މާފުށީ ޖަލުގައި އޭރު ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާފައިވާނެ ކަމަށާއި އެނޫން އެހެން ވިސްނުމެއް އަދި ހިޔާލެއް ވެސް ގެންގުޅުއްވައިފައިނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ މައްޗަށް ނުހައްގުން އިއްވި ޖަލު ހުކުމާ ގުޅިގެން އެމަނިކުފާނު މިނިވަންވާނެ ކަމަށާއި ވެރިކަމުގެ ހުވާކުރައްވާނީ ވެސް ރައީސް ޔާމީން ޖަލުން މިނިވަންވެގެން ކަމަށް ރިޔާސީ ކެމްޕޭނު ތެރޭގައި ރައީސް ޑރ. މުއިއްޒު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. ނަމަވެސް ޖަލުން މިނިވަންވުމުގެ ކްރެޑިޓް ރައީސް ޔާމީން މިހާރު ދެއްވަމުން ގެންދަވަނީ އެމްޑީޕީއަށެވެ. އަދި އެމްޑީޕީން ވެސް ގެންދަނީ އެ ކްރެޑިޓް ނަގަމުންނެވެ.
ސަންގު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ޑރ. މުއިއްޒު ރޭ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން 2018 ގައި ބަދަލުވެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ރައީސް ޔާމީނަށް ދަތިކޮށް އުނދަގޫކޮށް ކޯޓަށާއި ފުލުހަށް ގެންދިޔައިރު ވެސް އެމަނިކުފާނު ހުންނެވީ ރައީސް ޔާމީންގެ ދިފާއުގައި ކަމަށާއި ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ތުުހުމަތުތަކުން ސަލާމަތް ކުރުން ނޫން އެހެން އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.
"އަޅުގަނޑު އަމިއްލައަށް އެމަނިކުފާނަށް (ރައީސް ޔާމީނަށް) ދެންނެވިން ޕީޕީއެމްގައި އެމަނިކުފާނު ބޭނުންފުޅު ވެލައްވަންޏާ އަޅުގަނޑު މިހުރީ ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވުމަށްޓަަކައި އިސް ދައުރެއް އަދާކޮށްދޭން ކަމަށް ވެސް. އަޅުގަނޑު އިސްވެ ދެންނެވީވެސް. އެމަނިކުފާނު އަޅުގަނޑަށް އެ ފުރުސަތު ދެއްވި،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ޖަލަށް ގެންދިއުމުން މިނިވަން ކުުރުމަށްޓަކައި އަމަލީ ގޮތުން ލީޑަޝިޕްގެ ހުރިހާ ބޭފުޅުންނާ އެކު އެމަނިކުފާނު ވެސް އުޅުއްވި ކަމަށާއި ސުޕްރީމް ކޯޓުން ރައީސް ޔާމީން ފުރަތަމަ ޖަލު ހުކުމުން މިނިވަންވި ދުވަހު ވެސް ހީނުކުރާ ފަދަ އުފާވެރި އިހުސާސްތަކެއްވި ކަމަށެެވެ. އަދި ދެވަނަ ފަހަރު ޖަލަށް ގެންދިއުމުން ވެސް ރައީސް ޔާމީން މިނިވަން ކުރެވޭނެ ގޮތްތައް ހޯދޭތޯ ޕީޕީއެމްގެ ލީޑަޝިޕުން މަސައްކަތް ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.
"ރައީސް ސޯލިހްގެ ފޯނުގައި ޑިލީޓް ނުކުރައްވާނަމަ ހުންނާނެ އަޅުގަނޑު ފޮނުވި އެ އޮއް ހުރިހާ މެސެޖު… ރޯދައަށް ގެއަށް ގެނެސް ދިނުމަށް، ދަރިފުޅުގެ އޯލެވެލް ކައިރިވެގެން އަންނާތީ އޯލެވެލްއަށް އެންމެ ކުޑަމިނުން ގެނެސްދޭތޯ އާދޭސްކޮށް ތަކުރާރުކޮށް މެސެޖްކޮށް ހެދިން. ބާރު ހުރި އެކިއެކި ވަޒީރުންނަށް ވެސް މެސެޖްކޮށް ހެދިން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި އެމަނިކުފާނުގެ ލެވެލްއިން ކުރެވެން އޮތް ހުރިހާ ކަމެއް ކުރެއްވި ކަމަށާއި ޕީޕީއެމުން މުޒާހަރާތައް މަގުމަތީގައި ކުރަމުން ދިޔައިރު ވެސް އަމަލީ ގޮތުންނާއި ފައިސާގެ ގޮތުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"(ރިޔާސީ) އިންތިހާބު ތެރޭގައި ވެސް ސީދާ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލަމުން ގެންދިޔައީ. އެއީ އަޅުގަނޑުގެ ނިޔަތަކީ. އަޅުގަނޑާ ޓިކެޓް ހަވާލުކުުރުމުގެ ކުރިން ސެނެޓްގެ ތެރޭގައި ވެސް އަޅުގަނޑު ދެންނެވިން އެންމެ ފަހު ދުވަހު ވެސް އެމަނިކުފާނު މިނިވަން ވެއްޖެ ނަމަ އަޅުގަނޑުގެ ކެންޑިޑޭޓަކީ ރައީސް ޔާމީނޭ. އަޅުގަނޑު ބޭނުމެއް ނޫނޭ އެމަނިކުފާނުގެ ހައްގެއް.. އެމަނިކުފާށޭ އޮންނަން ޖެހޭނީ ވެސް، އެމަނިކުފާނޭ ލީޑް ކުރައްވަން ޖެހޭނީ ވެސް،" ރައީސް ވިދާޅުވި އެވެ.
ޓިކެޓް ލިބިވަޑައިގެންނެވުމަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެ މަގާމަކީ ރައީސް ޔާމީނުގެ މަގާމެއް ކަމަށް ވިދާޅުވެފައިވާނެ ކަމަށާއި އެ ނިޔަތް ބަދަލުވެފައިނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެހެން ނަމަވެސް ސުޕްރީމް ކޯޓުން ރައީސް ޔާމީނަށް އޮތް ފުރުސަަތު ބަންދުވީމާ ގައުމުގެ ހައްގުގައި އަދި ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި ޕާޓީގެ ނިންމުމާ އެއްގޮތަށް ކަންތައް ކުރެއްވީ ކަމަށް ރައީސް ވިދާޅުވި އެވެ.
"(ރިޔާސީ) އިންތިހާބު ކާމިޔާބުވެގެން ފުރަތަމަ ބޭއްވި ޕްރެސްގައި ވެސް މުޅި ގައުމާ މުހާތަބްކޮށް އަޅުގަނޑު ރައީސް ސޯލިހަށް ގޮވާލީ އެ މަނިކުފާނުގެ ގާނޫނުގެ ބާރުގެ ތެރެއިން މަނިކުފާނަށް އޮތް ފުރުސަތެކޭ ރައީސް ޔާމީންގެ ގެއާ ހަމައަށް ގެނެސްދޭށޭ. އެއީ އެންމެންނަށް ފެންނާނެ އެއްޗެއް،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ޔާމީން ގެއަށް ގެނައި ދުވަހު ލީޑަޝިޕްގެ ބޭފުޅުންނަށް ސަލާންކުރެވޭ ގޮތް ހަމަޖައްސައިދެއްވުމަށް ރައީސް ސޯލިހަށް ދެންނެވިީ ވެސް ހުދު އެމަނިކުފާނު ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.



advertisment