Support Us

ޓެލެގްރާމް އެޕްގެ ފައުންޑަރު ޕަވެލް ޑުރޯފް އަދި ޓެލެގްރާމް އެޕްގެ ލޯގޯ

ޓެލެގްރާމް އެޕް އުފެއްދި ރަޝިޔާގެ މީހާ ހައްޔަރުކުރުމުގައި ސިޔާސީ މަގުސަދެއް ނެތް: ފްރާންސް

މެސެޖްކުރާ އެޕެއް ކަމަށްވާ ޓެލެގްރާމް އުފެއްދި ރަޝިޔާއަށް އުފަން ޕަވެލް ޑުރޯފް ހައްޔަރުކުރުމުގައި ސިޔާސީ މަގުސަދެއް ނެތް ކަމަށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން މިއަދު ވިދާޅުވެއްޖެއެވެ.

"ޑުރޯފް ހައްޔަރުކުރީ ގާނޫނީ ގޮތުން ކުރިއަށްގެންދާ ތަހުގީގެއްގައި،" މެކްރޮން ވިދާޅުވިއެވެ.

އެކްސްގައި މެކްރޮން ލިޔުއްވި މި ބަޔާނަކީ ޑްރޯފް ހައްޔަރުކުރިކަން ރަސްމީ ގޮތުން ފްރާންސުން ކަށަވަރުކޮށްދިން ފުރަތަމަ ފަހަރެވެ. ޑުރޯފް ހައްޔަރުކުރީ މީގެ ދެ ދުވަސް ކުރިން އަމިއްލަ ޖެޓެއްގައި އަޒަބައިޖާނުން ފުރައިގެން ފްރާންސްގެ ވެރިރަށް ޕެރިސްގެ ބޭރުގައިވާ ލެ ބޯޝޭ އެއާޕޯޓަށް ޖެއްސިތަނާއެވެ.

ޑުރޯފްގެ ހައްޔަރާ ބެހޭ ގޮތުން ފްރާންސުން ކުރިން އެއްޗެއް ނުބުނުމުން އޭނާގެ ހައްޔަރާމެދު އެކި ފަރާތްތަކުން ވާހަކަދައްކަން ފެށީ އެކި ގޮތަށެވެ.

"އަހަރެންނަށް ފެނުނީ ނުބައި މައުލޫމާތު ފަތުރައިފައިވާތަން. ފްރާންސަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ފުންކޮށް އިހުތިރާމްކުރާ ގައުމެއް،" މެކްރޮން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޑުރޯފް ހައްޔަރުކުރުމަކީ "އެއްގޮތަކަށް ވެސް ސިޔާސީ ނިންމުމެއް ނޫން" ކަމަށާއި "ޑުރޯފް ދޫކޮށްލެއްވުން އޮތީ ފަނޑިޔާރުންގެ އަތްމަތީގައި" ކަމަށެވެ.

ފްރާންސްގެ ފުލުހުންގެ ތަރުޖަމާނަކު ރޮއިޓާސްއަށް ވިދާޅުވީ ޑުރޯފް ވަނީ ގައުމީ ސައިބަރ ކުށްތަކާއި ހީލަތާ ބެހޭ އިދާރާތަކުން ހިންގާ ތަހުގީގެއްގެ ދަށުން ހައްޔަރުކޮށްފައި ކަމަށެވެ. އެއީ ޓެލެގްރާމްގައި ސައިބަރ އާއި މާލީ ކުށްތައް ކުރުމުގެ ތަހުގީގަކަށް އެއްބާރުލުން ނުދެއްވުމުން ކަމަށެވެ.

"އޭނާ އަދިވެސް ހުރީ ހައްޔަރުގައި،" ތަރުޖަމާނު ވިދާޅުވިއެވެ.

ޓެލެގްރާމަކީ ވަޓްސްއަޕް ފަދައިން މެސެޖް ކުރެވޭ މަގުބޫލު އެޕެކެވެ.

ޑުރޯފްގެ އެއްވެސް ގާނޫނީ ވަކީލަކާ ވާހަކަ ނުދެއްކުނު ކަމަށް ރޮއިޓާސްއިން ބުންޏެވެ.

ޑުރޯފް ހައްޔަރުކުރުމުން އެކްސްގެ ވެރިޔާ އީލޮން މަސްކް ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ޔޫރަޕްގައި ދަނީ ހަމަލާ ދެމުން ކަމަށެވެ.

ޑުރޯފްގެ ހައްގުތައް ރައްކާތެރިކުރަން ރަޝިއާއިން ވަނީ ފްރާންސްގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވައިލައިފައެވެ.

މިދިޔަ މަސްތަކުގައި ފްރާންސާއި ރަޝިއާއާ ދެމެދު އޮންނަ ގުޅުންތައް ދިޔައީ ހީނަރުވަމުންނެވެ. ރަޝިއާއިން ހިފުމަށް މަސައްކަތްކުރާ ޔޫކްރެއިންގެ މިނިވަންކަމަށް ފްރާންސްއިން ތާއީދުކުރާތީ ޕެރިސްގައި ބޭއްވި އޮލިމްޕިކްސް ކުޅިވަރު މުބާރާތް ނާކާމިޔާބުކޮށްލަން ރަޝިއާއިން މަސައްކަތްކުރި ކަމަށް ވެސް ފްރާންސްއިން ތުހުމަތުކުރިއެވެ. ނަމަވެސް ރަޝިއާއިން މި ކަން ދޮގުކުރިއެވެ.

ފޭސްބުކްގެ އެއް ފައުންޑަރުކަމަށްވާ މާކް ޒަކަބާގްއާ ޑުރޯފް އެއްގޮތް ކަމަށް ބައެއް ފަރާތްތަކުން ސިފަކުރެއެވެ. އެ ގޮތުން ޑުރޯފްއަކީ "ރަޝިއާގެ މާކް ޒަކަބާގް" ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

އުމުރުން 39 އަހަރުގެ ބިލިއަނަޔަރެއް ކަމަށްވާ ޑުރޯފްގެ އަތުގައި ފްރާންސް އާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ޕާސްޕޯޓް އޮވެއެވެ.

ފޯބްސްއިން އަންދާޒާކުރާ ގޮތުގައި ޑުރޯފްގެ މިލްކިއްޔާތުގައި 15 ބިލިއަން ޑޮލަރު (230 ބިލިއަން ރުފިޔާ)ވެއެވެ.

މިދިޔަ އެޕްރިލް މަހު ޑުރޯފް ވިދާޅުވީ ބައެއް ސަރުކާރުތަކުން އޭނާއަށް ޕްރެޝަރުކުރާ ކަމަށާއި ނަމަވެސް އޭނާ ނިންމެވީ ޓެލެގްރާމް އެޕަކީ ވަކި ފަރާތަކަށް ނުޖެހޭ އެޕެއް ގޮތަށް ހިންގެވުމަށް ކަމަށެވެ. އެއީ ދުނިޔޭގެ ސިޔާސީ މަސްރަހުގައި ވަކި ގައުމެއްގެ ފަރާތަށް ނުޖެހުމަށެވެ.

ޔޫ.އޭ.އީ.ގެ ދުބާއީގައި ގާއިމުކޮށްފައިވާ ޓެލެގްރާމް ހިންގާ ކުންފުނިން ބުނީ ޔޫރަޕްގެ އިއްތިހާދުގެ ގާނޫނުތަކަށް އެ ކުންފުނިން ބޯލަނބާ ކަމަށާއި ޓެލެގްރާމް ހިންގަނީ މެސެޖްކުރުމުގެ ހިދުމަތް ދޭ ސިނާއަތުގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށާއި ޕްރޮގްރާމް އަބަދުވެސް ތަރައްގީކުރަމުން އަންނަ ކަމަށެވެ.

"ޑުރޯފް ސިއްރުކުރައްވަން ޖެހޭ އެއްވެސް ކަމެއް ނެތް. ޔޫރަޕްގައި ވެސް ގިނައިން ދަތުރުކުރައްވާ. ހިދުމަތެއް ދޭ ފަރާތުން އެ ހިދުމަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ ކަމަށް ބުނުމަކީ ހަމަނުޖެހޭކަމެއް،" ޓެލެގްރާމުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ޑުރޯފްގެ ހައްޔަރާ ބެހޭ ގޮތުން ރަޝިއާ ސަރުކާރުން މިއަދު ބުނީ އޭނާއާ ދެކޮޅަށް ފްރާންސުންކުރާ ރަސްމީ ތުހުމަތެއް އަދިވެސް ނޭނގޭ ކަމަށެވެ.

"ޑުރޯފަށް ކުރާ ތުހުމަތަކީ ސީދާ ކޮބައިކަމެއް އަހަރެމެންނަށް އަދިވެސް ނޭނގޭ. ޑުރޯފްގެ ބޮލުގައި އަޅުވަން އެ އުޅެނީ ކޮން އިލްޒާމެއްބާ؟ އެކަން އަހަރެމެންނަށް ނޭނގި، މި ކަމާ ބެހޭ ގޮތުން އެއްޗެއް ބުނުން ވާނީ ގޯހަކަށް،" ރަޝިއާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯފް ވިދާޅުވިއެވެ.

ޕެރިސްގައި ހުންނަ ރަޝިއާގެ އެމްބަސީން އެކްސްގައި ބުނީ ޑުރޯފާ ގުޅުވައިދިނުމަށް ފްރާންސްގެ ކަމާ ބެހޭ ފަރާތްތަކުން ދެކޮޅުހެދި ކަމަށާއި ނަމަވެސް ޑުރޯފްގެ ގާނޫނީ ވަކީލާ ގުޅިފައިވާ ކަމަށެވެ. މި މައްސަލައިގައި އެއްޗެއް ބުނުމަށް ރޮއިޓާސްއިން އެދުމުން އެމްބަސީން އެއްޗެއް ނުބުނާކަމަށް ރޮއިޓާސްއިން ބުންޏެވެ.

ޑުރޯފް ވަނީ 2014 ގައި ރަޝިއާ ދޫކޮށް ގޮސްފައެވެ. އެއީ އޭނާގެ ވީ.ކޭ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ރަޝިއާއާ ދެކޮޅު ފަރާތްތަކުގެ ހަރަކާތްތައް ހުއްޓުވައިލުމަށް ރަޝިއާ ސަރުކާރުން އެދުމުން އެ ކަމާ ދެކޮޅުހައްދަވައިފައެވެ. ވީ.ކޭ މިހާރު ވަނީ ވިއްކައިލައިފައެވެ.

ޚުދު ޓެލެގްރާމް ކުންފުންޏަށް ވެސް ނުފެންނާނެ ގޮތަށް ސިއްރުން މެސެޖް ކުރެވޭ ގޮތަށް "އެންކްރިޕްޓް"ކޮށްފައިވާ އެޕްގައި ގާތްގަނޑަކަށް އެއް ބިލިއަން މީހުން އުޅެއެވެ. މި އެޕަކީ ހާއްސަކޮށް ރަޝިއާ، ޔޫކްރެއިން އަދި ކުރީގެ ސޯވިއެޓް ޔުނިއަން އިއްތިހާދުގެ ދައުލަތްތަކުގެ މެދުގައި މަގުބޫލު އެޕެކެވެ.

ޑުރޯފް އުފަންވެވަޑައިގަތީ ރަޝިއާގެ ސިޓީއެއް ކަމަށްވާ ލެނިންގްރާޑްއަށެވެ. ތައުލީމު ހާސިލުކުރެއްވީ ރަޝިއާގެ ސެއިންޓް ޕީޓަސްބާގް ޔުނިވާސިޓީންނެވެ. އޭނާގެ ސިޔާސީ ފިކުރަކީ "މިނިވަން ފިކުރު" ނުވަތަ "ލިބަޓޭރިއަން" ކަމަށް އޭނާ ވިދާޅުވެއެވެ.

ފްރާންސްގެ ޕާސްޕޯޓް ލިބިވަޑައިގަތީ 2021 ގައެވެ. އެއީ އާދައިގެ މަތިން އޮންނަ އުސޫލުތަކާ އެއްގޮތަކަށް ނޫނެވެ. އެ ގޮތުން ފްރާންސްގެ ރައްޔިތަކަށްވާން އެ ގައުމުގައި ފަސް އަހަރު ދިރިއުޅެންޖެހުން ފަދަ ގާނޫނީ އުސޫލުތައް އޭނާއަށް ކުރިމަތިނުކުރީ "ހާއްސަ ބިދޭސީންނަށް" ފްރާންސްގެ ރަށްވެހިކަން ދޭ އިޖުރާއަތުގެ ދަށުންނެވެ.

މި ކަންތައް ބަލަހައްޓަނީ ފްރާންސްގެ ހާރިޖިއްޔާއިންނެވެ. ނަމަވެސް ރޮއިޓާސްއިން ބުނީ ޑުރޯފްގެ ހައްޔަރުގެ މައްސަލައިގައި އެއްޗެކޭ ބުނަން ރޮއިޓާސްއިން އެދުމުން ފްރާންސްގެ ހާރިޖީ ވުޒާރާއިން އަދި ވަކި އެއްޗެކޭ ނުބުނާ ކަމަށެވެ.

"ފްރާންސްގެ ރިޔާސީ ގަނޑުވަރުން ވެސް އެއްޗެކޭ ބުނަން ވަނީ ދެކޮޅު ހަދައިފައި. އެންގީ ހާރިޖިއްޔާގެ ކޮމެންޓެއް ހޯދަން،" ރޮއިޓާސްއިން ރިޕޯޓްކުރިއެވެ.

ފްރާންސްގެ ގާނޫނު ބުނާ ގޮތުން ބައިނަލްއަގުވާމީ މައިދާނުގައި ފްރާންސްގެ ނުފޫޒު ވަރުގަދަކޮށް، އަދި ފްރާންސްގެ ބައިނަލްއަގުވާމީ އިގުތިސާދީ ގުޅުންތައް ހަރުދަނާކޮށްދޭ ކޮންމެ ބިދޭސީއަކަށް ވެސް ހާއްސަ ގަވައިދުތަކުގެ ދަށުން ފްރާންސްގެ ރަށްވެހިކަން ދެވޭނެއެވެ. އެ ގޮތުން އެ މީހަކީ ފްރާންސްގެ ބަސް އެނގޭ މީހަކަށް ވެސް ވާންޖެހެއެވެ.

ޑުރޯފަކީ ދުވަހަކު ވެސް ފްރާންސްގައި އުޅުއްވި ބޭފުޅެއް ނޫނެވެ. އަދި އޭނާއާ ފްރާންސާ އޮތް ހާއްސަ ގުޅުމަކީ ކޮބައިކަމެއް ނޭނގެއެވެ.

މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ޓެލެގްރާމްގައިވާ އޭނާގެ ޗެނަލްގައި ޑުރޯފް ލިޔުއްވިއެވެ: "ފްރާންސްގެ ރައްޔިތެއްގެ ހައިސިއްޔަތުން އަހަރެން އެއްބަސްވާ ކަމަކީ ޗުއްޓީ ހޭދަކުރުމަށް އެންމެ ރަނގަޅު ތަނަކީ ފްރާންސްކަމެވެ."

ފްރާންސްގެ މީޑިއާތަކުން ބުނީ ޑުރޯފް ފްރާންސްގެ ރައްޔިތަކަށް ހެދުމަކީ މަދުން ނޫނީ ނުވާ ކަހަލަ ކަމެއް ކަމަށެވެ.

"މި ގޮތަށް ކަންތައްތައް ކޮށްދެނީ އަހަރަކު 10 އާއި 20 އާ ދެމެދުގެ ކޭސްތަކަށް. އަދި މި ކަމަށް މަތީ ފަންތީގެ ސިޔާސީ ތާއީދު ވެސް ބޭނުންވޭ،" ފްރާންސްގެ މީޑިއާއަކުން ބުންޏެވެ.

ސްނެޕްޗެޓް އެޕް އުފެއްދެވި އެވަން ސްޕީގަލްއަށް ވަނީ 2018 ގައި ފްރާންސްގެ ރަށްވެހިކަން ލިބިވަޑައިގެންފައެވެ. އެއީ ހަމަ ފްރާންސްގެ ހާރިޖިއްޔާއިން ހިންގާ ޕްރޮގްރާމްގެ ދަށުންނެވެ. މި ކަމާމެދު އެއްޗެއް ވިދާޅުވުމަށް ރޮއިޓާސްއިން އެދުނު އެދުމަށް ވަކި އެއްޗެކޭ އޭނާ ވިދާޅެއް ނުވެއެވެ.

ރަޝިއާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކުރީ ރަޝިއާގެ އިތުރުން ސެއިންޓް ކިޓްސް އެންޑް ނީވިސްގެ ޕާސްޕޯޓް ވެސް ޑުރޯފްގެ އަތުގައިވާކަމަށެވެ. މި ރިޕޯޓް ކަށަވަރު ނުކުރެވުނު ކަމަށް ރޮއިޓާސްއިން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *