އެކްސް (ކުރީގެ ޓްވިޓާ) ބްރެޒިލްގައި މަނާކުރިއަސް މައްސަލައެއް ނެތް ކަމަށް މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމްގެ ވެރިޔާ ބިލިއަނަޔަރު އީލޮން މަސްކް ބުނެފިއެވެ.
ބްރެޒިލްގައި ހިންގާ އެކްސްގެ އިދާރާއަށް އާ ގާނޫނީ ވަކީލަކު ކަނޑައެޅުމަށް ސުޕްރީމް ކޯޓުން ދިން މުހުލަތު ހަމަވުމާ ގުޅިގެން ފަނޑިޔާރު އަލިޝަންދްރި ޑި މޮރައެސް ވަނީ އިއްޔެއިން ފެށިގެން "ވަގުތުން މުޅި ޕްލެޓްފޯމް" ބަންދުކުރަން އަންގަވައިފައެވެ. އެއީ ކޯޓުން ކޮށްފައިވާ ހުރިހާ އަމުރުތަކާއި ކަނޑައަޅައިފައިވާ ޖޫރިމަނާތައް ދެއްކުމަށް ޝަރުތުކޮށްފައެވެ.
އެމެރިކާ، ކެނެޑާ އަދި ދެކުނު އެފްރިކާގެ ރައްޔިތުކަން އޮންނަ މަސްކް އާއި މޮރައެސްއާ ދެމެދު ކުރިމަތިލުންތައް ފެށުނީ މިދިޔަ އެޕްރިލް މަހުއެވެ. މޮރައެސް އެންގެވީ ނުބައި މައުލޫމާތު ފަތުރާތީ ބައެއް އެކައުންޓްތައް ސަސްޕެންޑް ކުރުމަށެވެ.
"މިނިވަން ހިޔާލަކީ ޑިމޮކްރެސީގެ ބިންގާ. އިންތިހާބުނުކޮށް ކަނޑައަޅައިފައިވާ 'ފޭކު' ފަނޑިޔާރެއް ސިޔާސީ ބޭނުންތަކެއްގައި ބްރެޒިލްގެ ޑިމޮކްރެސީ ހަލާކުކުރަމުން އެދަނީ،" މޮރައެސްއަށް ނިސްބަތްކޮށް މަސްކު ބުންޏެވެ.

ބްރެޒިލްގެ 200 މިލިއަން މީހުންގެ ތެރެއިން މަދުވެގެން 10 ޕަސެންޓް ރައްޔިތުން އެސްކް ބޭނުންކުރެއެވެ.
އިއްޔެ ހެނދުނު އެކްސްއަށް ނުވަދެވޭ ކަމަށް ބްރެޒިލްގެ ބައެއް މީހުން ބުންޏެވެ.
ބްރެޒިލްގައި ހުންނަ އެކްސްގެ އިދާރާ މި މަހު ކުރީކޮޅު ވަނީ ބަންދުކޮށްފައެވެ. ސަބަބަކީ ސުޕްރީމް ކޯޓުން ކުރިމަތިކުރި ޝަރުތުތަކަށް ތަބާނުވެއްޖެ ނަމަ އެކްސް ތަމްސީލުކުރާ ފަރާތް ހައްޔަރުކުރާނެ ކަމަށް އިންޒާރު ދިނުމުންނެވެ. އެކްސްއިން ބުނީ މިއީ "ސެންސަރު" ކުރުން ކަމަށާއި މިއީ ޚުދު ބްރެޒިލްގެ ގާނޫނުތަކާ ވެސް ފުށުއަރާ ކަމެއް ކަމަށެވެ.
މޮރައެސް ވިދާޅުވީ ކަނާތު ފިޔައިގެ ކުރީގެ ރައީސް ޖެއިރް ބޮލްސޮނާރޯއަށް ތާއީދުކުރާ ރައްޔިތުން އެކްސްގައި ފަތުރަމުންދާ ދޮގު ހަބަރުތައް ތަހުގީގުކޮށް ނިމެންދެން އެ ފަރާތްތަކުގެ އެކައުންޓްތައް ސަސްޕެންޑްކުރަން ޖެހޭނެ ކަމަށެވެ.
"އެކައުންޓްތައް އަލުން ރިއެކްޓިވޭޓްކޮށްފި ނަމަ، އެކްސްގެ ގާނޫނީ ވަކީލުންގެ ބޮލުގައި ޒިންމާ އަޅުވާނަން،" މޮރައެސް ވިދާޅުވިއެވެ.
މި އެންގެވުމަށް ތަބާނުވެގެން އެކްސް ޖޫރިމަނާކުރައްވާނެ ކަމަށް މޮރައެސް ވިދާޅުވިއެވެ. މި ކަމާ ގުޅިގެން މޮރައެސްއަށް ފާޑުކިޔާ ބްރެޒިލް ރައްޔިތުންނާއި މަސްކު ތުހުމަތުކުރަނީ މޮރައެސްއަކީ ވާތު ފިޔައިގެ ބޭފުޅެއް ކަމަށެވެ.
އެޕަލް އަދި ގޫގްލްގެ އެޕް ސްޓޯރުތަކުން އެކްސް ނެގުމަށް ފަސް ދުވަހުގެ މުހުލަތެއް ދީފައިވެއެވެ.
ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (ވީ.ޕީ.އެން) ބޭނުންކޮށްގެން އެކްސްއަށް ވަންނަ މީހުންނާއި ވިޔަފާރިތައް 8،000 ޑޮލަރު (122،874ރ.)އިން ޖޫރިމަނާކުރަން ހަމަޖައްސައިފައިވެއެވެ.
ސެޓެލައިޓް މެދުވެރިކޮށް މަސްކްގެ އިންޓަނެޓް ހިދުމަތް ދޭ ސްޓާލިންކްގެ ބޭންކް އެކައުންޓްތައް ވެސް ވަނީ ފްރީޒްކޮށްފައެވެ. މަސްކް ބުނީ ގާނޫނު އަސާސީއާ ހިލާފަށް އެކްސް ބަންދުކުރުމުގައި ޖޫރިމަނާ ދައްކަންޖެހޭނީ ސްޓާލިންކުންކަމަށް މޮރައެސް ގަބޫލުކުރައްވާ ކަމަށް ފެންނަ ކަމަށެވެ.
މޮރައެސްގެ ދެކޮޅުވެރިކަން އޮތީ ހަމައެކަނި އެކްސްއަކަށް ނޫނެވެ. މިދިޔަ އަހަރު ވަގުތީ ގޮތުން ޓެލެގްރާމް ވަނީ ބަންދުކޮށްފައެވެ. އެއީ ބައެއް އެކައުންޓްތައް ސަސްޕެންޑް ނުކޮށްދީގެންނެވެ. އޭގެ ކުރިން 2015 އަދި 2016 ގައި އެކައުންޓްތަކާ ބެހޭ މައުލޫމާތު ފުލުހުންނަށް ނުދީގެން ވަޓްސްއެޕް ވެސް ވަގުތީ ގޮތުން ސަސްޕެންޑްކުރިއެވެ.
މިދިޔަ އަހަރުގެ ޖަނަވަރީ މަހު ބްރެޒިލްއަށް ބޮލްސޮނާރޯ އާއި އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ގެންނަން އުޅުނު ކަމަށް ތުހުމަތުކުރެވޭ ބަޣާވާތެއް މޮރައެސް ވަޑައިގަންނަވަނީ ތަހުގީގު ކުރައްވަމުންނެވެ.