މީހުން މަރުވުމާއި ބޮޑެތި ޒަހަމްތަކުގެ އެކްސިޑެންޓަތައް ގިނަވުމުން، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ފުލުހުން ނުކުމެ ޗެކްކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ މިއީ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ކުރަމުން ގެންދާ ކަމެއް ކަމަށެވެ.
"ޗެކްޕޮއިންްޓް ގާއިމްކޮށް ވެހިކަލްތައް ބަލައި ފާސްކުރުމުގެ އިތުރުން، މަގުމަތީގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެ، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުން،" ފުލުހުންގެ ބަޔާނެއްގައި ބުނެ އެވެ.
ވެހިކަލްތައް ބޭނުން ކުރަން ފެށުމުގެ ކުރިން ރައްކާތެރިކަމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ޔަގީން ކުރުމަށް ވެސް މި ބަޔާނުގައި ފުލުހުން އެދިފައިވެ އެވެ.

މާލެ އާއި ހުޅުމާލޭގެ މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކުގެ އަދަދު ގިނަވެ، ދާދި ފަހުން ދެ ޒުވާނަކު ވަނީ ނިޔާވެފަ އެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް މަގުމަތީގައި ހިނގި އެކްސިޑެންޓްތަކުގެ އަދަދު ވަނީ 1907 އަށް އަރައިފަ އެވެ. އަދި އޭގެ ތެރެއިން އެންމެ ގިނައީ މާލެ އާއި ހުޅުމާލޭގައި ހިނގައިފައިވާ އެކްސިޑެންޓްތަކެވެ.
މަގުތަކުގެ ރައްކާތެރިކަން ކަށަަވަރު ކުރުމަށް ގާނޫނާއި ގަވާއިދުތަކަށް އިސްލާހު ގެނެސް، ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަމާ ބެހޭ މުއައްސަސާތަކަށް މިދިޔަ ހަފްތާގައި އަންގަވައިފަ އެވެ.



advertisment