރާތްތަކުން ފެން ހޯދަން ޖެހުމުން ކުންފުނިން އެތައް ހަރަދެއް ކުރަން ޖެހޭ ކަމަށާއި ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި ތިނަދޫ ސިޓީއަށް އެކަނި 4.5 މިލިއަން ރުފިޔާގެ ފެން ފޯރުކޮށްދޭން ޖެހުނު ކަމަށެވެ.
މިގޮތަށް ފެން ފޯރުކޮށްދިނުމަށް ބުރޫ އަރާ ކޮންމެ ފަހަރަކު އެރަށުގެ ރައްޔިތުންނަށް އެތައް ތަކުލީފަކާ ކުރިމަތިލާން ޖެހޭ ކަމަށާއި އެ ރަށަށް ބޭނުންވާ ފެނުގެ ކެޕޭސިޓީ މިހާރުން މިހާރަށް އިތުރު ނުކުރެވިއްޖެ ނަމަ ކޮންމެ މަަހަކު ވެސް ފެނުގެ ހިދުމަތް މެދުކެނޑުމުގެ ތަކުލީފާ އެރަށުގެ ރައްޔިތުން ކުރިމަތިލާން ޖެހޭނެ ކަމަށް ފެނަކައިން ބުނެ އެވެ.
އެހެން ކަމުން މި މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެމްޑަބްލިއުއެސްސީއާއި ސްޓެލްކޯއަށް ފެނަކައިން ހުށަހަޅާފައިވާނެ ކަމަށެވެ. ނަމަވެސް އެމްޑަބްލިއުއެސްސީން އެކަމަށް ފަސް ހަފްތާ ހޭދަވާނެ ކަމަށާއި އަދި ސްޓެލްކޯއިން 180 ދުވަސް ހޭދަވާނެކަން އެ ކުންފުންޏަށް އަންގާފައިވާ ކަމަށް ފެނަކައިން ބުނެ އެވެ.
އެހެންކަމުން އެ މައްސަލަ ވީހާ ވެސް އަވަހަށް ހައްލުކޮށްދިނުމަށް އެ ކުންފުނީގެ ވެންޑަރުންގެ ތެެރެއިން އެ ހިދުމަތްދޭ އަމިއްލަ ކުންފުނިތަކަށް ރިކުއެސްޓް ފޯ ކްއޯޓް ހުށަހެޅުމަށް ދެ ފަހަރެއްގެ މަތިން އަންގާފައިވާނެ ކަމަށާއި އެކަމަށް އެދި ހުށަހަޅާފައިވަނީ ޢެންމެ ފަރާތަކުން ކަމަށް ފެނަކައިން ބުނެ އެވެ.
"މި ފަރާތާ އެކު އެއްބަސްވުމެއް ގާއިމްކުރުމުގެ ކުރިން، ހުށަހަޅާފައިވާ އަގާ މެދު މަޝްވަރާކުރެވި އަގު ކުޑަކުރެވިފައިވާކަން ފާހަގަކޮށްލަން،" ފެނަކައިން ބުނެފައިވެ އެވެ
މި ފެންޕްލާންޓް އިންސްޓޯލް ކުރެވޭނީ އޭގައި ހިމަނަންޖެހޭ ހުރިހާ ބައިތަކެއް ހަމަވެގެން ކަމަށާއި އައު ޕްލާންޓް އިންސްޓޯލްކުުރުމުން ތިނަދޫއަށް ސިޓީގައި 600 ޓަނުގެ ފެން އުފެއްދުމުގެ ގާބިލްކަން ލިބިގެންދާނެ ކަަމަށް ފެނަކައިން ބުނެ އެވެ.



advertisment

