Support Us

ދުނިޔޭގެ ސައިޒުން އެންމެ ބޮޑު އަދި އަގުވެސް އެންމެ ބޮޑު އެމެރިކާގެ އަސްކަރީ މަނަވަރު "ޔޫ.އެސް.އެސް ޖެރަލްޑް ފޯޑް"

"ޔޫ.އެސް.އެސް ޖެރަލްޑް ފޯޑް": ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ މަނަވަރުގެ ވާހަކަ

ޖެރަލްޑް ފޯޑަކީ އެމެރިކާގެ 38 ވަނަ ރައީސްއެވެ. މަގާމުގައި ހުންނެވީ 1974 އިން 1977 އަށެވެ.

އުމުރުފުޅުން 93 އަހަރުގައި 2006 ވަނަ އަހަރު އަވަހާރަވިއިރު އޭނާއަކީ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ.

"ޔޫ.އެސް.އެސް ޖެރަލްޑް ފޯޑް"އަކީ ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ މަނަވަރެވެ. ސައިޒުގެ ގޮތުންނެވެ. އަދި އަގުގެ ގޮތުން ވެސް މެއެވެ. މި މަނަވަރަށް ފޯޑްގެ ނަމުން ނަން ދިނީ ރައީސް ފޯޑްގެ ހަނދާނާއި ޝަރަފުގައެވެ.

"ޔޫ.އެސް.އެސް"ގެ ދިގު ގޮތަކީ "ޔުނައިޓެޑް ސްޓޭޓްސް ޝިޕް"އެވެ. މާނައަކީ "އެމެރިކާގެ މަނަވަރެ"ވެ. މި އަކުރުތައް ލަނީ އެމެރިކާގެ ކަނޑުގެ އަސްކަރީ އުޅަނދުތަކުގެ ނަމަށެވެ. އަދި މިއީ އެ އުޅަނދުތަކާއި އެ އުޅަނދުތަކަށް ނަން ދިން ޝަހުސިއްޔަތުތަކުގެ ޝަރަފުވެރިކަން ފާހަގަ ކުރަން ވެސް ލައި އަކުރުތަކެކެވެ. މީގެ އިތުރުން މި ގޮތަށް ނަން ދިނުމުގައި އެމެރިކާގެ ދިގު ސަގާފަތެއް ވެސްވެއެވެ.

މަނަވަރުގެ ނަން ނިސްބަތްވާ އެމެރިކާގެ 38 ވަނަ ރައީސް ޖެރަލްޑް ފޯޑް

"ޔޫ.އެސް.އެސް ޖެރަލްޑް ފޯޑް"އަކީ "ނިމިޓްޒް" ކްލާހުގެ، އުދުހޭ އުޅަނދު ވެސް އުފުލާ މަނަވަރެކެވެ. މާނައަކީ ނިއުކްލިއާ ހަކަތައިން ހިންގާ، ކަނޑުގެ "އަސްކަރީ މަރުކަޒެ"ކެވެ. އަސްކަރީ ޖެޓާއި، ބޮން އަޅާ މަތިންދާބޯޓާއި އަދި ހެލިކޮޕްޓަރު އުފުލާ، އެ އުޅަނދުތައް ނައްޓައިލައި، ޖައްސައި ގޮތަށް ވެސް ހަދައިފައިވާ މަނަވަރެކެވެ.

ގާތްގަނޑަކަށް 13 ބިލިއަން ޑޮލަރު (199 ބިލިއަން ރުފިޔާ)ގެ އަގުހުރި "ޔޫ.އެސް.އެސް ޖެރަލްޑް ފޯޑް"އަކީ ދުނިޔޭގައި މިހާތަނަށް ހެދި އެންމެ އަގުބޮޑު މަނަވަރެވެ. މިހާ ބޮޑު ހަރަދެއް ހިނގީ މަނަވަރުގައި އެންމެ ފަހުގެ ޓެކްނޯލޮޖީ ހިމެނުމަށެވެ. އަދި މަނަވަރުގެ ޑިޒައިނަށެވެ.

މީގެ ދެ އަހަރު ކުރިން، 22 ސެޕްޓެމްބަރު 2022 ގައި ކަނޑުމަތީގެ އޮޕަރޭޝަންތައް ފެށި މި މަނަވަރު ހެދުމަށް 10 އަހަރު ނެގިއެވެ. މީގެ ދިގުމިނަކީ 1،106 ފޫޓެވެ. ބަރުދަނުގައި 100،000 ޓަނު ހުރެއެވެ. މަނަވަރުގައި ހުރި ފަހުގެ ޓެކްނޯލޮޖީގެ ތެރޭގައި ރާޑަރު ނިޒާމާއި މިސައިލުން ދިފާއުވާ ނިޒާމު ހިމެނެއެވެ. މީގެ އިތުރުން ނިއުކްލިއާ ރިއެކްޓަރުން ނިއުކްލިއާ ހަކަތަ ލިއްބައިދޭތީ ތެޔޮ ނާޅާ 25 އަހަރުގެ ދިގު މުއްދަތަކަށް މަނަވަރު ހިންގޭނެއެވެ.

މަނަވަރުގެ ފުޅާމިން ނުވަތަ "ބީމް ވިޑްތު"ގައި 257 ފޫޓު ހުރެއެވެ. މިހެންވުމުން ކަނޑު ގަދަޔަސް އެ ކަމުން މާބޮޑު އަސަރެއް ނުކުރެއެވެ.

މަނަވަރުގެ "ޑްރާފް ޑެޕްތު"އަކީ 34 ފޫޓެވެ. އެހެން ގޮތަކަށް ބުނާ ނަމަ ކަނޑުގައި އަޑިއަށް ހުންނަން 34 ފޫޓުގެ ފުންމިނެއް ބޭނުންވެއެވެ. މިހެންވެ 34 ފޫޓު ފުންމިން ނުހުންނަ ބަނދަރަކަށް "ޔޫ.އެސް.އެސް ޖެރަލްޑް ފޯޑް"އަކަށް ނުވަދެވޭނެއެވެ.

މަނަވަރުގެ އުސްމިނަކީ 244 ފޫޓެވެ. އެއީ ކަނޑުމަތީގައި ހުންނަ ހިސާބުން ފެށިގެން މަނަވަރުގައިވާ "ސުޕަސްޓްރަކްޗާ"އާ ހަމައަށެވެ.

މި މަނަވަރުގެ ހައިބަތު ސިކުނޑިއަށް އަންދާޒާކޮށްލަން މިހެން ވިސްނާށެވެ: މިއީ ޖެހިޖެހިގެން ހަތަރު ފުޓުބޯޅަ ދަނޑު އަތުރާލުމުން ހުންނަ ދިގުމިނުގެ ދިގުމިން ހުންނަ މަނަވަރެކެވެ. އަދި އުސްމިނަކީ ގާތްގަނޑަކަށް ހިޔާ ޓަވަރެއް ނުވަތަ 24 ފަންގިފިލާ ހުންނަ ވަރުގެ އިމާރާތެއްގެ އުސްމިނެވެ.

"ޔޫ.އެސް.އެސް ޖެރަލްޑް ފޯޑް"ގެ މުވައްޒަފުން މަނަވަރުގެ ޑެކްގައި އެތުރިލައިގެން

މަނަވަރުގައި 4،500 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެއެވެ.

"ޔޫ.އެސް.އެސް ޖެރަލްޑް ފޯޑް"ގައި 75 ވައިގެ އުޅަނދު ވެއެވެ. އޭގެ ތެރޭގައި އެފް/އޭ-18 ހޯނެޓް އަދި އެފް-35ސީ ލައިޓްނިންގް 2 ގެ ފައިޓަރ ޖެޓް އާއި ހެލިކޮޕްޓަރާއި އިތުރު އެހެން ވައިގެ އުޅަނދުތައް ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *