Support Us

ލަވަކިޔަން ހުއްޓައި ފެޓްމޭން ސްކޫޕް މަރުވެއްޖެ

އެމެރިކާގެ ރެޕް ލަވަކިޔުންތެރިޔާ ފެޓްމޭން ސްކޫޕް ކޮންސެޓެއްގައި ލަވަ ކިޔަން ހުއްޓައި މަރުވެއްޖެ ކަމަށް އޭނާގެ އާއިލާއިން މިއަދު ބުނެފިއެވެ.

ނިއު ޔޯކަށް އުފަން އުމުރުން 53 އަހަރުގެ، އަސްލު ނަމުން ނަމަ އައިސެކް ފްރީމަން ތިނެއް، ވަނީ ރޭ ކަނެކްޓިކަޓް ސްޓޭޓްގައި އޮތް ކޮންސެޓެއްގައި ސްޓޭޖްމައްޗަށް ވެއްޓިފައި ކަމަށް އާއިލާއިން ބުންޏެވެ. ނަމަވެސް މަރު ވި ސަބަބު އަދި ހާމައެއް ނުކުރެއެވެ.

ފެޓްމޭން މަޝްހޫރު ވީ 1999 ގައި ނެރުނު "ބީ ފެއިތުފުލް" ލަވަ ޔޫރަޕް ޗާޓުތަކަށް އެރުމުންނެވެ. އޭގެ ފަހުން އޭނާ ވަނީ އެހެން ލަވަކިޔުންތެރިންގެ ލަވަތަކުގައި ބައިވެރިވެފައެވެ.

ފެޓްމޭން ސްޓޭޖް މައްޗަށް ވެއްޓުމުން ވަގުތުން ހޮސްޕިޓަލަކަށް ގެންދިޔައެވެ. އެ ތަނުން ބުނީ އޭނާ ގެނައިއިރު ވެސް ވަނީ މަރުވެފައި ކަމަށެވެ.

"އަހަރެމެންނަށް މި ގެއްލުނީ ސްޓޭޖް މަތީގަ އާއި ހަޔާތުގައި ވެސް މިސާލު ދެއްކި ދަންމަރެއް،" ފެޓްމޭންގެ އާއިލާއިން މިއަދު އިންސްޓަގްރާމްގައި ލިޔެފައިވެއެވެ.

އާއިލާއިން ބުނީ ފެޓްމޭންއަކީ އާއިލާއަށް ހުނުމާއި ހިތްވަރާއި ކެރުންތެރިކަން ގެނެސްދިން މީހެއް ކަމަށެވެ.

"އަހަރެންނަށް ދިން ހުރިހާ އެއްޗަކަށް ޝުކުރުވެރިން،" ފެޓްމޭންގެ މެނޭޖަރު ބަރޗް މައިކަލް ފޭސްބުކްގައި ލިޔެފައިވެއެވެ.

"ބީ ފެއިތުފުލް"އަކީ އެމެރިކާގައި ވަރަށް އާދައިގެ ގޮތަކަށް ނެރުނު ލަވައެކެވެ. ނަމަވެސް 2003 ގައި އަލުން ރިލީޒްކުރުމުން އިނގިރޭސި ވިލާތާއި އަޔަލެންޑްގެ ޗާޓުތަކަށް އެރިއެވެ.

ފެޓްމޭން ވަނީ 2005 ގައި ނުކުތް "ލޫޒް ކޮންޓްރޯލް"ގައި މިސީ އެލިއަޓް އާއި ސިއެރާ އާއެކު ލަވަކިޔުމުގައި ބައިވެރިވެފައެވެ. މި ލަވައިގެ ވީޑިއޯއަށް މިއުޒިކް ސިނާއަތުގެ އެންމެ ޝަރަފުވެރި ގްރެމީ އެވޯޑު ޖެހިގެން އައި އަހަރު ލިބުނެވެ.

"ފެޓްމޭންގެ އަޑާއި ހަކަތައިން އެހުންތެރިން އުފާކޮށްދީފައިވޭ. އޭނާ ބައިވެރިވި ލަވަތަކަށް ނެށުމުގައި ވިއްސަކަށް އަހަރު ވެސް މީހުން ހޭދަކުރި،" މިސީ އެކްސްގައި ލިޔުނެވެ.

ފެޓްމޭންގެ ބުކިން އެޖެންސީ، އެމް.އެން.2.އެސް.އިން ބުނީ އޭނާއަކީ "އިމެއް ނެތް ޝައުގުވެރިކަން" ހުރި މީހެއް ކަމަށެވެ.

"މިއުޒިކަށް ލޯބި ހުރި، މިއުޒިކް އިންޑަސްޓްރީން ފުހެނުލެވުނު އަޑަކާއި ޝަހުސިއްޔަތެއްގެ ވެރިއެއް،" އެ އެޖެންސީން ބުންޏެވެ.

އެ އެޖެންސީގައި ފެޓްމޭން ތަމްސީލުކުރާ އެޖެންޓް ޝެރަން އެލްކަބަސް މިއަދު ބުނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ފެޓްމޭންއާ ވާހަކަ ދެއްކި ކަމަށެވެ.

"ވަރަށް ރަނގަޅު ރޫހެއްގައި ހުރީ. އޭނާ މިހާރު އަހަރެމެންނާ އެކުގައި ނެތްކަން ގަބޫލުކުރަން ދަތި،" ޝެރަން ބުންޏެވެ.

އޮސްޓްރޭލިއާގައި 2018 ވަނަ އަހަރު ހިނގި ސިޔާސީ ކޯޅުމެއްގައި ފެޓްމޭން ހިމެނުނެވެ. ވީ ގޮތަކީ އެއިރުގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން އޭނާގެ ސޯޝަލް މީޑިއާގައި "ބީ ފެއިތުފުލް"ގެ ލިރިކްސްކޮޅެއް ހިމެނުމެވެ. މި ކަމާ ގުޅިގެން ފާޑުކިޔާ ފަރާތްތަކުން ބުނީ މި ލަވައިގައި އަހުލާގީ ގޮތުން ދަށް ފެންވަރުގެ ބަސްމަގު ހުރީމައި، މިއީ ގާނޫނު ހަދާ މަޖިލީހުގެ އިއްޒަތާ ފުށުއަރައި ކަމެއް ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ސްކޮޓް ވަނީ އެ ލިޔުންކޮޅު ފުހެލައިފައެވެ. އަދި ވިދާޅުވީ އޭނާގެ "ޕްލޭލިސްޓްގައި އެ ލަވަ ނުހިމެނޭކަން ސާފު" ކަމަށެވެ.

މި ކަމާ ގުޅިގެން ސްކޮޓް ޓެގްކޮށްފައި ފެޓްމޭން އިންސްޓަގްރާމްގައި ބުނީ "އޮސްޓްރޭލިއާ ސަރުކާރުގެ އެންމެ މަތީ ފަންތީގައި އަހަރެންގެ އަޑު ގުގުމާތީ ހިތްތިރިވެފައިވާ" ކަމަށެވެ.

"މިއީ މަޖާކުރާ ޕާޓީ ލަވައެއް. އެއްވެސް ކަހަލަ ނުރައްކަލެއް ނެތް ލަވައެއް،" ލަވައިގައި ހުރި އަހުލާގީ ގޮތުން ދަށް ފެންވަރުގެ ބަސްމަގު ދިފާއުކުރަމުން ފެޓްމޭން ބުނެފައިވެއެވެ.

ފެޓްމޭން ވަނީ އޮސްޓްރޭލިއާގައި ބާއްވާ ކޮންސެޓަކަށް ސްކޮޓަށް ދައުވަތު އަރުވައިފައެވެ. އެއީ ސްޓޭޖުން ބިތްދޮށުގައި ފެޓްމޭންއާ ބައްދަލުކުރެއްވުމަށް އެދިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *