ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ގާނޫނު އަސާސީއާ ހިލާފްވެވަޑައިގެންފައި ކަމަށާއި އިދިކޮޅު ފަރާތްތައް ގާނޫނީ ހަމަތަކުގެ މަތިން ވަރަށް އަވަހަށް ވެރިކަމާ ހަވާލުވާނެ ކަމަށް އިދިކޮޅު ކޯލިޝަނުގެ ލީޑަރު އަބްދުއްރަހީމް އަބުދުﷲ މިއަދު ގޮވާލައްވައިފިއެވެ.
މަނީ ލޯންޑަރިންގެ މައްސަލާގައި ފަސް އަހަރަށް މާފުށީ ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި ކ. މާފުށީ ބޭރުގައި ދޯންޏާއި ލޯންޗްފަހަރުގައި ކުރި މުޒާހަރާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މިއަދު ފެށިގެން މިދަނީ ވަރަށް ވަރުގަދަ ޖިހާދީ ހަރަކާތެއް ކަމަަށާއި "ނުކުމެ މިތިބީ ގައުމުގެ މަސްލަހަތު ހިމާޔަތްކޮށް ދިވެހި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް" ކަމަށެވެ.

އަދި ވިދާޅުވީ މުޒާހަރާއަށް ފުުލުހުންނާއި ރައީސް ސޯލިހު ހުރަސް އެޅުއްވިޔަސް ސިޔާސީ ހަރަކާތައް ހުއްޓުމެއް ނެތް ކަމަށާއި ކުރިއަށް އޮތް ތާނގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް އެކި ރަށްތަކުގެ ފަޅަށް ވަދެ ރައްޔިތުންނާ ބައްދަލުކޮށް ރައީސް ސޯލިހާއި އެމްޑީޕީގެ ސަރުކާރުން ގައުމަށް ދެމުންދާ ގެއްލުމުގެ ވާހަކަ ތަކުރާރުކޮށް ދައްކަމުން ގެންދަވާނެ ކަމަށެވެ. އަދި ރައްޔިތުން އެދެމުންދަނީ ރައީސް ޔާމީން މިނިވަންކޮށް ވެރިކަމަށް ގެނެސްދިނުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މިއަދު ދިވެހި ރައްޔިތުން ބޭނުންވަނީ ގާނޫނީ އިމުގެ ތެރެއިން މި ސަރުކާރު ނިންމަން. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މަނިކުފާނު ތިޔަ ހުންނެވީ ގާނޫނު އަސާސީއާ ހިލާފްވެފައޭ. މާދަމާ ޖަލަށް ވަޑައިގެންނަވަން ޖެހޭނެކަން ހަދާން ކުރައްވާށޭ. އެއްގޮތަކަށް ވެސް ހީފުޅުނުކުރައްވާތި ފިލައިގެން، ރައްކާވެގެން ދެވިދާނެ ކަމަށް" އަބްދުއްރަހީމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މާފުށީގައި މުޒާހަރާ ކުރުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕާއި ސަޕޯޓަރުން ދިޔައީ މަސްލަހަތު ނަގާލަން ނޫން ކަމަށާއި ރާއްޖޭގެ ވެރިކަން ކޮށް ރާއްޖެ ތަރައްގީކުރި ބާނީ އަނިޔާވެރިންގެ ޝިކާރައަކަށްވެ މާފުށީ ޖަލުގައި އޮންނެވުމުން އެމަނިކުފާނު މިނިވަންކުރުމަށް އިހްތިޖާޖު ފެށުމަށް އެންމެ ރަނގަޅު ތަނަކީ މާފުށި ކަމަށް ވުމުން އެ ސަރަހައްދުގައި އެކަމާ އިހްތިޖާޖުކުރުމަށް ކަމަށެވެ. އަދި ފުލުހުން އެކަމަށް ހުރަސް އަޅަމުންގެންދަނީ ސީދާ ރައީސް ސޯލިހުގެ އަމުރަށް ކަމަށްވެސް އަބްދުއްްރަހީމް ވިދާޅުވިއެވެ.
"ދިވެހި ރާއްޖެ އިންޑިޔާއަށް ވިއްކާ ހުސްކޮށްފި. އަޅުގަނޑުމެން ތަކުރާރުކޮށް ދަންނަވަމުން މިގެންދަނީ އިންޑިޔާއާ އެކީ ހަދާފައިވާ (ލޯނު) އެއްބަސްވުންތަކުގެ ތަފްސީލް ރައްޔިތުންނަށް ހާމަކޮށްދެއްވާށޭ. މިއީ ދިވެހި ރައްޔިތުންގެ ގައުމެއް. މިއީ ރައީސް ސޯލިހުގެ ގައުމެއް ނޫން. މިއީ ކެނެރީގޭ މުހައްމަދު ނަޝީދުގެ ގައުމެއްވެސް ނޫން. ރައީސް ޔާމީން މިނިވަންކޮށްފައި ނޫނީ މި މަސައްކަތް އަޅުގަނޑުމެން ނުުހުއްޓާނަން. އިރާދަކުރެއްވިއްޔާ ޕީޕީއެމް/ޕީއެންސީން ރާއްޖޭގެ ވެރިކަމާ ވަރަށް އަވަހަށް ހަވާލުވާނެ،" ކަނޑުމަތީގައި ކުރި މުޒާހަރާގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

މިއަދު މާފުއްޓަށް ކުރި މުޒާހަރާ ދަތުރުގައި މުޒާހަރާގެ ބައިވެރިން މާފުށީ ފަޅަށް ވަންނަން މަސައްކަތްކުރުމުން ފުލުހުން ވަނީ އެކަމަށް ހުރަސް އަޅައިފައެވެ. އަދި އެރަށުގެ ބޭރު ކައިރީގައި ތިބެގެން މުޒާހަރާ ކުރިއިރު އެ ސަރަހައްދުގެ ބައެއް އޮޑި ދޯނިފަހަރާއި ޖެޓްސްކީ ވެސް ވަނީ މުޒާހަރާގައި ބައިވެރިވެފައެވެ.
ޕީޕީއެމް އިން ބުނެފައި ވަނީ އަންނަ ހުކުރު ދުވަހު މާލެ ސަރަހައްދު ފިޔަވާ ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި، ގައުމު ވިއްކުމާއި ދެކޮޅަށް އަޑުއުފުލައި މުޒާހަރާކުރާނެ ކަމަށެވެ.



advertisment