ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބު އަންނަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައި، ޖުމްލަ 2095 މަގާމަަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.
އެ ޕާޓީން މިއަދު ހުޅުވާލި ފުރުސަތުގައި މި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނީ މިމަހުގެ 30 ވަނަ ދުވަހާ ހަަމައަށް އެ ޕާޓީގައި ހިމެނޭ މެމްބަރުންނަށެވެ. އަދި މި އިންތިހާބުގައި ވާދަކުުރުމުގެ ފުރުސަތު އެ ތާރީހާ ހަމައަށް ހަމަވާއިރު އެ އިންތިހާބުގައި ވޯޓު ލުމުގެ ފުރުސަތު ވެސް ލިބޭނީ އެ ތާރީހާ ހަމައަށް ޕާޓީގެ ދަފްތަރުގައި ތިބި މެމްބަރުންނަށް ކަމަށް ޕީއެންސީން ބުނެ އެވެ.
"މި އިންތިހާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 2095 މެމްބަރުން އެކިއެކި މަގާމުތަކަށް އައްޔަން ކުރާނެ،" ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު ފަލާހު ވިދާޅުވި އެވެ.
އެ ބައްދަލުުވުމުގައި އެ ޕާޓީގެ އިންތިހާބީ ކޮމިޓީގެ ރައީސް އަދި ހެލްތް މިނިސްޓަރ ޑރ. އަބްދުﷲ ހަލީލު ވިދާޅުވީ މި އިންތިހާބު ވެގެންދާނީ "ސިޔާސީ ޕާޓީއަކުން ބާއްވާނެ އެންމެ ބޮޑު އިންތިހާބަށް" ކަމަށެވެ.
މި އިންތިހާބުގެ ތެރޭގައި ދާއިރާތަކުގެ ރައީސުންނާއި ނައިބް ރައީސުންނާއި ޒުވާނުންގެ ހަރަކާތުގެ ރައީސުންނާއި އަންހެނުން ހަރަކާތުގެ ރައީސުންގެ އިތުރުން ޕީއެންސީގެ ސްޓިއަރިން ކޮމިޓީގެ މެމްބަރުން އިންތިހާބު ކުރެވިގެންދާނެ ކަމަށް ހަލީލް ވިދާޅުވި އެވެ.
"އިންތިހާބަށް ކުރިމަތިލައްވާ ދާއިރާތަކުގެ ރައީސުން ދަފްތަރުގައި ނުހިމެނޭ މުޅިން އާ 50 މެމްބަރުންގެ ފޯމް ޕާޓީގެ ރައީސަށް ހުށަހަޅުއްވަން ޖެހޭނެ. އަދި ދާއިރާގެ ނައިބް ރައީސް ކަމަށް ކުރިމަތިލާ ބޭފުޅުން 25 ފޯމް ހުށަހަޅުއްވަންޖެހިވަޑައިގެންނަވާނެ،" ހަލީލް ވިދާޅުވި އެވެ.
މިހާރު ރައްޔިތުންގެ މަޖިލިސް މެމްބަރުން ތިއްބެވި ދާއިރާތަކުގެ ރައީސް ކަމަށް އެ ބޭފުޅުން އޮޓޯއިން ހަމަޖެހިގެންދާއިރު ރައީސުން ހޮވާނީ މަޖިލީސް މެމްބަރުން ނެތް ދާއިރާތަކުގައި ކަމަށާއި ހުރިހާ ދާއިރާތަކެއްގައި ވެސް ނައިބް ރައީސުން އިންތިހާބު ކުރާނެ ކަމަށް ހަލީލް ވިދާޅުވި އެވެ.
މީގެ އިތުރުން ކޮންމެ ރަށެއްގައި އަދި ސިޓީއެއްގައި ސްޓިއަރިން ކޮމިޓީތަކަށް މެމްބަރުން އިންތިހާބު ކުރެވޭނެ ކަމަށް ހަލީލް ވިދާޅުވި އެވެ.
އެގޮތުން އާބާދީގައި 3،000 ހަަމަނުވާ ރަށްރަށުގައި ހޮވާނީ ހަތް މެމްބަރުންނެވެ. އަދި 3،000 އަށްވުރެ އިތުރު އާބާދީތަކުގައި ހޮވާނީ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ ސްޓިއަރިން ކޮމިޓީއެއް ކަމަށާއި ކޮންމެ ސިޓީއެއްގައި ވެސް އޮންނަ އިންތިހާބީ ދާއިރާތަކަށް ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ ސްޓިއަރިން ކޮމިޓީއެއް އެކުލެވިގެންދާނެ ކަމަށް ހަލީލް ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ މިވަގުތު ޕީޕީއެމްގެ ކައުންސިލަރުންގެ ގޮތުގައި ސިޓީތަކާއި ރަށްރަށުގެ ކައުންސިލްތަކުގައި ތިއްބެވި ބޭފުޅުން އޮޓޮމެޓިކުން ސްޓިއަރިން ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ހަމަޖެހިގެންދާނެ ކަމަށެވެ.
ޕީއެންސީގެ އެެތެރޭގެ އިންތިހާބުތަކަށް މިއަދު އިއުލާން ކުރެވިގެންދިޔައިރު އިންތިހާބުގައި ބައިވެރިވާ ފަރާތްތަކުގެ ފޯމްތައް ބަލައިގަތުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 30 ވަނަ ދުވަހުގެ ހައެއް ޖަހާއިރުއެވެ.
ވޯޓާސް ލިސްްޓް އަންނަ އޮކްޓޯބަރު މަހުގެ ހަތަރެއްގައި އިއުލާން ކުރެވިގެންދާނެ ކަމަށާާއި ޝަަކުވާ ހުށަހެޅުމަށް ހުޅުވާލުމަށްފަހު އޮކްޓޯބަރު އަށެއްގައި ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންދާ މެމްބަރުންގެ ފައިނަލް ދަފްތަރު އިއުލާންކުރާނެ ކަމަށް ހަލީލް ވިދާޅުވި އެވެ.
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ 24 އޮކްޓޯބަރުގަ އެވެ.



advertisment