ސްވިޑްންގައި މިދިޔަ އަހަރު ކީރިތި ގުރުއާން އަންދައިފައިވާކަމުގެ ދައުވާ ދެ މީހެއްގެ މައްޗަށް އުފުލައިފިއެވެ.
ގާނޫނީ ވަކީލުން ބުނީ ދެ މީހުން މި ކަމެއް ކުރީ މުސްލިމުން އިސްލާމް ދީނުގައި ތިބުމުން އެ ކަމަށް ފާޑުކިޔުމަށް ކަމަށެވެ.
މި ދިޔަ އަހަރު ސްވިޑްންގައި ބޭއްވި މުޒާހަރާތަކުގައި މި ދެ މީހުން ވަނީ އެތައް ފަހަރެއްގެ މަތިން ހަތިމު އަންދައިފައެވެ.
"ސަލްވާން މުމިކާ އަދި ސަލްވާން ނަޖަމް ވަނީ ވަކި ނަސްލެއް ނުވަތަ ގައުމީ ގްރޫޕަކާ ދެކޮޅަށް ނަފުރަތު އުފައްދަން ހަތަރު ފަހަރު މަސައްކަތްކޮށްފައި،" ސްވިޑްންގެ އިސް ޕްރޮސެކިއުޓަރެއް ކަމަށްވާ އެނާ ހަންކިކޮ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި މައްސަލައިގެ ބާވަތުން ޝަރީއަތެއް ހިންގުން މުހިންމު ކަމަށެވެ.
"ލިބިފައިވާ ހެއްކަކީ މައިގަނޑު ގޮތެއްގައި ވީޑިއޯ،" އެނާ ވިދާޅުވިއެވެ.
ނަމަވެސް ނަޖަމް ބުނީ އޭނާ ކުށެއް ނުކުރާ ކަމަށެވެ.
"ނަޖަމް މުޒާހަރާ ކުރުމަށް ދިން ހުއްދަ އޭނާގެ ނިޔަތަށް ފުށުއެއް ނާރާ. ސްވިޑްންގެ ގާނޫނު އަސާސީން އޭނާގެ ހައްގުތައް ރައްކާތެރިކޮށްދޭ،" ނަޖަމްގެ ގާނޫނީ ވަކީލު މާކް ސަފަރްޔަން ބުންޏެވެ.
އިރާގުން ސްވިޑްންއަށް ހިޖުރަކޮށްފައިވާ ނަސޯރާ ދީނުގެ މުމިކާ ބުނީ އޭނާ ބޭނުންވީ އިސްލާމް ދީނާ ދެކޮޅުހެދުން ކަމަށާއި ގުރުއާން މަނާކުރުމަށް އަޑުއުފުލުން ކަމަށެވެ.
ސްވިޑްންގެ އިމިގްރޭޝަން އިދާރާއިން ބުނީ ހިޖުރަކުރުމާ ގުޅޭ ލިޔެކިޔުންތަކުގައި މުމިކާ މައުލޫމާތުތައް އޮޅުވައިލައިފައިވާތީ އޭނާ ޑިޕޯޓްކޮށްލަން ބޭނުންވާ ކަމަށާއި ނަމަވެސް އެ ގޮތަށް ކަންތައް ކުރެވެން ނެތީ އޭނާ އެނބުރި އިރާގަށް ހިނގައްޖެ ނަމަ އޭނާއަށް އަނިޔާކުރާނެ ކަމަށް ފެންނާތީ ކަމަށެވެ.
މި ދެ މީހުން ވަނީ ކީރިތި ގުރުއާނަށް އިހާނެތިކޮށް ހިތައި، އަދި ސްވިޑްންގެ ވެރިރަށް ސްޓޮކްހޯމްގެ މިސްކިތެއްގެ ކައިރީގައި މުސްލިމުންނަށް ބަދުބަސް ބުނެފައިވާ ކަމަށް ވެސް ޕްރޮސެކިއުޓަރުން ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ރަބީއު މޫސުމުގައި ސްވިޑްންގައި ހިންގި މުޒާހަރާތަކުގެ ސަބަބުން ގައުމުގެ އެތެރޭގެ ސަލާމަތީ ކަންކަން ހަރުދަނާކުރަން ސަރުކާރަށް މަޖުބޫރުވިއެވެ. އަދި ހަތިމު އެންދުން ފަދަ ކަންތައްތައް ހިންގުމުން އެ ކަމުގެ ނަތީޖާއެއްގެ ގޮތުން ސްވިޑްންއާ ގުޅުން ގޯސްވި މެދުއިރުމަތީގެ ގައުމުތަކާ އަލުން ގުޅުން ރަނގަޅުކުރަން ވެސް ސްވިޑްން މަސައްކަތް ފެށިއެވެ.
ސްވިޑްންގައި ހަތިމު އެންދުމުން ގިނަ ގައުމުތަކެއްގައި ވަނީ އެ ކަމާ ދެކޮޅަށް މުޒާހަރާކޮށްފައެވެ. އިރާގުގެ ވެރިރަށް ބަޣުދާދުގައި ހުންނަ ސްވިޑްންގެ އެމްބަސީއަށް މިދިޔަ އަހަރުގެ ޖުލައި މަހު ދެ ފަހަރެއްގެ މަތިން މުޒާހަރާކުރުންތެރިން ވަދެ، އެ ތަނުގެ ތެރޭގައި އަލިފާން ރޯކޮށްފައިވެއެވެ.
ސްވިޑްންގައި ހަތިމު އެންދުމާ ގުޅިގެން ދީނީ ނަފުރަތާއި ތައައްސުބާ ދެކޮޅަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ގަރާރެއް ފާސްކުރިއެވެ. މި ގަރާރަށް ވޯޓު ނުދިނީ ހަމައެކަނި އެމެރިކާ އަދި ޔޫރަޕްގެ އިއްތިހާދުންނެވެ. އެ ދެ ފަރާތުން ބުނެފައިވަނީ މި ގަރާރަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅާ ގަރާރެއް ކަމަށެވެ.
ސްވިޑްންގެ މެލްމޯ ސިޓީގައި 2022 ވަނަ އަހަރު ސްވިޑްން އަދި ޑެންމާކަށް ނިސްބަތްވާ އެކްޓިވިސްޓެއް ކަމަށްވާ ރަސްމަސް ޕަލުޑަން ހަތިމު އަންދައިފައިވާތީ އޭނާއާ ދެކޮޅަށް މި މަހު ވަނީ ދައުވާކޮށްފައެވެ.
މިދިޔަ އަހަރު ހަތިމު އެންދުމުގެ ހަރަކާތްތަކެއް ސްވިޑްންގެ އަވަށްޓެރި ޑެންމާކްގައި ކުރިއަށް ގެންގޮސްފައިވާތީ މި ކަހަލަ ކަންތައްތައް ކުރުމުން ދުރުކުރުމަށް ޑެންމާކުން ވަނީ ގާނޫނުތައް ވަރުގަދަކޮށްފައެވެ.



advertisment