ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ވެހިކަލްތަކަކީ އުސޫލާ އެއްގޮތަށް ނައްތާލަން ހުރި ވެހިކަލް ތަކެއްގެ ވީޑިއޯއެއް ކަމަށް ފުލުހުން ބުނެފި އެވެ.
އެ ވީޑިއޯއިން ފެންނަނީ މޭރީބްރައުން ކައިރީގައި އޮންނަ ޓޯޔާޑުގައި ފުލުހުން ސައިކަލްތަކެއްް ޓްރަކަކުން ވައްޓާލާ މަންޒަރެވެ. އަދި އެ ވީޑިއޯ އާންމުވުމާ އެކު އާއްމުންގެ އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިކަމާ ގުޅިގެން ފުލުހުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އާއްމުވެފައިވާ ވީޑިއޯގައި ފެންނަނީ މިދިޔަ ހުކުރު ދުވަހު ނައްތާލާފައިވާ އުޅަނދުތަކެއް ކަމަށެވެ.
"އެ ވީޑިއޯގައި ފެންނަ އުޅަނދުތަކަކީ ނައްތާލުމަށް ހަމަޖެހިފައިވާ އުޅަނދުތަކެއް. އަދި މިހާރު އެ އުޅަނދުތައް ވަނީ އޮންނަ އުސޫލުން ނައްތާލެވިފައި،" ފުލުހުން ބުނެ އެވެ.
ނައްތާލާފައިވާ އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ އެކި ދުވަސްމަތިން މާލެ އާއި ހުޅުމާލެއިން ޓޯކޮށްފައިވާ ދެ ފުރޮޅުލީ 247 އުޅަނދާއި ހަތަރު ފުރޮޅުލީ 29 އުޅަނދާއި 223 ބައިސްކަލް އަދި އެއް އެމްބިއުލަނާންސް ކަމަށް ފުލުހުން ބުނެ އެވެ.
"ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރާއި މުުޖުތަަމައުގެ އެއްބައިވަންތަކަން ގެއްލޭ ފަދަ، ހަގީގަތާ ހިލާފު މިފަދަ މައުލޫމާތު ފެތުރުން އެއްކިބާވުމަށް ފުލުހުން ހިދުމަތުން އިސްލިމާސްކުރަން،" ފުލުހުން ބުނެ އެވެ.
ގަވާއިދާ ހިލާފަށް މަގުމަތީގައި ބަހައްޓާފައި ހުންނަ ވެހިކަލްތައް ޓޯކުރުމަށްފަހު އެތަކެތީގެ ވެރިފަރާތްތަކަށް ހަތް ދުވަސް ތެރޭގައި އަންގަމުންދާ ކަމަށާއި އެ މުއްދަތުގެ ތެރޭގައި އެ ވެހިކަލްތަކުގެ ވެރިފަރާތްތަކުން ވެހިކަލްތަކާ ހަވާލުނުވާނަމަ އެ އޮންނަ އުސޫލުގެ ތެރެއިން ޓޯކުރި ވެހިކަލް ރަޖިސްޓްރީ ބާތިލްކުރުމަށްފަހު އުސޫލުގެ ތެރެއިން އެތަކެތި ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
މިގޮތަށް ޓޯކުރެވޭ ވެހިކަލްތައް އެ އޮންނަ އުސޫލުގެ ތެރެއިން ނައްތާލުމަކީ އަަބަދުވެސް އަމަލް ކުރަން އަންނަ ގޮތް ކަމަށް ވެސް ފުލުހުން ބުނެ އެވެ.



advertisment